...

Support Us

އޭ މަންމާއެވެ. އަހުރެން މާތްﷲގެ ދީން ދުލެއް ނުކުރާނަމެވެ.

ސަޢުދު ބުން އަބީ ވައްޤާސް ރަޟިޔަﷲ އަންހް އިސްލާމްވެ ވަޑައިގަތީ މާތްﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނުގެ ގޮވައިލެއްވުމަކަށެވެެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 19 އަހަރެވެ. ބައެއް ރިވާޔަތްތަކުގައި އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 17 އަހަރުފުޅު ކަމުގައިވެސް ބުނެވެއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ބޮޑެތި ފިރިހެނުން ކުރެ ތިންވަނަ އަށް ކަމަށާއި ހަތްވަނަ އަށް ކަމަށްވެސް ރިވާވެގެންވެއެވެ. ސައުދުގެފާނަކީ އިސްލާމްދީނަށް ކުރިއަރައި އަވަސްވެވަޑައިގަތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ.

ސައުދުގެފާނު އިސްލާމްވެވަޑައިގެންނެވި އިރު އެކަލޭގެފާނުގެ މައިކަމަނާ ޙިމްނާ އިންނެވީ އުމައްޔަތުވަންހައިގެ އެހެންވެސް ބޭފުޅުންނެކޭ އެއްފަދައިން ކާބަފައިންގެ ދީންމަތީގައެވެ. އެހެންކަމ އެކު ދަރިކަލުން އިސްލާމްވެވަޑައިގަތް ޚަބަރު ލިބުމާ އެކު ވަރަށް ބޮޑަށް ކޯފާއިސްކުރައްވައި މުޅިތަން ހަލަބޮލިކޮށްލިއެވެ. އެކަމަނާ ކޯފާވެ ހަޅޭއްފުޅުލަވާ އަޑަށް މީހުންތައް އެއްވިއިރު މާތްﷲ ރުއްސުންލެއްވި ސައުދުގެފާނު ކަންބޮޑުވެ ހިތާމަކުރާ ހާލު ގޭގެ އެއްފަރާތެއްގައި އިންނެވިއެވެ. އެކަލޭގެފާނު މައިކަމަނާ އެތައް އިރެއްވަންދެން ކީރިތިކުރައްވައި ހަޅޭއްފުޅުލެއްވުމަށްފަހު ވިދާޅުވިއެވެ. "ކަލޭ އެ މުޙައްމަދު (ﷺ) ގެ ރަސޫލުކަން ދޮގުކޮށްފުމަށް ދާންދެން އަހުރެން އެއްވެސް އެއްޗެއް ކައިބޮއި ނަހަދާހުށީމެވެ. އަދި އެއްވެސް ހިޔާވައްސަކަށްވެސް ނުވަންނަހުށީމެވެ. މައިމީހާއަށް ކިޔަމަންވުމަކީ ﷲވެސް އެކަމަށް އަމުރުކުރައްވާ ކަމެކެވެ. އެހެންވީ އިރު ކަލޭ އަހުރެންގެ އަމުރަށް ނުކިޔަމަންތެރި ވެއްޖެނަމަ ﷲ އުރެދި މައިމީހާ އާއިވެސް ވަކިވީއެވެ.”

މާތްﷲ ރުއްސުންލެއްވި ސައުދުގެފާނަކީ މައިކަނބަލުން ދެކެ ނުހަނު ލޯބިވާ ބޭކަލެކެވެ. އެހެންކަމުން ސައުދުގެފާނު އެކަމާ ކަންބޮޑުވެވަޑައިގެން މާތްނަބިއްޔާ ﷺގެ އަރިހަށް ވަޑައިގެން އެވާހަކަ ދެންނެވިއެވެ. ނަމަވެސް އެކަމާ ގުޅިގެން މާތްﷲ ސުބުހާނަހޫ ވަތަޢާލާ ބަސްފުޅު ވަހީކުރެއްވުމާ ހަމަޔަށްވެސް މާތް ނަބިއްޔާ ﷺ އެއްވެސް ޖަވާބެއް ނުދެއްވައެވެ.

އެ ދުވަސްވަރަކީ ސައުދުގެފާނުގެ އިތުރުން މުސްލިމް އެހެންވެސް ޒުވާނުންނަށް މިފަދަ މައްސަލަތަށް ކުރިމަތިވަމުން ދިޔަ ދުވަސްކޮޅެކެވެ. އެހެންކަމުން މުސްލިމުންނަށް އިރުޝާދު ދެއްވުމަށްޓަކައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުލް އަލް އަންކަބޫތުގެ އަށް ވަނަ އާޔަތް ބާވައިލެއްވިއެވެ. އެއާޔަތުގެ މާނައިގައިވެއެވެ.

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރައްވައި، أمر ކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު علم އެއްލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ شريك ކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! ތިޔަބައިމީހުން އެނބުރިދިއުން އޮތީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެކަންތަކަށް ޖަޒާ ދެއްވާހުށީމެވެ.)"

އެއަށްފަހު ދެވަނަ ފަހަރަށްވެސް ދެއާޔަތް ބާވައިލެއްވިއެވެ. އެގޮތުން ލުޤުމާނު ސޫރަތުގެ 14 ވަނަ އާޔަތާއި 15 ވަނަ އާޔަތް ބާވައިލެއްވިއެވެ. މިދެއާޔަތު މާނައިގައިވެއެވެ.

"އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ." (ލުޤުމާން 14)

“އަދި ތިމަންރަސްކަލާނގެއާ މެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް شريك ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ حضرة އަށް ކިޔަމަންވެ، رجوع ވީ މީހުންގެ މަގަށް تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ." (ލުޤުމާން 15)

މާތްﷲގެ ވަޙީބަސްފުޅުގެ ސަބަބުން ރުއްސުންލެއްވި ސައުދުގެފާނުގެ ހިތްޕުޅަށް ހަމަޖެހުން ލިބިވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ މައިކަމަނާ އެއްވެސް އެއްޗެއް ފަރީއްނުކުޅުއްވައި ފެންފޮދެއް ހިއްޕެވުމެއްނެތި ހިޔާވައްސަކަށް ނުވަދެ އުޅުއްވާތާ ތިން ދުވަސްވެއްޖެއެވެ. އެކަމަނާގެ ހާލުކޮޅުވަނީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން ސަޢުދުގެފާނު މައިކަމަނާ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެކަމަނާ އަރިހަށް ވަޑައިގެން ދެންނެވިއެވެ.

"އޭ މަންމާއެވެ. ދުނިޔެއާއި އާޚިރަތުގެ ސަލާމަތާއި މާތްﷲގެ ރުއްސެވުމަށް ވާޞިލުވުމުގެ މަގަށް ތިމަންކަލޭގެފާނަށް ނިކުމެވުނުކަމީ މަންމަގެ ނަޞީބެވެ. އަޅުގަނޑުގެ އެދުމަކީ މަންމަވެސް އެމަގަށް ތަބާވުމެވެ. ފެންފޮދު ހިއްޕަވައި އެކަލާނގެ ދެއްވި ރިޒުޤު ފަރީއްކުޅުއްވުމެވެ."

ޖަވާބުގައި އެކަމަނާ ދެންނެވިއެވެ. "އަހުރެންގެ ބަސް އަހައި މަންމަގެ ޙައްޤު އަދާނުކުރާނަންހެއްޔެވެ؟"

ސައުދުގެފާނު ދެންނެވިއެވެ. "އާދޭހެވެ. އޭ މަންމާއެވެ. މަންމައަށް ހާސްފުރާނަ ލިބިފައި، މަންމަގެ ފުރާނައަކަށްފަހު ފުރާނައެއް ނިކުމެގެން ގޮސް މަންމަ އަވަހާރަވާނެ ކަމަށް ވިޔަސް އަހުރެން މާތްﷲގެ ދީން ދުލެއް ނުކުރާނަމެވެ."

ކޮންމެއަކަސް ސައުދުގެފާނުގެ ހިތްޕުޅުގައި އިސްލާމްދީނަށް އޮތް ލޯތްބާއި ހައްޤުގެ ޝުޢޫރުތައް އެކަލޭގެފާނުގެ ދޫފުޅުން ފާޅުވެގެން ދިޔުމުން ހިމްނާއަށްވެސް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އާޚިރު ނަތީޖާއަކަށްވީ އެކަމަނާވެސް އިސްލާމްވެވަޑައިގަތުމެވެ.

އިބުރަތް:- މިވާހަކައިން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިބުރަތް ލިއްބައިދެއެވެ. އެގޮތުން ތިމާގެ މައިންބަފައިންނާއި އަނބިދަރިންނާއި މުދަލާއި އަމިއްލަ ފުރާނައަށްވުރެވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެކަލާނގެ ނަބިއްޔާ ދެކެ ލޯބިވާންޖެހޭކަމެވެ. އަދި އުރެދުމަކަށް ގޮވާލާ ހިނދު މައިންބަފައިންނަށްވެސް ކިޔަމަންވާކަށް ނުޖެހޭނެކަމެވެ.

ސަހާބީ ބޭކަލުން ވަނީ އިސްލާމް ދީނާއި މާތް ނަބިއްޔާއަށްޓަކައި މިކަހަލަ އެތައް ޤުރުބާނީއެއް ވެވަޑައިގެންފައެވެ. އަމިއްލަ މައިންބަފައިންނާއި އަނބިދަރިން ދޫކޮށްލެއްވިއެވެ. އެކަމަކު މިއަދު އަޅުގަނޑުމެން ގާތުގައި މާތް ނަބިއްޔާ ﷺ އަށް ބަދުބަސް ރައްދުކޮށް އެކަލޭގެފާނަށް ހަޖޫޖަހާ މީހުން ވެފައިވަނީ މާމާތްކަން ބޮޑު އިއްޒަތްތެރިންނަށެވެ. ދީނަށްޓަކައިވެސް އެފަދަ ބަޔަކު ދޫކޮށްލެވޭކަށް ނެތެވެ. އޭގެން މީހަކާ ދިމާލަށް އެއްޗެކޭ ބުނެފިނަމަ ދިފާއުކުރެވެއެވެ. އިސްލާމް ދީނާއި މާތް ނަބިއްޔާ ﷺ އަށް ވުރެ އެބައިމީހުން މާ މުހިންމެވެ. ވީއިރު އަޅުގަނޑުމެންގެ އިމާންކަމާއި އިސްލާމްކަން ފުރިހަމަވާނީ ކޮން ފަދައަކުން ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.