Support Us

މުސީބާތް ޖެހިފައިވާ ތިން މީހަކު އިމްތިޙާނު ކުރެއްވުން

ބަނޫ އިސްރާއީލް މީހުންގެ ތެރޭގައި މުސީބާތް ޖެހިފައިވާ ތިން މީހަކު ތިއްބެވެ. އޭގެ ތެރެއިން އެކަކީ ދެލޯ ކަނުވެފައިވާ މީހެކެވެ. އަނެކަކަކީ ބޮލުން އިސްތަށި ފައިބައިފައިވާ މީހަކެވެ. އަދި އަނެކަކަކީ ބަރަސްބަލި ޖެހިފައިވާ މީހެކެވެ. ފަހެ މާތްﷲ ސވއ މިބައިމީހުން އިމްތިހާނު ކުރެއްވުމަށް އިރާދަކުރައްވައި މިބައިމީހުންގެ ގާތަށް އިންސާނެއްގެ ސިފައިގައި މަލާއިކަތަކު ފޮނުއްވެވިއެވެ.

ފަހެ ބަރަސްބަލި ޖެހިފައިވާ މީހާގެ ގާތަށް އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ. "ތިބާ އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަހަރެން އެންމެ ބޭނުންވަނީ އަހަރެންގެ ގައިގެ ހަންގަނޑުގެ ކުލަ ރީތިވެ ރަނގަޅުވުމަށެވެ. އަދި މީސްތަކުން އެކަމާ ހުރެ އަހަރެންނަށް ނަފްރަތުކުރާ މިބަލި ފިލައި ދިޔުމެވެ." ދެންފަހެ އެކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އަދި ވަގުތުން އޭނާގެ ގައިގައި ހުރި ފަކުރުވެރި ބަލިމަޑުކަން ފިލައި ހިނގައްޖެވެ. އަދި ގައިގެ ކުލަވެސް އަލިވެއްޖެއެވެ. ދެން އެކަލޭގެފާނު އޭނާއާ ސުވާލު ކުރެއްވިއެވެ. "މުދަލުގެ ތެރެއިން ތިބާ އެންމެ ބޭނުމީ ކޮންއެއްޗެއް ހެއްޔެވެ؟" އޭނާ ޖަވާބުގައި ބުންޏެވެ. "ޖަމަލު (ނުވަތަ ގެރި) އެވެ." (ބޮލުން އިސްތަށި ފައިބާފައި ހުރި މީހާއާއި ބަރަސްބަލި ޖެހިފައިވާ މީހާގެ ތެރެއިން ޖަމަލު ނުވަތަ ގެރިއަށް އެދިފައިވަނީ ސީދާ ކާކުކަމާ މެދު އިޚްތިލާފު އުފެދިފައިވެއެވެ.) އެހެންކަމުން ބަރަސްބަލި ޖެހިފައިވީ މީހާއަށް މާބަނޑު އަންހެން ޖަމަލެއް ދެއްވިއެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. "ﷲ ތިބާގެ ތިޔަ ޖަމަލުގައި ބަރަކާތް ލައްވާށިއެވެ!"

ދެން ބޮލުން އިސްތަށި ފައިބައިފައި ހުރި މީހާގެ ގާތަށް އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ. "ތިބާ އެންމެ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަހަރެން ބޭނުމީ ރީތި އިސްތަށިގަނޑެކެވެ. އަދި އަހަރެން ދެކެ މީސްތަކުން ފޫހިވެ ނަފްރަތުކުރާ މިބަލިމަޑުކަން ފިލައިދިޔުމެވެ." ފަހެ އެކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އަދި އޭނާގެ ބަލި ވަގުތުން ފަސޭހަވެ ރީތި އިސްތަށިގަނޑެއް އޭނާއަށް ލިބުނެވެ. ދެން އެކަލޭގެފާނު އޭނާ ގާތު އެއްސެވިއެވެ. "މުދަލުގެ ތެރެއިން ތިބާ އެންމެ ބޭނުމީ ކޮން މުދަލެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ.. "ގެރިއެކެވެ" ފަހެ އެކަލޭގެފާނު އޭނާއަށް މާބަނޑު އަންހެން ގެރިއެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. "ﷲ ކަލޭގެ ތިމުދަލުގައި ބަރަކާތް ލައްވާށިއެވެ!"

އެއަށްފަހު ލޯފަން މީހާގެ ގާތަށް އެކަލޭގެފާނު ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. "ތިބާ އެންމެ ބޭނުންވަނީ ކޮން ކަމެއްހެއްޔެވެ؟" އޭނާ ޖަވާބުގައި ދެންނެވިއެވެ. "އަޅުގަނޑު އެންމެ ބޭނުމީ ﷲ އަޅުގަނޑުގެ ލޮލުގެ ފެނުން އަނބުރާ ދެއްވެވުމެވެ. އަދި އެ ދެ ލޮލުން އަޅުގަނޑު މީސްތަކުން ދުށުމެވެ." ފަހެ އެކަލޭގެފާނު އޭނާގެ ލޮލުގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އަދި ﷲ އޭނާގެ ލޮލުގެ ފެނުން އޭނާއަށް އަނބުރާ ދެއްވެވިއެވެ. ދެން އެކަލޭގެފާނު އޭނާއާ ސުވާލު ކުރެއްވިއެވެ. "ތިބާ އެންމެ ބޭނުމީ ކޮން ކަހަލަ މުދަލެއްތޯއެވެ؟" އޭނާ ޖަވާބުގައި ބުންޏެވެ. "ބަކަރިއެކެވެ." ދެން އެކަލޭގެފާނު އޭނާއަށް މާބަނޑު ބަކަރިއެއް ނުވަތަ ވިހައިގެން އޮތް ބަކަރިއެއް ދެއްވިއެވެ.

ފަހެ އެ ދެ މީހުންނަށް ދެއްވި ޖަމަލާއި ގެރިއާއި އަދި މީނާއަށް ދެއްވި ބަކަރި ވިހައި އެތަކެތި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އެކަކު އަތުގައި ބޮޑު ވާދީއެއް ފުރޭހާ ގިނަ ގެރި ހުއްޓެވެ. އަނެކަކު އަތުގައި ބޮޑު ވާދީއެއް ފުރޭހާ ޖަމަލު ހުއްޓެވެ. އަނެކަކު އަތުގައި ބޮޑު ވާދީއެއް ފުރޭހާ ބަކަރި ހުއްޓެވެ.

މިހުރިހާ ކަމަކަށް ފަހުގައި އެކަލޭގެފާނު އެ ބަރަސްބަލި ޖެހިފައިވާ މީހާގެ ގާތަށް ނިކަމެތި މީހެއްގެ ސިފަ ޖެހިގެން ކުރިން އޭނާ ހުރި ހާލަތުގައި ބަރަސްބަލި ޖެހިފައިވީ މީހެއްގެ ސިފައިގައި ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. "އަހަރެންނަކީ އެކަނިވެރި ނިކަމެތި މިސްކީނަކީމެވެ. ދަތުރުމަތީގައި ހާލުގައިޖެހި ކާނެބޯނެ ފަދަވެސް ނެތެވެ. ﷲ ފިޔަވައި އަހަންނަށް ޖެހިފައިވާ ބޭނުން ފުއްދައިދޭނެ އެހެން ފަރާތެއް ނުވެއެވެ. ދެން ތިބާގެ އެހީތެރިިކަމަށް އެދުން ނޫން ގޮތެއް ނެތެވެ. ތިބާއަށް ތި ރިވެތި ކުލައާއި ހަންގަނޑާއި އަދި ތިހާ ބައިވަރު މުދާ ދެއްވި ފަރާތުގެ ހައްޤުގައި ބުނަމެވެ. އަހަރެން މި ދަތުރުގައި ސަވާރުވުމަށް ތިބާގެ އަތުން ޖަމަލެއް ދީބަލާށެވެ. އޭރުން އަހަރެންނަށް އަހަރެންގެ މަންޒިލަށް ދެވިދާނެއެވެ." އެމީހާ ޖަވާބުގައި ބުންޏެވެ. "އަހަރެން (އޭގެން) އަދާކުރަންޖެހޭ ބައިވަރު ހައްޤުތައް އެބަހުއްޓެވެ. އެހެންކަމުން ޖަމަލެއް ދެވޭކަށް ނެތެވެ." ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. "އަހަން މީގެ ކުރިންވެސް ތިބާ ދުށް ހަނދާންވެއެވެ. ތިބާއަކީ ކުރިން ބަރަސްބަލި، ޖެހި އެކަމުގެ ސަބަބުން މީސްތަކުން ތިބާއާ މެދު ފަކުރުހީވެ އެކަނިވެރިވެފައިވި ނިކަމެތި ފަޤީރުމީހާ ނޫންހެއްޔެވެ؟ ފަހެ ﷲ ތިބާއަށް ތިހާބޮޑު މުދާވެރިކަން ދެއްވެވީއެއް ނޫންހެއްޔެވެ؟" އެމީހާ ޖަވާބުގައި ބުންޏެވެ. "ތިބުނި ވާހަކަތައް މުޅިން ރަނގަޅެއް ނޫނެވެ. މި މުދާތަކަކީ އަހަރެންގެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުދާތަކެކެވެ." ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "ތިބާ ތި ބުނަނީ ދޮގުކަމުގައި ވާނަމަ ތިބާ ކުރީގައިވީ ޙާލަތަށް، ﷲ ތިބާ ރުޖޫޢަ ކުރައްވާށިއެވެ!"

ދެން އެކަލޭގެފާނު ވަޑައިގަތީ ބޮލުން އިސްތަށި ފައިބާ ބަލިޖެހިފައިވާ މީހާގެ ގާތަށެވެ. އޭނާ ކުރިން ހުރި ސިފައިގައި އެ ހާލަތުގައި ވަޑައިގެން ކުރީ މީހާ ގާތުގައިވެސް ވިދާޅުވި ފަދައިން އާދޭސްކުރައްވައި އެހީއަކަށް އެދިވަޑައިގަތެވެ. އޭނާވެސް ބަރަސްބަލި ޖެހިފައިވީ މީހާ ޖަވާބުދިން ފަދައިން ޖަވާބުދިނެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭ ތިބުނަނީ ދޮގުކަމުގައި ވާނަމަ ކަލޭ ކުރީގައިވީ ޙާލަތަށް، ﷲ ކަލޭ ރުޖޫޢަ ކުރައްވާށިއެވެ!"

އެއަށްފަހު އެކަލޭގެފާނު ވަޑައިގަތީ ލޯފަންމީހާގެ ގާތަށެވެ. އޭނާ ކުރިން ހުރި ހާލަތުގައި އެ ސިފަޖެހިގެންނެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. "އަހަރެންނަކީ ނިކަމެތި ފަގީރު މިސްކީނެކެވެ. ދަތުރުމަތީގައި ހާލުގައި ޖެހި ކާނެބޯނެ ފަދަވެސް ނެތެވެ. ﷲ ފިޔަވައި އަހަންނަށް ޖެހިފައިވާ ބޭނުން ފުއްދައިދޭނެ އެހެން ފަރާތެއް ނުވެއެވެ. ދެން ތިބާގެ އެހީއަކަށް އެދުން ނޫންގޮތެއް ނެތެވެ. ތިބާއަށް ލޮލުގެ ފެނުން އަނބުރާ ދެއްވި ފަރާތުގެ ހައްޤުގައި ބުނަމެވެ. އަހަރެންނަށް ތިބާގެ އަތުން އެންމެ ބަކަރިއެއް ދީބަލާށެވެ. ފަހެ އެމީހާ ޖަވާބުގައި ދެންނެވިއެވެ. "ތިބާ ތިބުނި ވާހަތަކުގައި އެއްވެސް ދޮގުކަމެއް ނުވެއެވެ. އަހަރެންވީ ލޯފަން މީހަކު ކަމުގައެވެ. ﷲ އަހަރެންނަށް ލޮލުގެ ފެނުން އަނބުރާ ދެއްވިއެވެ. އަދި އަހަރެންވީ ނިކަމެތި ފަޤީރަކު ކަމުގައެވެ. އަދި އެ އިލާހު އަހަންނަށް މިހުރިހާ މުދާވެސް ދެއްވިއެވެ. ވީމާ އަހަރެންގެ މުދަލުގެ ތެރެއިން ތިބާ ބޭނުން ވަރަކަށް ގެންދާށެވެ. ﷲ ގަންދީ ބުނަމެވެ. މީގެ ތެރެއިން ތިބާ ﷲގެ މަގުގައި ނަގާ އެއްވެސް މުދަލެއް ގެންދިއުމުން ކަލޭ މަނާ ނުކުރުވާހުށިކަމެވެ." ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "ތިބާގެ މުދާ ތިބާއާ އެކުގައި ބަހައްޓާށެވެ. ﷲ، ކަލޭމެން (ތިން މީހުން) އިމްތިޙާނު ކުރައްވައިފިއެވެ. އަދި ﷲ ތިބާއާ މެދު ރުހިވޮޑިގެންވެއެވެ. އަދި ތިބާގެ ދެ ސާހިބުންނާމެދު ކޯފާވެވޮޑިގެންވެއެވެ."

ނޯޓް:- މިއީ މާތްﷲ އެ ބޭކަލަކަށް ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީޘެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ހަމަ ކަށަވަރުން ކީރިތި ރަސޫލާ ﷺ މިފަދައިން ހަދީސްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *