...

Support Us

ޚިޔާލަކާއި ނަސޭހަތެއް

މިފަހަރު ލިޔެލާނީ ޚިޔާލެކެވެ. ދެން ނަސޭހަތެކެވެ. ވަކީން ޚާއްޞަކޮށް، ޤައުމު އަލުން ބިނާކުރަން މަސައްކަތްކުރާނޭ ޒުވާނުންނަށެވެ.

ދަރީންނޭ، އަޑުއަހާށެވެ!

އިންސާނަކަށް ދުނިޔޭގައި ލިބޭނޭ ތަނަވަސްކަމަކީ ކޮބައިހެއްޔެވެ؟ މުއްސަނދިކަމަކީ ކޮބައިހެއްޔެވެ؟ މުދާވެރިކަމަކީ ކޮބައިހެއްޔެވެ؟

ތަނަވަސް ކަމަކީ ފައިސާޔާއި، ރަންރިއްސާއި، ބޮޑެތި ފިހާރަތަކާއި، ރިސޯޓު ތަކާއި ހޮޓާތައް ހެއްޔެވެ؟ ފައިސާ ހުރި މީހާ އަބަދުވެސް ވިސްނާނީ އެ ފައިސާތައް ޚަރަދު ނުކޮށް، ތިމާގެ މިލްކިއްޔާތުގެ ތެރޭގައި ވީހާވެސް ގިނަ ދުވަހަކު ބެހެއްޓޭނޭ ގޮތަކާ މެދުއެވެ. ރަންރިހީގެ ފުނިފުނި އަތުގައި ހުރި މީހާ ހުންނާނީ ވަގުކަލޭގެ އައިސް އެތަނުން ވައްކަން ކޮށްފާނޭތީ ސިހިސިހި އެވެ. ބޮޑެތި ފިހާރަތައް ގެންގުޅޭ މީހުން ވިސްނާނީ ވީހާވެސް އަގު ހެޔޮކޮށް ރާއްޖެއިން ބޭރުން ތަކެތި ގެންނާށެވެ. ޑިޔުޓީއަށް މަކަރު ހަދާށެވެ. އެކަހަލަ ކަންކަމުގައި ރިޝްވަތުގެ ބޭނުން ހިފައިގެން ނުޙައްޤު ފައިދާގެ މަގުތައް ހުޅުވާށެވެ.  ކިތަންމެ ބައެއްގެ އިންސާނީ ޙައްޤުތަކަކަށް އަރައިގަނެގެން ނަމަވެސް ވީހާވެސް އަގުހެއުކޮށް ގުދަންތައް ހަދައި، އެތަންތާނގައި މުދާ ރައްކާކުުރާށެވެ. ތަކެތީގެ ފެންވަރު ނެތްވަރުން ދައްކައި، އެކަމުގައިވެސް އެތައް ކަމެއް އޮޅުވައިލާށެވެ. އެއް ފަހަރު ބޭނުން ކޮށްފައި ހުންނަ ތަކެއްޗާއި ދުނިޔޭގެ ބާޒާރުގައި ފެންވަރު ނެތިގެން ނުވިކޭނޭ އެއްޗިހި ގެނެސް، ވީހާވެސް ބޮޑު ފައިދާއެއް ލައިފައި އެ  ތަކެތި ވިއްކާނޭ ގޮތަކާ މެދުއެވެ. ދެން ރިސޯޓުތަކޭ ހެވެ؟ ރިސޯޓުތަކުގެ ވެރީން ދިވެހީންނަށް ދިން އަދި މިހައިރު ދޭ މުސާރަޔާއި، ކޯވިޑް-19 އައިމާ އެ ވަޒީފާތަކާއި މުސާރަތަކަށް ވީ ގޮތް އެއީ މިހައިރު އެ މީހުން ބައުކޮށް ހަނދާން ނައްތައިލާން އަހަރުމެން ޖާގަ ދީގެން ތިބި ވާހަކައެކެވެ.

އެކަމަކު، މިބުނާ ކަހަލަ މާއްދީ މުދަލާއި މުއްސަނދިކަމުގެ މަތީގައި އުޅޭ މީހުންނަށް ރޭގަނޑުގެ ހަމަ ނިންޖެއް ނުލިބޭނެއެވެ. ނުޙައްޤުން ހޯދާ ލާރިގަނޑުން ގަތް އަގުބޮޑު ކާރުގައި ގޮސް، ހަމަ އެ މަގުން ގަތް ލަގްޒަރީ ފުލެޓުގައި އޮންނާނީ ވަރަށް އަރާމުގައޭ އެ ޒާތުގެ މީހުން އަމިއްލަޔަށް ބުނާނެއެވެ. އެކަމަކު އެމީހުންގެ މަކަރުހެދުމާއި، ޙީލަތުގެ މަޅީގައި ޖެހުނު މީހުންނާއި، ރިޝްވަތުގައި މަޖުބޫރުން ހިފަން ޖެހުނު މީހުންނާއި، އެމީހުންގެ އެތަކެއް ވައްތަރުގެ އަނިޔާގެ ދަށުވި މީހުންނާއި، އެބައެއްގެ ޙައްޤުތަކަށް އެމީހުން އަރައިގަތް މީހުންގެ ބަދުދުޢާ އެމީހުންގެ މަގަތުގައި ކޮންމެ ރެޔަކުަ ނިދާނެއެވެ. އެމީހުންގެ ނިދާކޮޓަރީގައި ކިތަންމެ އަލިގަދަ ބޮތްކެއް ދިއްލިޔަސް، އެމީހުން ނިދާނީ އިންތިހާ ދަރަޖައިގެ އަނދިރިކަމުގައެވެ. އަދި މާދަމާވެސް އެ މުދާވެރިކަމާއި އަގުބޮޑު ދިރިއުޅުމުން އަތްދޮވެލާން ޖެހިދާނޭ ކަމުގެ ބިރު އަބަދުވެސް އެކަހަލަ ކޮންމެ މީހެއްގެ ވަށައިގެން އެނބުރޭނެއެވެ.

އެނގޭ ހެއްޔެވެ! އަނދިރިކަމަކީ އޭގެ ޒާތުގައި އިތުރު އަނދިރިކަމަށް ތަންދޭ އެއްޗެކެވެ. އަނެކާގެ ޙައްޤަކަށް އަރައިގަނެގެން މަހުޖަނަކަށް ވެފައިވާ މީހަކަށް ދުނިޔެވެސް ފެންނާނީ އަބަދުވެސް އަނދިރި ކޮށެވެ. ދުޝްމަނުން އަރައި ފުރިފައިވަނިކޮށެވެ. އެފަދަ މަހުޖަނެއްގެ އަނދިރި ނަޒަރުގެ ކަޅިއެއް އެ މީހަކާ ދިމާޔަށް އެޅުނު ކޮންމެ މީހަކު އިސާހިތަކު އެ އަނދިރިކަމުގެ ތެރެޔަށް ދަމައިގަންނާނެއެވެ. ހަމަ އެ އަނދިރިކަމުގެ ނާތަހުޒީބު ވިސްނުމާއި ފިކުރަށް އިޝްތިރާކު ދޭނެއެވެ. ދެ ދުނިޔެއިން ހަލާކުވެސް ވެގެން ދާނެއެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ދަރީންނޭ، އަޑުއަހާށެވެ!

ދުނިޔޭގައި އިންސާނަކަށް ހޯދޭނޭ އެންމެ ބޮޑު މުއްސަނދިކަމަކީ ފައިސާޔާއި، ރަންރިއްސާއި، ބޮޑެތި ފިހާރަތަކާއި، ރިސޯޓު ތަކާއި ހޮޓާތަކެއް ނޫނެވެ. ދުނިޔޭގައި ހޯދޭނޭ އެންމެ ބޮޑު މުއްސަނދިކަމަކީ ޞައްޙަ ތަޢުލީމާއި، މަސައްކަތް ކޮށްގެން ރިވެތި މަގުން ހޯދާ ތަޖުރިބާއެވެ. ލެޔާއި ދައު އޮހޮރުވައިގެން ލިބިގަންނަ ހުނަރުތަކެވެ. މިފަދަ ކަންކަމުުގެ މައްޗަށް ބިނާވެގެން އަންނަ، އަމިއްލަ ނަފުސަށް ކުރާ އިތުބާރެވެ. މި ކަންތައްތަކަކީ ވަގަކު ކިތަން މަސައްކަތެއް ކުރިޔަސް ތިމާ އަތުން ފޭރިގަނެގެންވެސް ގެންދެވޭނޭ ކަންތައްތަކެއް ނޫނެވެ. ތިމާގެ ފައިސާތައް ބަހައްޓައިފައި ހުރިިތަން ރޯވެ އެނދީމައި ފައިސާވެރިޔާ ފަޤީރުވިޔަސް، ތަޢުލީމާއި ހުނަރާއި ތަޖުރިބާޔަކީ އެހައި ފަސޭހައިން ހުޅުހިފާ ޒާތުގެ އެއްޗިއްސެއް ނޫނެވެ. އަދި ދުނިޔޭގެ ކޮންމެ ތާކަށް އެތަކެތި އަތުގައި ހުރި މީހަކު އަރުވައިލިޔަސް، ފޮނުވައިލިޔަސް، މަޖުބޫރުން ހިޖުރަކުރަން ޖެހުނަސް، ލެއްގިޔަސް، މި ބުނި ފަދަ ޢިލްމާއި ހުނަރާއި ތަޖުރިބާ އެމީހާ ދިޔަ ކޮންމެ ތާކަށް އޭނާޔާ އެކީގައި ދާނެއެވެ. އަދި އެތަނެއްގައި އޭނާގެ ދިރިއުޅުން އަލުން އާރާސްތުކުރަން ޖެހުނަސް، އެއީ އޭނާ އަލަށް ފަށާ ކޮންމެ ކަމެއްގެ ’އިންވެސްޓްމަންޓް‘ މުދާ ކަމުގައި އޭނާޔާ އެކުގައި ދެމި އޮންނާނެ މެއެވެ.

ދަރީންނޭ، އަޑުއަހާށޭ، މުއްސަނދީންނާއި މަހުޖަނުންނާ އެހައި ގާތް ނުވާށެވެ. މުއްސަންޖަކު ފަޤީރެއްގެ ރަޙުމަތްތެރިޔަކަށް ވުމަކީ ނާދިރު ކަމެކެވެ. ގިނަފަހަރަށް މުސްތަޙީލު ކަމެކެވެ. ފޯރާ މީހުންނަށް ޙައްޤު އުޖޫރަޔަށް މަސައްކަތް ކޮށްދިނަސް، އެމީހުންގެ އަޅުންނަށް ނުވާށެވެ. އަމިއްލަ ނަފުސު އެމީހުންނަށް ވިއްކައިނުލާށެވެ. އަދި އެ މީހުންގެ ތެރެއިން މީހަކު މުއްސަނދިވީ ނުވަތަ އަދިވެސް މުއްސަނދިވަމުން ދަނީ  އެހެން މީހެއްގެ ނުވަތަ ބައެއްގެ ޙައްޤުތަކަށް އަރައިގަނެގެން ހޯދި ނުވަތަ ހޯދާ އެއްޗިހިން ކަން އެނގިއްޖިއްޔާ، އެ މީހަކަށް އުޖޫރަޔަށްވެސް ކަމެއް ކޮށް ނުދޭށެވެ. އަދި ޢަމުދުން، އިންސާނުންގެ ޙައްޤުތަކަށާއި މުދަލަށާއި ގޯތިގެދޮރަށް އައްސުން އަރައިގަނެ، ގެއްލުންދީ ހަދައިގެން، އެއް ރުފިޔާގެ ބަދަލުގައި ދެ ރުފިޔާ ވިއްސަން މަސައްކަތްކުރާ ’އަނދިރި ފޫޅުމައިންނާ‘ އެއްގޮތަކަށްވެސް ވައިވެސް ނޭޅޭށެވެ. އެ މުޑުދާރުކަމާއި ހަޑި ތިމާޔާއި ތިމާގެ އަނބިދަރީންނާއި މައިންބަފައިންގެ އަރުތެރެއިން އެތެރެވިޔަ ނުދޭށެވެ. އިންސާނެއްގެ ޙައްޤެއް ކަތިލައިގެން ހޯދާ އެ ޙައްޤުގެ ލޭ އެމީހެއްގެ އަރުތެރެއިން އެތެރެވާ މީހާގެ މުސްތަޤުބަލު އޮތް ގޮތް މިތާނގައި ބަޔާންކުރާކަށް ނެތީމެވެ. އެ ކަހަލަ ކަންކަން ބޮޑަށް އެނގިވަޑައިގަންނަވާނީ ބޮޑެތި ޢިލްމުވެރީންނަށެވެ. އެކަހަލަ ވާހަކަ އަހާންވާނީވެސް އެކަހަލަ ބޭބޭފުޅުން އަރިހުގައެވެ. އެކަމަކު، އެކަަހަލަ މުޑުދާރު ފައިސާ ލިބިގަތުމަށްވުރެ، ދޮލަނގަކަށް ވަޅޯމަސް އަޅައިގެން، މަގުމަތީގައި ތޯތްގޮވަމުން ހިނގައިގެން ހޯދާ އެއްޗެއްވެސް އެޔަށްވުރެ މާ ޠާހިރު ވާނޭކަމަށް ފެނެއެވެ.

ދަރީންނޭ، އަޑުއަހާށެވެ!

ކަންބޮޑުނުވާށެވެ. ހާލީގައި އޮންނަ ދޫނި، ދުވަސް ފެށޭތަނުން އުދުހިގެން ގޮސްފައި، ރޭ ވާއިރަށް ހާއްޔަށް އެނބުރި އަންނަނީ ބަނޑުފުރައިގެންނޭ ބުނާ އަޑު އަހަންހެވެ؟ އެއީ ހައުދަހައި ބޮޑު ވާހަކައެކެވެ. އެއީވެސް ޝައުޤުވެރިކަން ހުރި މީހަކު އެއީ ކޮން ވާހަކައެއްތޯ އަހައިލާން ޢާލިމުން ގާތަށް ދާން ޖެހޭވަރުގެ ވާހަކައެކެވެ. އަޅެ ގޮސްލައްޗެވެ. އަހައިވެސް ލައްޗެވެ. ދެރައެއް ނުވާނެއެވެ.

ދަރީންނޭ، އަޑުއަހާށެވެ!

އަޑަށް ބާރުލައިފައި ބުނަމެވެ. ޢާލިމުން ގާތު އަހައިލާށޭވެސް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބުނެއްވިއްޖެތާއެވެ. އެކަމަކު ވިސްނާށެވެ. ތިމާ މިއީ އެންމެ މޮޅު ޢިލްމުވެރީން އެ ތާކުން ކިޔަވައިގެން އަންނަ މިވެނި ޔުނިވަރސިޓީއަކުން ނޫނީ ޖާމިޢާޔަކުން ކިޔަވައިގެން އައިސް ހުރި މީހަކީމޭ ބުނާ ކޮންމެ މީހަކީ ޢިލްމުވެރިޔެއް ނޫނެވެ. އޭނާގެ އެތެރެޔާ ބޭރުގެ އެންމެހައި ފޭރާންތައް ހުރީ ބޯކިރަށް ވުރެވެސް ހުދު ހުދުކުލައިން ކަމަށް ވިޔަސް، އެ މީހަކީ އެންމެ މުޑުދާރު މީހުންގެ ތެރެއިން ހިމެނޭ މީހެއް ކަމުގައިވެސް ހިމެނިދާނެއެވެ. އެހެން ކަމުން، ޢާލިމުން ހޯދާން ނިކުންނަ އިރު، ޢާލިމުން ކަމަށް އަމިއްލަޔަށް އިޝްތިހާރުވާ މީހުންގެ ފަސްބައި ވަރަށް ރަނގަޅަށް ބަލައިފައި ނޫނީ އެއިން މީހަކާ ގާތް ނުވައްޗެވެ. އަދި ޢަމުދުން، ވިިޔަފާރިތަކަށް ފައިސާ އަޅައިގެން ފައިދާ ހޯދާ މީހުންނާއި، އަބުރަށް ކިސަޑު ބުރައިފައިވާ މީހުންނާއި އެމީހުންގެ އަޢުވާނުންނަށް ވަކީން ޚާއްޞަ ނަޒަރަކުން ފަރުވާވެ ބަލާށެވެ. އެހެންނޫނީ، ގޯހެއް ވުން އޮންނާނީ ވަރަށް ކައިރީގައެވެ.

ދަރީންނޭ، އަޑުއަހާށެވެ!

އަހަރުމެން އެންމެންނަކީ އިންސާނުންނީމުއެވެ. އަހަރުމެންގެ އިންސާނީ ޙައްޤުތަކާއި، ޤާނޫނުން އަހަރުމެންނަށް ލިބިދޭން ޖެހޭ ކަމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރާ ޙައްޤުތައްވެސް އަހަރުމެންނަށް ނުލިބޭ ފަހަރު އަތުވެދާނެއެވެ. ވަކީން ޚާއްޞަކޮށް، މުއްސަނދި މަހުޖަނުންގެ ނުފޫޒާއި، ރިޝްވަތާއި، މަސްއޫލުވެރި މަޤާމުތަކުގައި ތިބޭ މީހުންވެސް ފަސާދައިގެ އަނދިރި ފަރުދާއެއްގެ ތެރެއިން ދިރިއުޅުން ދެކެން މަޖުބޫރުވީމައި އެމީހުން ދެކެ ގަންނަ ގަންނަ ބިރާއި، މިހުރިހައި ކަންކަން މުޖުތަމަޢުގެ ތެރެޔަށް ފެތުރިއްޖެތަ، އެ ފަހަރުތައް ވާނީ އިތުރެވެ. އަދި އަހަރުމެން ކަހަލަ އިންސާނުންގެ ކެތްތެރިކަން ކޮޅުންލައި، ސިކުނޑިޔަށް ވުރެ އަތްފައި އިސްކުރެވި، މިހެން ވާ ފަހަރުވެސް އަންނާނެއެވެ. އަހަރުމެންނަކީ އިންސާނުންނީމުއެވެ. އެހެން ކަމުން، މިބުނިހެން ބައެއް ފަހަރު ވިޔަސް، ޙާލަތު ބަދަލުކުރަން މަސައްކަތްކުރުންވެސް އޮތީ ހަމަ އަހަރުމެންގެ އަތްމަތީގައި ކަން ހަނދާން ބަހައްޓައްޗެވެ.

ދަރީންނޭ، އަޑުއަހާށެވެ!

އުނގެނޭށެވެ. މަސައްކަތް ކުރާށެވެ. ތަޖުރިބާ ހޯދާށެވެ. އަމިއްލަ ނަފުސުގެ ކެހިވެރި ’މަވަންތަ ކަމާއި‘ ތިމާމީހާގެ ޟަޢީފު އިންސާނީ ހަށިގަނޑަކީ ކައުނުގެ ފުންކަމާއި ފުޅާ ކަމުގެ ތެރެއިން ޙަޤީޤަތުގައި އެއްވެސް އެއްޗެއް ނޫނެވެ. ޙަޤީޤަތަކީ، އެތައް އެތައް ގުނައެއް އުފުލިގެންވާ، މާތް، މަތީ، ޚާލިޤުވަންތަ ފަރާތެއް ވާކަން އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ކުރުން މަތީ ދެމިހުރުމުން، ފެންނަމުން ފެންނަމުން ގޮސް، ޙަޤީޤީ ނަޞީބުވެރީންނަށް ނޫނީ ނުފެންނާނޭ އެއްޗެކެވެ. އަޅެ ޠާހިރު ޢާލިމަކު ގާތު އަހައިލަބަލާށެވެ.