...

Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 16

ސޯޅަ ވަނަ ސިފަ: މަޝްވަރާކުރުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ މަޝްވަރާކުރުމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުށްޓެވެ. ގިނަ ފަހަރަށް ސިޔާސީ ލީޑަރުން ފެއިލްވާ އެއް ސަބަބަކީ މަޝްވަރާގެ އުސޫލު ދޫކޮށް އަމިއްލަ ވިސްނުން ނުވަތަ ވަކިބަޔެއްގެ ވިސްނުން އިސްކުރުމެވެ.

ކީރިތި ރަސޫލާ ﷺ أصحاب ބޭކަލުންނާއެކު ބަދުރު ހަނގުރާމަ ކުރުމާ މެދު މަޝްވަރާކުރެއްވިއެވެ. އެހިނދު أصحاب ބޭކަލުން ހަނގުރާމަ ކުރުމަށް ހިތްވަރު ދެއްވިއެވެ. އެގޮތުން المقداد بن الأسود (رضي الله عنه) ވިދާޅުވިއެވެ. އޭ الله ގެ رسول އާ އެވެ. ބަނީ އިސްރާއީލުގެ މީހުން موسىގެ ފާނަށް ބުންޏެވެ. އޭ موسىގެފާނެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ ވެރިاله އާ ދެމީހުން ހަނގުރާމަ ކުރާށެވެ. ތިމަންމެން މިތާނގައި އިށީނދެގެން ތިބޭނަމެވެ. ނަމަވެސް ތިމަންމެން ކަލޭގެފާނަށް އެފަދައިން ނުބުނާހުށީމެވެ. ކަލޭގެފާނު ހަނގުރާމައަށް ނިކުމެވަޑައިގަންނަވާށެވެ. އަދި ތިމަންމެން މިތިބީ ކަލޭގެފާނާ އެކުގައެވެ. އެހިނދު އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ. އަދި ހަނގުރާމަ ކުރުމަށް ނިންމެވިއެވެ.

ބަދުރު ހަނގުރާމައަށް ގޮސް މުސްލިމުންގެ ލަޝްކަރު ތަނެއްގައި މަޑުކުރިއެވެ. އެހިނދު މާތްﷲ ރުއްސުންލެއްވި الحُباب بن المنذر، ރަސޫލާ ﷺ އާ އެކު މަޝްވަރާކުރެއްވިއެވެ. ވިދާޅުވިއެވެ. އޭ الله ގެ رسول އެވެ. މިލަޝްކަރު މިމަޑުކުރި ތަނަކީ ކަލޭގެފާނަށް الله އެންގެވިގޮތްތޯއެވެ؟ އަދި އެއީ الله ގެ އެންގެވުމެއް ކަމުގައި ވެއްޖެނަމަ އެއިން އެއްވެސް މިންވަރަކަށް ތިމަންމެން އިސްފަސް ނުކުރާހުށީމެއެވެ. ނުވަތަ އަމިއްލަފުޅު ޚިޔާލާއި ހަނގުރާމައިގެ އަސްކަރީ އުކުޅެއް ހެއްޔެވެ؟ حديث ކުރެއްވިއެވެ. އެއީ އަމިއްލަ ޚިޔާލާއި ހަނގުރާމައާއި އަސްކަރީ އުކުޅުތަކެވެ. އެހިނދު الحُباب بن المنذر ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ އެއީ ލަޝްކަރު މަޑުކުރަން އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ. ދެން އެއަށްފަހު ލަޝްކަރު ބަދުރުގެ ފެންބޯ ވަޅު ކައިރީގައި މަޑު ކުރުވުމަށް އިޝާރާތް ކުރެއްވިއެވެ. އެއީ مسلمންނަށް ހަނގުރާމައިގެ ވަގުތު ފެނުގެ ފަސޭހަކަން ލިބުމަށާއި އަދި ކާފިރުން ފެނަށް ޖެއްސުމުގެ ބޭނުމުގައެވެ. ދެން ރަސޫލާ ﷺ އެގޮތަށް ނިންމެވިއެވެ. އަދި ހަނގުރާމަ ފެށުނެވެ. އަދި مسلم ންނަށް ނަސްރު ލިބުނެވެ.

މަޝްވަރާއަކީ ކޮބާ ހެއްޔެވެ؟

އެއީ ކަމެއްގައި އެންމެ ރަނގަޅު ގޮތް ދަނެގަތުމަށްޓަކައި ހެޔޮލަފާ ދާރުންނާ އެކު ބަދަލުވެވޭ ޚިޔާލު ތަކެވެ.

ކީރިތި قرآن ގެ ސޫރަތަކަށް الشورىގެ ނަމުން ނަން ދެވިފައިވެއެވެ. އަދި الله، ސުބުޙާނަހޫ ވަތަޢާލާ، އެ اله ގެ نبي އާ ﷺ އަށް މުސްލިމުންނާއި އެކު މަޝްވަރާ ކުރުމަށް އަމުރު ކުރެއްވިއެވެ. މާތް الله وحى ކުރެއްވިއެވެ. فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ. މާނައީ:- ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورةކުރައްވާށެވެ! (އާލުޢިމުރާން 159)

މަޝްވަރާ ކުރުމަކީ مسلم ންގެ ސިފައެއްގެ ގޮތުގައި اللهލައްވަވާފައިވާ ކަމެކެވެ. އަދި އެކަމުގެ ވާހަކަ ނަމާދުގެ އަޅުކަމާއި ހޭދަކުރުމުގެ އަޅުކަމާއި އެކު بيا ن ކުރައްވާފައި ވެއެވެ. މާތް الله وحى ކުރެއްވިއެވެ. وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ. މާނައީ:- އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائمކުރި މީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައި ވަނީ مشورةގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ. (ޝޫރާ، 38)

މަޝްވަރާ ކުރަން ޖެހެނީ ދީނުގައި ވަކި ގޮތަކަށް ކުރުމަށް އަމުރު ވެވިފައިނުވާ ކަންތަކާއި މެދުގައެވެ. އެހެންކަމުން شورى ސައްޙަވުމުގެ شرط ގައި އެކަން ހިމެނެއެވެ. ދީނުގައި ކަޑައެޅިގެން ކަމެއް މިވެނި ގޮތަކަށް ކުރުމަށް އަމުރު ވެފައިވާނަމަ ދެން އެކަމަކާއިމެދު މަޝްވަރާއެއް ނުވާނެއެވެ.

މަޝްވަރާ ކުރުމުގެ ފައިދާ

މަޝްވަރާ ކުރާ މީހާއަށް ދެރަގޮތް މެދުވެރިވުމުން ސަލާމަތްކަން ލިބެއެވެ. އަދި ރަނގަޅުގޮތް މެދުވެރިވުމަށް މަގުފަހިވެއެވެ.

މަޝްވަރާ ކުރުމަކީ އެހެން މީހުންގެ تجربة އިން ތިމާގެ معلومات ގެ خزانة މުއްސަނދި ވާކަމެކެވެ. އަދި އިސްލާމީ އަޚުވަންތަކަން ދެމެހެއްޓޭ ކަމެކެވެ.

ކަންކަމުގައި މަޝްވަރާކުރުމަކީ ހެޔޮ މަގަށް މަގުދައްކާ ކަމެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.