ހިތުގެ ހަނަފަސްކަމަށް ތާޒާ ފެނެއް ތީ
އެނބުރި އައުމަށް ލިބުނު ގަދަ ހިތްވަރެއް ތީ
އަނދިރި ކަޅުފޮއިވި ނާމާން ރޭގަނޑެއްގައި
ކަނދިއްޔެއްހެން މަށަށް އަލިކުރި ހަނދެއް ތީ
ކަނޑެއްގައި ބެހި އޮޔާ ދަނިކޮށް ނަޖާވާން
ފަނޑެއް ނުމެވާގޮތުން ދެއްކެވި ނަވެއް ތީ
ޙަޔާތުގެ މާ މިލައިގެން މޯޅި ނުވަނީސް
ނަޔާފެހި ވިނަޔަކުން އައި ވާރެޔެއް ތީ
ތަދާ ގިންޏާއި ގަދަހޫނުން އަނދާހިނދު
އަދާތައް ރީތި މަޑުމޮޅި ރޯޅިއެއް ތީ
މުރާދުގެ މާބަގީޗާ ބީވެދިޔަ ހިނދު
ތުރާތައް ނެތިވެ ދިއުމަށް ފެޅި ގަހެއް ތީ
އަނދިރިޔަށް އާދަވެވި މާޔޫސް މަ ވީހިނދު
އަނދިރިކަން ފިލުވުމަށް އައި އަލިފަތިސް ތީ
މަށާ ގާތަށް ލެފޭށޭ ދުރުނުވާށޭ
ފަށާލަން އާ ޙަޔާތެއް ފުރުސަތެއް ތީ
ބުނަން ބޭނުންވިޔަސް ލިބެވޭ އުފާތައް
ބުނަން ނުކެރޭނެ އަބަދީ ސިއްރަކީ ތީ
އޮހެން ބޭނުންވިޔަސް ގަލަމުން އުދާސްތައް
އެހެން ބެހިގެން ނުދާންބުނި މިތުރަކީ ތީ
އަވާމެންދުރު ދަލެއްގައި ޖެއްސި ހިނދުގައި
އަވާގައި ނުޖެހި ފެން ދިން ކޯރަކީ