Support Us

ކޮލަމް: ދިނަށަ

ހުންގާނު ކޮންމެ ކޮންމެ ބަޔަކާ ޙަވާލުކޮށްފައި ނިދާން ތިބެގެން ފަރުޖެއްސޭކަށެއް ނެތް

ފެންނަ ކަންކަމަށް ލޯމަރައިގެން ހަނުހުރުމުގެ ބޭނުމެއް ނެތެވެ. ލުއިފަސޭހަ އާއި ކުރިއެރުމަކީ އެންމެންވެސް އެއަށް އެދިއެދި ތިބެވޭ ކަންކަމެވެ. ފަރުދުންގެ އެންމެ އަސާސީ ކަންކަމަށް ލިބޭ ލުޔެއް ކުރިއެރުމެއް ނުލިބޭއިރު ބަނދަރުތަކާއި ކުޅިވަރު ދަނޑުތަކަށް ކުރާ ހޭދައިގައި އޮތީ ކޮން ފޮނިކަމެއް ހެއްޔެވެ؟ އެއަށް ކުރިއެރުމޭ ކިޔައިގެން އުޅޭންވީ ހެއްޔެވެ؟ ނޫނެކެވެ! އެއީ، ސިޔާސީ ބޭނުމުގައި ދައުލަތުގެ މިލްކިއްޔާތާއި ވަސީލަތްތަކުގެ ބޭނުން ނޭދެވޭ ގޮތުގައި ހިފުންކަމުގައި ނޫނީ ނުވެއެވެ!

ފަރުދީ ފުދުންތެރިކަމާއި އިޖްތިމާޢީ އަޚުލާޤު ނެގެހެއްޓުމަށް ނުދެވޭ އިސްކަމެއް، ބިނާތަކާއި ބަނދަރުތަކާއި ދަނޑުތަކަށް ދިނުމަކުން ގައުމާއި ގައުމިއްޔަތާއި ރައްޔިތުންނަށް ފޯރާނެ ހެޔޮ އަސަރެއް ލާބައެއް ނޯންނާނެއެވެ! ނަތީޖާ މަގުތައް މަތީންނާއި ގޭދޮށު ފިހާރަތަކުގެ ލޭންދޭނު ލިސްޓުތަކުންނާއި ފެންބިލުތަކާއި ކަރަންޓް ބިލުތަކުގެ އިންސްޓޯލްމަންޓްތަކުންނާއި އާސަންދަ ނުލިބިގެން ކަރުނަ އަޅާ މީހުން ސަލާންޖަހާ ބޭސްސިޓީތަކުން އެހެރީ ދިމާޔަށް ފެންނާށެވެ.

ޢާންމުން ގެންދަނީ އިންތިހާޔަށް ފަޤީރުކަން ތަޙައްމަލު ކުރަމުންނެވެ. އަމިއްލަ ގެދޮރުން ކުލި ލިބޭ ގެދޮރުވެރިޔާ ފިޔަވައި އެންމެންހެން މި ފުރަމާލޭގައިވެސް އެތިބީ އިންސްޓޯލްމަންޓަށް ފެނާއި ކަރަންޓުގެ ބިލުތަކަށް ވޯޓަރސަޕްލައި އާއި އިންޖީނުގެއަށް އެގްރީމަންޓު ހަދައިގެން ވެސް ފައިސާ ދެއްކޭނެ މަގެއް ނެތިފައެވެ. އެކަމަކު އެތަންތަނުން ސާފު ފައިދާ މިލިޔަނުން މިލިޔަނުން ދައުލަތަށް ދައްކާކަން ފަޚުރުވެރިވެލާފައި ހާމަކުރާއިރު އެއްޗެއް ހިތަކަށް ނާރައެވެ. މިއީ، ކަން ހުރި ގޮތެވެ. ރައްޔިތުން ތިބި ނިކަމެތި ޙާލެވެ. ރައްޔިތުންނަށް މިޖެހެނީ ހަމައެކަނި ކާޑުކޮޅަށްޓަކައި ވެސް ގޭދޮށު ފިހާރަތަކަށް ލޭންދޭނު ކުރާށެވެ.

ރަށުތެރެއަށް ކަޅި ހިންގައިލާއިރު ފެންނަނީ 40 އަހަރުން ދަށުގެ ގިނަ ޒުވާނުން މަގު ގެއްލިފައިވާތަނެވެ. ވޯޓު ހޯދާން ދޮރުން ދޮރަށް ދުވެގެން ދައުލަތުގެ ކަންކަމަށް އިސްވެގެން ތިބި މީހުންގެ ލޮލަކަށް އެއިން ކުއްޖެއްގެ ޙާލަތު މިހާރު ފެންނަ ކަމަކަށެއް ނުވެއެވެ. އެކުދީންނާއި އެކުދީންގެ ޢާއިލާތަކަށާއި އެކުދީންގެ ގައުމަށް، ލާބަ ހުރި މަގަކުން އެކުދީންނަށް ހިނގޭނޭ އިޚްލާޞްތެރި ފިކުރެއްކޮށް ވިސްނާން ހިތަށް އަރާ މީހަކު ވެސް ނުފެނެއެވެ. ރައީސް ނާސިރުގެ ވެރިކަމުގައި އެފަދަ ކުދީންނަށްޓަކައި ގައުމީ ލޯތްބާއި ކުލުނުގައި އުފައްދަވައި ހިންގެވި އިޞްލާޙިއްޔާއިން އެފަދަ ހުރިހާ ކުދީންނަކީ، ފައިދާ ހުރި ބައެއްގެ ގޮތުގައި މުޖްތަމައަށް ނެރުއްވިއެވެ. އެ އިޚްލާޞްތެރި ކާމިޔާބު މަސައްކަތްޕުޅާއި އޭގެ ބޭނުންތެރިކަން ދަންނަ މީހަކު ވެސް އަދަކު ހުރި ކަމަކަށް ނުވެއެވެ.

ދަައުލަތުގެ މުހިއްމު ބާރެއްގެ ރިޔާސަތެއް ލިބުނަސް އެއިން ކަމަކަމަށް ވިސްނައި އެކުދީންނަށް ހެޔޮ މިޞްރާބަކަށް ހިނގޭނޭ ރާސްތާ މަގެއް ކޮށައި އަލިކޮށްދޭން ފަރާތެއްނެތެވެ. ހަރުދަނާ ގޮތެއްގައި ގޮތްތަކެއް ދައްކައިދީ މަގު ފަހިކޮށްދިނުމުގެ ފިކުރެއް ވިސްނުމެއް ހުރި މީހަކު ވެސް ނެތެވެ.
އެކަމަކު ވެސް މަގުއޮޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ދޫނިސޫފާ ސޫތްޕަށްޓައި ޑޮކުޓަރުންނާއި ރަށްރަށް ކަނޑައަޅައި ވަޤުފުކޮށްދެވެއެވެ. އެހެން އެކަން ކުރާއިރު ވިސްނާން ނުކުތާއެއް ކަމަށްވާ، ހަމަހަމަކަން ނުވަތަ ތަފާތު ނުކުރުން (ޢަދުލުވެރިކަން) ނެގެހެއްޓުމަކީ، ވެރީންގެ މައްޗަށް ލާޒިމުކަމެއްކަން ނުދަންނަ ފަދައެވެ. ދޫނި ސޫފާސޫތްޕަކީ އެއްތަނުން އަނެއްތަނަށް އުދުހިފައި ކާންބޯން ދެވޭ ތަކެއްޗެވެ. އެއަށްވުރެ އަޅައިލުން ދޭން އައުލާ ރަށްވެހި ހައިވާނުން މި މާލޭގައި އުޅެނީ ބިކަޙާލުގައިކަން ދަންނާން ޖެހެއެވެ. އެފަދަ ޙައިވާނުންނަކީ، ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ވިޔަސް އެއްތަނުން އަނެއްތަނަށް އުދުހިފައި ނުދެވޭ ނިކަމެތި ހައިވާނުންނެވެ. އެފަދަ ހައިވާނުން ކުރެ މާލޭގައި ދިރިއުޅޭ ބުޅާތައް ހިމެނެއެވެ. ހައިހޫނުގައި ކާން ނުލިބި އެދަނީ ހަނާވަމުން މަރުވަމުންނެވެ. މަގުތައް ފިޔަވައި ދިރިއުޅޭނޭ ވެއްޓެއް ނެތެވެ.

ކީއްވެގެން ހެއްޔެވެ؟ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އެސޮރުމެން ދިރިއުޅެމުން އައި ވެށިކަމަށްވާ މާލޭގެ ހޭޅިފަށް ވެސް ކުލީގެ މަންފާޔަށްޓަކައި ހޮޓާހޮޓަލަށާއި ރެސްޓޯރެންޓްތަކަށް ވަގުފުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެކަން އެމަގަށް ހުރިއިރު ކޮންމެ ގޭބިސީއަކުން އުކައިލާ ކާނާގެ ބާކީ ޓަނުޓަނުން ޢަދަދު ކުރެވެއެވެ. ކައިބޮއި ހަދާގޮތުގައި މާތް ﷲ ލެއްވި ތަކެތީގެ ބަނޑުފުރާނަ މުއްތިކުރާން އެއިން އެތިކޮޅެއް ލިބޭނެ މަގެއް ނެތެވެ. މަގު ބަންދުކޮށްފައެވެ. ބިމުގައި ޚަލީފާއިން ކަމުގައި އިންސާނުން ލެއްވީ ޢަދުލުވެރިކަމާއެކު (ހަމަހަމަކަމާއެކު ނުވަތަ ތަފާތު ކުރުމެއްނެތި) ލެއްވިހައި ދިރޭ ތަކެއްޗާ ވެސް އެކު، މާތް ﷲ ލެއްވި ރިޒުޤު ބޭނުން ކުރުމުގެ ހަމަހަމަކަމުގެ އުޞޫލު ވެސް ބިމުގައި ޤާއިމުކުރުމުގެ މައްޗަށްކަން ހިތަށްއަރާ މީހަކު، މިފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމަކު ނެތްފަދައެވެ. އެއީ، އިންސާނީ އަޚުލާޤު ވެއްޓިފައިވާ ދަރަޖައެވެ. "އެއެއްޗެއްގެ މޭގަނޑުގައި ތެތްކަމެއް ހުރި ކޮންމެ އެއްޗަކަށް ރަޙުމުކުރުމުގައި އަޖުރު ހުރިކަމުގެ" ނަބަވީ ބަސްފުޅުން ހާމަވާ ޚުލުޤީ އަސަރުން ޛައްރެއް ވިޔަސް ހުރި މީހަކު ނޫޅޭ ފަދައެވެ.

އިސްލާމީ ދެ ވަނަ ޚަލީފާ ޢުމަރުބުނުލް ޚައްޠާބުގެ ބަސްފުޅެއް ކަމުގައިވާ "ތިމަންކަލޭގެފާނުގެ ވެރިކަމުގެ ސަރަޙައްދުގައި އުޅޭ ބަކަރިއެއް މަގުގެއްލިގެން މަރުވިޔަސް މާތް ﷲގެ ޙަޟްރަތުގައި ތިމަންކަލޭގެފާނުން ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ކަމަށް ތިމަންކަލޭގެފާނު ހީފުޅުކުރައްވަމޭ" މި ފަދައިން ވިދާޅުވި ވެރިކަމުގެ މަތިވެރި ޢަދުލުވެރިކަމުގެ ނަމޫނާ ބަސްފުޅާއި އޭގެ ބޭނުމާއި އޭގައި އެކުލެވޭ އިންސާނީ އަދި އިސްލާމީ ޚުލުޤުގެ އަސަރު ހިތާ ހަމަޔަށް ފޯރައިފައި މީހަކު ވެސް ނެތްފަދައެވެ. ޢުމަރުގެފާނުންގެ އެ ބަސްފުޅުން ހާމަ ކުރެއްވި ޢަދުލުވެރިކަމުގެ ޚުލުޤުފުޅު ހަމަ ނޭނގެނީތޯއްޗެކެވެ.

ގުޑުގުޑާ ދޫނިތަކަށް ރަށްރަށް ކަނޑައެޅުނު ފަދައިން މާލޭއާއި ރަށްރަށުގައި އުޅޭ ބުޅާތައް ފަދަ ނޫދުހެވޭ ހައިވާނުންނަށް ރަށެއް ކަނޑައަޅައި، ކައިރި ރަށްރަށުގެ ކާނާގެ ބާކީ ފޯރުކޮށްގެން އެފަދަ ހައިވާނުންނަށް ދިރިތިބުމުގެ ޙައްޤު ނުދެވޭންވީ ސަބަބެއް އެބަ އޮތްހެއްޔެވެ؟ ނެތެވެ. އިހުޒަމާނުގައި ގޮއިފާލައްބަ ހިންނަ ފަޅުރަށްރަށް ފަދަ ތަންތަން ދައުލަތުގެ ޒިންމާއެއް އުފުއްލާން މަތިކޮށްފައި އަމިއްލަ ފަރާތްތަކަށް ވަގުފުކޮށް ފަތްލިޔެފައި ދިން އުޞޫލޫން އެތަކެތި ބެލެހެއްޓުމަށް ޝަރްޠުކޮށް ފަޅުރަށެއް ވަޤުފުކޮށްފައި މީހަކަށް ނުވަތަ ކުންފުންޏަކަށް ދީގެން ވެސް، ރަޙުމުވެރި ޙައްލެއް އެފަދަ ޙައިވާނުންނަށް ވެސް ހޯދައިދެވޭން ނެތީއެއް ނޫނެވެ. އެއީ ދައުލަތަށް ލާޒިމު ކަމެކެވެ. އެކަމަކު ނެތިގެން އުޅެނީ ގޮތެވެ. އެނގުމެވެ. ނެތީ ރަޙުމާއި ކުލުނެވެ. އިންސާނިއްޔަތުކަމެވެ.

ގުޑުގުޑާ ދޫންޏަކީ މެހުމާނެއް ކަމަށް ވިޔަސް ވަކި ރަށެއް ވަޤުފުކުރެވި ދެވޭއިރު ރަށްވެހި ހައިވާނުންނަށް ބިކަނުވެ އުޅޭނޭ ވެއްޓެއް ތަނަވަސްކޮށް ނުދެވުމުން ހާމަވަނީ ޢަދުލޭ މިކިޔާ ހަމަހަމަކަން ތަފާތުނުކޮށް ފޯރުކުރުމުގެ ހަމަތައް ގެއްލިފައި އޮތް މިންވަރެވެ. ކިހައި ބޮޑު ތަފާތުކުރުމެއް ތޯއެވެ.
މިއީ ޤިޔާމަތުގެ ޢަލާމާތްތަކުން ބާވަތެއް ފާޅުވަނީ ވެސް ތޯއްޗެކޭ ހިތަށް އަރައެވެ. އެހެން ހިތަށް ނާރާންވީ ސަބަބެއް ނެތްތާއެވެ. ގައުމުގެ މިލްކުވެރި ރައްޔިތުންނަށް ވެސް ކަންކަމުގައި ޢަދުލޭ ކިޔާ ހަމަހަމަކަމުގެ ނުވަތަ ތަފާތު ނުކުރުމުގެ ވެއްޓެއް އޮތީއެއް ނޫނިއްޔާއެވެ.

އެނަޒަރުން ސޯޝަލްމީޑިއާއަށް ބަލައިލާއިރު ފެންނަނީ އެތައްހާސް ބަޔަކު ބޮޑަތި ބަލިބަލީގައި އާސަންދަ ނުލިބިގެން ފަރުވާ ނުކުރެވިގެން އަމިއްލަ ފަރާތްތަކުގެ މަދަދަށް އަތްދިއްކުރާ ލިޔުންތަކާއި ޚަބަރުތަކެވެ. އެކަމަކު ނަމުގައި ހުސްނުވާ އާސަންދައެއް އޮވެފައި އެއްލައްކަ ރުފިޔާގެ ބޭސް ކުރެވެން އޮވެޔޯލައެވެ. ހުސް އާސަންދައިގެ ނަމެވެ. ހުސް ހުވަފެނެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އުފައްދަވާފައި އޮންނަ ވެލްފެއަރ ފަންޑާއި ތީމުގޭ އެހީގެ ނިޒާމު، ޒަމާނީ ނަމަކަށް ބަދަލުކޮށް އާސަންދަ އަކާއި އެންސްޕާ އެއްގެ ނަމަށް، ވެލްފެއަރ އާއި ތީމުގޭ ނިޒާމުގެ ނަން ބަދަލުކުރީއެވެ. އާސަންދައާއި ވެލްފެއަރ ނިޒާމުގެ އެއްވެސް ފަރަގެއް ނެތެވެ. ނަމަށް ގެނައި ބަދަލު ފިޔަވައެވެ. ޚިދުމަތުގެ ނިޒާމަށް އައި ބަދަލެއް އެއްވެސް ލުޔެއް ނެތެވެ. ޖެހެނީ ސަލާންޖަހާށެވެ. ވެލްފެޔާއާއި ތީމުގޭ އެހީގެ ނިޒާމުގައި ވެސް އެހީ ލިބެނީ ހަމައެކަނި ބޭސްކޮޅާއި ދެކޮޅު ޓިކެޓެވެ. އެވެސް ލިބެނީ ޑޮކްޓަރަކު ދިނިއްޔާ އެކަމަށް ސިޓީ ދޭ މީހަކަށެވެ. އާސަންދަ ލިބެނީ ވެސް ޑޮކްޓަރ ސިޓީ ދޭ މީހަކަށެވެ. އެވެސް ހަމައެކަނި ބޭސްކޮޅާއި އެހީތެރިއެއްގެ ދެކޮޅު ޓިކެޓުގެ މިންވަރެވެ. އެހީތެރިޔާގެ ހުރުމާއި ކެއުން ނެތަސް ވަރިހަމައެވެ. އިތުރު ގޮތެއް ހޯދަންނާ ޖެހެނީ އެންސްޕާޔަށް ލިޔާށެވެ. އެއީ 200 ނުވަތަ 500 ޑޮލަރު ލިބޭތޯއެވެ. ވެލްފެއަރ އެހީ ލިބުން ތީމުގޭން 200 ޑޮލަރ ނުވަތަ 500 ޑޮލަރ ލިބޭތޯ އެދޭ ބީދައިންނެވެ. އެކަމަކު ސަލާމަތް ބުއްދި ހުރިއްޔާ އެހީތެރިޔާގެ ހުރުމާއި ކެއުން ވެސް ބޭނުންވާނެކަން ވަންހަނާއެއް ނުވާނެއެވެ.

އެހެން އެކަން ހުރުމުން މިއަދު ވެސް ބަލިމީހާއަށާއި އެހީތެރިންނަށް މަޖްބޫރުވަނީ ތީމުގޭ އެހީން ނުފުދޭ މިންވަރު ހޯދާން އަމިއްލަ ފަރާތްތަކަށާއި  ގާސިމުގެ ވިލާގެ އެހީއަށް ވެސް އަތްދިއްކުރި ބީދައިން ސަލާމްޖަހައި އަތްދިއްކުރާށެވެ. މިހުންނަނީ ތަހުޒީބު އިންސާނިއްޔަ ބުއްދި ޤަބޫލު ކުރާނޭ ކަންކަމެއް ނޫނެވެ. ހުތުރު ވެސް ކަންކަމެވެ.

އެހެން އެކަންކަން ހުރުމުން ހެޔޮ ބަދަލެއް ގައުމަށް އަންނާނީ ސިޔާސީ ތަޢައްޞުބުން ފަރުދުން ދުރުހެލިވެ ވަކިބަޔަށް ލޯބިވެ ވަކިބަޔަކަށް ރުޅިއަރާ ފިކުރު ދޫކޮށް ހެޔޮ ބަދަލު ގެންނާން ވިސްނިއްޔާއެވެ. އާއެކެވެ. އެހެން މަގެއް ގޮތެއް ނޯންނާނެވެ. ނުވެސް ނެތެވެ. އެހެނީ މާތް ﷲ ގެ ބަސްފުޅުން ވެސް އެނގޭން އޮންނަ ގޮތުގައި ބައެއްގެ ޙާލަތު އެބަޔަކު ބަދަލު ނުކުރަނީސް ބަދަލު ނުވާނޭކަން އެނގޭން އޮންނާތީއެވެ. ފަހެ، ސޫރަތުއް ރަޢުދުގެ 11 ވަނަ އާޔަތުގައިވާ، މާތް ﷲ ގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ބަޔަކު މީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ."

މިފަދަ ކަންކަމަށް ވިސްނައި ގައުމަށް އިސްކަން ދޭން ވެއްޖެއެވެ. އެކަން ލަސްވެސް ވެއްޖެއެވެ. ހުންގާނު ކޮންމެ ކޮންމެ ބަޔަކާ ޙަވާލުކޮށްފައި ނިދާން ތިބެގެން ފަރުޖެއްސޭކަށެއް ނެތެވެ. ފަރަކަށް ދޯނި އުރުވާލާން ފަރުވާލެއް ނެތުމުގެ ބުރަހެލިކަން ނުހުންނާން ވެއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ސާބަހޭ. އަސަރުގަދަ ޤައުމީ ވަންތަ ލިޔުއްވުމެއް. ރައްޔިތުންނަށް ހައްގުމިންވަރޯމީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *