...

Support Us

ކޮލަމް މާޒީ: އިސްލާމީ ވަޙުދަތު ޙިމާޔަތްކުރާން ޖެހެނީ ކީއްވެގެން؟

މިއަދަކީ، އެހެން ގޮތަކަށް ދަންނަވާނަމަ، 1443 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހު ދެވަނަ ދުވަހަކީ، ރާއްޖެ އިސްލާމްވިތާ 895 އަހަރު ފުރޭ ރާއްޖެ އިސްލާމްވީ ދުވަހެވެ. އާދޭހެވެ! އިސްލާމް ދީނުގެ ހިދާޔަތުގައި ރާއްޖެ ލަހައްޓަވާތާ 895 އަހަރު ވީއެވެ. މި ނިޢުމަތުގައި އަޅުގަނޑުމެން ދެމި ތިބޭތާ ނުވަ ގަރުނާ ކައިރިވީއެވެ. އަލްޙަމްދު ލިﷲ އެވެ! މިހާ ދިގު މުއްދަތެއްގައި އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަކީ ވެސް ވަރަށް މަތިވެރި ނިޢުމަތެކެވެ. މި ކަމަށްޓަކައި ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރުމަކީ މި ނިޢުމަތް ދެމިއޮތުމަށްޓަކައި އަޅުގަނޑުމެން ކުރާންޖެހޭނެ ކަމެކެވެ. އަދި ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުމަށް މާތް ﷲ ސަބަބުވެރިކުރެއްވި ދަރުމަވަންތަ ރަސްގެފާނަށާއި އެ ރަދުންނަށް އިސްލާމްދީނަށް ގޮވައިލެއްވި މައުލާނާ އަލްޙާފިޡު އަބުލްބަރަކާތު ޔޫސުފް އަލް ބަރުބަރީއަށް ހެޔޮ ދުޢާކުރުމަކީ ވެސް އަޅުގަނޑުމެންނަށް ލާޒިމުކަމެކެވެ.

އެއްވެސް ޝައްކެއް ނެތެވެ. ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ހިދާޔަތެވެ. މި މަތިވެރި ނިޢުމަތް ދިވެހީންނަށް މާތް ﷲ މިންވަރުކުރެއްވި ކުރެއްވުމަކީ ދިވެހީންގެ ހެޔޮ ނަޞީބެވެ. އިސްލާމްދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ ދީނެވެ. ދިވެހި ތާރީޚު ދިރާސާކޮށްފި އެއްވެސް މީހަކަށް އޮޅުމެއް ނެތި އެނގޭން އޮތް ޙަޤީޤަތަކީ ދިވެހި ޤައުމިއްޔަތު ބިނާވެގެން އައީ އިސްލާމްދީނުގެ މަތިވެރި ނޫރުން ލިބުނު އަލިކަމުގެ ސަބަބުންކަމެވެ. ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭންފެށިތާ އެތައް ހާސް އަހަރެއްވެއްޖެކަން މިއަދުގެ ހޯދުންތަކުން ހާމަވެއެވެ. އެހެންނަމަވެސް ދިވެހީންގެ ތާރީޚު ސާފުކޮށް ފެންނަން އޮތީ ރާއްޖެ އިސްލާމްވީ ފަހުންނެވެ. އޭގެ ކުރީގެ ތާރީޚު ވަނީ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށް ގޮސް އޮބައިލައިފައެވެ.

އިސްލާމް ދީނަކީ ދިވެހީންގެ ޤައުމީ ވަޙުދަތު އެންމެ ވަރުގަދަޔަށް ހިފަހައްޓައިދޭ ވަސީލަތެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އެއް އަސާސެވެ. އެހެންކަމުން ރާއްޖެ އިސްލާމްވީ ޙާދިސާއަކީ ދިވެހީންގެ ތާރީޚު ބަދަލުކޮށްލި އެންމެ ވަރުގަދަ ހާދިސާކަމުގައި ދަންނަވާންޖެހެއެވެ. އެއީ ދިވެހީންގެ ވަރުގަދަ ޤައުމިއްޔަތެއް ބިނާވުމުގެ އެންމެ މުހިއްމު ސަބަބުވެސްމެއެވެ.

ދިވެހީންގެ ސަގާފަތުގައި ހިމެނޭ މަތިވެރި ސިފަތައް ދިވެހީންގެތެރޭގައި އަށަގަނެ އާލާވެގެންއައީ އިސްލާމް ދީނުގެ ސަބަބުންނެވެ. އެއްކައުވަންތަ ކަލާނގެއަށް އިޢުތިމާދުކުރުމާއި އެކަލާނގެއަށް ވަކީލުކުރުމުގެ ހަރުދަނާ ޢަޤީދާ ދިވެހީން ދަސްކުރީ އިސްލާމް ދީނުގެ ތައުލީމާތުންނެވެ. ހެއްދެވި ފަރާތަށް ދުޢާކުރުމަކީ އެންމެ ވަރުގަދަ ހަތިޔާރުކަމުގައި ދިވެހީންނަށް ދަސްކޮށްދިނީ މި މަތިވެރި އީމާނެވެ. ސައްޔާޙުންނާއި މުއައްރިޚުންގެ ދޫތަކުން ދިވެހީންނަށް ތަޢުރީފުކުރީ އިސްލާމް ދީން އުނގަންނައިދިން ސިފަތަކުގެ ސަބަބުންނެވެ. ދިވެހީންގެ ސަގާފަތުގައި ހިމެނޭ، މެހުމާނުންނަށް ކަމޭ ހިތުމާއި މެހުމާނުދާރީ އަދާކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަކީ އިސްލާމްދީން ދަސްކޮށްދިން މަތިވެރި ސިފަތަކެކެވެ. ސާފުތާހިރުކަމާއި މުޞީބާތަށް ކެތްކުރުމާއި ލިބޭ މިންވަރަށް ޝުކުރުކުރާން ދަސްކޮށްދިނީ މި މާތް އިސްލާމްދީނެވެ. މި ފަދަ މަތިވެރި ސަގާފަތެއްގެ ސަބަބުން ދުނިޔޭގެ ތާރީފު ދިވެހީންނަށް އޮހިފައިވަނީ އިސްލާމް ދީނުގެ ސަބަބުންނެވެ.  އެހެންކަމުން ޤައުމީ ގޮތުން ފާހަކުރާން މިއަށްވުރެ ވަކި މުހިންމު މުނާސަބަތެއް ކޮބައިތޯއެވެ؟

ދިވެހިރާއްޖޭގައި "ރާއްޖެ އިސްލާމްވީ ދުވަސް" ފާހަގަކުރާ މިއީ 35 ވަނަ އަހަރެވެ. ރާއްޖެ އިސްލާމްވީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފެށިކަން އެނގިފައިވަނީ ހިޖުރައިން 1374 ވަނަ އަހަރުއެވެ. އެއީ ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލްއައްވަލު (ކީރިތި މަހާރަދުން)ގެ ރަސްކަމުގައެވެ. އޭރު ސަރުކާރު ހިންގެވުމުގެ އިސްވެރިޔަކަށް ހުންނެވީ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ.  އެ އަހަރުން ފެށިގެން 14 އަހަރު އެދުވަސް ފާހަގަ ކުރުމަށްފަހު، އެކަން ވަނީ ހުއްޓިފައެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށް ކަމުގައި ނުވާނަމަ، 33 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން މި ދުވަސް ފާހަގަކުރާން ފެށިތާ މިއީ 21 ވަނަ އަހަރެވެ. އެއީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ރާއްޖޭގެ އިސްލާމީ ރޫޙު އިތުރުކުރައްވާން ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން ފެއްޓެވި މަސައްކަތްޕުޅެކެވެ. 2000 ވަނަ އަހަރުން ފެށިގެން  ފާހަގަކުރައްވާން އަލުން ފެއްޓެވި ދުވަހެކެވެ.

އާދޭހެވެ! ދުނިޔޭގައި ތަފާތު ދީންތަކުގެ މީހުން އެއް މުޖުތަމަޢެއްގައި އުޅޭ ޤައުމުތައް ވަރަށް ގިނައެވެ. ލާދީނިއްޔަތަށް ވާގިވެރިވާ މީހުން އެންމެ ބޮޑަށް ފާހަގަކުރަނީ މި ނުކުތާއެވެ. ބަޔަކު ކޮންމެ ގޮތަކަށް އުޅުނަސް ﷲ ގެ ދީން އެކަލާނގެ ޙިމާޔަތްކުރައްވާނެކަން މީހުންނަށް ވިސްނައިދެމުންނެވެ. ހަގީގީ މުސްލިމުންނާއި ކާފަރުން ވަކިވާނީ ތަފާތު ދީންތައް މަސްހުނިވެގެންނޭ ބުނެ މީހުންގެ ސިކުނޑިތަކަށް "ވިހަ" ޚިޔާލު ފޯރުކޮށްދެމުންނެވެ. އެފަދަ މީހުން، މީހުންނަށް ވިސްނައިދޭ ގޮތުގައި އަދި އެ މީހުން ޤަބޫލުކުރާ ގޮތުގައި ސެކިޔުލާރ (ލާދީނީ) ނިޒާމެއް ޤާއިމުކޮށްފި ނަމަ، ހިތުންރުހުމުން މުސްލިމެއްގެ ގޮތުގައި އުޅޭން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ބޮޑުވާނެއެވެ. އަދި މުސްލިމެއްގެ ގޮތުގައި އުޅޭން ބޭނުންވާ މީހުންނަށް އެ ކަމަކަށް އެއްވެސް ހުރަހެއް ވެސް ނޯންނާނެއެވެ. މިއީ މީހުންގެ ސިކުނޑިތަކަށް ވައްދައިދެމުން ގެންދާ ވަރަށް ބޮޑު އޮޅުވައިލުމެކެވެ. ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ނުކުތާއެކެވެ.

ދިވެހިރާއްޖޭގައި ސެކިޔުލާރ (ލާދީނީ) ނިޒާމެއް ޤާއިމުކޮށްފި ނަމަ (މާތް ﷲ އެ ގޮތަށް މިންވަރު ނުކުރައްވާށިއެވެ!) އިސްލާމް ދީން ޙިމާޔަތްކުރާކަށް ދިވެހި ސަރުކާރަކަށް ލާޒިމެއް ނުވާނެއެވެ. އޭރުން ދީނީ ކަމެއްގެ ގޮތުގައި ބަލާނީ ހަމައެކަނި ޢިބާދާތެވެ. އޭރުން ދީނޭ ކިޔައިގެން މީހުން އުޅޭ ހުރިހާ ފަލްސަފާއެއް ތަންފީޒުކުރާން އެންމެންނަށް ހަމަހަމަ ގޮތެއްގައި ފުރުޞަތު ފަހިވާނެއެވެ. އެ ގޮތަށް އެކަންކުރާން ޤާނޫނުތަކުން ސަރުކާރަށް ލާޒިމު ވެސް ކުރާނެއެވެ. ސެކިޔުލާރ (ލާދީނީ) ނިޒާމަކީ ނުވަތަ ޢަލްމާނިއްޔަ ފިކުރުގެ މައިގަނޑު މަޤުޞަދަކީ މިއީއެވެ. އޭރުން ދީނަކީ ސަރުކާރުން ބެހޭ ކަމަކަށް ނުވާނެއެވެ. އެކަންކަމާ ޙަވާލުވެގެން އުޅޭނީ އެކިއެކި ޖަމާޢަތްތަކެވެ. މަދަނީ ޖަމްޢިއްޔާތަކެވެ.

އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރާ ގޮތުގައި މުޅި އިންސާނީ ދިރިއުޅުން ބިނާވެފައިވަނީ ދީނުގެ މަތީގައެވެ. ކޮންމެ ކަމަކީ ވެސް ދީނީ ކަމެކެވެ. ވެރިކަންކުރުމަކީ ވެސް ދީނީ ކަމެކެވެ. ދޭދޭ މީހުން ކުރާ މުޢާމަލާތަކީ ވެސް ދީނީ ކަމަކެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ޢަމަލަކީ ވެސް އިސްލާމީ ޝަރީޢަތުގެ ދާއިރާގެ ތެރޭގައި ކުރާންޖެހޭނެ ކަމެކެވެ. ދީނާ އެއްވެސް ކަމެއް ވަތްކެއް ނުކުރެވޭނެއެވެ. ދީނާއި ސިޔާސަތު ވަކިކުރުމުގެ ވާހަކައަކީ ޝައިޠާނީ ގޮވައިލުމެކެވެ. އިސްލާމީ ޤައުމެއްގައި ހުރިހާ ކަމެއް އޮންނާންޖެހޭނީ ދީނީ ގިޔުގަނޑުގެ ތެރޭގައެވެ. އިޖުތިމާޢީ، ސަގާފީ، ސިޔާސީ، ޤާނޫނީ ހުރިހާ ކަމެއް ވެސް އޮންނާންޖެހޭނީ މި އިމުގެ ތެރޭގައެވެ. އެހެނީ އިސްލާމީ ނަޒަރުގައި ދީނުގެ މާނައަކީ އިންސާނާ ދިރިއުޅޭންވީ ގޮތެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ދީނުގައި ޝާމިލުވެގެންވެއެވެ. މި ކަންކަން ސަރުކާރުން ބަލަހައްޓަވާން ވެސް ޖެހޭނެއެވެ. މުސްލިމު ޤައުމެއްގައި ސަރުކާރުގެ އެންމެ މައިގަނޑު މަސްއޫލިއްޔަތަކީ ދީނީ ވަޙުދަތު ޙިމާޔަތްކުރުމެވެ. ތައުޙީދުގެ އަޑު އުފުލުމެވެ. ވީމާ މުސްލިމު ޤައުމެއްގައި ޢަލްމާނިއްޔަތަށް ނުވަތަ ސެކިޔުލަރިޒަމަށް ކުޑަވެސް ޖާގައެއް ދެވިގެންނުވާނެއެވެ.

މުސްލިމުންނަށް ވުމަކީ އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ މަޖުބޫރުކަމެކެވެ. މިއީ ވަރަށް ސާފު ޞަރީޙަކަމެކެވެ. މިކަން އެނގެނީ ﷲގެ މާތް ބަސްފުޅުތަކުންނެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ.” إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ وَمَا اخْتَلَفَ الَّذِينَ أُوْتُواْ الْكِتَابَ إِلاَّ مِن بَعْدِ مَا جَاءهُمُ الْعِلْمُ بَغْيًا بَيْنَهُمْ وَمَن يَكْفُرْ بِآيَاتِ اللّهِ فَإِنَّ اللّهِ سَرِيعُ الْحِسَابِ” (“ހަމަކަށަވަރުން، اللَّهގެ ޙަޟުރަތުގައި، ދީނަކީ، އިސްލާމްދީނެވެ. އަދި، ފޮތް ލިބުނު މީހުން އެއުރެންނަށް (ޙައްޤުގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން ޚިލާފުވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ޙަސަދަވެރިކަމުގެ ގޮތުންނެވެ.  اللَّهގެ އާޔަތްތަކަށް ކާފިރުވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، ޙިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.”) (سورة آل عمران:19). މިއާޔަތުން ވަރަށް ސާފުކޮށް އަންގަވައިފައިވާ ގޮތުގައި އިސްލާމް ދީން އެ މީހަކާ ހަމަޔަށް ފޯރުމަށް ފަހު، އެކަމާ ދެކޮޅު ހަދާނީ ޙަސަދަވެރިކަމުގެ ގޮތުންނެވެ. އެފަދަ މީހުން އެވަނީ ﷲ އަށް ކާފިރުވެފައެވެ. ހުރިހައި ކަމެއް މޮޅަށް ހިސާބު ބައްލަވައި މީސްތަކުންނަށް ޙައްޤު ޖަޒާ މާތްﷲ ޢަދުލުވެރިކަމާއެކު ދެއްވާނެކަން ދަންނަން ޖެހޭނެއެވެ. އެހެންކަމުން ކާފިރުންނަށް ހުރީ ކަނޑައެޅިގެން ނަރަކަކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ. ވީމާ، އިސްލާމް ދީނަކީ އިޚުތިޔާރީ އެއްޗެއް ނޫންކަން ވަރަށް ސާފެވެ. އެހެނީ ﷲ އިންސާނާ ހެއްދެވީ އެކަލާނގެއަށް އަޅުކަންކުރާށެވެ. ހަމައެކަނި އެކަލާނގެއަށް ކިޔަމަންތެރިވާށެވެ. އިސްވެ ދިޔަ އާޔަތުން ސާބިތުވާ އަނެއް ކަމަކީ ﷲގެ ޙަޟުރަތުގައި “އިސްލާމް ދީން” ފިޔަވައި އެހެން އެއްވެސް ދީނެއް ނުވާކަމެވެ. ދީނޭ ކިޔައިގެން މީހުން އެ އުޅެނީ ބާޠިލު ފަލްސަފާތަކަކަށެވެ.

ކީރިތި ޤުރުއާނުގެ އާލުޢިމްރާނު ސޫރަތުގެ އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.”وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ “("ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ގަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.") (سورة آل عمران:85) މިއާޔަތުން އެނގޭ ގޮތުގައި ވެސް ދީނެއްގެ ގޮތުގައި މީހަކު އެހެން ދީނެއް އެދުނު ކަމުގައި ވިޔަސް އެކަން ﷲ ޤަބޫލެއް ނުކުރައްވާނެއެވެ. އަދި ޤިޔާމަތްދުވަހުން އޭނާވާނީ ގެއްލި ހަލާކުވެގެންވާ އަބާއްޖަވެރީންގެ ތެރެއިންނެވެ.

އިސްވެ ދިޔަ އާޔަތްތަކަށް ވިސްނައިލުމުން އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބިފައިވުމީ ކޮންފަދަ ބޮޑު ނިޢުމަތެއްކަން ވިސްނައިގަންނާކަށް އުނދަގުލެއްނުވާނެއެވެ. މިއީ ދީނީ ވަޙުދަތު ޙިމާޔަތްކުރާންޖެހޭ އެންމެ މުހިއްމު އެއް ސަބަބެވެ. ﷲގެ މި މަތިވެރި ނިޢުމަތް ބީވެގެން ދިޔަ ނުދިނުމަށްޓަކައެވެ. މިކަމަށްޓަކައި ﷲއަށް އަބަދާއި އަބަދު ޝުކުރުވެރިވުމަކީ ވާޖިބު ކަމެކެވެ.

އިސްލާމްދީނަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމަޔަށް ވާޞިލުކޮށްދީފައިވާ މަތިވެރި ޤައުމީ ތަރިކައެކެވެ. މަތިވެރި އަމާނާތެކެވެ. މި ތަރިކަ ޙިމާޔަތްކުރުމަކީ މި އަމާނަތަށް ރައްކާތެރިވުމަކީ ޤައުމީ ގޮތުން ވެސް އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ސާފުކޮށް ފެންނާން އޮތީ ވެސް ދިވެހިރާއްޖޭގެ އަހުލުވެރީންނަށް އިސްލާމްދީނުގެ އަލިކަން ލިބުމަށްފަހުގައެވެ. ދިވެހި ޤައުމިއްޔަތެއް ބިނާވެގެން އައީ އޭގެ ފަހުންނެވެ. ދިވެހީންގެ އެއްބައިވަންތަކަމާއި ހުރިހާ ކަމެއް ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އަސާސްގެ މަތީގައެވެ. ވީމާ މި އަސާސަށް ގުޑުން އަރައިފި ނަމަ ޤައުމިއްޔަތަށް ލޮޅުން އަރާނެއެވެ. ޤައުމިއްޔަތު ފުނޑުފުނޑުވާނެއެވެ. ޤައުމިއްޔަތުގެ މައި ތަނބަކީ އިސްލާމްދީނެވެ. މި ތަނބު ބަލިކަށިވެއްޖެ ނަމަ، ޤައުމިއްޔަތު ބަލިކަށިވާނެއެވެ. އެ ތަނބު ނެތިއްޖެ ނަމަ ޤައުމިއްޔަތު އެކީއެކަށް ފުނޑުފުނޑުވާނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ޙިމާތްކުރުމުގެ މުހިއްމުކަން އެބަ ހާމަވެއެވެ.

އިސްލާމް ދީނަކީ ދިވެހީންގެ ޤައުމީ ޝަރަފެކެވެ. ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ފަޚުރުވެރި ނަން މި ދުނިޔޭގައި ލިބިފައިވާ އެންމެ ދެ ޤައުމުން ކުރެ އެއް ޤައުމުގެ ގޮތުގައި އިސްލާމީ ދުނިޔޭގައި މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިފައިވާ ޝުހުރަތަކީ ކޮންފަދަ މަތިވެރި ޝަރަފެއްތޯއެވެ! މި ސަބަބަށްޓަކައި، އަށް ސަތޭކަ އެތައް އަހަރެއް ފާއިތުވެގެން ދިޔަ އިރު ވެސް އަޅުގަނޑުމެންގެ ހިއްވަރުގަދަ ކާބަފައިން މި ޝަރަފު ދެމެހެއްޓިއެވެ. މިއަދު މި ޝަރަފު ދެމެހެއްޓުމަކީ މި ޖީލުގެ ބޮލުގައި އެޅިގައިވާ ވަރަށް ބޮޑު އަމާނާތެކެވެ. ޤައުމީ ވާޖިބެކެވެ. ވީމާ މި ޝަރަފު ދެމެހެއްޓުމަކީ ވެސް ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ޙިމާޔަތްކުރާންޖެހޭ އަނެއް ސަބަބެވެ.

ދިވެހީންނަކީ ކުދިކުދި ރަށްތަކެއްގައި ވަކިވަކި ޢާއިލާތަކެއްގެ ގޮތުގައި ދިރިއުޅޭ އެކުވެރި ބަޔެކެވެ. ކޮންމެ ރަށަކީ ވަކި ޢާއިލާއެއްފަދައެވެ. އެހައި އެކުވެރިއެވެ. އެއްބައިވަންތައެވެ. ދީނީ ބައިބައިވުން ނެތުމަކީ މި އެއްބައިވަންތަކަމުގެ އަސާސެވެ. މި އަސާސް ފުނޑުފުނޑުވެއްޖެ ނަމަ، ދުވަހަކު ވެސް ނުހުއްޓުވޭނެ އިޖުތިމާޢީ އަރައިރުމެއް ފެށިގެންދާނެއެވެ. މި އަރައިރުންތަކުގެ ނަތީޖާއަކަށްވާނީ އަހުލީ ތަޅައިފޮޅުމާއި ނިރުބަވެރި އަނިޔާވެރި ޢަމަލުތަކަށް މަގު ފަހިވުމެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ ދިވެހިރާއްޖޭގެ ތަރައްޤީ ހުއްޓި، ރައްޔިތުން ނިކަމެތިވެ ބިކަވުމެވެ.

ފިކުރުކުރައްވާށެވެ! އިސްލާމް ދީނުގެ ކުދިކުދި ފަރުޢީ މައްސަލަތަކުގައި ވެސް އުފެދިފައިވާ ކުދިކުދި އިޚުތިލާފުތަކުގެ ސަބަބުން ބައެއް ދެބަސްވުންތައް މިއަދު ވެސް އަޅުގަނޑުމެންނަށް ޙައްލުކުރާންޖެހެއެވެ. ވީމާ، ކުޑަކުޑަ އާބާދީތައް އޮންނަ މިއިން ރަށެއްގައި އެ މީހަކު ބޭނުން ދީނަކަށް އުޅެއް ހުއްދަދީފި ނަމަ، އަދި ތަފާތު ދީންތަކުގެ ނަމުގައި ގެންގުޅޭ ބާޠިލު ފަލްސަފާތަކުގެ މީހުން އަޅުކަން ކުރާނެ ތަންތަން މި ރަށްރަށުގައި ޤާއިމު ކޮށްފި ނަމަ، އެ އުފެދޭ އަރައިރުން ހުއްޓުވަން އަންނާނީ ކާކުތޯއެވެ؟ މި ފަދަ ދުވަހެއް އަތުވެއްޖެ ނަމަ (އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ނާންނާނެއެވެ.) ސަރުކާރު އޮންނާނީ ދީނާ ނުބެހޭ ވަކި ބަޔެއްގެ ގޮތުގައެވެ. ދެން ކަންތައް ވެގެންދާނެ ހިތާމަވެރި ގޮތް ތަޞައްވުރު ކޮށްލަން ވެސް ނޭނގޭނެއެވެ. ވީމާ، ދިވެހީންގެ އިސްލާމީ ވަޙުދަތު ފުނޑުފުނޑުކޮށްލާން ދުޝްމަނުން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ސަމާލުވެ އިސްލާމް ދީން ޙިމާޔަތްކުރާން ޖެހޭ އަނެއް ސަބަބަކީ މިއީއެވެ. ލާދީނިއްޔަތަށް މަގުފަހިވާ ގޮތަށް ހިނގޭ ޙަރަކާތްތަކަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭނެއެވެ. އެއީ ދީނީ ގޮތުން ކޮންމެ މުސްލިމެއްގެ މައްޗަށް، އަދި އިޖުތިމާޢީ ގޮތުން ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަން ގަބޫލުކުރާންޖެހެއެވެ.

މިއީ ދީނީ މައުޟޫޢެއް ނޫނެވެ. މިއީ ދިވެހީންގެ ޤައުމިއްޔަތާއި މިނިވަންކަމާ ގުޅިފައިވާ މައުޟޫޢެކެވެ. ދިވެހީންގެ ހަމަޖެހުމާއި ތަރައްޤީއާ ގުޅިފައިވާ މައުޟޫޢެކެވެ. ވީމާ، ދީނީ ގޮތުން ބަލާއިރު އެ މީހަކު ބޭނުން ދީނަކަށް އުޅެވޭނެޔޭ ބުނެ މީހުންގެ ސިކުނޑިތައް ޚަރާބުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. ދިވެހީންގެ އަމާންކަމާއި ހަމަޖެހުމާއި ތަރައްޤީ ފުނޑުފުނޑުކޮށްލާން ކުރެވޭ މަސައްކަތެކެވެ. ދިވެހިންގެ ސިޔާދަތާއި އަމިއްލަވަންތަކަން ނައްތައިލާން ކުރެވޭ ޢުދުވާނީ މަސައްކަތެކެވެ. އެއީ ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލާ ދެކޮޅަށް ކުރެވޭ މަސައްކަތެކެވެ. ދިވެހީންނަށް ދިވެހީން ބޭނުންނާ އިސްލާމް ދީން އެކަނި މި ރާއްޖޭގައި ބޭއްވުމުގެ ޙައްޤު އޮންނަންވާނެއެވެ. މިކަމަށް ހިތްހަމަނުޖެހޭ މީހުން ރާއްޖެ ދޫކޮށް އެހެން ކަރަކަރަޔަށް ވިލާތްވިލާތަށް ހިޖުރަކުރުން ހުއްޓެވެ.

އަނެއްކޮޅުން ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތައް އެއީ ދިވެހީން ބޭނުންވާ ގޮތަށް ދިވެހި ރައްޔިތުންގެ މަންދޫބުން ފަރުމާކޮށް ތަޞްދީޤުކޮށް ދިވެހީން ހިތުން ރުހުމުން ބަލައިގެންފައިވާ އުޞޫލުތަކެވެ. ދިވެހިރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަ ދޭކަށް ދިވެހި ރައްޔިތުން ބޭނުމެއް ނޫނެވެ. މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތުކަމުގެ ޙައްޤު އޮންނާންވާނެ ކަމަކަށް ދިވެހީން ޤަބޫލެއް ނުކުރެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ވެސް ބުނަނީ މި ވާހަކައެވެ. އެހެންވީމާ އެހެން ބަޔަކަށް މި ކަމާ ބެހެވިގެން ނުވާނެއެވެ. ބައިނަލްއަޤުވާމީ ޤަރާރުރުތައް ވެސް ބުނަނީ އެބަޔަކު ބޭނުން ދީނަކަށް އުޅުމުގެ ޙައްޤު އޮންނަންވާނެ ކަމަށެވެ. ދިވެހީން ބޭނުންވަނީ އިސްލާމް ދީނެވެ. އަދި ޙަޤީޤަތުގައި ޙައްޤު އެހެން ދީނެއް އޮންނަ ކަމަކަށް ވެސް ދިވެހީން ގަބޫލެއް ނުކުރެއެވެ. އެހެންވީމާ، ދިވެހީން އުޅޭން ބޭނުންވާ އިސްލާމް ދީނަށް ދިވެހީން އުޅުމުގެ ޙައްޤަކީ އެހެން ބަޔަކަށް ނިގުޅައިގަނެވިގެންވާނެ ޙައްޤެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުތައް ބައްޓަންކުރެވިފައިވާ ގޮތުން މި ކަމާ މެދު ބަހުސްކުރުމަކީ ޤާނޫނީ ގޮތުން ކުރެވިގެންވާނޭ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ދީނާއި ދައުލަތް ވަކިކުރާ ނިޒާމެއް (ސެކިޔުލަރިޒަމް) ގެންނަން ބަހުސްކުރުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. އެކަމަށް ފުރުޞަތު ދެވިގެން ނުވާނެއެވެ. އެކަން ކުރާ މީހުންނަށް އަދަބު ވެސް ދެވޭންވާނެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ވަނީ "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެވެ." މިފަދައިންނެވެ. އަދި "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު”ގެ 4 ވަނަ މާއްދާގެ (ހ) ގައިވަނީ "……މީހުންގެ މެދުގައި ދީނީ ގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލުކުރުމާއި މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރާން އުޅުމަކީ މަނާކަމެކެވެ." މިފަދައިންނެވެ.  އެހެންކަމުން ދިވެހީންގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުމެއް އަރައިދާނެ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނީ ކުށެކެވެ. ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ވެސް ރާއްޖޭގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުން ވާޖިބެވެ. ދައުލަތުގެ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންގެ މައްޗަށްވެހެވެ.

ދީނީ މިނިވަންކަމުގެ ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކައެކެވެ. އެތައް ޒަމާނަކުއްސުރެ، މި ރާއްޖެ އަތްދަށުލާން ޢަދުއްވުން ކުރާ މަސައްކަތުގެ ދަށުން ހިންގޭ ނުރައްކާތެރި ޙަރަކާތެކެވެ. މި ޙަރަކާތްތައް ރާއްޖޭގައި ހިންގުމަށްޓަކައި ތަމްރީނުކޮށްފައި ތިބެނީ ދިވެހީންނެވެ. ދިވެހި ތާރީޚުން ފެންނަން އޮތީ މި ހަގީގަތެވެ. މިއަދު ވެސް މި ހަގީގަތް ތަކުރާރުވަނީއެވެ. ވީމާ، ދީނީ ގޮތުންނާއި ޤައުމީ ގޮތުންނާއި ސަގާފީ ގޮތުން ބަލާއިރު ވެސް މި ރާއްޖޭގައި އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުމަކީ ދައުލަތުގެ މައްޗަށް އެކަން ވާޖިބުވާ ފަދައިން ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ވެސް ވާޖިބުކަމެކެވެ. އިސްލާމް ދީނާ އިދިކޮޅަށް އުފުލޭ އަޑުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ޝަރުޢީ އަދި ޤާނޫނީ ވާޖިބަކަށް ވާއިރު، އިސްލާމީ ވަޙުދަތު ޙިމާޔަތްކުރާން އަޑު އުފުލުމަކީ ކުށެއްކަމަށް ހަދާން ބަޔަކު މަސައްކަތްކުރުމަކީ ޣައިރު ޤާނޫނީ ޢަމަލެކެވެ. އިސްލާމީ ވަޙުދަތު ޙިމާޔަތްކުރާން އަޑު އުފުލުމަކީ ކުށެއްކަމަށް ނުވުމުގެ އިތުރަށް، އިސްލާމީ ވަޙުދަތު ޙިމާޔަތްކުރާން އަޑު އުފުލުމަކީ ޝަރުޢީ އަދި ޤާނޫނީ ވާޖިބެއް ވެސް މެއެވެ. ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުން މުހިއްމުވަނީ މި ދެންނެވި ބައެއް ސަބަބުތަކާއި ދެންނެވިފައިނުވާ އެތައް ސަބަބުތަކަކަށްޓަކައެވެ. ވީމާ، ދީނުގެ ޙައްޤުގައި ޤުރުބާންވެވަޑައިގަތް އަޅުގަނޑުމެންގެ ހިތްވަރުގަދަ ކާބަފައިންގެ ރޫހުން ހިތްވަރު ލިބި ތިބެ، މާތް ﷲ އަށްޓަކައި އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުމުގެ ޢަޒުމު ވަރުގަދަކުރުން ލާޒިމު ނުވޭތޯއެވެ!

މި ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ  ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ބަދަހި ކުރުމުގެ ދުވަހެއްގެ ގޮތުގައި ކަމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވައިފައެވެ. މީގެ އިތުރަށް "ރާއްޖެ އިސްލާމްވި ދުވަސް" ފާހަގަކުރުމަކީ ދަރުމަވަންތަ ރަސްގެފާނުގެ މަތިވެރި ޒިކުރާ އާކޮށް ދަމަހައްޓާން މަގުފަހިވާ ކަމެއްވެސް މެއެވެ. ދިވެހި ރާއްޖޭގައި މިހާރު ހުރި އެންމެ ޒަމާންވީ މިސްކިތް ކަމަށްބެލެވޭ ދަރުމަވަންތަ ރަސްގެފާނު މިސްކިތް ނިސްބަތްވަނީ މި ރަދުންނަށެވެ. އެނގިފައިވާ ގޮތުގައި މިއީ ދަރުމަވަންތަ ރަސްގެފާނުގެ ޒަމާނުގައި ބިނާ ކުރެއްވި މިސްކިތެކެވެ. 12 ރަބީއުލްއައްވަލް 1423 ގައި، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ހުޅުއްވައި ދެއްވި "މަސްޖިދުއް ސުލްތާނު މުހައްމަދު ބުނު އަބްދުﷲ" ވެސް ނިސްބަތްކުރެވިފައިވަނީ އެ ރަދުންގެ ނަންފުޅަށެވެ. މަޖީދިއްޔާ ސްކޫލް ދެބައިކުރުމަށްފަހު، 20 ޖެނުއަރީ 2002 ގައި ކިޔަވައިދޭން ފެށިފައިވާ ދަރުމަވަންތަ ސްކޫލް ނިސްބަތް ވަނީ ވެސް ހަމަ އެ ރަދުންނަށެވެ. ރާއްޖޭގެ އެންމެ އުސް ޢިމާރާތްކަމަށް ވާ ދަރުމަވަންތަ ހޮސްޕިޓަލް ނިސްބަތްވަނީ ވެސް ހަމަ ރަސްގެފާނަށެވެ. މި ކަންކަމުން އެނގެނީ ދިވެހީންގެ ހިތްތަކުގައި ދަރުމަވަންތަ ރަސްގެފާނަށް ދެވިފައިވާ ޤަދަރުގެ މަތިވެރިކަމެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. ދިވެހީންގެ ދެދުނިޔޭގެ ބާއްޖަވެރިކަމާ ގުޅިފައިވަނީ އިސްލާމް ދީނާއެވެ. ޝައްކެއް ނެތެވެ. ދިވެހި ރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމި އޮތްހާ ހިނދަކު އެ ރަދުންގެ ޒިކުރާއަކަށް ނިމުމެއް ނާންނާނެއެވެ.

ދެނެވަޑައިގެންވަމުތޯއެވެ؟ ސައްތައިން ސައްތަ ސުންނީ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމި އޮތުމުގެ ޝަރަފު ދިވެހިރާއްޖެއަށް ލިބިފައިވުމަކީ ބައެއް މީހުންނަށް ޤަބޫލުކުރާން ފަސޭހަ ކަމެއް ނޫނެވެ. މި ކަން ބަދަލުކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރާތާ އެއްތައް އަހަރެއް ވެއްޖެއެވެ. ރާއްޖެ އިސްލާމް ވީއްސުރެ މި މަސައްކަތް ގެންދަނީ ކުރަމުންނެވެ. މިހާރުވެސް މި މަސައްކަތަށް ހުއްޓުމެއް ނެތި އެބަ ކުރިއަށް ދެއެވެ. ތަފާތު މާގަތައް ބޭނުންކޮށްގެންނެވެ. މިއީ ހަމައެކަނި މި މުސްލިމު ދިވެހިރާއްޖެއަށް އޮތް ގޮންޖެހުމެއް ނޫނެވެ. އިސްލާމީ ހުރިހާ ޤައުމަކަށް ވެސް މި ގޮންޖެހުމާ ވަނީ ކުރިމަތިވެފައެވެ. އިސްލާމީ އުންމަތުގައި އޮތް އިޙުތިރާމްކުރުމުގެ ރީތި އާދައަށް ލޮޅުން އަރުވައިލައިފިއެވެ. ބައިބައިކުރުވައިފިއެވެ. ބައެއް ގައުމުތައް ސުންނާފަތިކޮށްފިއެވެ. އިންސާނީ ޙައްޤުގެ ނަމުގައެވެ. ޑިމޮކްރެސީގެ ނަމުގައެވެ. މިނިވަންކަމުގެ ނަމުގައެވެ. ނަމަވެސް މިއީ އިންސާނީ ޙައްގުތޯ، ޑިމޮކްރެސީތޯ، މިނިވަންކަންކަންތޯ ތިޔަ ބޭފުޅުންގެ އަމިއްލަ ނަފުސާ ސުވާލުކޮށްލައްވާށެވެ! މުސްލިމު ޤައުމުތަކަށް ވަމުންދާ ގޮތާ މެދު ޚިޔާލުކޮށްލައްވަބައްލަވާށެވެ! އެތެރޭގައި ހައިޖާނު އުފައްދައި ހުޅުފަޅައިގެން ގޮސް މުޅި މުޖުތަމަޢު ސުންނާފަތި ވަނީއެވެ. ހުރިހާ ދެރައެއް އެ ޤައުމުތަކުގެ ރައްޔިތުންނަށެވެ. ހުރިހާ ފައިދާއެއް ނަގައި ހަތިޔާރު ވިއްކައިލަވިއްކައިލައި ދުޝްމަނުން، މިތުރުންގެ ހެދުން އަޅައިގެން އެ ތިބެނީ އެއް ތުނބުން ހީނލަހީނލައެވެ.

އެހެންވީމާ އަޅުގަނޑުމެން ސަމާލުކަންދޭންޖެހެނީ އެވެރީން އެ ހޯދާން އުޅޭ އިންސާނީ ޙައްޤާމެދުގައެވެ. އެ މީހުން އެ ބޭނުންވާ ޑިމޮކްރެސީއަކީ ކޮބައިކަމާމެދުއެވެ. ޚިޔާލުފާޅުކުރުމުގެ ޙުދޫދާމެދުއެވެ. އާދޭހެވެ! ދެން އިތުރު ނުކޮށް މި ހިސާބުން މި ނިންމައިލަނީ ތިޔަ ބޭފުޅުންގެ ސިކުނޑިފުޅުތަކަށް މި ކަން ދޫކޮށްލަމުންނެވެ. މިކަންކަމާމެދު ކޮންމެ ރައްޔިތަކު ވެސް ސަމާލުވެ ވިސްނައި ފިކުރުކޮށް އިސްލާމީ ޢަޤީދާގެ މަތީގައި ސާބިތުވެ ތިއްބަވާން ތިޔަ ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަމުންނެވެ.

ކީރިތިވަންތަ މާތް ﷲ ދަރުމަވަންތަ ރަސްގެފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! ދިވެހިރާއްޖެ އިސްލާމީ ހިދާޔަތުގައި ތާއަބަދަށް ދަމަހައްޓަވާށިއެވެ! ދިވެހީން ދިވެހީންގެ ގޮތުގައި މިނިވަންކަންމަތީ އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ! އާމީން!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ވަރަށް ފުރިހަމަ އަދި އެހާމެ މުހިއްމު މަޒުމޫނެއް- ޝުކުރިއްޔާ އަޒީ.

    އާލުޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތުގައި ލިޔުމުގެ ކުށެއް އެބައޮތް
    فَإِنَّ اللّهِ سَرِيعُ الْحِسَابِ
    ޚަތިމުގައި އޮތީ ލަފްޡުލްޖަލާލާ އިސްމުފުޅުގައި އަބަފިލި.

    https://tanzil.net/#3:19

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *