Support Us

"ކޮޕީ" އަވަހާރަވީއެވެ.

ރާއްޖެތެރޭގެ އެހެން ރަށްރަށެކޭ އެއްފަދައިން އެދުވަސްވަރު މާލޭގައި ވެސް ރާއްޖެތެރޭގެ ގިނަ ބައަކު ފޮށި ހިފައިގެން ގޮސް ވަންނާނެ ގޭގެ ހުރެއެވެ. އެގޭގެއިން ރައްޓެހިން މަރުހަބާ ކިޔައެވެ. ފުރަން ވަންދެން ކެއިން ބުއިމާއި ފެންވެރުމާ ނިދުމުގެ ކަންތައް ހަމަޖައްސައިދެއެވެ. އަޅުގަނޑަށް ފުރަތަމަ މާލެ ދެވުނު ދަތުރު މަޑުކޮށްލަން ޖެހުނީ މއ. ކުރިނބީގޭގައެވެ. އެގޭގެ ވެރި އަހުމަދުފުޅުބެއާ ކުރިނބީ އާގޭ އަހުމަދު ހަސަންގެ ރަހުމަތްތެރިކަމުގެ ތެރެއިންނެވެ. އަހުމަދު ހަސަނަކީ އަޅުގަނޑުގެ ބޮޑު ޅިޔަންބެ ކަމަށްވާތީއެވެ. ހަނދާން ވާ ގޮތުން އޭރު އަހުމަދުފުޅުބޭގެ ތިއްބެވީ ހަތަރު ކުދިންނެވެ. އަންހެން ދެކުދިންނަކީ ޝަރީފާ އާއި އަމީނާ އެވެ. ފިރިހެން ދެކުދިންނަކީ އަލީ ރަޝީދާ އެންމެ ހަގު މުޙަންމަދު ރަޝީދެވެ. އުމުރުގެ ގޮތުން އަޅުގަނޑާ ގުޅެނީ މުހަންމަދު ރަޝީދެވެ.

އެއީ މަރުހޫމް މުހަންމަދު އަމީނުގެ ޖުމްހޫރީ ދައުރު ނިމި މުހަންމަދު އަމީނަށް ފުރައްސާރައިގެ ލަވަތައް ކިޔާއުޅުނު ދުވަސްވަރެވެ. ވަރަށް ގިނައިން އިވޭ އެއް ލަވައަކީ "ހަލާކާއި ގެއްލުން މިދީބަށް ގެނެސްދިން ބަލާއާ މުސީބާތް މިހާރަށް ކޮބައިބާ" މިލިވައެވެ. ކޮންމެ ދުވަހަކު ހެނދުނު ސައިބޮއިގެން މިލަވަ ކިޔަމުން "ކޮބައިބާ ކޮބައިބާ" މިބަސް ތަކުރާރު ކުރަމުން ގޮސް ބޮޑުއަށީގެ ތަންދޮށުން ބައިސްކަލު ފުރޮޅެއްގެ ދަގަނޑު ވޮއްޓެއް ރަޝީދު ނެރެވެ. އެ ހިފައިގެން ދަނީ ގެއާ ދިމާ އަތިރިމަތީގައި އޮންނަ ބޮޑު ހުސްބިމަށެވެ. ރަޝީދު އެ ބުރު ވަރަށް ރީތިކޮށް ބިންމަތީ ދުއްވައެވެ. ދަނޑިގަނޑެއްގެ ކޮޅުގައި ހަރުކޮށްފައި ހުންނަ ދަނގަނޑު ނަރުގެ މަޅިގަނޑެއް އަޅުވައިގެންނެވެ. މިއީ އެ އުމުރުގެ ކުދިން އެދުވަސްވަރު މަލޭގައި ވަރަށް ފޯރީގައި ކުރި ކަމެކެވެ. އަޅުގަނޑު ހުންނަނީ އެ ދުއްވާ ހިތުން މަރުވާވަރުގައެވެ. އެކަމަކު ވަރަށް މަދުން ނޫނީ ރަޝީދު އެ އެއް ނުދެއެވެ. ދިނަސް އަޅުގަނޑަށް (ނޭނގޭތީ އާ އެކު) ދުއްވައި ނުލެވިގެން އުޅެނިކޮށް ރަޝީދު އެ އަތުލައެވެ. ރަޝީދަކީ މާލޭން އަޅުގަނޑަށް ލިބުނު ފުރަތަމަ އެކުވެރިޔާ އެވެ. ފަހުން މަޝްހޫރު ކޮޕީ މުޙަންމަދު ރަޝީދެވެ. މިއަދު އެބޭފުޅަކު އަވަހާރަވުމުން އަޅުގަނޑުމެން މި ހިތާމަ ކުރާ އަޅުގަނޑުމެންގެ "ކޮޕީ" އެވެ.

އަޅުގަނޑުގެ ގާތް އެކުވެރިން އަޅުގަނޑާ މުޚާޠަބު ކުރައްވަނީ އާދަމްބޭގެ ނަމުންނެވެ. ނަމަވެސް 67 އަހަރުގެ އެކުވެރިކަމަކަށް ފަހު ވަކިވެގެން ދިއުމާ ހަމައަށް ވެސް ކޮޕީ ދުވަހަކުވެސް އަޅުގަނޑަށް އާދަމްބެއޭ ވިދާޅުވި ހަނދާނެއް ނުވެއެވެ. މުޅީންމެ ވިދާޅުވަނީ އާދަމް އަބްދުއްރަހްމާނު އެވެ. ކޮޕީ އަކީ ވަރަށް ގިނަބައެއްގެ އެކުވެރިއެކެވެ. ހިތްޕުޅުހެޔޮ މިތުރެކެވެ. ގެއްލިގެން އެދިޔައީ އަތުލިޔުން ރީތި ތާނަ އަކުރުގެ ތަފާތު ފަރުމާތައް އުފެއްދެވި އަދި ބޮޑުއަކުރުން ލިޔުއްވުމުގައި ވެސް ކުޅަދާނަ މާހިރެކެވެ. އަރާހުންނެވި ޝާޢިރެކެވެ. ވާހަކަ އާއި ތަމްސީލު ލިޔުއްވި ލިޔުއްވުންތެރިއެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި އެފަދަ ދެވަނައެއް ނެތް މުމައްސިލެކެވެ. ހިތަށް އަރައެވެ. އިސްޓޭޖްތަކުން ދެން އެ ހުނަރުވެރި ގޮޅި ފުރާނީ ކާކު ކިހިނެއްބާވައެވެ؟ އޭނާ އެވަޑައިގަތީ ހާދަ ގިނަ ހަނދުމަތަކެއް ދޫކުރައްވާފައެވެ. ރަހުމަތްތެރިންގެ ލިސްޓަށް ވަރަށް ބޮޑު ފަޅުކަމެއް ދެއްވާފައެވެ. ހިތްތަކުން ހާދަ ފުޅާ ގޮޅިއެއް ހުސްކުރައްވާފައެވެ.

މާތް ﷲ މަރުޙޫމުގެ ފާފަ ފުއްސަވައި ހެޔޮ ރަޙުމަތުގައި ޝާމިލް ކުރައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާދޭވެ. ޢާއިލާ އަށް ކެތްތެރިކަން ދެއްވާދޭވެ. އާމީން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *