Support Us

ޢިބުރަތްތެރި ވާހަކަ: ޢަބްދުލް ޤާދިރު ޖީލާނީ އަދި ޝައިތާނާ

ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ޒިކުރު ކުރައްވާފައިވެއެވެ. "ޝެއިޚު ޢަބްދުލް ޤާދިރު ޖީލާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް އުޑާއި ބިމާ ދެމެދުން ތަހުތެއް ފެނިވަޑައިގަތެވެ. އަދި ބުނާ އަޑު އިވުނެވެ. އޭ ޢަބްދުލް ޤާދިރެވެ. އަހަންނަކީ ތިބާގެ ވެރިރައްބެވެ. ތިބާގެ މައްޗަށް ހުރިހާ ފަރުޟުތަކެއް މިއަދުން ފެށިގެން ބާތިލް ކޮށްދީފީމެވެ. (އެބަހީ އަޅުކަންތައް އަދާކުރާކަށް ނުޖެހޭނެއެވެ.) އަދި ހުރިހާ ޙަރާމް ކަންކަމެއް ހުއްދަކޮށްދީފީމެވެ. އަދި ހުރިހާ ވާޖިބުތަކެއްވެސް ކުރަން ނުޖެހޭ ގޮތް ހަދައިދީފީމެވެ.

ދެން ޢަބްދުލް ޤާދިރު ޖީލާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. އޭ ﷲގެ ޢަދުއްވާއެވެ. އަހަރެން ކިބައިން ފެއްސިގަންނާށެވެ. ދެން އެ ޢަރުޝު (ތަހުތުން) ނޫރު ކެނޑިގެން ހިނގައްޖެއެވެ. އަދި ޝައިތާނާ ބުނާ އަޑު އިވުނެވެ. "އޭ ޢަބްދުލް ޤާދިރެވެ. ތިބާގެ ޢިލްމުވެރިކަމާއި އަދި ހިލްމުވެރިކަމުގެ ސަބަބުން އަހަރެންގެ ކިބައިން ސަލާމަތް ވެއްޖައީމުތާއެވެ. މިގޮތަށް އަހަރެން ހަތްދިހަ މީހުންނަށްވުރެ ގިނަ މީހުން މަގުފުރެއްދީމެވެ."

ދެން ޢަބްދުލް ޤާދިރު ޖީލާނީ ރަޙިމަހުﷲ އަށް ދެންނެވުނެވެ. "އެއީ ޝައިތާނާކަން އެނގުނީ ކިހިނެއްތޯއެވެ؟" އެކަލޭގެފާނު ދެންނެވިއެވެ. "އެއީ ވާޖިބުތަކާއި ފަރުޟުތަކާއި އަދި ޙަރާމްކަންކަން އަފޫކޮށްދިނުމުގެ ސަބަބުންނެވެ. ސަބަބަކީ ވާޖިބުތައް ބުއްދި ގެއްލިފައިވާ މީހެއްގެ މައްޗަށް މެނުވީ މާފުނުވާ ހުއްޓެވެ. ޝައިތާނާއަށް އޭނާއަކީ ﷲ އެކޭ ނުބުނެވޭ ހުއްޓެވެ. ނަމަވެސް އޭނާ ބުނީ އަހަރެންނަކީ ތިބާގެ ވެރިރައްބެވެ."

މިވާހަކައިން ލިބޭ ޢިބުރަތްތައް

ހ. ޢިލްމަކީ މަގުފުރެދުމުން ސަލާމަތްވާ ސަބަބެއްކަން.

ށ. ޝެއިޚު ޢަބްދުލް ޤާދިރު ޖީލާނީ ރަޙިމަހުﷲ އަކީ ޢުމްދަތުލް އަޙުކާމް ޙަދީޘްފޮތް ޖަމާކުރެއްވި އަބްދުލްޣަނީ އަލްމަޤްދިސީގެ އުސްތާޛެކެވެ. އަދި ވަރަށް ތަޤުވާވެރި ގިނައިން އަޅުކަން ކުރައްވާ ޢިލްމުވެރި ބޭކަލެކެވެ. އަދި ސޫފީން އެކަލޭގެފާނު މާތްކޮށް އިލާހެއްގެ ދަރަޖައަށް ގެންގޮސް މައުލޫދުގަޔާއި އަދި ޤަބުރަށްވެސް ސަޖިދަކޮށް އަދި ދުޢާކޮށް ހަދައެވެ. މިއީ އިސްލާމްދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އަދި އަބްދުލްޤާދިރު ޖީލާނީ ރަޙިމަހުﷲ ވަނީ މިކަންކަމުން ބަރީޢަވެގެންނެވެ. އެކަލޭގެފާނަކީ އަހުލުއް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެއީ ޝީޢާއިންނާއި ރާފިޟީންގެ ކިބައިން އަހުލު ބައިތުން ބަރީޢަވެގެންވާ ފަދައިންނެވެ.

ނ. ޝައިތާނާ މަގުފުރެއްދުމަށް ބޭނުންކުރާ އެކި އުކުޅުތައް. މިޒަމާނުގައިވެސް އަދި ކުރީގައިވެސް ވަރަށް ގިނަ މީހުން ކަލާނގެ ކަމަށް ނުވަތަ ޝިރުކަށް ގޮވާލަނީ މިފަދައިން ކަންކަން ފެނުމަށް ފަހުގައެވެ. އެގޮތުން ނަޞާރާ ދީނަށް ތިންއިލާހުގެ ތިއަރީ ވެއްދި ޔަހޫދީއެއް ކަމަށްވާ ޕޯލްއަށްވެސް މިގޮތަށް ފަރާތެއް ބައްދަލުވި ކަމަށް ބުނެފައިވެއެވެ.

– ހެޔޮބަސް –

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *