Support Us

މަންމަ އިހުމާލުވި ކަމަށް ދަރިއަކު ކުރި ތުހުމަތު

ފަތިސްނަމާދުން ފައިބައިގެން ގެއަށް އައިސް އާދަކާދައިގެ މަތިން ހެނދުނުގެ ކަސްރަތަށް މާލެ ވަށާ ބުރެއް ޖަހާލަން ނިކުމެއްޖައީމެވެ. ހިނގާލާފައި 45 މިނެޓުން އައިސް ގެއާ އަރާހަމަވިތަނާ ފަހަތުން ރައްޓެއްސަކު ގޮވާލާފައި ކޮފީ އެއް ބޯން ދިއުމަށް ދައުވަތު ދިނެވެ. އެރަހުމަތްތެރިޔާވެސް ހުރީ ކަސްރަތު ހެދުމުގައެވެ.

ތިޔައީ ވަރަށް ރަނގަޅު ހިޔާލެއް ކަމަށް ބުނެ ދެވެރިން އެކުގައި ހިނގައިފައި ގޮސް މާދުރުނޫން ހިސާބެއްގައި ހުރި ކެފޭއަކަށް ވަދެއްޖައީމެވެ. ކޮފީ އަކަށް އޯޑަރކޮށްލުމަށްފަހު ދެމީހުން ވާހަކަ ދައްކަންތިއްބާ ޒުވާން ފުރައިގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެންކުދިން އައިސް ޖެހިގެން ހުރި މޭޒު ކައިރީގައި ހުރި ގޮނޑި ދަމާލާފައި ޖައްސާލިއެވެ. މަޖާ ހިނިގަޑުތަކާއެކު ވަރަށް އޮލަވާހަކައެއްގައި ތިއްބެވެ.

މިހެން ތިބެފައި އެތަނުން އެއްކުއްޖަކު ބުނެލިއެވެ. "ބްރޯ، އަހަރެންގެ މަންމަ ރޭގަ ރަނގަޅު ބަސްކޮޅެއް އިރާލައިފި…" އެހިސާބުން އަޅުގަނޑުގެ ސަމާލުކަން އެކުދިން ދައްކާ ވާހަކައާ ދިމާލަށް ހުއްޓިއްޖެއެވެ. އަނެއްކުއްޖާ ބުނެލިއެވެ. "ބޮރޯ އެގޮލާ ކައޭ ސައިޒް ގަޅާލީދޯ….". އެންމެ ފުރަތަމަ ވާހަކަ ދެއްކި ކުއްޖާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. "އާނ ރޭގަވެސް ކާން އިށީންތަނާ މަންމަ އެއްކަލަ ސޭމް ލެކްޗަރ ދޭންފެށީ…"

"ދަރިފުޅާ ކީއްވެތަ ފަޅަފަޅައިގެން ގޮސްފައި އޮތް ސޯޓުބުރިއެއް ލައިގެން ތިއުޅެނީ، ތިލައިގެން ކިހިނެއްތަ ނަމާދުކުރާނީވެސް، ތިހިރަ ނިޔަފަތިތައްވެސް ބަތްޕެންބޯ ސަމުސާ ތަކެކޭ އެއްވަރު. ބުމަޔާ، ނޭފަތާ، ތުންފަތާ، ކަންފަތާ، ދުލާ ނުތޮރުފާކަށް ތަނެއްނެތް. އިސްތަށިގަނޑުވެސް ހީވަނީ ކަންނެލި އޮޑިއެއްގެ ނަގިލީގައި ޖަހާފަ އޮންނަ ދަގަނޑު ޗޭނުގަނޑުހެން…. މަންމަ ލަދުން ފިތްކަނޑައިގެންދާވަރުވޭ. އަޅެތީ އިންސާނުން އުޅެންވާގޮތްތަ؟ ދަރިފުޅު ތުއްތު އިރުއްސުރެ މަންމަ ދަރިފުޅު ބަލާބޮޑުކުރީ ތިގޮތުގައެއް ނޫން. ހެޔޮނުވާނެ އެއްނު ތިޔަހެން އުޅެން. މަންމަ ކިހާ ހިތުގަ ޖެހޭނެތަ. ކިހާ އަސަރެއްކުރާނެތަ.."

"މަގޮލާ އިނީ ބޮލުގަ ރިއްސާ ކަންފަތް ފަޅައިގެންދާން ކައިރިވެފައި.. ދެން މަބުނެފިން.. މަންމާ ދެން ހުއްޓާލާށޭ. ހަމަ ގެއަށް އައިސް ވަންނައިރަށް ތިހާސަރެއް އެބަ ދަމަން ފަށައޭ… ބޯފަޅައިގެންދާވަރުވެއޭ.. މަންމަ މުސްކުޅިވީމަ ނޭނގޭދޯ އަހަރެމެންގެ ރައިޓްސް އޮންނަ ކަމެއް، މަންމަ އަހަރެންގެ ރައިޓްސް ވައިލޭޓް ކުރިކަމެއްވެސް ނޭނގޭދޯއޭ ކުޑައިރު ބެލީ ވަރަށް ރަނގަޅަށޭ ބުނާއިރު…… އެހިސާބުން މަންމަ ބުނެފި އާނ މަންމަ އަކަށް ތިކިޔާ ނަންނަމުން ފެށޭ އެއްޗިއްސެއް ނޭނގޭ. އަހަރެން ބުނެފިން އަހަރެމެންގެ މިނިވަންކަމާއި ހައްޤު ތަކެއް ވެޔޭ ހިމާޔަތް ކޮށްދީފަ.. އެކަންތައްތަކާ ބެހުމަކީ ކުށްވެރިވާ ކަމެކޭ…"

"އަނެއްކާވެސް އެގޮލާ ބުނެފި، މަންމަ ދަރިފުޅު ތަރުބިއްޔަތުކޮށް ބޮޑުކުރީ ވަރަށް ރަނގަޅަށޭ… ދެން މަ ނައްޓައިގެން ބުނެފިން ކޮން ރަނގަޅެއްހޭ… މަންމަ އަހަރެންގެ ހައްޤު ތަކަށް އަރައިގަތީނުންހޭ… މިހާރު ނަމަ މަންމަ ކުށްވެރިވާނޭ… އެ ކަން އެނގޭހޭ މަންމަޔަށް…. އަހަރެންގެ އިސްތަށިގަނޑަކީ އަހަރެންގެ ހައްގެކޭ އަހަރެން ކައިރީ ނާހާ މަންމައަކަށް އެ ނުކޮށޭނޭ. އެއީ މަންމަ ކުރި ކުށެކޭ. އަދި އަހަރެން ކައިރީ ނާހާ ކީއްވެހޭ މަންމަ އަހަރެން ހިތާނުކުރީ؟ އެއީވެސް މަންމަ ކުށްވެރިވާނެ ކަމެކޭ…. އަހަރެންގެ ހަށިގަނޑުން ބަޔެއް އަހަރެންގެ ހުއްދަނެތި މަންމަ އަކަށް ނުކެނޑޭނޭ. މަންމަ އިން އެއްޗެއް ނުބުނެ އަޑު އަހަން. މަހީކުރީ ކަޑަވެފަ އިނީ ކަމަށް މަ ހުރިހާ ވާހަކައެއް އެހާ ސަޅިކޮށް އިރާލީމަ…."

މި ހިސާބުން އަނެއް ކުއްޖާ އަހާލިއެވެ. "ބްރޯ ދެން ކިހިނެއްވީ؟"

ދެން އަނެއް ކުއްޖާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އާނ އިރުކޮޅަކު އިނދެލާފަ އެގޮލާ މަށާ ކައިރިއަށް ޖެހިލާފަ ބުނެފި… އާނ ދަރިފުޅާ… ދަރިފުޅު ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް…. މަންމަ މިހިރީ ވަރަށް ބޮޑަށް ކުށްވެރިވެފަ، ދަރިފުޅުގެ ހައްޤުތަކަށް ވަރަށް ބޮޑަށް އަރައިގަނެވިފަކަން މަންމައަށް މިއަދު އިހުސާސް ކުރެވިއްޖެ…"

"ދަރިފުޅު ތުއްތުއިރު ރޯން ފެށީމަ މަންމަ ދަރިފުޅު ބަނޑުހައިވީ ކަމަށް ހީކޮށް ކޮންމެ ފަހަރަކު ދަރިފުޅަށް ބުއްޖައްސަން. އަސްލު ދަރިފުޅު ކައިރީގަ ބަނޑުހައިވީތޯ އަހާފަ ނޫނީ މަންމަ ދަރިފުޅަށް ބުއްޖައްސައިގެން ނުވާނެކަން މަންމައަށް އެނގިއްޖެ… ދަރިފުޅުގެ ހަށިގަނޑު ތެރެއަށް ދަރިފުޅުގެ ހުއްދަނެތި އެއްވެސް އެއްޗެއް ދާގޮތް ހެދުމަކީ ދަރިފުޅުގެ ހައްޤަކަށް އަރައިގަތުންކަން މަންމައަށް އެގިއްޖެ…. އަދި މަންމައަށް އެކުރެވުނީ ވަރަށް ބޮޑު ކުށެއްކަން މިހާރު އެނގިއްޖެ."

"ދަންވަރު ދަރިފުޅު ރޯންފެށީމަ އެނދުން ނަގާ ކޮނޑުމަތީ ބާއްވައިގެން އެތައް އިރެއް ވަންދެން ނާނާ ކިޔައިދިން ދިނުންވެސް އެއީ ދަރިފުޅުގެ ހައްޤު ތަކަށް މަންމަ އަށް އަރައިގަނެވުނު އަރައިގަތުމެއްކަން މިއަދު ދަރިފުޅުގެ ވާހަކައިން މަންމައަށް އެނގިއްޖެ…"

"ދަރިފުޅު ބަލިވާ ކޮންމެ ފަހަރަކު ދަރިފުޅު ކައިރީ ނާހާ ހުއްދަ ނުނަގާ މަންމައަށް ވަނީ ދަރިފުޅު ޑޮކްޓަރަށް ދައްކާ ބޭސްދީގެންވެސް ދަރިފުޅުގެ ހައްޤުތަކަށް އަރައިގަނެވިފައި…."

"ދަރިފުޅު ގަޔާވާ އަންނައުނަކީ ކޮބައިތޯ ނާހާ ދަރިފުޅު އުނުއޮރިޔާން ނިވާކޮށްދިން ކޮށްދިނުމަކީވެސް ދަރިފުޅުގެ ހައްޤުތަކާއި މިނިވަންކަމަށް މަންމަ އަށް ވެވުނު ވަރަށް ބޮޑު އިހުމާލެއްކަން މިއަދު އެބައެނގޭ."

"ދަރިފުޅު ހިނގަން ބޭނުންވޭތޯވެސް އަހާނުލާ ދަރިފުޅުގެ ހުއްދަ ނުހޯދާ ދަރިފުޅުގެ އިނގިލި ކުރީގައި ހިފައިގެން ދާއެ ދާއެ ކިޔަމުން ރިހިރިހި އޮތް ބުރަކައްޓަކައިގެންވެސް ދަރިފުޅުގެ ހައްޤު ތަކަށް އަރައިގަނެވިފައި ވާކަމާއި އަދި އެއީ ދަރިފުޅު ތިބުނާ ގޮތުން ދަރިފުޅަށް ދެވުނު އަނިޔާއެއްކަން މިއަދު މަންމަ އަށް އެބަ އިހުސާސްވޭ…. އަދި މަންމަ މިހިރީ ވަރަށް ބޮޑަށް ކުށްވެރިވެފައިކަން އެނގޭ"

"ދަރިފުޅު ވާހަކަ ދައްކަން ބޭނުންވާ ބަހެއް އަހާލުމެއް ނެތި މަންމަގެ މާދަރީ ބަސްކަމުގައިވާ ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމާއި، ކިޔަވަން ބޭނުންވާ އެއްޗަކާއި ދާންބޭނުންވާ މަދަރުސާއެއް އަހާލުމެއް ނެތި ދަރިފުޅަށް އުނގަންނައިދެވުނު ތައުލީމަކީވެސް ދަރިފުޅުގެ ހައްޤުތަކާ މަދު މަންމަ އަށް ވެވުނު ވަރަށް ބޮޑު އިހުމާލެއްކަން މިއަދު މަންމަ އަށް ވިސްނިއްޖެ…."

"މަން ބުނި. ދަރިފުޅާ. މަންމައަށް ތިކިޔާ ޓައިޓަކާއި ހައްޤަކާ ނޭގުނަސް ދަރިން ތަރުބިއްޔަތުކުރުމަކީ ކޮބައިކަމާ، އިސްލާމްދީނުގައި އެކަމަށް ދެއްވާފައިވާ އަހައްމިއްޔަތުކަމާއި، ދަރިންނަކީ މައިންބަފައިންނަށް ހަވާލުކުރައްވާފައިވާ އަމާނަތެއްކަމާއި، ޤިޔާމަތް ދުވަހުން މައިން ބަފައިންނަށް ދަރިންނާމެދު ސުވާލުވެވޭނެކަން މަންމައަށް އެނގޭ… ތިޔަބުނާ ޓައިޓަކާ، ރައިޓަކާ، ހުރިހާ ޓަކާތަކެއްގެ ހައްގެއްގެ މާކުރިން މައިންބަފައިންގެ މައްޗަށްވާ ދަރީންގެ ހައްޤުތަކާއި ދަރިންގެ މައްޗައްވާ މައިންބަފައިންގެ ހައްޤުތައް ވަނީ އިސްލާމް ދީނުގައި އަންގަވާފައި."

މި ހިސާބަށް ކިޔައިފައި އޭނާ ހިނި ގަނޑެއް ޖަހާލާފައި ބުނެލިއެވެ. "ބްރޯ ނަމަވެސް ކަޑަވާނެދޯ….. މަގޮލާ ހަމަ ރީއްޗަށް ސައިޒުވި….."

މިހިސާބަށް ވާހަކަ ދިޔައިރު އަޅުގަނޑުމެން ބޯންތިބި ކޮފީ ނިމި ބިލްދައްކައި ދާންޖެހޭ ވަގުތުވެސް އައިސްޖެހިއްޖެއެވެ. އެހެންކަމުން ދެމީހުން ސަލާމް ގަލާމް ކޮށްފައި ނިކުމެގެން ހިނގައިގަތީމެވެ.

ގެއަށްދިޔަ މަގުމަތީގަ އަޅުގަނޑު ހިތައްއެރިއެވެ. سبحان اللهއެވެ. ގައުމެއްވާނެތެވެ. އިޖުތިމާއީ ފޭރާން ވީރާނާވެ ހިނގައްޖެއެވެ. މައިންބަފައިންގެ މައްޗަށް ދަރިން ގޮތްކިއަން ފަށައިފިއެވެ. އިސްލާމް ދީން ދައްކައިދީފައިވާ ދިރިއުޅުމުގެ ރިވެތި އުސޫލުތަކާއި ހައްޤުތައް ނެތި ހިނގައްޖެއެވެ. ހައްޤުތައް ގިނަވިވީނުން ދަރިންގެ މައްޗަށް މައިންބަފައިންގެ ބަހެއްނުހިނގައެވެ. މައިންބަފައިން މިތިބީ އެދަރިން ތުއްތުއިރު ބެލީތީ ކުށްވެރިވެފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތްތާއޭ ހިތަށްއެރިއެވެ. ހައްޤުތައް ގިނަވެގެން ގޮސް އަހަރެމެން ޚަލްގު ކުރެއްވި އަރަހުށި ހުސްތޯހިރުވަންތަ ކަލާނގެ އިސްލާމް ދީނުގައި ކަނޑައަޅުއްވާ ބަޔާންކޮށްދެއްވާ ފައިވާ އިންސާނީ ހައްޤުތަކާއި، އިންސާނުން އުޅެންވީގޮތް މިއަދު މިއޮތީ ބޭކާރު އެއްޗަކަށް ހަދާ ހަނދާން ނައްތާލާފައެވެ.

ޔާﷲ، އަޅަމެންގެ ފައިތިލަތައް އިސްލާމް ދީންމަތީ ސާބިތުކުރައްވާ، އަޅަމެންނީ އިސްލާމީ ރިވެތި އުސޫލާއި އަޤީދާމަތީ ސާބިތުވެ ތިބި ބަޔަކު ކަމުގައި ލައްވާ، އަޅަމެންނީ މައިން ބަފައިންނަށް އިޚްތިރާމް ކުރާ ބަޔަކު ކަމުގައި ލައްވާ، އިސްލާމީ ނޫރުން އަޅަމެންގެ ހިތްތައް އަލި ކުރެއްވުމަށްފަހު ޖަހާލަތުގެ އަނދިރީގެ ތެރެއަށް ޣަރަޤު ވެގެންދާ ބަޔަކު ކަމުގައި ނުލައްވާދޭވެ. أمين

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *