Support Us

ބައްޕަގެ ނަސޭހަތް: ލޯބިވާ ދަރިފުޅާއެވެ.

ލޯބިވާ ދަރިފުޅާއެވެ.

ދިރިއުޅުމަކީ އިމްތިހާނެކެވެ. ސުވަރުގޭގައި ހަމަ ކަށަވަރުން ދަރަޖަތަކެއްވެއެވެ. ﷲ ތައާލާ ލޯބިވެވޮޑިގެންވާ އިންސާނާއަށް ވަކި ދަރަޖައެއް ދެއްވުމަށް އެކަލާނގެ ބޭނުންވެވޮޑިގެންވާ ހިނދު އެ އިންސާނާގެ އަމަލުތަކުން އެދަރަޖަ ލިބެން ނެތް ހިނދު ދަތި އުނދަގޫތަކުން އެކަލާނގެ އެ އިންސާނާ އިމްތިހާނު ކުރައްވަތެވެ. ހަމަ ކަށަވަރުން ދަތިތަކާއި އުނދަގޫތައް ކުރިމަތިވާ ހިނދު މާޔޫސްނުވެ އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު ﷲ ތައާލާ އަށް ދުޢާ ދަންނަވައި ވާތްގާއި މަދަދަށް އެދޭ ފަރާތްތަކާ އެކު އެކަލާނގެ ވޮޑިގެންވެއެވެ. އަދި އެ އިންސާނާއަށް ގިނަގުނަ ދަރުމަ އާއި ސަވާބު ދެއްވަތެވެ. އޭގެ ސަބަބުން އެ އިންސާނާގެ ދަރަޖަ އެކަލާނގެ ހަޒުރަތުގައި އުފުލިގެންދެއެވެ.

ދަރިފުޅާއެވެ. ދިރިއުޅުމުގައި ދެ ދުވަސް އެއް ގޮތެއްގައި ދެމިނުއޮންނާނެއެވެ. ދިރިއުޅުން ބިނާވެގެންވަނީ:

  1. އުފަލާއި،
  2. އަރާމާއި،
  3. ހިތްހަމަޖެހުމާއި،
  4. ނިއުމަތްތަކާއި،
  5. ހިތްދަތިކަމާއި،
  6. ދަތިއުނދަގޫތަކާއި
  7. ވޭނާއި ހިތާމައިގެ މައްޗަށެވެ.

މިއިން ކޮންމެ ކަމަކީވެސް އިމްތިހާނުކުރެއްވުމެކެވެ.

ވީމާ، އުފަލާއި އަރާމާއި ހިތްހަމަޖެހުމާއި ނިއުމަތްތައް ލިބޭ ވަގުތު ތަކުގައި ﷲ ހަނދުމަކޮށް އެކަލާނގެ އަށް ތަސްބީހަ ކިޔައި ޝުކުރު ކުރުމުގައި ދެމިހުންނާށާއި ހިތްދަތިކަމާއި ދަތި އުނދަގޫތަކާއި ވޭނާއި ހިތާމަ ކުރިމަތިވާ ވަގުތު ތަކުގައި މާޔޫސްނުވެ ކެތްތެރިކަމާ އެކު ﷲގެ ހަޒުރަތުން ވާތްގާއި މަދަދަށް އެދުންމަތީ ދެމިތިބުމަށް ބައްޕަ ނަސޭހަތްތެރިވަމެވެ. އެގޮތް ތިޔަކުދިންނަށް ހެޔޮކަންބޮޑެވެ.

ހަމަ ކަށަވަރުން ޝުކުރުކުރާ މީހުންނާއި ކެތްތެރީންނާއެކު ﷲ ވޮޑިގެންވެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި އިންސާނާއަށް މަގު އޮޅުވާލައި، ﷲ އާ ދުރުކުރުވުމަށް ވަސްވާސް ދިނުމަށް ލައުނަތްލެއްވިގެންވާ ޝައިތޯނާ ބަލަބަލާ އޮވެއެވެ. ތިޔަކުދިން ހަނދާން ބަހައްޓަންވީ ކަމަކީ އެއްވެސް އިންސާނަކަށް ނުއުފުލޭވަރުގެ ހިތާމައަކާއި ބުރައެއް ﷲ ތައާލާ ނުޖައްސަވާނެކަމެވެ. މިފަދަ ހާލަތެއް މެދުވެރި ކުރެއްވުމަކީވެސް އިމްތިހާނެއްކަމެވެ. އެކަލާނގެ ކިބައިން އުއްމީދު ކަނޑާލުމެއްނެތްކަމެވެ. އަދި ނިއުމަތްތައް ލިބި ހިތްހަމަޖެހުމާއި އުފާފާގަތިކަން ލިބޭހިނދުވެސް ބޮޑާވެގަތުމާއި ކިބުރުވެރިވުން ނެތްކަމެވެ. ތިޔަކުދިން ހަނދާން ބަހައްޓަންވީ ކަމަކީ މިފަދަ ނިއުމަތްތައް ދެއްވި ފަރާތުން އެ ނިއުމަތްތައް ގެންދަވަންވެސް ކުޅަދުންވަންތަކަމެވެ. ވިމާ، މިފަދަ ކޮންމެ ހާލަތެއްގައިވެސް ﷲ އަށް ކުއްތަންވުމަށް ބައްޕަ ތިޔަކުދިންނަށް ނަސޭހަތްތެރިވަމެވެ.

ބައްޕަގެ ދުޢާ އަކީ ތިޔަކުދިންނަށް ﷲ ތެދުމަގު ދެއްކެވުމާއި، އެމަގުގައި ތިޔަކުދިންގެ ފައިތިލަތައް ސާބިތު ކުރެއްވުމާއި އުފަލާއި ހިތްހަމަޖެހުމާއި ތަނަވަސްކަން ލިބޭ ވަގުތު އެކަލާނގެއަށް ޝުކުރުވެރިވާ، ދަތި އުނދަގޫތައް ކުރިމަތިވާ ވަގުތު ކެތްތެރިކަމާއެކު އެކަލާނގެ ކިބައިން ވާތްގަށް އެދޭ، އަދި ތިޔަކުދިންނީ ﷲއަށް ކިޔަމަންތެރި، ޝުކުރުކުރާ، ހެޔޮލަފާ، ސާލިހު، ތަޤުވާވެރި، ނަމާދު ޤާއިމްކުރާ، އަދި މި ދުނިޔެ ދޫކޮށް މަރުވެ ގޮސްފައިވާ ތިޔަކުދިންގެ ލޯބިވާ މަންމަ އަށް ފޫހިވުމެއް ނެތި ހެޔޮ ދުޢާ ކުރުންމަތީ ދެމިތިބޭ ބަޔަކު ކަމުގައި ލެއްވުމެވެ. أمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *