Support Us

ހިކުމަތްތެރިއެއްގެ ހިކުމަތްތެރި ބަސްކޮޅެއް

ތިރީގައި އެވަނީ ޔޫނާނީ އިހުގެ ފަލްސަފާވެރިއެއް ކަމުގައިވާ ސޮކްރޭޓިސްއަށް ނިސްބަތް ކުރެވޭ ހިކުމަތުގެ ބަސްކޮޅެކެވެ.

  1. ތެދު ހަގީގީ ހިކުމަތަކީ ތިމާއަށް އެއްޗެއް ނޭނގޭކަން އެނގުމެވެ.
  2. އަހަންނަކަށް އެކަކަށް ވެސް އެއްޗެއް އުނގަންނައެއް ނުދެވޭނެއެވެ. އަހަންނަށް ކޮށްދެވޭނޭހާ ވެސް ކަމަކީ ވިސްނަން ދަސްކޮށް ދިނުމެވެ.
  3. ދުނިޔޭގައި ވަނީ އެންމެ ހެވެކެވެ. އިލްމުވެރިކަމާއި ދަތުމެވެ. އަދި ހަމަ ދުނިޔޭގައި ވަނީ އެންމެ ނުބައެކެވެ. ޖާހިލުކަމާއި ނުދަތުމެވެ. އާދެ، ހުރިހާ ހެވެއް ގުޅިފައި ވަނީ ދަތުމާއެވެ. ހަމަ އެހެންމެ ހުރހިާ ނުބައެއް ގުޅިފައިވަނީ ނުދަތުމާއެވެ.
  4. ބައްދަލުވާ ކޮންމެ މީހަކާ ދޭތެރޭ ވެސް އޯގާތެރި ކަމާއެކު ކަންތައް ކުރާށެވެ. އެހެނީ ކޮންމެ މީހަކީ ވެސް، ކަންބޮޑުވުންތަކާއި ހިތާމަތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މީހެކެވެ. އާދެ، ބޭރު ފުށަކުން މިކަން ފެންނަން ނުހުރެދާނެއެވެ.
  5. ކަންކަމާ މެދު އަޖައިބުވެ އަންތަރީސް ވުމަކީ ހިކުމަތްތެރިވުމުގެ ފެށުމެވެ.

މީގެ މާނައަކީ ހެއްޔެވެ؟ މިސާލަކަށް ގުދުރަތީ މަންޒަރުތައް ނިކަން ދެކިލަބަލާށެވެ! މަލެއް ފޮޅޭ ތަނެވެ! މާމެލާމެލީގެ ރީތި ކުލަތަކާއި މީރު ވަސް ވަހެވެ! މިކަންކަމުގެ ސިއްރަކީ ކޮބައިކަމާ މެދު ވިސްނައި ފިކުރު ކޮށްލުމުން، އަޖައިބުވެ އަނތަރީސް ވެއެވެ! އެކަންކަން އެކަންކަންވާ ގޮތަށް ވާތީއެވެ. އެކަމުގެ އަޑީގައި ބާރުވެރި އަމަރުވެރި ފަރާތެއްވާނެކަން ސަލާމަތް ބުއްދިއަށް ވިސްނޭތީއެވެ! އެކަން އެގޮތަށް ލެއްވުމުގެ ކުޅަދާނަކަން ލިބިފައިވާ، އެކަން ވަކި ގާނޫނެއްގެ ދަށުން ހިނގަން މެދުވެރިކުރެއްވި ފަރާތެއް ވާނޭކަން ސަލާމަތް ބުއްދިއަށް ވިސްނޭނެތީއެވެ. ދެން، އެ ފަރާތުގެ ކުޅަދާނަކަން ހިތަށް އަރައި އަޖައިބުވެ އަންތަރީސް ވެއެވެ. ދެން، މިކަމަކީ ފިކުރުކޮށް، ހިކުމަތްތެރިވުމަށް ދަސްކޮށްދީ ބާރުއަޅައިދޭ ކަމަކަށް ވެއެވެ.

  1. ވަރުގަދަ ސިކުނޑިތައް ބަހުސްކުރުމުގެ މައުޟޫއަކީ ފިކުރުތަކާއި ޚިޔާލާތުތަކެވެ. އާދައިގެ ސިކުނޑިތައް ބަހުސުކުރުމުގެ މައުޟޫއަކީ ހާދިސާތަކެވެ. ބަލިކަށި ސިކުނޑިތައް ބަހުސްކުރުމުގެ މައުޟޫއަކީ މީހުންގެ ޒާތީ ކަންކަމެވެ.
  2. ކަލެއަކީ ކާކުކަން ދެނެގަންނަން ބޭނުން ނަމަ، ކަންކަމާ މެދު އަމިއްލައަށް ވިސްނައި، އެ ވިސްނުމުގެ ފެންވަރު ހުރީ ކިހިނެއްތޯ ދެނިގަންނާށެވެ!
  3. ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ އިލްމު ހޯދަން އުޅުމުގެ އެދުމުގެ ހުޅުކޮޅެއްހިތުގައި ރޯކޮށްލުމެވެ. ހިތުގެ ކަންވާރަށް މައުލޫމާތު އަޅައި ފުރާލުމެއް ނޫނެވެ. އާދެ، އިލްމަކީ ބަދަލުވެ ބަދަލަވެ، ދިރި ހުންނަ އެއްޗެކެވެ. ހުއްޓި މަރުވެފައި އޮންނަ އެއްޗެއް ނޫނެވެ. ކިޔަވައި ދިނުމުގެ ބޭނުމަކަށް ވެފައި އޮންނަން ޖެހޭނީ އިލްމު އުފައްދާނޭ ގޮތް ކިޔަވާ ކުދިންނަށް ދަސްކޮށްދިނުމެވެ. އެއީ، ކާ އެއްޗެއް ހެން، ހަފައި ދިރުވާލާނޭ އެއްޗެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ.
  4. އޭނާއަށް ލިބޭ އެއްޗަކުން ފުއްދާލަން ނޭނގޭ މީހަކަށް، އޭނާ ހިތް އެދޭހާ އެއްޗެއް ލިބުމުން، އެއިން ވެސް ފުއްދާލާކަށް ނޭނގޭނެއެވެ!
  5. ރަހުމަތްތެރިކަމެއް އުފެއްދުމުގައި މަޑު މަޑުން، ލަސްލަހުން ކުރިއަށް ދާށެވެ! ރަހުމަތްތެރިކަން އުފެދި ވަރުގަަދަވުމުން، އެ ރަހުމަތްތެރިކަމުގައި ބާރަށް ހިފައްހައްޓައި އެއީ ދާއީމީ ގުޅުމަކަށް ހަދާލާށެވެ!
  6. ބައެއް ފަހަރު ކަލެއާ އެހެން މީސްމީހުންނާ ދެމެދު ފާރުތައް ގާއިމުކުރެއެވެ. އެއީ ފަހަރެއްގައި ވެސް އެ މީސްމީހުން ދުރުގައި ބައިތިއްބާކަށް ނޫނެވެ. އޭގެ ތެރެއިން، އެފާރުތައް ނެތިކޮށްލާފައި ކަލޭ ކައިރިއަށް އަންނަނީ ކާކުތޯ ދެނެގަންނާށެވެ!
  7. އުފާވެރިކަމުގެ ސިއްރަކީ ގިނަ ގިނައިން މުދަލާ ފައިސާ އެއްކޮށް އެއިން އުފާލިބި ގަތުމެެއް ނޫނެވެ. ނަމަވެސް، އުފާވެރިކަމުގެ ސިއްރަކީ ލިބިފައި އޮތް އެއްޗަކުން، އެއީ ކިތަންމެ މަދު އެތިކޮޮޅެއް ނަމަވެސް، އެއިން އުފާ ލިބިގަންނަން ދަސްކުރުމެވެ.
  8. ދުނިޔެ ގުޑުވާލައި ބަދަލުކޮށްލަން ބޭނުންވާ މީހާ، އެންމެ ފުރަތަމައިން އޭނާގެ ނަފްސު ގުޑުވާލައި ބަދަލުކޮށްލާށެވެ!
  9. އެހެން މީހުންގެ ލިޔުންތައް ކިޔައި ފައިދާ ހޯދުމުގައި ކަލޭގެ ވަގުތުތައް ހޭދަކުރާށެވެ! އޭރުން، އެހެން މީހުން ބުރަ މަސައްކަތުން ލިބިގަތް ކަންކަން، ދާދި ފަސޭހައިން ކަލެއަށް ލިބިގަނެވިދާނެއެވެ.
  10. އެކަމެއް ކަލޭއާ ދޭތެރޭ ކޮށްފި ނަމަ ކަލޭ ނުރުހި ރުޅިއަންނާނޭ ފަދަ ކަމެއް އެހެން މީހުންނާ ދޭތެރޭ ކަލޭ ވެސް ނުކުރާށެވެ!
  11. ކޮންމެ އަމަލަކީ ވެސް އެކަމުގައި އުފަލެއް އޮވެއްޖެ ނަމަ، އެކަން ލިބިގަތުމަށްޓަކައި އަގެއް ދައްކަން ޖެހޭނޭ ކަމެކެވެ. އާދެ، ފަހުން، އެކަމާ މެދު ހިތާމަ ކުރަން ޖެހިދާނޭ ފަދަ އެއްވެސް ކަމެއް ނުކުރުން ބުއްދިވެރިވެގެން ވެއެވެ. ބައެއް ކަހަލަ އަމަލުތަކަކީ ދާދި ފަސޭހައިން އެކަމަށް ދެވި ހިފައި، އެކަމުގައި މީހާގެ ހަލާކުވިޔަސް، އެކަމުން ދުރުވެގަތުން ވަރަށް ވެސް އުނދަގޫ، އަދި، ބައެއް ފަހަރު، މުޅިން މުސްތަހީލު ކަންކަމެވެ.
  12. ތިމާގެ އަމިއްލަ ކުށް ރައުޔު، ޚިޔާލު، ދޫކޮށްލުން އެ ކުށް ރައުޔާއި ޚިޔާލުގައި ހިފަހައްޓައިގެން ހުރުމަށް ވުރެ ރަނގަޅު ގޮތެކެވެ.
  13. ވެއްޓުމަކީ ފޭލުވުމެއް ނޫނެވެ. ފޭލުވުމަކީ ވެއްޓުމުން، ތެދުވަން ނޭނގިފައި ބިންމަތީ އޮތުމެވެ.
  14. ހެޔޮ ގޮތުގައި ދިރިއުޅެވެން އޮތީ ހެޔޮލަފާ ވެގެންނެވެ.
  15. އަހަރެން ބުނާ އެއްޗެއް ކަލޭ ގަބޫލު ނުކޮށްފާނޭކަން އަހަންނަށް އެނގެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެހެނީ، އިންސާނާގެ ހަގީގީ ކުރިއެރުން ބިނާވަނި އެހެން މީހުން ބުނާ އެއްޗިއްސާއި އަދި ޚުދް ތިމާ އަމިއްލައަށް ކަންކަމާ ދޭތެރޭ ދެކޭ ގޮތާ މެދު ވެސް ސުއާލު އުފައްދައި ތެދާއި ހަގީގަތަކީ ކޮބައިކަން ހޯދަން ކެނޑިނޭޅި މަސައްކަތްކުރުމުގެ މައްޗަށެވެ.