Support Us

ދުނިޔެމަތީގައި اللهއަށް އީމާންވާ މީސްތަކުންނަށް މުސީބާތްތައް ޖެހޭނެއެވެ.

މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީޘެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ހަމަ ކަށަވަރުން ކީރިތި ރަސޫލާ ﷺ މިފަދައިން ހަދީސްކުރެއްވިއެވެ. "މީސްތަކުންކުރެ ފެންކޮށީގައި (ތުއްތު ކުއްޖެއްގެ ގޮތުގައި) މަންމަގެ އުނގުގައި އޮވެ ތިން މީހަކު މެނުވީ ވާހަކަ ދައްކައިފައި ނުވެއެވެ. އޭގެ ތެރޭގައި މަރިޔަމްގެފާނުގެ ދަރިކަލުން ޢިސާގެފާނާއި ޖުރައިޖުގެ އެކުވެރިޔާ ހިމެނެއެވެ."

ޖުރައިޖު އަކީ އަޅުވެރި ޒާހިދެކެވެ. އޭނާ އަޅުކަން ކުރުމަށްޓަކައި ފައްޅިއެއް އިޚްތިޔާރުކޮށް އެތާނގައި އޭނާ އުޅެމުން ދިޔައެވެ. އެއް ދުވަހަކު އޭނާގެ މަންމަ އޭނާއަށް ގޮވައިލަން ދިޔައެވެ. އޭރު އޭނާ ހުރީ ނަމާދަށެވެ. ފަހެ އެކަނބުލޭގެ އޭނާއަށް ގޮވައިލިއެވެ. އޭ ޖުރައިޖުއެވެ. ޖުރައިޖު ހިތަށް އެރިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ. އަޅުގެ މަންމައަށް އިޖާބަ ދިނުމާއި އަޅުގެ ނަމާދު ފުރިހަމަ ކުރުމާއި ދެކަންތައް އަޅުގެ މައްޗަށް ވާޖިބުވެއްޖެއެވެ. ފަހެ އޭނާ ނަމާދު ފުރިހަމަކުރުމުގައި ދެމިހުރެއްޖެއެވެ. ދަރިފުޅު ޖަވާބެއް ނުދިނުމުން އެކަނބުލޭގެ އެނބުރި ހިނގައްޖެވެ.

އަނެއް ދުވަހުވެސް އެކަނބުލޭގެ ދިޔައެވެ. އެދުވަހުވެސް ޖުރައިޖު ހުރީ ނަމާދަށެވެ. ފަހެ އެކަނބުލޭގެ އޭނާއަށް ގޮވައިލިއެވެ. އޭ ޖުރައިޖުއެވެ. ޖުރައިޖު ހިތަށް އެރިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ. އަޅުގެ މަންމައަށް އިޖާބަ ދިނުމާއި އަޅުގެ ނަމާދު ފުރިހަމަ ކުރުމާއި ދެކަންތައް އަޅުގެ މައްޗަށް ވާޖިބުވެއްޖެއެވެ. ފަހެ އޭނާ ނަމާދު ފުރިހަމަކުރުމުގައި ދެމިހުރެއްޖެއެވެ. މިދުވަހު ވެސް ދަރިފުޅު ޖަވާބެއް ނުދިނުމުން އެކަނބުލޭގެ އެނބުރި ހިނގައްޖެވެ.

އޭގެ އަނެއް ދުވަހުވެސް އެކަނބުލޭގެ ދިޔައެވެ. އެދުވަހުވެސް ޖުރައިޖު ހުރީ ހަމަ ނަމާދަށެވެ. ފަހެ އެކަނބުލޭގެ އޭނާއަށް ގޮވައިލިއެވެ. އޭ ޖުރައިޖުއެވެ. ޖުރައިޖު ހިތަށް އެރިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ. އަޅުގެ މަންމައަށް އިޖާބަ ދިނުމާއި އަޅުގެ ނަމާދު ފުރިހަމަ ކުރުމާއި ދެކަންތައް އަޅުގެ މައްޗަށް ވާޖިބުވެއްޖެއެވެ. ފަހެ އެ ދުވަހުވެސް އޭނާ ނަމާދު ފުރިހަމަކުރުމުގައި ދެމިހުރެއްޖެއެވެ. މިދުވަހު ވެސް ދަރިފުޅު ޖަވާބެއް ނުދިނުން އެކަނބުލޭގެ ދުޢާކުރިއެވެ. "އަޅުގެ ވެރި ރަސްކަލާކޯއެވެ. ޒިނޭކުރާ އަންހެނުންނާ ބައްދަލުވުމުގެ ކުރިން އޭނާގެ މަރު ނުގެންނަވާދޭވެ."

ދެންފަހެ ބަނޫ އިސްރާޢީލް ބާގައިގެ މީހުންގެ މެދުގައި ޖުރައިޖްގެ އަޅުވެރިކަމުގެ ވާހަކަ ދެކެވެން ފެށިއެވެ. އޭރު އެބައިމީހުންގެ ތެރޭގައި ރީތިކަމަށް މަޝްހޫރު ނަން ހިނގާފައިވާ ޒިނޭކުރާ އަންހެނަކު އުޅުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިޔަބައިމީހުން އެދެނީ ނަމަ އަހުރެން އޭނާ މަޅީގައި ޖައްސާފައިހުށީމެވެ.

ފަހެ އެކަނބުލޭގެ އޭނާއާ ކުރިމަތިލިއެވެ. ނަމަވެސް އޭނާގެ ހެއްލުންތެރިކަމަށް ޖުރައިޖް އެނބުރިނުގަތެވެ. މިކަމާ އެކަނބުލޭގެ އެ ފައްޅީގެ ކައިރީގައި އުޅޭ ބަކަރި ހުއިހައްޕާ މީހަކާ ބައްދަލުކުރިއެވެ. އަދި އޭނާ ބޭނުން ކަމެއް ކުރުމަށް އެކަނބުލޭގެ ނަފްސު އޭނާއާ ހަވާލުކުރިއެވެ. އެ ދެ މީހުން ޒިނޭކޮށް ބަނޑުބޮޑުވިއެވެ. އޭނާ ވިހެއުމުން މީސްތަކުން ސުވާލުކުރަންފެށިއެވެ. ތިޔައީ ކާކުގެ ދަރިއެއް ހެއްޔެވެ؟ އެކަނބުލޭގެ ބުންޏެވެ. މިއީ ޖުރައިޖްގެ ދަރިއެކެވެ. ފަހެ މީސްތަކުން ޖުރައިޖް އާ ދިމާކުރަން ގޮސް އޭނާ ފައްޅިން ބޭރަށް ނެރެ ފައްޅި ތަޅައިލިއެވެ. އަދި އޭނާގެ ގައިގައި ތަޅަންފެށިއެވެ.

މިކަމާ ޖުރައިޖް ސުވާލުކުރިއެވެ. ފަހެ ކަލޭމެންނަށް ވެގެން ތިޔަ އުޅެނީ ކިހިނެއްހެއްޔެވެ؟ އެވެރިން ބުންޏެވެ. ޒިނޭކުރާ އެވެނި އަންހެނަކާ ކަލޭ ޒިނޭކުރީ ނޫންހެއްޔެވެ؟ އޭނާ ކަލޭއަށް ދަރިޔަކު ވިހައިފިއެވެ. އޭނާ އެއްސެވެ. އެ ކުޑަކުއްޖާ ކޮބައިހެއްޔެވެ؟ ދެން އެބައިމީހުން އެކުއްޖާ ގެނެސްފޫއެވެ. އޭނާ ބުންޏެވެ. އަހަރެން ނަމާދުކުރާނެ ފުރުޞަތެއް ދޭޭށެވެ.

ޖުރައިޖް ނަމާދުކޮށް އަވަދިވެގެން ސަލާމް ދިނުނަށްފަހު އެ ކުޑަކުއްޖާ ގާތަށް ދިޔައެވެ. އަދި އެ ކުއްޖާގެ ބަނޑުގައި ޖަހާލުމަށްފަހު އެއްސެވެ. އޭ ކޮއިފުޅާއެވެ. ކޮއިފުޅުގެ ބައްޕައަކީ ކާކުހެއްޔެވެ؟ އެ ކުޑަކުއްޖާ ޖަވާބުދިނެވެ. ބަކަރި ހުއިހައްޕާ އެވެނި މީހެކެވެ.

މިވާހަކަ އަޑުއަހައިފައި ޤައުމުގެ މީހުން ޖުރައިޖު ގައިގައި ފިރުމައި ބޮސްދޭން ފަށައިފިއެވެ. އަދި އޭނާގެ ގާތުގައި ބުންޏެވެ. ކަލޭގެފާނުގެ ފައްޅި ރަނުން ހަދައިދޭން ހެއްޔެވެ؟ އޭނާ ބުންޏެވެ. ނޫނެކެވެ. ދެން އެ ވެރިން ބުނެފިއެވެ. އެހެންވިއްޔާ ރިހިން ހަދައިދެން ހެއްޔެވެ؟ އޭނާ ބުންޏެވެ. ނޫނެކެވެ. އެންމެ ކުރިންވެސް އެތަން ހުރިގޮތަށް މަށިން ހަދައިދޭށެވެ. ދެން އެ ވެރިން އެތަން އިހު ހުރިގޮތަށް ހަދައިދީފިއެވެ.

މި ހަދީސުން އަޅުގަނޑުމެންނަށް އެތައް އިބުރަތެއް ލިބެއެވެ. އެގޮތުން ދުނިޔެމަތީގައި اللهއަށް އީމާންވާ މީސްތަކުންނަށް މުސީބާތްތައް ޖެހޭނެކަމާއި އަދި اللهއަށް އީމާންވާނަމަ އެ އިލާހު ރަނގަޅު ގޮތް މެދުވެރިކުރައްވާނެކަމެވެ. އަދި މައިންބަފައިން ދަރީންގެ މައްޗަށް ކުރާ ދުޢާ އިޖާބަ ކުރައްވާނެކަމެވެ.

ނޯޓް: މިހަދީސް ނަގައިފައިވަނީ ރިޔާޟުއް ޞާލިޙީން އިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *