...

Support Us

ފޮޅިފައި އިން މަލެއް ފަދައެވެ.

މިދުނިޔެ އަކީ ވަޤުތީ މަންޒިލެކެވެ. ހަމަ ކޮންމެ އިރަކުވެސް ތިބާގެ އަޖަލު އައިސް ޖެހިދާނެއެވެ. އެއިރަކުން އެންމެ ސިކުންތަކަށްވެސް ލަސްކުރުމެއް ނުވެއެވެ. މަރުގެ މަލާއިކަތާ ތިބާގެ ފުރާނަ ހިއްޕަވާނެތެވެ. ބުއްދި ވެރިންނަކީ މަރު ގިނަގިނައިން ހަނދާންކޮށް ގިނަގިނައިން ތައުބާވެ އެދުވަހަށް ތައްޔާރުވެ ތިބޭ މީހުންނެވެ.

އަޚުންނާއި އުޚުތުންނެވެ. ވިސްނައި ފިކުރު ކުރާށެވެ. ތިބާގެ ހަޔާތް ފޮޅިފައި އިން މަލެއް ފަދައެވެ. ތިބާ ދުނިޔެއަށް އުފަންވިއިރު އިނީ ފޮޅެން ތައްޔާރުވެފައިން މަލެއް ފަދައިންނެވެ. ތިބާގެ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކާއެކު އެނުފޮޅޭ މަލަށް ރޫފަ ލިބި ފިޔަތައް ހުޅުވާލާ ތާޒާ ކަންމަތީ ފޮޅެމުންދެއެވެ. އަދި ޗާލާކީކަމާ އެކު ފުރާފުރިހަމަކޮށް ފޮޅިލައެވެ.

ދުވަސްތައް ފާއިތުވަމުން ދާއިރު ކޮންމެ އަހަރަކު ޣާފިލުކަންމަތީ ތިބާހުރެ އެކަން ކުލަގަދަކޮށް އުފަލާއި މަޖަލާއެކު ފާހަގަކުރަމުން ދާއިރު އެމަލުގެ ތާޒާކަން މަޑުމަޑުން ގެއްލި އަނަރޫފަވަމުން ދެއެވެ. ފިޔައަކުން ފިޔައަކުން މަޑުމަޑުން ފައިބާ ހުސްވެ އިސާހިތަކު ތަނޑި ދޮންވެ ބިންމައްޗަށް ވެއްޓި ވެއްޔާމޮޑެވި ނިމި ހިނގައިދާ ހުއްޓެވެ. ހަމަ ކަށަވަރުން މިދުނިޔެމީ ވަގުތީ މަންޒިލެއް ކަމުގައި މެނުވީ ނުވެއެވެ. އާޚިރަތަށް ދާން އަހަރެމެން ހުރަސްކުރަމުންދާ ފާލަމެކެވެ.

މިފާލަމުގެކޮޅު ވަނީ ދެކަފިވެ، ދެމަގަކަށް ބެހިފައެވެ. ދެމަގަށް ވަނުމަށް ވަރުގަދަ ދެދޮރުލެވި ތަޅު އަޅުވާފައިވެއެވެ. އެހިސާބަށް ދިއުމުން އަލުން އެނބުރި އައުމެއްނުވެއެވެ. އެހެނީ ފާލަމުގެ ހުރަސް ކުރެވުނުބައި ވަނީ ފީވެ ވެއްޓި ހަލާކުވެފައެވެ. މި ދެދޮރުގެ ތަޅުދަނޑި އަކީ ތިބާފާލަމުން ހުރަސްކުރަމުން އައިއިރު ތިބާގެ އަމަލުތައް ބެހެއްޓިގޮތެވެ. ތިބާގެ އަމަލުތައް ރަނގަޅުވެއްޖެނަމަ އުފާވެރިކަމުގެ ޚަބަރު ތިބާއަށް ހުއްޓެވެ. އެހެނީ ކަނާތްފަރާތު ދޮރުގެ ތަޅުދަނޑި ތިބާއަށް ލިބިއްޖެއެވެ. އެދޮރުން ވަދެވޭ ހުށީ ނިއުމަތްތަކުން ފުރިގެންވާ ގޯއްޗަށެވެ. އެތަނުގައި ހިތާމައެއް ދެބަސްވުމެއް ހަސަދައެއް ނުވެތެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުރެތެވެ. އަދި ގަސްތަކުގައި ތިބާ ބޭނުން ވަރަކަށް ކެއުމަށް މޭވާތައް އަޅާ ފުރިބާރުވެފައި ހުރެތެވެ.

އަދި ދަންނާށެވެ. ތިބާގެ އަމަލުތައް ގޯސްވެއްޖެނަމަ ތިބާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ތިބާ ގެއްލެނިވެ ހަލާކުވެއްޖެއެވެ. އެހެނީ ވާއަތް ފަރާތު ދޮރުގެ ތަޅުދަނޑި ތިބާއަށް ލިބިއްޖެއެވެ. އެދޮރުން ވަދެވޭ ހުށީ އަޒާބުގެ ގޯއްޗަށެވެ. އެއީ ހާދަހާ ސުންޕާ ބިރުވެރިކަމާއި ވޭނާއި ކެކުޅުމުން ފުރިގެންވާތަނެކެވެ. ގަދައަށް އަނދައަނދާ ހުންނަ އަލިފާނުގެ ފުންވަޅުގަނޑެކެވެ. سبحان الله

މި ދެ ގޯތިންކުރެ ބޭނުން ގޯއްޗެއް އިޚުތިޔާރުކުރުން އަހަރެމެން އިންސާނުންނަށް ދޫކޮށްލައްވާފައިވާއިރު އަހަރެމެންގެ ތެރެއިން ގިނަ މީހުން ވަނީ ޣާފިލްކަންމަތީ މިވަގުތީ ފާލަމުގެ ދަޅަތަކަށް ހެއްލިގެން ގޮސް ހުސްވެފައެވެ. މަސްތުވެފައިވާ މީހުންތަކެއް ފަދައިންނެވެ.

ޔާﷲ، އަޅަމެންގެ އަމަލުތައް ސީދާ ކުރައްވާ ނިއުމަތުގެ ގޯއްޗަށްދާން އޮތްމަގުގައި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާ، ސުވަރުގެވަންތަވެރިންގެ ގޮތުގައި މެނުވީ އަޅަމެންގެ ފުރާނަ ނުހިއްޕަވާދޭނވެ. أمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.