Support Us

ކޮލަމް: ރަންދެލި

ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ!

ޢުމުރުން ދުވަސްވީ އަންހެނަކު، އޭނާ ދާންބޭނުންވާ މަންޒިލަށް ދިއުމަށްޓަކައި ބަހަކަށް އަރައި މަޑުމަޑުން އިށީނދެއްޖެއެވެ. ބަސް ދުއްވާފައި ގޮސް ފުރަތަމަ މަޑުކުރި ތަނުން ގައިގައި ބާރުހުރި، ނުލަފާއި މިޒާޖުގެ ޒުވާން އަންހެނަކު އެ ބަހަށް އެރިއެވެ. އޭނާ ކުރިއަށް ގޮސް، ޢުމުރުން ދުވަސްވީ އަންހެން މީހާއާ ޖެހިގެން ހުރި ގޮނޑީގައި ނިކަން ބާރު ބާރަށް އިށީނދެއްޖެއެވެ. އޭނާ ގޮނޑީގައި އިށީންއިރު، ޢުމުރުން ދުވަސްވީ އަންހެން މީހާއަށް ބެލުމެއްނެތި، އިށީނުމުގެ ސަބަބުން، އޭނާގެ އަތުގައި ހުރި ދަބަސްތަކާއި ކޮތަޅުތަކުން އެ އަންހެން މީހާ ގައިގައި ޖެހުނެވެ.

ޢުމުރުން ދުވަސްވީ އަންހެން މީހާ ގައިގައި އެ ކޮތަޅުތަކުން ޖެހުމުންވެސް އެކަމާ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނުމުން، އެކަމާ ޝަކުވާ ނުކުރީ ކީއްވެތޯ މި އަންހެން މީހާ ސުވާލުކުރިއެވެ.

ޢުމުރުން ދުވަސްވީ އަންހެން މީހާ ހިނިތުންވެލާފައި ބުންޏެވެ. "އެއީކީ ރުޅި އަންނަން ޖެހޭވަރުގެ ކަމެއް ނޫނެވެ. އަދި އެއީ ޝަކުވާ ކުރަންޖެހޭވަރުގެ ބޮޑު ކަމެއްވެސް ނޫނެވެ. އެހެނީ ކަލެއާއެކު އަހުރެން މިކުރާ ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ. ސަބަބަކީ ދެން އެންމެ އަވަހަށް ޖެހޭ ބަސް ހުއްޓިއަކަށް އަހުރެން މިއުޅެނީ ފައިބާށެވެ."

މި ބަސްކޮޅަކީ ރަންއަކުރުން ކަނޑައި ނަގައި ލިޔެލަންޖެހޭ ބަސްކޮޅެކެވެ. "އެވަރުގެ ކުޑަކުޑަ ކަމެއްގައި ޝަކުވާކުރުމުގެ ބޭނުމެއް ނެތެވެ. އެހެނީ އަހުރެމެންގެ މި ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ."

މިއީ ހަމައެކަނި، މި ކުރު ބަސް ދަތުރުގެ ކަން އޮތް ގޮތެއް ނޫނެވެ. އަހުރެމެން ކޮންމެ މީހަކީވެސް މި ދުނިޔޭގެ ޙަޔާތުގައި މިފަދަ ދަތުރުވެރިއެކެވެ. ބައެއް މީހުންގެ ދަތުރުގެ މަންޒިލަށް އަވަހަށް ފޯރަފާނެއެވެ. އެ ހިސާބުން އެ ބަޔަކު އަހުރެމެންނާ ވަކިވެގެން ހިނގައިދާނެއެވެ. އަދި ބައެއް މީހުންގެ ދަތުރުގެ މަންޒިލަށް ލަހުން ފޯރަފާނެއެވެ. އެހެންނަމަވެސް ދުނިޔޭގެ ޙަޔާތުގެ މި ދަތުރަކީ އެއްވެސް މީހަކަށް ދިގު ދަތުރެއް ނޫނެވެ. މިއީ ހަމަ ކުރުކުރު ދަތުރެކެވެ.

މި ދުނިޔޭގެ ޙަޔާތުގައި، އަހުރެމެން މިކުރާ ދަތުރަކީ ވަރަށް ކުރު ދަތުރެއްކަން އަހުރެމެން ކޮންމެ މީހަކަށްވެސް އެނގެން އެބަޖެހެއެވެ. އެހެންކަމުން މި ކުރު ދަތުރުގައި އެކަކު އަނެކަކާ ދޭތެރޭ ޣީރަތްތެރިކަން ފާޅުކޮށް، ތާކުންތާކުނުޖެހޭ ޒުވާބުކޮށް، ނަފްރަތުގެ އަލިފާން ރޯކޮށް، މީހުންނަށް ލިބޭ ނިޢުމަތްތަކާ މެދު ހަސަދަވެރިވެ، ހުތުރުކޮށް އުޅުމަކީ، އަހުރެމެންގެ ލިބިފައިވާ ވަގުތާއި ހަކަތަ އިސްރާފް ކުރުމެވެ.

ތިބާއާއި ޢާއިލާ މީހުންނާ މައްސަލަޖެހުނީ ހެއްޔެވެ؟ ހިތާމަނުކުރާށެވެ! ކީރިތި ޤުރުއާނުގެ ޔޫސުފް ސޫރަތުގެ ތަރުޖަމާ ކިޔާލާ އެ ސޫރަތުން ޢިބްރަތް ޙާޞިލް ކުރާށެވެ! އެއްބަނޑު އެއްބަފާ މީހުންވެސް އެކަކު އަނެކަކުގެ ކުރިއެރުމަށް ހުރަސްއަޅާނެއެވެ. އަދި ހަސަދަވެރިވެސް ވާނެއެވެ. އެއީ ފިޠުރަތުން އިންސާނާގެ ކިބައިގައި ލައްވާފައިވާ ސިފަތަކެކެވެ. އަދި އެއީ، އެ އިންސާނާ އިމްތިޙާނު ކުރެއްވުމަށްޓަކައި، ލައްވާފައިވާ ސިފަތަކެކެވެ. އެކަންކަމުން ސަލާމަތްވެ، ސަލާމަތްތެރި ހިތަކާއެކު ދަތުރު ނިންމާލެވޭ މީހަކަށް ނޫނީ ކާމިޔާބެއް ނުލިބޭނެއެވެ. ޤަބޫލުކުރާށެވެ. އަހުރެމެންގެ ޙަޔާތުގެ މި ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ.

މީހަކު ތިބާގެ ހިތް ހަލާކުކޮށްލީ ހެއްޔެވެ؟ ކެތްތެރިކަމާއެކު ހަމަޖެހިގެން މަޑުމަޑުން ހުންނާށެވެ! އެކަން އެގޮތަށް މެދުވެރި ކުރެއްވީ، އެކަމުގައި ތިބާއަށް ހެވެއް އޮވެގެން ކަމާމެދު އެއްވެސް ޝައްކެތްނެތެވެ. އަހަރުމެން އެންމެން އެކުގައި މިކުރާ ދަތުރުގައި، އަހަރުމެންނާއެކު ކޮންމެ މީހަކުވެސް ހޭދަކުރާނޭ ވަގުތަކީ ކުރިން ކަނޑައެޅި ނިމިފައިވާ އެއްޗެކެވެ. އެމީހެއްގެ ދަންފަޅި އަހަރުމެންނާއެކު ހަމަކުރުމަށްފަހު، ހަމަ ކޮންމެ މީހަކުވެސް އަހަރުމެން ދޫކޮށްފައި ހިނގައިދާނެއެވެ. އެހެންކަމުން އެކަމާ ހިތާމަކޮށް ވަގުތާއި ހަކަތަ ހުސްކޮށްނުލާށެވެ. އަހުރެމެންގެ ޙަޔާތުގެ މި ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ.

މީހަކު ތިބާއަށް ބިރުދައްކާ، އަނިޔާވެރިވެ، މަކަރުހަދާ، ލަދުގަންނަވާލީ ހެއްޔެވެ؟ ހާސްވެ ކަންބޮޑު ނުވާށެވެ! އެފަދަ މީސްމީހުންނަށްވެސް ނިމުން އަންނާނެއެވެ. އަދި އަނިޔާވެރިންގެ ނިމުން ވަރަށްވެސް ހިތިވާނެއެވެ. ތިބާ ތަހައްމަލު ކުރަމުންދާ ވޭނާއި ހިތްދަތިކަން ޢަރުޝީގެ ވެރި އިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. މި ބިންމަތީގައި އަނިޔާވެރިކަން އިސްކޮށް ބިން ފަސާދަކުރަމުންދިޔަ ކިތައް ކިތައް މީހުން، މިއަދު މި ބިމުގެ އަޑީގައި ވަޅުލެވިފައިވޭ ހެއްޔެވެ؟ އަނިޔާއަށް ކެތްކުރާށެވެ. އެއްވެސް ކަމެއް ތާއަބަދު އެއްގޮތަކަށް ދެމިއެއް ނޯންނާނެއެވެ. އަހުރެމެންގެ ޙަޔާތުގެ މި ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ.

މީހަކު އެއްވެސް ޙައްޤަކާ ނުލައި، ތިބާއަށް ފުރައްސާރަކޮށް މަލާމާތް ކުރަނީ ހެއްޔެވެ؟ އަޅާވެސް ނުލާށެވެ! ހަނދާންކުރާށެވެ! އެއްވެސް މީހަކު މޭވާނާޅާ ގަހަކަށް ގަޅިއެއް ނޫކާނެއެވެ. އެހެންނޫނަސް، އެ މީހަކު އެހުރީ ތިބާއަށްވުރެ މާދަށުގައެވެ. ﷲ ގެ އިރާދަފުޅާއެކު، ތިބާއަށް އާދެވިފައި ތިޔަހުރީ އޭނާއަށްވުރެ މާ މަތީ ދަރަޖައަކަށެވެ. އެހެންކަމުން، ހަސަދަވެރިން، އެ ހަސަދައިގެ އަލިފާނުގައި އަނދާ އަޅިއަށްވާން ދޫކޮށްލާށެވެ! އަހުރެމެންގެ ޙަޔާތުގެ މި ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ.

އަވަށްޓެރިންގެ ފަރާތުން އުނދަގޫތައް ކުރިމަތިވަނީ ހެއްޔެވެ؟ އަވަށްޓެރިންގެ ފަރާތުން އުނދަގޫތައް ކުރިމަތިނުވަނީ ކާކަށް ހެއްޔެވެ؟ މި އުއްމަތުގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ ﷺ އަށްވެސް އަވަށްޓެރިންގެ އުނދަގޫތައް ކުރިމަތިވެ ވަޑައިގަތެވެ. އެކަމުގައި އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތް ނަމޫނާއަކަށް ބަލާށެވެ! އަވަށްޓެރިންގެ މައްޗަށް އަހަރެމެން އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްފުޅު ކުރައްވަނީ، އަވަށްޓެރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ޖިބްރީލު عليه السّلام، ތިމަންކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވެވިވަރުން، އަވަށްޓެރިން އެކަކު އަނެކެއްގެ މުދާ ވާރުތަ ކުރައްވަފާނެކަމަށް ތިމަންކަލޭގެފާނަށް ހީފުޅު ކުރެއްވެވުނު ކަމަށެވެ. ވީމާ ކެތްކުރާށެވެ! އަވަށްޓެރިޔާއަށް މާފުކުރާށެވެ! އަހުރެމެންގެ ޙަޔާތުގެ މި ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ.

އަހުރެމެންގެ ޙަޔާތުގެ މި ދަތުރުގެ ދިގުމިނެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަހަރުމެންގެ ޙަޔާތުގެ މި ދަތުރުގައި، އަހަރުމެން ފައިބަންޖެހެނީ ކޮން މަންޒިލަކަށްކަންވެސް އެއްވެސް މީހަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އެއްވެސް ހުއްޓުމެއްނެތި ދަތުރު ކުރިއަށް ދާނެކަމާއި، އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައި ކުއްލިއަކަށް ލޯބިވާ މީހުން ދޫކޮށް، ޙަޔާތުގެ މި ދަތުރު ކުރުކޮށްލަން ޖެހޭނެކަމެވެ. ކޮންމެ މިނިޓަކުވެސް ކޮންމެވެސް ބަޔަކު، ހަޔާތުގެ މި ދަތުރު ނިންމާލުމަށްފަހު، އަހުރެމެންނާއި ވަކިވެގެންދާނެއެވެ. އަހަރުމެންނަށް ނޭނގިނަމަވެސް އަހަރެމެން އެންމެން މިތިބީ ސަފަކަށް އެތުރިގެންނެވެ. އަހަރުމެންގެ ކުރީގައި ތިބީ ކިތައް މީހުން ކަމެއްވެސް އަހަރުމެންނަކަށް ނޭނގެއެވެ. އަދި އަހަރުމެންގެ ފަހަތުގައިތިބީ ކިތައް މީހުން ކަމެއްވެސް އަހަރުމެންނަކަށް ނޭނގެއެވެ. އަދި އަހަރުމެން ކިތަންމެ ބޭނުންވީ ކަމުގައިވިޔަސް، މި ސަފުގެ ފަހަތަކަށްވެސް އަހަރުމެންނަކަށް ބަދަލެއް ނުވެވޭނެއެވެ. އަދި ސަފު ދޫކޮށްލާފައި ބޭރަކަށްވެސް ނުނުކުމެވޭނެއެވެ. އެހެންކަމުން އަހުރެމެން އެންމެން އެކުގައި މި ކުރާ ދަތުރަކީ އަހަރުމެންގެ ބާރު ނުފޯރާ ވަރަށް ކުރު ދަތުރެކެވެ.

ޢާއިލާއާއި ރައްޓެހިންނާއި އަވަށްޓެރިންނާއި ދަންނަމީހުންނާއި އަދި ނުދަންނަ މީހުންނަށްވެސް އިޙުތިރާމްކޮށް ލޯތްބާއި ކުލުނާއެކު މުޢާމަލާތުކޮށް އެއްބަޔަކު އަނެއްބަޔަކަށް ޢަފޫކުރާށެވެ! ދުވަހީ ޙަޔާތުގައި ބައްދަލުވާ މީހުންނާ ހިނިތުންވުމާއެކު ބައްދަލުކޮށް ވާހަކަ ދައްކައި ސަލާންގަލާން ކުރާށެވެ! އޭރުން މުޖުތަމަޢުގައި އުފާވެރިކަމާއި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމްވެގެންދާނެއެވެ. ހަނދާންކުރާށެވެ. އަހުރެމެންގެ ޙަޔާތުގެ މި ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ.