...

Support Us

"ތިބާ ތަޢުބާ ވަނީ ބަލިވުމުންނެވެ."

މިވާހަކަ އަކީ މަންސޫރު އިބުން އައްމާރު ރަހިމަﷲ ކިޔައިދެއްވާފައިވާ ވަރަށް ވެސް އިބުރަތްތެރި ވާހަކައެކެވެ.

މަންސޫރު ކިޔައިދެއްވި ގޮތުގައި ފާފަކުރުމުގައި ހައްދުފަހަނައަޅާފައިވާ އޭނާގެ އެކުވެރިޔަކު އުޅުނެވެ. އަދި ފަހުން އޭނާ ތަޢުބާވެ ﷲގެ މަގަށް ރުޖޫޢުވިކަން އިއުލާން ކުރިއެވެ. އަދި މިސްކިތުގެ ޖަމާޢަތުގައި ނަމާދުކޮށް ސުންނަތް ރޯދަތައް ހިފައި އުޅުނެވެ. އަދި ވަރަށް ގިނައިން ރޭއަޅުކަން ކުރުމުގައި އުޅެނިކޮށްވެސް ފެނެއެވެ.

މިއެކުވެރިޔާ ނުފެންނަތާ ދުވަސްތަކެއް ވޭތުވުމުން މީނާގެ ޚަބަރު ބެލިއިރު އޭނާ އުޅެނީ ބަލިވެއެވެ. އެހެންވެ އައްމާރު އޭނާގެ ގެޔަށް ދިޔައެވެ. އަދި އޭނާގެ އަންހެން ދަރިފުޅާ ބައްދަލުވުމުން ހޯދަން ބޭނުންވަނީ ކާކުތޯ އައްމާރާ ސުވާލުކުރިއެވެ. އަދި ބައްޕައާ ބައްދަލުކުރުމަށް އައިސް ހުރި ވާހަކަ ބުނުމުން ގޭތެރެއަށް ވަނުމުގެ ހުއްދަ އައްމާރަށް ލިބުނެވެ.

ގޭތެރެއަށް ވަންއިރު ގޭގެމެދުގައި ބަހައްޓާފައި ހުރި އެނދެއްގައި އޮށޯވެލައިގެން އެކުވެރިޔާ އޮތެވެ. އޭނާގެ މޫނު ވަނީ ކަޅުވެ އަނދިރިވެފައެވެ. ދެލޯ ވަޅުވަދެ ތުންފަތް ވަނީ ހިކިފައެވެ. ހީވަނީ ދެންމެ ދެންމެ ދުނިޔެ ދޫކޮށްފާނެހެންނެވެ. އެހެންކަމުން ޢައްމާރު ގަތް ބިރާއެކު ގިނަގިނައިން ޝަހާދަތް ކިޔުމަށް އެކުވެރިޔާގެ ގާތުގައި ބުންޏެވެ. ނަމަވެސް އެކުވެރިޔާ ވަރަށް މަސައްކަތުން ދެލޯ ހުޅުވާލާ އައްމާރަށް ބަލައިލުމަށްފަހު އަނެއްކާވެސް ދެލޯ މަރާލިއެވެ.

އައްމާރު އަނެއްކާވެސް އެކުވެރިޔާ ގާތު ޝަހާދަތުގެ ދެކަލިމަ ކިޔުން ގިނަކުރުމަށް ބުންޏެވެ. މިފަހަރުވެސް އެކުވެރިޔާ ދެލޯ ހުޅުވާލިއެވެ. އަދި ބުންޏެވެ. "އޭ އަޚް މަންސޫރެވެ. ތިޔަ ކަލިމައަކީ އަހަރެންނާއި އެ ކަލިމައާ ދެމެދަށް ހުރަސް އެޅިފައިވާ ކަލިމައެކެވެ." އެހިނދު އައްމާރު ގަތް ބިރުން لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ އޭ އަޑުގެ ނެތްތަނަށް ގޮވާލެވުނެވެ. އަދި ބުންޏެވެ. އޭ އަޚާއެވެ. ތިބާ ކޮށް އުޅުނު ނަމާދުތަކާއި ހިފާ އުޅުނު ރޯދަތަކާ ކޮބައިހެއްޔެވެ؟ ތިބާ ކޮށް އުޅުނު ރޭ އަޅުކަންތައް ކޮބައިހެއްޔެވެ؟ އެހިނދު އެކުވެރިޔާ ބުންޏެވެ. އެއީ ﷲ ފިޔަވައި އެހެން ފަރާތްތަކަށް އޭނާ ކޮށް އުޅުނު އަމަލުތަކެވެ. އަދި އޭނާގެ ތަޢުބާއަކީ ތެދުވެރި ތައުބާއެއް ނޫންކަމަށާއި އެއީ މީސްތަކުންނަށް ދައްކަން ކޮށް އުޅުނު އަމަލުތަކެއް ކަމަށެވެ. މީސްތަކުންގެ ތަޢުރީފް ލިބުމަށް އެދި ދެއްކުންތެރިކަމުގެ ގޮތުން ކޮށްއުޅުނު އަމަލުތަކެއް ކަމަށެވެ.

އޭނާ އެކަނިވެއްޖިޔާ ގޭގެ ދޮރުލައްޕައި ފަރުދާ ކަހާލުމަށްފަހު ރާބޮއި އެނޫންވެސް ފާފަތަކަށް އަރައިގަނެ އުޅުނުކަމަށެވެ. އަދި އެގޮތުގައި އެތައް ދުވަހެއް ފާއިތުވެގެން ދިޔުމަށްފަހު އޭނާއަށް ވަރަށް ބޮޑު ބަލިމަޑުކަމެއް ޖެހުނު ކަމަށެވެ. އަދި އެބަލީގައި މަރުވެދާނެހެން ހީވާވަރަށް ބަލީގެ ވޭންބޮޑުވި ކަމަށެވެ. އެހެންކަމުން އޭނާގެ ދަރިފުޅު ކައިރީގައި ބުނެގެން ޤުރުޢާން ގެނެސް އޭގައި ހިފުމަށްފަހު ﷲ އަށް ދުޢާކުރިއެވެ. "ޔާ ﷲ އެވެ. އިބަ ﷲ ގެ މި ކަލާމްފުޅަށްޓަކައި މިއަޅާއަށް ޖެހިފައި މިވާ ބަލިމަޑުކަމުން ސަލާމަތް ކުރައްވައި ޝިފާ ދެއްވަވާފާނދޭވެ. އަދި މިއަޅާ ފާފަތަކަށް އެނބުރި ނުގަންނާނެ ކަމަށް އިނބަ އިލާހުގެ ހަޟުރަތުގައި އަހުދުކަށަވަރުކުރަމެވެ." މިފަދައިން ދުޢާކޮށް ދެންނެވުމުން އެކުވެރިޔާގެ ބައްޔަށް ޝިފާ ލިބި ﷲ ގެ ހެޔޮ ރަހުމަތުން އެ ބަލިމަޑުކަން އޭނާގެ ކިބައިން އުފުލެއްވިއެވެ.

ނަމަވެސް ބަލި ފަސޭހަވެ މާގިނަ ދުވަހެއް ނުވެ އަނެއްކާވެސް އިހު އުޅުނުގޮތަށް އުޅެންފެށިއެވެ. ރާބޮއި ފާފަތަކަށް އަރައިގަންނަމުން ދިޔައެވެ. އެގޮތުގައި އެތައް ޒަމާނެއް ފާއިތުވެދިޔަ ފަހުން އަނެއްކާވެސް އޭނާއަށް ބަލިމަޑުކަމެއް ޖެހި އެބަލީގައިވެސް ދެންމެދެންމެ މަރުވެދާނެހެން ހީވާހާ ހާލުބޮޑުވިއެވެ. އަދި މިފަހަރުވެސް ކުރިން ފަހަރުހެން ދަރިފުޅުލައްވާ ޤުރުޢާން ގެނެސް އެ ޤުރުޢާނުން މިންވަރެއް ކިޔެވުމަށްފަހު ﷲ އަށް ދުޢާކުރިއެވެ. އަދި އެފަހަރުވެސް ﷲ ގެ ހެޔޮ ރަހުމަތުން އޭނާއަށް ޝިފާ ލިބި ބަލިމަޑުކަން އޭނާގެ ކިބައިން އުފުއްލެވިއެވެ. ނަމަވެސް ﷲގެ ރަހުމަތުން ބަލިފަސޭހަ ވުމުން އަނެއްކާވެސް އިހުގެ އުޅުން އުޅެންފެށިއެވެ. ރާ ބުއިމާއި ފާފަތަކަށް އަރައިގަތުމުގައި އަވަދިނެތި އުޅެންފެށިއެވެ. ކުރި އަޙުދުގެ މަތިން ހަނދާންވެސް ނެތް ކަހަލައެވެ.

އެންމެ ފަހުން އަނެއްކާވެސް އެކުވެރިޔާ ބަލިވިއެވެ. އަދި ހާލުބޮޑުވެ ފުރާނަ ދޫކޮށްދާހާ ހާލުބޮޑުވިއެވެ. އެހެންކަމުން އެހެން ފަހަރުތަކޭ އެއްފަދައިން ގޭގެމެދުގައި ބަހައްޓާފައިވާ އެނދުގައި އޮވެ ޤުރުޢާން ގެނެސްދިނުމަށް އެދުނެވެ. ނަމަވެސް މިފަހަރު ޤުރުޢާން ހުޅުވާލުމުން އެންމެ އަކުރެއްވެސް ކިޔާކަށް ނޭނގުނެވެ. އެތައް ފަހަރަކު މަސައްކަތް ކުރުމުންވެސް އެއްގޮތަކަށްވެސް ކިޔަން އެނގޭވަރެއް ނުވިއެވެ. އެހެންކަމުން އެކުވެރިޔާއަށް ކަށަވަރުވީ އެހިސާބުން ﷲ ސުބުހާނަހޫ ވަތައާލާ އޭނާގެ މައްޗަށް ކޯފާލެއްވިކަމެވެ. އަދި އުޑާ ދިމާލައް ބޯ އުފުލާލާ ދެންނެވިއެވެ. "އޭ އުޑުތަކާއި ބިމުގެ ބާރުވެރިކަން މިލްކުވެވޮޑިގެންވާ އިލާހެވެ. މިއަޅާ މި ބަލިމަޑުކަމުން ސަލާމަތް ކުރައްވައި ޝިފާދެއްވަވާދެއެވެ." ނަމަވެސް އެހިނދު ކާކުކަން ނޭނގޭ އަޑަކުން އޭނާއަށް މުޚާތަބުކޮށް ބުނާއަޑު އިވުނެވެ. "ތިބާ ތަޢުބާ ވަނީ ބަލިވުމުންނެވެ. ސިއްހަތު ސަލާމަތުން ހުންނަން ލިބުމާއެކު ފާފަތަކަށް އެނބުރިދެއެވެ. ކިތައް ބަލިމަޑު ކަމާއި މުސީބާތުން ތިބާ ފިއްލަވައި ސަލާމަތް ކުރައްވައިފި ތޯއެވެ؟ ތިޔަ ހާލުގައި ވަނިކޮށް ތިބާގެ ފުރާނަ ހިއްޕަވާފާނެ ކަމާމެދު ބިރުވެތި ނުވަނީތޯއެވެ؟"

އެކުވެރިޔާގެ ވާހަކަތައް މި ހިސާބަށް ދިޔައިރު ޢައްމާރު ދެ ދެލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. އަދި އޭނާގެ ކައިރިން ނިކުތުމަށް އަވަސްވެގަތެވެ. ނަމަވެސް ގޭގެ ދޮރާ ހަމަޔަށް ނުދެވެނީސް އޭނާ މަރުވެއްޖެއޭ ގޮވާލާ އަޑު ޢައްމާރަށް އިވުނެވެ.
ސުބުޙާނަﷲ އެވެ.

ނޯޓް: މި ވާހަކައަކީ masjidisa.com ވެބުސައިޓުން ނަގައި ތަރުޖަމާކުރެވިފައިވާ ވާހަކައެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *