...

Support Us

އިސްކޫލެއްގެ ނާޒިރެއްގެ ވާހަކައާއި އެކަމުން ފާހަގަކޮށްލެވޭ ބައެއް ކަންކަން

ވާހަކަ ފެށުމުގެ ކުރިން ފާހަގަކޮށްލަން ބޭނުންވަނީ މިއީ ޚިޔާލީ ވާހަކައެއް ނޫންކަމެވެ. މިއީ އެމެރިކާގެ ސައުތު ކެރޮލީނާ ސުޓޭޓުގެ ތިން ވަނައަށް އެންމެ ބޮޑު ރަށްކަމުގައިވާ ނޯތު ޗާލްސްޓަންގެ އިސްކޫލެއްގެ ނާޒިރަކާ ބެހޭ ވާހަކައެކެވެ.

އާދެ، ހެންރީ ޑާބީއަކީ 'ނޯތު ޗާލްސްޓަން ހައި ސްކޫލް’ގެ ނާޒިރެވެ. އޭނާގެ އިސްކޫލުގައި ކިޔަވަމުންދާ ކުދިންނަކީ އިގްތިސާދީ ހަރުގަނޑުގެ އެންމެ ތިރީ ހަރުފަތްތަކުގެ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. އެހެންވެ، ވަރަށް ގިނަގުނަ ދަތިތަކާ އެކުދިން ކުރިމަތިލާން ޖެހެއެވެ. އިސްކޫލަށް ދާން ބޭނުންވާ ތަކެއްޗެވެ. ކާބޯތަކެތި ގަވާއިދުން ނުލިބުމާއި، ބައެއް ކުދިންނަށް އެކުދިން އުޅޭނެ ތަނެއް ނެތުމުގެ ދަތިކަން ވެސް ބަރުދާސްތުކުރަން ޖެހިފައިވެއެވެ. ނާޒިރު ހެންރީ ޑާބީ އޭނާގެ އިސްކޫލުގައި ކިޔަވާ ކުދިންގެ ހާލު އަހުވާލު ބަލަން ބައެއް ފަހަރު އެކުދިންގެ ގޭގެއަށް ވެސް ޒިޔާރަތްކުރެއެވެ. އެހެންވެ، އެކުދިން ތަހައްމުލުކުރަމުންދާ ދަތިތައް ވަރަށް ގާތުން އޭނާއަށް ފެނުނެވެ.

އޭނާގެ ލޮލުން ދެކިލެއްވި މި ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް، އެކުދިންނަށް ހޯއްދަވައި ދެއްވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކުރައްވަން ނާޒިރު ޑާބީ ނިންމެވިއެވެ. އެގޮތުން އޭނާ ގަސްދުކުރެއްވީ އިތުރު ވަޒީފާއެއް ހޯއްދެވުމަށެވެ. އަދި، ސުޕަރމާކެޓެއްގައި ހަފްތާއަކު ތިން ދުވަހު ރޭގަނޑު ދިހައަކުން ފެށިގެން އަނެއް ދުވަހުގެ ހެނދުނު ހަތެއް ޖަހަންދެން މަސައްކަތް ކުރެއްވިއެވެ. ސުޕަމާކެޓުގެ މުދާ ހަރުތަކަށް މުދާއަރުވައި ތަރުތީބުކުރުމުގެ މަސައްކަތެވެ. ސުޕަމާކޭޓުން ލިބިވަޑައިގަންނަވާ މުސާރަ އެއްކޮށް އޭނާ ހޭދަކުރައްވަނީ އޭނާގެ އިސްކޫލު ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ސުޕަމާކެޓުގެ މަސައްކަތް ހެނދުނު ނިމުމުން، ނާޒިރުކަމުގެ ވަޒީފާ އަދާކުރެއްވުމަށް އޭނާގެ އިސްކޫލަށް ވަޑައިގަނެއެވެ.

މި ފަދައިން ދެ ވަޒީފާ އަދާކުރެއްވުމުގެ ކަންތައް އޭނާ ބޭއްވެވީ ސިއްރުކޮށްފައެވެ. ނަމަވެސް، އޭނާގެ އިސްކޫލުގެ ކުއްޖަކަށް ސުޕަމާކެޓުގައި އޭނާ މަސައްކަތް ކުރައްވާކަން އެނގި، އަދި، ދުވަސްގަނޑަކަށްފަހު މިކަން އާންމުންނަށް ވެސް އެނގުނެވެ. މީގެ އިތުރުން، އޭނާ މަސައްކަތް ކުރައްވާ ސުޕަމާކެޓުގެ ވެރިންނަށް ވެސް، ނާޒިރުގެ ހަގީގަތް އެނގުނެވެ. އޭނާއަކީ އިސްކޫލެއްގެ ނާޒިރެއް ކަމާއި އޭނާ ސުޕަމާކެޓުގައި މަސައްކަތް ކުރައްވަނީ އޭނާގެ އިސްކޫލު ކުދިންނަށް އެހީވެދެއްވުމުގެ ގޮތުންކަން އެނގުނެވެ. އަދި، ނާޒިރު ޑާބީގެ މި ވާހަކަ، މިއަހަރު ކުރީކޮޅު، ޗާލްސްޓަންގެ ބައެއް ނޫސްތަކުގަައި ޝާއިއު ކުރެވި، އާންމުވެގެން ދިޔައެވެ.

ދެން، ނާޒިރު ޑާބީގެ އަމިއްލަ ވަގުތުތައް ގުރުބާންކުރައްވައި، އިސްކޫލު ކުދިންނަށްޓަކައި ކުރެއްވި ލާނަފްސީ އަމަލުގެ އަގުވަޒަން ކުރަން އޭނާ މަސައްކަތްކުރައްވާ ސުޕުމާކެޓުގެ ފަރާތުން ނިންމިއެވެ. އެ ސުޕަމާކެޓުގެ ފަރާތުން އެކަމަށްޓަކައި ޚާއްސަ ހަފްލާއެއް ބާއްވައި ނާޒިރު ޑާބީއަށް ޝުކުރު އަދާކޮށް، އިސްކޫލު ކުދިންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ޓަކައި ފަންސާސް ހާސް ޑޮލަރުގެ ޗެކެއް ވެސް ހަދިޔާކުރިއެވެ. އަދި މިކަން ވެގެން ދިޔައީ އާންމުންގެ އެންމެން އެ އިސްކޫލަށް އެހީވުމަށްޓަކައި ދެލައްކައެއްހާ ޑޮލަރު ހަދިޔާކުރަން މެދުވެރިވީ ކަމަކަށެވެ.

މީގެ އިތުރުން، ސައުތު ކެރޮލީނާ ސްޓޭޓުގެ ގަވަރުނަރު ވެސް ނާޒިރު ޑާބީގެ އަގުހުރި ލާނަފްސީ، އިޚުލާސްތެރި ޚިދުމަތް ފާހަގަކުރައްވައި މަދަނީ ޝަރަފުގެ އައްޑަނަ ނާޒިރު ޑާބީއަށް ދެއްވިއެވެ. އެ ހަފްލާގައި، ނާޒިރު ޑާބީއަށް އިޝާރަތްކުރައްވަމުން ގަވަރުނަރު މެކްމާސްޓަރު ވިދާޅުވިއެވެ. "މިއީ ވަރަށް ވެސް ބޮޑަށް ފާހަގަކޮށްލެވޭ އިންސާނެކެވެ." ދެން، ނާޒިރު ޑާބީގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. މަދްރަސީ އަދި ޖާމިއީ މަރުހަލާތަކުގައި ކިޔަވާ ދެއްވުމެވެ. ކުދިންގެ ތައުލީމީ ފެންވަރު މަތިކޮށް، ކުރިން އިޝާރަތް ކުރި ފަދަ ކަންކަން ކުދިންނަށް ކޮށްދެއްވައި، އެހީވެ ދެއްވުމެވެ. އަދިވެސް ގަވަރުނަރު ވިދާޅުވިއެވެ. "ނާޒިރު ޑާބީ ވަނީ އެތައްއެތައް ބަޔަކަށް އެހީވެ ދެއްވައި، އެތައްއެތައް ބައެއްގެ ހަޔާތަށް ހެޔޮ ގޮތުގައި އަސަރުކުރުވާފައެވެ. އަހަރުމެންގެ ތެރެއިން ކޮންމެ މީހަކަށް ނާޒިރު ޑާބީ ކުރެއްވި ހުރިހާ ކަމެއް ނުކުރެވި ހިނގައިދާނެއެވެ. އަދި، އޭނާ އެހީވެ އަސަރުކުރުވިހާ ގިނަ މީހުންނަށް އެހީވެ އަސަރުކުރުވާ ގޮތް މެދުވެރި ނުކުރެވި ހިނގައިދާނެއެވެ. ނަމަވެސް، އަހަރުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވެސް، ކޮންމެ ވެސް މީހަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލެވިދާނެއެވެ."

މި ވާހަކައިން ދެތިން ކަމެއް ފާހަގަކޮށްލެވިދާނެއެވެ. އެންމެ ފުރަތަމަ ޑާބީ ނާޒިރުގެ ތަވާޟުއު ވެރިކަމެވެ. އާދެ، އޭނާގެ ހިތްޕުޅު ތިރިކަމެވެ. ނާޒިރެއްގެ ވަޒީފާ އަދާކުރައްވަމުން ސުޕަމާކެޓެއްގައި އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރައްވާކަށް އޭނާ ޖެހުލުންވެވަޑައިނުގަތް ކަމެވެ. އޭނާގެ އިޚުލާސްތެރި ކަމެވެ. ދެވަނަ ވަޒީފާއެއް އަދާކޮށް، އެވަޒީފާއިން ލިބުނު މުސާރަ އެއްކޮށް އޭނާގެ އިސްކޫލުގެ މުހުތާދުވެރި ކުދިންނަށް ހަދިޔާކުރުމެވެ. އާދެ، ހިތްތިރިވުމާއި އިޚުލާސްތެރިކަމުގެ ސިފައަކީ ހާސިލުކުރަން ބޭނުންވާ ކަންކަމާ ހަމައަށް އިންސާނާ ގެންގޮސްދޭނޭ މުހިއްމު ދެސިފައެވެ. އަދި، ނާޒިރު ޑާބީގެ މައްސަލައިގައި، މި ދެ ސިފަ ހިމެނިގެން ދިޔައީ ގުދުރަތުން އޭނާއަށް މަދަދު ލިބުމުގެ މަގުފަހިވެގެން ދިޔަ ދެ ސިފައަކަށެވެ. އޭނާގެ މަސައްކަތުގެ ވާހަކަ އާންމުވެ، އެންމެނަށް އެކަން އެނގުމުން، އެންމެންވެސް އޭނާއަށް އެހީވުމަށް ނިކުތެވެ.

މުހުތާދުވެރި ކުދިންނަށް އެހީވެދިނުމުގެ ގޮތުން އޭނާ މަސައްކަތްކުރަން އޭނާއަށް ހިތްވަރު ދިނީ ކޮން ކަމެއްތޯ އޭނާއާ ސުއާލުކުރެވުމުން ޖަވާބުގައި އޭނާ ވިދާޅުވީ، އެއީ އޭނާގެ ޅައިރުގެ ހަޔާތުގެ ތަޖުރިބާއެވެ. އޭނާގެ އިސްކޫލުގެ ބައެއް ކުދިންގެ ދަތި ހަޔާތް އޭނާގެ ހަނދާނަށް ގެނެސްދިނީ އޭނާގެ ކުޑައިރުގެ ހަޔާތުގެ ސަފުހާތަކެވެ. އޭނާގެ ވަރަށް ޅަފަތުގައި އޭނާގެ ބައްޕަ ނިޔާވުމުން، ހަމައެކަނި މަންމައެއްގެ މަސައްކަތުން އުޅެން ޖެހުމެވެ. އަދި، ކާއެއްޗެއްސާއި އަންނައުނު ހޯދުމުގެ ދަތިކަން ތަހައްމަލު ކުރަން ޖެހުމެވެ. އެހެންވެ، އޭނާގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވުނު އެއް ހަފްލާގައި ވެސް މިކަން ފާހަގަކޮށް ކުދިންނާ މުޚާތަބުކޮށް އޭނާ ހަނދާކޮށްދެވި ކަމަކީ މިއެވެ. އެކަކު އަނެކަކަށް، ވެވުނު ވަރަކުން އެހީވުމަށެވެ. އާދެ، ނާޒިރު ޑާބީގެ ވާހަކައިގެ އެންމެ މުހިއްމު މެސެޖަކީ މިއީ ކަމަށް ބެލެވިދާނެއެވެ. ކޮންމެ މީހަކުވެސް، އެމީހަކަށް ވީވަރަކުން މުހުތާދުވެރިންނަށް އެހީވެދެވޭތޯ މަސައްކަތްކުރުމެވެ. މިފަދައިން ކަންތައް ކޮށް، އެކަކު އަނެކަކަށް އަޅާލެވި، އަތާއި އަތް ގުޅުވާލެވިއްޖެ ނަމަ، އެތައް ލޮލަކުން ފައިބާ ކަރުނަތައް ފޮހެވި، މުޖުތަމައުގައި ނަފުރަތުކުރުމާއި ހަސަދަލުން ނެތި، ލޯތްބާއި ކަމޭހިތުން ފެތުރިގެން ދެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.