Support Us

އަމީރުލް މޫމިނީން ޢުމަރު ބުން ޢަބުދުލް ޢަޒީޒު: އެއްވެސް ކަހަލަ ހަދިޔާއެއް ޤަބޫލުފުޅު ނުކުރައްވާ

އަމީރުލް މޫމިނީން ޢުމަރު ބުން ޢަބުދުލް ޢަޒީޒަކީ ޚުލްޤުފުޅު ރިވެރި ތަޤުވާވެރި ބޭކަލެކެވެ. ވަރަޢަވެރި އަމާނާތްތެރި ބޭކަލެކެވެ. ރައްޔިތެއްގެ ފަރާތުންވެސް އަދި ޢާއިލާގެ މެމްބަރެއްގެ ފަރާތުންވެސް އެއްވެސް ކަހަލަ ހަދިޔާއެއް ޤަބޫލުފުޅު ނުކުރައްވައެވެ.

އެއްފަހަރަކު އެކަމާ ބެހޭ ގޮތުން މީހަކު ދެންނެވިއެވެ. "އޭ އަމީރުލް މޫމިނީންއެވެ. ކީރިތި ރަސޫލާ ﷺ ވެސް ހަދިޔާ ޤަބޫލުފުޅު ކުރައްވައެވެ." އެހިނދު އަމީރުލް މޫމިނީން ޢުމަރު ބުން ޢަބުދުލް ޢަޒީޒް (ރަޙިމަހުﷲ) ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ﷺގެ ޒަމާނުގައި އެކަލޭގެފާނަށް އެރުވުނީ ޝައްކެއް ނެތް ގޮތުގައި ހަދިޔާއެވެ. ނަމަވެސް އަހަންނަށްވެސް އަދި އަހުރެންގެ ފަހުން އަންނަ ވެރިންނަށްވެސް ހަދިޔާގެ ނަމުގައި ދެވޭނީ ރިޝްވަތެވެ."

އެކަލޭގެފާނަކީ ބައިތުލް މާލުން ރެވި އޮއްޓަރެއްގެ މިންވަރުވެސް ހުއްދަ ނޫން ގޮތުގައި ހާޞިލް ކުރެއްވި ބޭކަލެއް ނޫނެވެ. ކުޑަމިނުން ބައިތުލްމާލުގެ އެއްޗެއްގެ ވަސްވެސް ނޭފަތްޕުޅުގައި ޖެހޭކަށް ރުހިވޮޑިއެއް ނުގަންނަވައެވެ.

އެއްފަހަރަކު ބައިތުލްމާލަށް ގެނެވުނު ހުވަނދުގެ ބާވަތެއް އެކަލޭގެފާނުގެ އަރިހަށް ގެންނެވެމުން، އެތަކެތީގެ ވަސް ނުބެއްލެވުމަށްޓަކައި ނޭފަތްޕުޅުގައި އަތްޕުޅު އެޅުއްވިއެވެ. އެހިނދު އަރިހުގައި އިންނެވި ބޭކަލަކު ދެންނެވިއެވެ. "އަމީރުލް މޫމިނީން އެވެ. މީރުވަސްދުވާ އެއްޗެއް ހުރި ތަނެއްގައި ތިބޭ އިރު އެތަކެތީގެ ވަސް ޖެހުމުގެ ގެއްލުމަކީ ކޮބައިތޯއެވެ؟" ވިދާޅުވިއެވެ. "ހުވަނދުގެ ވަސް ބެއްލެވުމަކީ ހުވަނދު ބޭނުންކުރުމާ އެއްފަދަ ކަމެކެވެ. ބައިތުލްމާލުގެ އެއްވެސް އެއްޗަކުން އަމިއްލަ ބޭނުމެއްކޮށް މަންފާ ހޯދުމަކީ އަހަންނަށް ހަލާލުވެގެންވާ ކަމެއް ނޫނެވެ."

އަމީރުލް މޫމިނީން ޢުމަރު ބުން ޢަބުދުލް ޢަޒީޒްގެ މަގުބަރާ

އަދިވެސް އެހެން ފަހަރެއްގައި ބައިތުލްމާލަށް އާފަލުތަކެއް ގެނެވުނެވެ. އަމީރުލް މޫމިނީން މުސްލިމުންނަށް އާފަލުތައް ބައްސަވަން އިންނަވަނިކޮށް އެކަލޭގެފާނުގެ ތުއްޕުޅު ބޭފުޅެއް އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެތަނުން އާފަލެއް ނަންގަވައި ފަރީއްކުޅުއްވަން ފެއްޓެވިއެވެ. އެހިނދު އެކަލޭގެފާނު ދަރިކަލުންގެ އަތްޕުޅުން އެ އާފަލު އަތުލެއްވިއެވެ. އެކަމާ ދަރިކަލުން ކީރިތިކުރައްވަމުން މަންމާފުޅުގެ އަރިހުގައި ޝަކުވާކުރެއްވިއެވެ. އެކަމަނާ ބާޒާރުން އާފަލެއް ބައްލަވައިގެންފައި ދަރިކަލުންނަށް ދެއްވިއެވެ.

އަމީރުލް މޫމިނީން ގަނޑުވަރަށް ވަޑައިގެންނެވި އިރު އާފަލު ވަސް ދުވާތީ ސުވާލުކުރެއްވިއެވެ. "އަނެއްކާވެސް ބައިތުލްމާލުން އާފަލު ގެޔަށް ގެނައީ ހެއްޔެވެ؟" އެހިނދު އަނބިކަމަނާ އެކަންވީ ގޮތް ކިޔައިދެއްވުމުން އުމަރު ވިދާޅުވިއެވެ. "މާތްﷲ ގަންދެމެވެ. އަހުރެން ފިރުކައިގަތީ ދަރިކަލުން އަނގަ ޖަހައިގެން ހުރި އާފަލެއް ނޫނެވެ. އެކަމަކު އަހުރެންގެ ހިތުގެ ތެރެއިން އާފަލެކެވެ. މުސްލިމުންގެ އާފަލަކާ ހުރެ ހަލާކުގެ ތެރެއަށް ވެއްޓޭކަށް އަހުރެން ބޭނުމެއް ނޫނެވެ."

ނޯޓް: މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ބިރުވެތިވާ ޢަދުލުވެރި ވެރިން އެބައިމީހުންގެ އަމަލުތައް ބެހެއްޓެވި ގޮތެވެ. ކުޑަމިނުން ރެވިއޮއްޓަރެއްގެ މިންވަރުވެސް ހައްޤުނޫން ގޮތުގައި ބޭނުން ނުކުރައްވައެވެ. ނަމަވެސް މިއަދުގެ ވެރިންގެ ހާލަކީ ކޮބައިތޯއެވެ؟ ބޭންކު އެކައުންޓު ފުރިންގެން ބަނޑުންވާ ވަރަށް ހުންނަ ފައިސާއަކީ ހަދިޔާއެވެ. ކެމްޕޭނު ފައިސާއެވެ. ޖަވާހިރު ޖެހި އަނގޮޓިޔާއި ޔާގޫތާއި އަގުބޮޑެތި ކާރާއި ގަޑި ހަދިޔާގެ ގޮތުގައި ދަރިންނާއި އަނބިންނާއި ހޫރުކާފައިންނަށް ލިބެމުންދާ އިރު ބައިތުލްމާލުގެ ހުރި ރައްޔިތުންގެ ފައިސާ ތަޅާ ބުރުވާލަނީ ހިތުހުރި ގޮތަކަށެވެ. އަމިއްލަ ބޭނުން ތަކަށް ގެޔަށް ފައިސާ ވައްދަނީ ކަޅު ދަބަސްދަބަހުގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *