Support Us

ދެ ވައްތަރެއްގެ ވަގުންގެ ތަފާތު

(ވީޑިއޯ ފީތާއެއްގެ ތަރުޖަމާއަކާއި ދިވެހި ކޮށްލުމެއް)

އާދައިގެ ވަގުކަލޭގެއާއި ސިޔާސީ ވަގުކަލޭގެއާ ދެމެދުގައި ހުރި ތަފާތަކީ ކޮބާ ހެއްޔެވެ؟

އެންމެ ފުރަތަމަ ތަފާތަކީ އާދައިގެ ވަގުކަލޭގެ ވަގަށް ނަގަނީ ކަލޭގެ ފައިސާއާއި ކަލޭގެ ދަބަހާއި ކަލޭގެ އަތުރުކުރި ގަޑިއާއި އަދި ކަލޭގެ ގަހަނާތަކެވެ. އެހެން ނޫން ހެއްޔެވެ؟

ނަމަވެސް، ސިޔާސީ ވަގުކަލޭގެ ވަގަށް ނަގަނީ ކަލޭގެ މުސްތަގުބަލާއި ކަލެއަށް ތައުލީމު ލިބެން އޮންނަ ފުރުސަތާއި ހަޔާތުގައި ކަލޭގެ ވަޒީފީ ސިޔަރަތާއި (ކަލޭ އަދާ ކުރަން ބޭނުންވާ މަސައްކަތާއި) އަދި ކަލެއަށް ސިއްހަތުގެ ޚިދުމަތް ލިބެން އޮންނަ ފުރުސަތާއި އަދި ކަލޭގެ ވިޔަފާރިއެވެ.

މި ކަމުގައި އޮންނަ އެންމެ ހެއްވާ ކަމަކީ އާދައިގެ ވަގު ކަލޭގެ، އެމީހެއްގެ އަތުން އޭނާ ވައްކަން ކުރަން ބޭނުންވާ މީހާ ހޮވައެވެ.

ނަމަވެސް، ސިޔާސީ ވަގުކަލޭގެ، ކަލޭގެ އަތުން ވައްކަންކުރުމަށްޓަކައި ހޮވަނީ ޚުދް ކަލެއެވެ! އެހެނީ އެމީހުންނަށް ވޯޓުދީގެން އެމީހުން ހޮވަނީ އަހަރުމެން ނޫން ހެއްޔެވެ؟ ދެން، އަމިއްލައަށް ކަނު ބަނދެވި، (މިކަން ނޭނގޭ ކަމަށް ހަދައި) ގެން ތިބެ އަހަރުމެން ބުނަނީ އަހަރުމެން ކަނު ނޫންކަމުގައެވެ! ދެން އަޅެ ފަހެ ބުނެ ބަލާށެވެ! މިތަނުގައި އޮޅުވާލަނީ ކާކު ކާކަށް ހެއްޔެވެ؟

މިކަމުގައި އޮންނަ އެންމެ ހެއްވާ މޮޔަ ކަމަކީ އަހަރުމެންގެ އަމިއްލަ މުދަލާއި ފައިސާ، އާދައިގެ ވަގުގެ ކިބައިން ރައްކާތެރި ކުރުމަށްޓަކައި ވެވެން އޮތް ހުރިހާ ކަމެއް ކުރަމުއެވެ. އެހެން ނޫން ހެއްޔެވެ؟

ނަމަވެސް، ސިޔާސީ ވަގުކަލޭގެ ދިފާއުކޮށް ރައްކާތެރިކުރުމަށްޓަކައި، އަހަރުމެން އެކަކު އަނެކަކާ ދެބަސްވެ ތަޅާފޮޅާ އުޅެމުއެވެ! [އެކަކު އޭނާގެ އަމިއްލަ ޚަރަދަށް، ރައްޔިތު މީހާ ދައްކާ ޓެކުހުން ލައްކައިން މުސާރަދީ އަދި އޭގެ އިތުރުން، ދުވާލަކު އެތައް އެތައް ހާހުން ޚަރަދުކޮށްގެން އަގުބޮޑު ހޮޓާތަކުގައި އޭނާ ބަހައްޓައި އޭނާ ރުއްސަން އުޅެމު ނޫން ހެއްޔެވެ!] އަހަރުމެން ކަންކަން ކުރަނީ މިހެން ނޫން ހެއްޔެވެ؟

އަހަރުމެންގެ ވަޒީފީ ސިޔަރަތާއި އަހަރުމެންގެ އުފާތަކާއި އަހަރުމެންގެ ސިއްހަތާއި އަހަރުމެންގެ ކާމިޔާބީތައް ވަގަށް ނަގާ ސިޔާސީ ވަގުން ހިމާޔަތްކޮށް ދިފާއުކުރުމަށްޓަކައި ޑާކޫން (މަރާމާރީތައް ހިންގާ ގޭންގުތަކުގެ މީހުން، އަދި، މަޖުލީހުގެ އިއްޒަތްތެރި ޑާކޫ މެމްބަރުން ވެސް) އެމީހުންގެ މެދުގައި އަރާރުންވެ، ތަޅާފޮޅުމުގައި ދެމި ތިބެއެވެ.

ހުރި ލަދުވެތި ކަމެއްގެ ބޮޑުކަމާއެވެ! [ފެންނަމުން މިދަނީ އަދުލު އިންސާފުގެ] ދިމާ އިދިކޮޅު ކޮންފަދަ ހެއްވާ މަންޒަރެއް ހެއްޔެވެ؟

ފެންނަ މި މަންޒަރުތައް އަހަރުމެން އެންމެނަށް ވެސް [އަޑު ހަރުކޮށް] ގޮވަމުން ދަނީ ވިސްނައި ފިކުރުކުރުމަށެވެ! ފުންކޮށް ވިސްނައި ފިކުރު ކުރުމަށެވެ! [އާދައިގެ ވަގުންގެ ކިބައިން އަހަރުމެންގެ އަމިއްލަ ނަފްސުތައް ރައްކާތެރިކުރާ ފަދައިން، ސިޔާސީ ވަގުންނާއި އެމީހުންގެ ޑާކޫންގެ ކިބައިން އަހަރުމެންނާއި އަހަރުމެންގެ ރާއްޖެ ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައެވެ!]