...

Support Us

ނަޖީބު އަޒްރަޤީ

މުސްލިމުންގެ ދިފާޢުގައި ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބަށް މުސްލިމަކު ކުރިމަތިލައްވަނީ

މި އަންނަ އަހަރުގެ އެޕްރީލުގައި ފަރަންސޭސިވިލާތުގައި ބޭއްވޭ ރިޔާސީ އިންތިޚާބަށް އެ ޤައުމުގެ މުސްލިމު ބޭފުޅަކު ކުރިމަތިލައްވަން ނިންމަވައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލައްވަން ނިންމެވި ނަޖީބު އަޒްރަޤީ ވިދާޅުވާގޮތުގައި އޭނާގެ މަޤްޞަދަކީ ފަރަންސޭސިވިލާތުގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ނަފްރަތްތެރިކަމުގެ ޙަމަލާތައް ހުއްޓުވުމެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކަނާތު ފިޔައިގެ ބޭފުޅުންނަކީ މުސްލިމުންނާ ދެކޮޅަށް ތަޢައްޞުބާއި ނަފްރަތްތެރިކަން އުފެއްދުމުގެ ޝިޢާރުތައް ގެންގުޅުއްވާ ބޭފުޅުންތަކެކެވެ.

އަޒްރަޤީ ވިދާޅުވިގޮތުގައި އޭނާ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވުމަށް ނިންމެވީ ފަރަންސޭސިވިލާތުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް ނަފްރަތުގެ ޙަމަލާތައް އިތުރުވަމުން ފެތުރެމުން ފުޅައުވަމުން ދިޔުމެވެ. އޭނާ ވިދާޅުވި ގޮތުގައި ކަނާތުފިޔައިގެ ޒަޢީމެއް ކަމުގައިވާ އެރިކް ޒޮމޯރ އަކީ "ބައިބައިކުރުމާ ނަފްރަތު އުފެއްދުމުގެ ޝިޢާރުތައް" އުފުއްލަވައިގެން އުޅުއްވާ ޒަޢީމެކެވެ.

އަޒްރަޤީގެ ޕާޓީ ދެކޭގޮތުގައި "ފަރަންސޭސިވިލާތުގައި އަނިޔާ ލިބެމުންދާ މީހުންނާއި މުސްލިމުންގެ އަޑު ފޯރުކޮށްދިނުމަށް ލިބިފައިވާ ހަމައެކަނި ވަސީލަތަކީ މިއެވެ." މި ޕާޓީން ސިފަ ކުރިގޮތުގައި ފަރަންސޭސިވިލާތުގެ ސިޔާސީ ނިޒާމަކީ ފާސިދު ނިޒާމެކެވެ.

ޖަޒީރާގައި ވާހަކަފުޅު ދައްކަވަމުން އަޒްރަޤީ ވިދާޅުވިއެވެ. "ބައެއް މީހުން ދީނީ އައު ހަނގުރާމައެއްގެ ހުޅުގަނޑު ރޯކުރަމުންދަނީ ގަސްތުގައެވެ. އެމީހުން ގިންތި ކުރާގޮތުގައި މުސްލިމުންނަކީ ޤައުމުގައި ތިބި ޢަދުއްވުންތަކެކެވެ." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު މި އައީ ރައްޔިތިންގެ ޙަޤީޤީ މަސްއަލަތައް ޙައްލުކޮށް ދެވޭތޯއެވެ. އަޅުގަނޑު މި އައީ އިސްލާންދީން އޮޅުވައިލުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވޭތޯއެވެ. އެ ދީނުގެ ޙަޤީޤަތް އޮޅުންފިލުވައި ދެވޭތޯއެވެ."

އަޒްރަޤީގެ ޕާޓީގެ ނަމަކީ "ފަރަންސޭސި މުސްލިމުންގެ ޑިމޮކްރެޓިކް ޔުނިއަން" ޕާޓީއެވެ. މި ޕާޓީ އުފައްދާފައި ވަނީ 2012 ގައެވެ. މި ޕާޓީ ބުނާގޮތުގައި މި ޕާޓީން މަސައްކަތް ކުރަމުން މި ދަނީ މި އަންނަ ބަރްލަމާނީ އިންތިޚާބަށް 100 ކެންޑިޑޭޓުން ނެރެވޭތޯއެވެ. މިހާތަނަށް މި ޕާޓީން ވަނީ 60 ކެންޑިޑޭޓުން ނެރެފައެވެ.

އަޒްރަޤީގެ މަގު ވަރަށް ދިގު

ފަރަންސޭސި ވިލާތުގެ ނޫސްތައް ބުނާގޮތުގައި ޢުމުރުފުޅުން 42 އަހަރުވީ އަޒްރަޤީއަށް އެލީޒިޔާ ގަނޑުވަރާ ހަމައަށް ވަޑައިގެންނެވުމަށް ޓަކައި ކަޑައްތު ކުރައްވަން ޖެހިވަޑައިގެންފައިވާ މަގު ވަރަށް ދިގެވެ. އިންތިޚާބީ 30 ދާއިރާއަކުން އިންތިޚާބީ 500 ވޯޓު ލިބިވަޑައިގަންނަވައިގެން މެނުވީ އޭނާއަށް ރިޔާސީ އިންތީޚާބަށް ކުރިމައްޗެއް ނުލެއްވޭނެއެވެ.

އަޒްރަޤީއަކީ އަޞްލު މަޣްރިބުގެ ބޭފުޅެކެވެ. އޭނާ އުފަންވެ ވަޑައިގެންފައި ވަނީ ފަރަންސޭސިވިލާތުގެ ހުޅަނގުބިތުގެ ރަށެއް ކަމުގައިވާ ނާންޓް ސަހަރުގައެވެ. އޭނާއަކީ އިންޖިނޭރެކެވެ. މަދުރާސާތަކުގައި ޙިޖާބު މަނާކޮށްފައިވާ ޤާނޫނާ އޭނާގެ ދެކޮޅު ހަދަވައެވެ.ވެށި ސަލާމަތް ކުރުމަށާއި ލޯކަލް އިންތިޚާބުތަކުގައި ފަރަންސޭސިވިލާތުގައި ދިރިއުޅޭ ބޭރު މީހުންނަށް ވޯޓުލުމުގެ ޙައްޤު ދިނުމަށް ވެސް މި ޕާޓީން ގޮވައިލައެވެ .

ދެހާސް ނަވާރައިގެ ލޯކަލް އިންތިޚާބުގައި ފަރަންސޭސި ދާޚިލީ ވުޒާރާއިން ވަނީ މި ޕާޓީއަށް އުނދަގޫތަކެއްކޮށް އިންތިޚާބުގައި ބައިވެރިވުމަށް ހުރަސްއަޅައިފައެވެ.

ރައީސް މެކަރޯން 2020ގައި ފާސްކުރެއްވި އިސްލާންދީން ފަރަންސޭސި މުޖްތަމައާ އެކަހެރި ކުރުމަށް ގޮވައިލާ ޤާނޫނާ ދެކޮޅަށް އަޒްރަޤީ ވަނީ ނޫސްތަކުގައްޔާއި ޓީވީތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ. މެކަރޯންގެ އަމާޒަކީ ޢަރަބި އިސްލާމީ ތަޢުލީމު މުސްލިމު ދަރީންގެ ހިތްތަކުގައި ބިންވަޅު އެޅިޔަ ނުދިނުމެވެ. މި ޤާނޫނުގެ ދަށުން އަޅައިފައިވާ ފިޔަވަޅުތަކުގެތެރޭގައި މި އަންނަ ކަންތައްތައް ފާހަގަ ކުރެވެއެވެ.

1- ޢުމުރުން 3 އަހަރު ފުރޭއިރަށް ކުދީން ރަސްމީ މަދަރުސާތަކަށް ފޮނުވަން މަޖްބޫރު ކުރުން. މި ކަމުގެ ބޭނުމަކީ އެ ކުދީންނަށް ދީން ކިޔަވާދިނުމާއި ޢަރަބިބަސް ކިޔަވާ ދިނުން ހުއްޓުވުމެވެ.
2- މަދަރުސާތަކުގައި މުސްލިމު ދަރިވަރުންނަށް ޙަލާލު ކާއެއްޗެހި ދިނުން މަނާކުރުމަށް ރަށު ކައުންސިލްތަކުގެ ވެރީންނަށް މަޖްބޫރު ކުރުން
3- ބޭރު ބަސްތައް ކިޔަވާ ދިނުން ހަނިކުރުން.
4- ހުރިހާ ތަންތާނގައި ޙިޖާބު އެޅުން މަނާކުރުން.
5- މިސްކިތްތަކަށާއި އިސްލާމީ ޖަމްޢިއްޔާތަކަށް ދެވޭ އެހީތައް ހުއްޓުވުން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *