Support Us

އޭނާގެ ލޯތްބާއި އަޅާލުން ދެވަނައެއްނެތް ފަދައެވެ.

سبحان الله, އޭނާގެ ހިތްވަރުގަދަކަން ހިތަށްއަރާ ކޮންމެ ފަހަރަކު ގައިން ހީބިހިނަގައެވެ. ކެތްތެރިކަމާއި އޯގާވެރިކަން ހިތަށްއަރާ ހައިރާންވެ އަންތަރީސް ވާހާވެއެވެ. އެ ފިރުމުންތަކާއި، ލޯތްބާއި އަޅާލުން ދެވަނައެއް ނެތް ފަދައެވެ. ތިމާގެ އަމިއްލަ ނަފުސަށް ބެލުމެއްނެތިއެވެ. އެތައް އެތައް ރެޔެއްގެ އަރާމު ނިދިން މަހުރޫމުވަމުންނެވެ. ނަމަވެސް ހިނިތުންވެލަމުންނެވެ. އެއްވެސް ވަރުބަލިކަމެއް، ފޫހިވުމެއް، ޝަކުވާއެއް ނެތިއެވެ. އެންމެ ދުވަހަކު ނުވަތަ ރެޔަކު ނޫނެވެ. އެތައް އަހަރުތަކަކަށެވެ. އޭނާގެ މުޅި ދިރިހުރުމުގެ އުންމީދަކީ ތިބާއެވެ. ތިބާ ބަލިވެއްޖެނަމަ އަސަރާއި ކަރުނައިން އެ ދެލޯ ފުރާލައެވެ. އަދި ތިބާގެ ޚިދުމަތުގައި ވަރުބަލި ކަމެއްނެތި ދެމިހުރެއެވެ. ތިބާގެ އިނގިލިކުރީގައި ހިފައިގެން ހުއްޓުމެއް އަރާމުކޮށްލުމެއް ނެތި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެޅުމަށް ތިބާއަށް ހިތްވަރުދެމުންނެވެ. އަދި އެއްވެސް ޝަކުވާއަކާ ނުލައި ތިބާ ތަކުރާރުކުރަމުންދާ އެއް ސުވާލަށް ފޫހިވުމެއްނެތި ލޯތްބާ އެކު އެތައް ފަހަރަކު ޖަވާބުދީ އޮޅުންފިލުވައި ދެމުންނެވެ. ތިބާ އަށް ފަލާހާއި ކާމިޔާބަށް އެދި ﷲ އަށް ދުޢާ ދަންނަވަމުންނެވެ.

އޭ އަޚުންނާއި އުޚުތުންނޭވެ. ތިޔަ ހީކުރީ ހަމަ ރަނގަޅަށެވެ. މިދައްކަނީ ތިބާގެ މަންމަގެ ވާހަކައެވެ. ތިބާ އަށް ޓަކައި އެ އިންސާނާ އުފުލި ބުރައާއި ވޭނުގެ ކުޑަމިންވަރެއްގެ ވާހަކައެވެ. އެހެނީ މަޔަކު އޭނާގެ ދަރިޔަކަށް ޚިދުމަތް ކުރުމަށް އުފުލާ ބުރައާއި ވޭނާ ތަދާއި ޤުރުބާނީ އަކީ އިންސާނަކަށް ބަޔާން ކޮށްދިނުން ކުޅަދާނަ ކަމެއް ނޫނެވެ. މިސަބަބަށްޓަކައި ﷲވަނީ މައިންބަފައިންނަށް އަޅާލުމާއި ހެޔޮކޮށް ހިތުމާއި އޯގާތެރިވުމުގެ މާތްކަމާއި މުހިންމުކަމާއި އެކަމުން ލިބޭނެ މަތިވެރި ދަރުމަ އާއި ސަވާބު އަހަރެމެންނަށް ބަޔާންކޮށްދެއްވާފައެވެ. އަދި މައިންބަފައިންނަށް އިހުމާލު ވުމުގައި ހުރި ނުރައްކާތެރިކަމާއި ވޭންދެނިވި އަޒާބުވެސް ބަޔާން ކޮއްދެއްވާފައެވެ.

ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުން މިކަން ހަނދާނެއް ނުހުރެއެވެ. މައި މީހާގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައި ހުރެ ކިޔަވާ ނިންމާލައެވެ. ކުލަކުލައިގެ ފުޅާ ކޯޓާއި ބޮލުގައި އަޅާލާ ފަތި ތާކިހަލުން ފޮޓޯ ނަގާ އެންމެނަށް އޭނާގެ ކާމިޔާބުކަން އަންގާލައެވެ. ރަނގަޅު ވަޒީފާއެއް ހޯދާ ނުވަތަ އަމިއްލަ މަސައްކަތެއް ފަށައި ދިރިއުޅުމައިގެން މަސްއޫލުވެއެވެ. މިހާރުގެ ބަހުރުވައިންނަމަ ލައިފް ބިޒީ ކޮށްލައެވެ.

މި ހިސާބުން މުސްކުޅިވެ ގައިވަރުދޫވެފައިން މަންމަގެ މަތިން ހަނދާން ނެތެއެވެ. ދުވަހުގެ ބުރަ މަސައްކަތުން ނިމި ނިދަން އޮށޯންނަމުން ގުޑް ނައިޓް މަންމާއޭ ގޮވާލާ ހެނދުނު ތެދުވެ ތެޅެމުންފޮޅެމުން ބޭރަށް ދަމުން ގުޑް މޯނިންގް މަންމާއޭ ގޮވާލާނެއެވެ. އެ މަންމަ އަށް ޚިދުމަތް ކުރުމަށް މުސާރަދީފައި ނޯކަރެއް ބަހައްޓާނެއެވެ. އެ މުސްކުޅި މަންމަގެ އިހުސާސްތަކާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާނުލައެވެ. ދެތިން ފަހަރު އެކައްޗެއް އަހާލައިފިނަމަ އެ މަންމަ ޗުކުޗުކު ތަޅުވާކަމަށް ވެދެއެވެ. އަދި ބޮލުގައި ރިއްސުމަކަށްވެ އުނދަގޫވެއެވެ. އެމަންމަ އެކަނި އިނދެ ކުރާ ހިތާމަ އޭނާގެ ދެލޮލަކަށް ނުފެނެއެވެ. އެ ލޯބިވާ ދަރިފުޅާ އެކު ވަގުތު ހޭދަކޮށް ވާހަކަދައްކާލާ ލޯބިން ބައްދާލަން ބޭނުންވެފައި އިންވަރު އެނގޭ ކަމަކަށް ނުވެއެވެ. މަންމަ ބަލިވުމުން ޑޮކްޓަރަށް ދައްކައެވެ. ބައެއްފަހަރު އޭނާ ދެއެވެ. އަނެއްބައި ފަހަރު ބިޒީވުމުގެ ސަބަބުން ނޯކަރު މީހާއާ އެކު ފޮނުވާލައެވެ. އެމަންމަ ބަލި ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެނދުމަތި ކުރުމުން މަންމަ ކައިރީ ހޮސްޕިޓަލުގައި ހުރުމަށް ފައިސާ ދީފައި މީހުން ބައިތިއްބައެވެ. އަދި ޒިޔާރަތް ކުރާ މީހެއްގެ އުސޫލުން އެމަންމަ ކައިރިޔަށް ވަދެނިކުމެލާ ހަދައެވެ. މިއިން ކޮންމެ ފަހަރަކު ފޮޓޯއެއް ނަގައި "ގެޓްވެލްސޫން މަމް" ޖަހާ ސޭޑްފޭސް އިމޯޖީ އަކާ އެކު ސޯޝަލްމީޑިއާ އަށް ޕޯސްޓުކޮށް އޭނާގެ ހެޔޮކަން ދައްކާލައެވެ. މަންމަ ދެކެވާ ލޯބި ހާމަކޮށްލައެވެ.

އެމަންމަ ބަލި ތަންމަތީގައި ދަރިފުޅުގެ ފަރާތުން ލިބެންވާ ލޯތްބާއި އަޅާލުމާއި ވަޤުތާއި ފިރުމުންތަކާއި އޯގާތެރިކަމުގެ އިންތިޒާރުގައި އޮވެ މިދުނިޔެ ދޫކޮށްދެއެވެ. އެހިނދު އެދަރިފުޅު މަންމަ ދެކެވާ ލޯތްބާއި، މަންމަ ވަކިވެ ދިއުމުން ކުރާއަސަރާއި، ހިތުގައި ރިހޭ ރިހުން މަންމައާ އެކު ނަގާފައިވާ ފޮޓޯ ތަކާ އެކު ސޯޝަލް މީޑިއާ އަށް ބަންޑުން ކޮށްލައެވެ. މީސްތަކުން ކުރިމަތީގައި އެފަދައެއް ނެތް ވަރުގެ ދަރިއަކަށް ބަދަލުވެދެއެވެ. މަންމަ ނެތިދިއުމުގެ މޮޅި ސާލު އަޅައި ހިތާމައިގައި ހިތް ހަލާކުވެފައިވާކަން ދުނިޔެއަށް ހާމަކޮށްލައެވެ. ދެތިން ދުވަސް ވަންދެން އެމަންމަ އަށް ދުޢާކޮށް ހަދާލައެވެ. އެއަށް ފަހުން އަހަރަކު އެއްފަހަރު ސޯޝަލް މީޑިއާގައި ޝެއަރކޮށްލާ އެނިވަރސަރީ ޕޯސްޓަކުން ފުއްދާލައެވެ.

ޔާﷲ، އަޅަމެންނީ މިފަދަ ﺟَﺎﻫِﻞ ބަޔަކު ކަމުގައި ނުލައްވާ، މައިންބަފައިންނަށް، އަޅާލައި އޯގާތެރިކޮށް ހިތާ، އެބައިމީހުނަށް ވަގުތުދޭ ލޯތްބާއި ކުލުނާ އިހުތިރާމާއެކު މައިންބަފައިންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބޭ ބަޔަކު ކަމުގައި ލައްވާދޭނވެ. އަދި މައިންބަފައިން މަރުވެ ދިއުމަށްފަހު ފޫހިކަމެއްނެތި އެބައިމީހުންނަށް ދުޢާ ކުރުންމަތީ ދެމިތިބޭ ބަޔަކު ކަމުގައި އަޅަމެން ލައްވާދޭނވެ. أمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *