...

Support Us

އާދަމުގެ ދަރިން ހިތެއް ނުފުރޭނެއެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. "ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން މީހަކު ﷲ ޙަޟްރަތުގައި ދަނޑުވެރިކަންކުރަން ހުއްދައަށް އެދުނެވެ. ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް ވަޙީކުރެއްވިއެވެ. "ތިބާއަށް ތިބާ އެދޭ ކަންތައްތައް ނުވޭ ހެއްޔެވެ؟" ދެންނެވިއެވެ. ނޫނެކެވެ. ނަމަވެސް އަހަރެން ދަނޑުވެރިކަން ކުރަން ލޯބިކުރަނީއެވެ.

ދެން (ހުއްދަ ދެވުމުން) އޮށްތައް އިންދުމުން ވަގުތުން ގަސްފަޅައިފިއެވެ. އަދި އެސްފިޔަ ޖަހާ ހިނދުކޮޅެއް ތެރޭގައި ގަސްތައް ލޮލުކޮޅަށް ނުފެންނަ ވަރަށް ހެދިގެން ގޮވާންކަނޑާ ވަރު ވެއްޖެއެވެ. އެގަސްތައް ފަރުބަދަތަކެއް ފަދައެވެ.

ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. އޭ އާދަމުގެ ދަރިޔާއެވެ. ގޮވާން ކަނޑާށެވެ. ތިބާގެ ހިތެއް އެއްވެސް އެއްޗަކުން ނުފުރޭނެއެވެ."

ދެން މި ޙަދީޘް އަޑުއަހާފައި އަޢުރާބީންގެ މީހަކު ބުންޏެވެ. "ތިޔަ ފަރާތަކީ ޤުރައިޝު ވަންހައިގެ ނުވަތަ އަންޞާރުންގެ ތެރެއިން މީހެއް ކަމުގައި ނޫނީ ނުވާނެއެވެ. ސަބަބަކީ ދަނޑުވެރިންނަކީ އެބައިމީހުންނެވެ. އަހަރެމެންނަކީ ދަނޑު ހައްދާ ބައެއްނޫނެވެ." ދެން ކީރިތި ރަސޫލާ ﷺ ހިނިވަރުނަ ކުރެއްވިއެވެ. (މަޞްދަރު ޞަޙީޙުލް ބުޚާރީ)

މި ވާހަކައިން ލިބޭ ޢިބުރަތްތައް:-

ހ. ސުވަރުގޭގައި ދުނިޔޭގެ ކަންކަމުގެ ތެރެއިން ހިތްއެދޭ ކޮންމެ ކަމެއް ކުރެވޭނެކަން.

ށ. އަދި މީސްތަކުން އެބައިމީހުންގެ ޢާންމު އާދަތަކުން ސިފަކުރުން ހުއްދަކަން.

ނ. ދުނިޔޭގައި ޢާންމުކޮށް ކޮށްއުޅުނު ކަންތައްތަކަށް އިންސާނުން ވަނީ ހޭނިފައިކަން.

ރ. ލިބޭ މިންވަރަކުން ފުއްދުމުގެ މާތްކަން.

ބ. ﷲ ރަޙުމަތުގެ ތަނަވަސްކަން.

ޅ. އަދި މި ޙަދީޘްގެ ޝަރަޙާގައި އިމާމު އިބުނު ޙަޖަރު ފަތުޙުލް ބާރީގައި ވިދާޅުވެފައިވެއެވެ. "މި ޙަދީޘްގައި ލިބޭ މިންވަރަށް ރުހުމުގެ މޮޅުކަން އެނގިގެންދެއެވެ. އަދި ނުބައިކަންކަން ނުރުހިގެންވާ ކަމަށް އެނގިގެންދެއެވެ. އަދި ފަހުންވާނެ ކަންކަން (އެހެނީ ސުވަރުގޭގައި އެކަން ވާނެ ކަމަކީ ފަހުންވާނެކަމެކެވެ.) ނިމިފައިވާ ކަމެއްގެ ގޮތުގައި އެޞީޣާއިން ޚަބަރުކުރުން ވާކަން އެނގެއެވެ."

ކ. ސުވަރުގޭގެ ނިޢުމަތްތަކުގެ ތަނަވަސްކަމާއި އަދި ބޭނުންކޮންމެ ކަމެއް ވާނެކަން މި ޙަދީޘުން ދަލީލު ލިބެއެވެ. އެހެންކަމުން ސުވަރުގެ ލިބޭތޯ ގަދައަޅައި މަސައްކަތްކޮށް ﷲ ޙަޟްރަތާއި އެއިލާހު ރުއްސަވާ ގޮތުގައި ބައްދަލު ކުރުމުގެ ތައުފީޤު ދެއްވާތޯ ދުޢާކޮށް ހެޔޮ ޢަމަލުކުރުން ގިނަކުރަން ޖެހެއެވެ.

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ އެންމެންގެ ކަންތައްތައް އިޞްލާޙުކުރައްވައި އެއިލާހު ރުއްސަވާ ހާލު ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލުކުރާ ބައެއްކަމުގައި ލެއްވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *