Support Us

އަހަރެންގެ ދުޝްމަނު، އަހަރެންގެ އަޚު، އަހަރެންގެ އަވަށްޓެރިޔާ- ލަވައެއްގެ މައްޗަށް ބަލައިލުމެއް

މި ލަވައަކީ 1997ގައި ނިކުތް ފިލްމެއް ކަމުގައިވާ "ބޯޑަރު"ގެ ލަވައެކެވެ. ފިލްމުގެ ސީދާ ސިޔާގަކީ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އޮންނަ ދެކޮޅުވެރިކަމާއި އެކަން ކުރިމަތިކުރުވާ ހަނގުރާމައާއި އެކަމާ ގުޅިފައި އޮންނަ ގެއްލުންތަކެވެ.

ލަވައިގެ މައުޟޫއަކީ ފިލްމުގެ ވެސް މައިގަނޑު މައުޟޫއެވެ. ދެންމެ ނަންގަތް ފަދައިން، ހަނގުރާމަ ކުރިމަތިކުރުވާ ގެއްލުންތަކުގެ ވާހަކައެވެ. އަނބިން ހުވަފަތްވެ، ދަރިން ޔަތީމުވުމެވެ. ތަން ހަލާކުވެ، ބަރުބާދުވުމެވެ. ލަވައިގައި ގޮވާލެވިފައިވަނީ ދެ ރަށުގެ އިންމުގެ ރޮނގުގެ މަތީގައިވާ ނަފުރަތުގެ ހަރުފަ ނެތިކޮށްލައި ސުލްހަވެރިކަން ގާއިމުކުރުމަށެވެ. އަދި، ދުޝްމަނުކަން ރަހުމަތްތެރިކަމަށް ބަދަލުކޮށް، އަޚުވަންތަކަމާއި އަވަށްޓެރިކަމުގެ ގުޅުން ގާއިމުކޮށް ދެމެހެއްޓުމަށެވެ.

މި ސީދާ ސިޔާގު، އެހެން ސިޔާގުތަކާ ވެސް ގުޅުވާލައި ލަވައިގެ ވާހަކައިން އިބުރަތް ހާސިލުކުރެވިދާނެއެވެ. ކަންކަމުގައި ޚިޔާލުތަފާތު ވުމަކީ ބައިބައިވެ، އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅައި ހަނގުރާމަކުރުން ލާޒިމުކުރާ ކަމަކަށް ނުހެދުމެވެ. ކަންކަމުގެ ހަގީގަތް ދެނެގަތުމުގައި ތަފާތު ޚިޔާލުތަކުގެ މައްޗަށް ބަލައި، ހެއްކާއި ގަރީނާގެ އަލީގައި، ހަގީގަތަކީ ކޮބައިކަމާއި އަދި، ރަނގަޅު ގޮތް ކަނޑައަޅާލެވިދާނެއެވެ. ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ، ވާހަކަ ނިކުތް ދުލުގެ މައްޗަށް ނުބަލައި ހަމައެކަނި، ވާހަކައިގެ މައްޗަށް ބަލައިގެން ތިބެއެވެ. މިފަދައިން ކަންތައް ކުރެވޭ ނަމަ، ޚިޔާލު ތަފާތުވުމަކީ ޒުވާބުކޮށް އަރާރުން މެދުވެރިކުރުވާ ކަމަށް ނުވާނެއެވެ. އަދި، ތަން ބައިބައިކޮށް ފިތުނަ ފަސާދަ އުފައްދާ ކަމަށް ވެސް ނުވާނެއެވެ. އޭރުން، އެކަން ވެގެންދާނީ، ތަފާތު ޚިޔާލުތަކުގެ މައްޗަށް ނަޒަރު ހިންގައި، އޭގެ ތެރެއިން އެންމެ ރަނގަޅު ގޮތް ހޮވަން އެހީވެދޭ ކަމަކަށެވެ. ނަފުރަތާއި އަނެކުންނަށް ނުބައި ގޮތް އެދުމުގެ ހަރުފަ ނެތިކޮށްލައި، ލޯތްބާއި އިހުތިރާމުގެ ގޮތްތައް ފަތުރައިދޭނޭ ކަމަކަށެވެ.