Support Us

"ދަތުރުވެރީންގެ މާރުކޭޓު"ގެ ގޮޅިތަކުގައި ބަންގާޅީން މިއަދު ވިޔަފާރިކުރަނީ... އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

މުއިއްޒު އައުމަކުން ވީ ކަމެއް ނެތް، ދަތުރުވެރިންގެ މާރުކޭޓުގައި ވަކިހިއްޕާލައިފައި އަދިވެސް ތިބީ ބަންގާޅީން

ރަށްރަށުން އަންނަ ދަތުރުވެރިންގެ މުދާކޮޅު ވިއްކުމަށް ހާއްސަކޮށް "ދަތުރުވެރީންގެ މާރުކޭޓު"ގެ ނަމުގައި މާލޭގައި ހުޅުވާފައި ހުންނަ މާރުކޭޓު ގޮޅިތަކުން ބިދޭސީން ބޭރުނުކުރެވިގެން އުޅޭ މައްސަލައަކީ އެންމެ ކުރިއްސުރެވެސް ހައްލުނުކުރެވިގެން އުޅޭ މައްސަލައެކެވެ. އާ ސިޓީ ކައުންސިލާއެކު މި އަހަރުގެ މޭ 17 ގައި މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން، އެގްރީމަންޓްތައް ހަދައިފައި ވަނީ ވެސް ގޮޅިތަކުގައި ބިދޭސީންނަށް ނުތިބެވޭ ގޮތަށެވެ. އެ ކަންކަން ބެލުމަށް ސުޕަވައިޒަރުން ވެސް ތިބޭ ކަމަށް ވެއެވެ. ނަމަވެސް މިއަދު ހަވީރު "އަދިވެސް" ޓީމުން ގޮސް ބެލިއިރު ޖުމްލަ 165 ގޮޅި ހިމެނޭ "ދަތުރުވެރީންގެ މާރުކޭޓު"ގެ ގިނަ ގޮޅިތަކުގައި ރަސްކަންކުރަމުންދިޔައީ ބަންގާޅީންނެވެ. އެ މީހުން އެ ތަނުގައި ވިޔަފާރިކުރުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ބަލާނެ މީހަކު ނެތެވެ.

"ދަތުރުވެރީންގެ މާރުކޭޓު"ގައި ބިދޭސީން ވަކިހިއްޕާލައި އޮންނަ ވަރުން، އެތަނުގައި ވިޔަފާރިކުރާ ހުރިހާ ދިވެހިން ވެސް ކަންބޮޑުވެއެވެ. އެހެން ނަމަވެސް، މާރުކޭޓު ބަލަހައްޓާ ސިޓީ ކައުންސިލުން އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާތީ، އަދި އެގްރިމަންޓާ އެއްގޮތަށް ކަންކަން ބަލައި ތަންފީޒުނުކުރާތީ ބަންގާޅީންތައް ވިޔަފާރި ކުރަމުންދަނީ ވަރަށް މިނިވަންކަމާއެކުގައެވެ.

"ދަތުރުވެރީންގެ މާރުކޭޓު"ގެ ގޮޅިތަކުގައި ބަންގާޅީން މިއަދު ވިޔަފާރިކުރަނީ… އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"ދަތުރުވެރީންގެ މާރުކޭޓު"ގައި، ގަވައިދާ ޚިލާފަށް ބަންގާޅީން ވިޔަފާރިކުރާތީ އެކަމާ ހިތްހަމަނުޖެހިފައި ތިބި މީހުންގެ ތެރެއިން އެކަކީ 165 ނަންބަރު ގޮޅީގެ ވެރިޔާއެވެ. ޖެހިލުމެއް ނެތި "އަދިވެސް" އަށް ވީޑިއޯ އިންޓަވިއުއެއް ދިނީ އޭނާއެވެ.

މާރުކޭޓުގައި ގޮޅިއެއް ހިންގާތާ 15 އަހަރު ވެފައިވާ ގާސިމް ހަސަން، 60،

"އެގްރިމަންޓުގައި ވެސް އެބައޮވޭ ބޭރު މީހުންނަށް (ގޮޅިގައި) ނުތިބެވޭނެ ކަމަށް. (އެކަމަކު) މިހާރު މި މާރުކޭޓުގެ 75 ޕަސަންޓު މީހުން އެއީ ބޭރު މީހުން. އޭގެތެރޭގައި ގާތްގަނޑަކަށް 25 ޕަސަންޓް މީހުން އެބައުޅޭ ބޭރު މީހުން ގޮޅި ކުއްޔަށް ނަގައިގެން ވެސް. ދެން އަނެއް 70 ނޫނީ 60 ޕަސަންޓަކީ ދިވެހި މީހާ ހުރެ ބޭރު މީހާ ލައްވާ އެކަން ކުރާ (މީހުން). ގިނަ ފަހަރަށް އެކަން ކުރާ ދިވެހި މީހާ ހުންނަނީ ނަމުގައި، ދެން އޭނާ އަށް ޕަސެންޓެއް ވާގޮތަށް ބޭރު މީހާ އެކަން ކުރަނީ،" މާރުކޭޓުގައި ގޮޅިއެއް ހިންގާތާ 15 އަހަރު ވެފައިވާ ގާސިމް ހަސަން، 60، މިއަދު ބުންޏެވެ.

މުޅީން ވެސް ކާއްޓާއި ގަބުޅި ވިއްކާ ގާސިމް ބުނީ ގޮޅިތަކުގައި ބިދޭސީންނަށް ތިބެވެނީ އެކަމަށް އެކަށީގެންވާ ފިޔަވަޅު ސިޓީ ކައުންސިލަށް ނޭޅޭތީ ކަމަށާއި އެގްރިީމަންޓާ އެއްގޮތަށް ތަންފީޒު ނުކުރެވޭތީ ކަމަށެވެ.

"ދަތުރުވެރީންގެ މާރުކޭޓު"ގެ ގޮޅިތަކުގައި ބަންގާޅީން މިއަދު ވިޔަފާރިކުރަނީ… އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"މިހާރު ހަމަ ދިވެހިން ތިބެނީ (ނަމަކަށް). ގިނަ ފަހަރަށް އަންނަނީ އިރުއޮއްސުނީމާ ލާރިކޮޅު ބަލާ. އެހެން ނޫނީ އެ މީހުންގެ (ބިދޭސީންގެ) ލާރީގައި މިތަނަށް މުދާ ވައްދައިގެން އެމީހުން އެކަން ކުރަނީ. ދިވެހި މީހާ އުޅެނީ ހަމަ އެނބުރިލަ އެނބުރިލަ. އޭނާ އަތުން އެއްވެސް ފައިސާއެއް ހަރަދެއްނުވޭ. އޭނާ އަށް ދެނީ ދުވާލަކަށް 300ރ. ނޫނީ 250ރ. ނޫނީ 400ރ. ދެން އަހަރުމެން މިތަނުގައި ހަޅޭއްލެވީމާ، (ނޫނީ) ގޮސް (ސިޓީ ކައުންސިލްގެ) ސުޕަވައިޒަރުން ކައިރީގައި ބުނީމާ (ދިވެހި މީހާ) ބުނާނެ މީ އަހަރުމެންގެ ގޮޅިއޭ، އަހަރުމެންނޭ ހިންގަނީ. އެ ހިސާބުން ހަޅޭއްލަވާ މީހާގެ އަނގަބެދުނީތާ،" ގާސިމް ޝަކުވާކުރިއެވެ. "އެކަމަކު އެހެންވެސް ބޭރު މީހެއް ނުބެހެއްޓޭނޭ މިތާނގައި. އެގްރިމަންޓުގައި އެބައޮތޭ ނުބެހެއްޓޭނެ ކަމަށް. ބަހައްޓައިފިއްޔާ 1000ރ. އިން ޖޫރިމަނާވާނެ ކަމަށް ފުރަތަމަ ފަހަރު. ދެވަނަ ފަހަރު 1،500ރ. އިން ޖޫރިމަނާވާނެ ކަމަށް. ތިން ވަނަ ފަހަރު 2،000ރ. އިން ޖޫރިމަނާކޮށް ގޮޅި ވަކިކުރާނެ ކަމަށް އެގްރިމަންޓުގައި އެބައޮތޭ. އެކަމަކު އެއްވެސް ތަނެއް ވަތްކެއް ނުކުރޭ. އެއަށް އަމަލު ނުކުރެވެނީ. އެއީ މައްސަލައަކީ. ތަންފީޒު ނުކުރެވެންޏާ އެކަން ދާނީ މަޑުމަޑުން ގޯހަށް ގޯހަށް."

"ދަތުރުވެރީންގެ މާރުކޭޓު"ގެ ގޮޅިތަކުގައި ބަންގާޅީން މިއަދު ވިޔަފާރިކުރަނީ… އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ގާސިމް ބުނީ މޭޔަރު ކަމަށް ޑރ. މުއިއްޒު ވަޑައިގަތް މީވީ ހައެއްކަ މަސް ތެރޭގައި އައި ހަމައެކަނި ބަދަލަކީ ތަނުގެ މަހު ކުލި، 2،150ރ. އިން 1،550ރ. އަށް ކުޑަވުން އެކަނި ކަމަށެވެ.

"މުއިއްޒު އައިމާ އައި ބަދަލަކީ ގޮޅީގެ ކުއްޔަށް ކުރީގައި އޮންނަނީ (މަހަކަށް) 2،150ރ. މުއިއްޒު އައިތާ ގާތްގަނޑަކަށް މަސް ދުވަސް ފަހުން އެންގީ މީގެ ފަހުން ދޭށޭ 1،550ރ. ކުރީގައި ފައިސާ ދައްކަނީ ސިޓީ ކައުންސިލަށް. މިހާރު މީރާ އަށް އޮންލައިންކޮށް. އެހެން ކަމަކަށް ބަދަލެއް ނާދޭ،" ގާސިމް ބުންޏެވެ.

"ދަތުރުވެރީންގެ މާރުކޭޓު"ގެ ގޮޅިތަކުގައި ބަންގާޅީން މިއަދު ވިޔަފާރިކުރަނީ… އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ގޮޅިތަކުގައި ބަންގާޅީން ރަސްކަން ކުރަނީ ހަމައެކަނި "ދަތުރުވެރީންގެ މާރުކޭޓު"ގައި އެކަންޏެއް ނޫނެވެ. ލޯކަލް މާރުކޭޓުގައި ވެސް ބަންގާޅިން އޮތީ ފުނިޖެހިފައެވެ.

މި މައްސަލައިގައި މާލޭ މޭޔަރު ޑރ. މުއިއްޒުގެ ބަހެއް އަދި ނުލިބެއެވެ.