...

Support Us

ރަޙްމަތުގެ ނަބިއްޔާ

ރަބީޢުލް އައްވަލު މަހަކީ ކީރިތި ރަސޫލާ ﷺ ދުނިޔެއަށް ވަޑައިގެންނެވި މަހެވެ. އެކަލޭގެފާނުގެ އުފަންވެ ވަޑައިގަތުން ވެފައިވަނީ، ޖާހިލުކަމާއި ޝިރްކުގެ ސުންޕާކަމުން ދުނިޔެ ސަލާމަތް ކުރި ވަރުގަދަ ރިސާލަތެއްގެ މައުލިދަކަށެވެ. އެއީ ވަރުގަދަ އުއްމަތެއް ބިނާކޮށް އާރާސްތު ކުރި މައުލިދެކެވެ. އެއީ ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލުކޮށްލި ޙަޟާރަތެއްގެ އުފަންވުމެކެވެ. ކީރިތި ރަސޫލާ ﷺ ގެންނެވި އިސްލާމީ ދަޢުވަތުގެ ސަބަބުން އީމާންކަން މުޅި  ދުނިޔެއަށް ޢާއްމުވެ، ޞުލްޙަމަސަލަސްކަން ފެތުރި، އެއްގަމަށާއި ކަނޑުތަކަށާއި އިންސާނުންނަށާއި ޖިންނިންނަށާއި ގަސްގަހާގެއްސަށާއި ދިރުންހުރި އެއްޗެއްސަށާއި ދިރުން ނެތް އެއްޗެއްސަށް އަލިކަމާއި އަމާންކަމާއި އުފާވެރިކަން ލިބިގެން ދިޔައެވެ. މާތްﷲ ވަޙީ ކުރައްވަނީ "لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولاً مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلالٍ مُبِين[1] – ހަމަކަށަވަރުން، مؤمنންގެ މައްޗަށް اللَّه ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ آية ތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން طاهر ކުރައްވާ، އަދި ފޮތާއި حكمة، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެ ކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ."

މި އުއްމަތުގެ ނަބިއްޔާ ދުނިޔެއަށް ވަޑައިގަތުމުގެ ސަބަބުން އީމާންކަމުގެ ނޫރުން ދުނިޔެ އުޖާލާވެގެން ދިޔައެވެ. އެކަލޭގެފާނުގެ ސީރަތަކީ ޢާލަމުތަކަށް ވޮށެއްކަމުގައި ވެފައިވާ ޢަމަލީ މަންހަޖެކެވެ. اللهُ تَعَالَى ވަޙީ ކުރައްވަނީ "يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَـٰكَ شَـٰهِدًا وَمُبَشِّرًا وَنَذِيرًا[2]– އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ." އަދި ވެސް ވަޙީ ކުރައްވަނީ "وَمَآ أَرْسَلْنَـٰكَ إِلَّا رَحْمَةً لِّلْعَـٰلَمِينَ [3]– އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ."

އެކަލޭގެފާނުގެ ސީރަތަކީ ޠާހިރުކަމާއި ސާފުކަމުގެ މިސާލެކެވެ. ދެފުށް އެއްގޮތްކަމާއި، ހިތްތިރިކަމުގެ ނަމޫނާއެކެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމުގެ ލާސާނީ މިސާލެކެވެ. ތޭވީހަކަށް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވަރުގަދަ އުއްމަތެއް އެކަލޭގެފާނު ވަނީ ބިނާ ކުރައްވައިފައެވެ. އެއްވެސް ޒަމާނެއްގައި މި ފަދަ ކުރު މުއްދަތެއްގެ ތެރޭގައި ވަރުގަދަ ޙަޟާރަތަކާއި މަދަނިއްޔަތަކާއި ރަށްވެހި ކަމެއް ބިނާ ކުރެއްވި ދެވަނަ ޝަޚްޞިއްޔަތެއް ތާރީޚުން ފެންނާކަށް ނެތެވެ. މިއީ މުސްލިމުންގެ ކުރިން ޣައިރު މުސްލިމުން އެކަމަށް ހެކިވެ ސަނާ ކިޔައިފައިވާ ކަމެކެވެ. މި ފަދަ ވަރުގަދަ ޙަޟާރަތެއް، މި ފަދަ މަތިވެރި އުއްމަތެއް ޤާއިމު ވެގެން ދިޔައީ، އެކަލޭގެފާނުގެ މަދުރަސާއިން ދަސްވެނިވެ ވަޑައިގެން ދަރިވަރުންގެ ވިސްނުން ތޫނުކަމާއި އުފެއްދުންތެރިކަމާއި ދުރުވިސްނުމާއި ޙިކްމަތު ޢަމަލީގެ ސަބަބުންނެވެ. އެކަލޭގެފާނު މީސްތަކުންގެ ހިތްތައް ފަތަޙަ ކުރައްވައިފައި ވަނީ ރިވެތި ޙިކްމަތާއި ރިވެތި ވަޢުޡާއި އޯގާވެރިކަމާއި ހިތްޕުޅު ހެޔޮކަމުންނެވެ. އެކަލޭގެފާނާ ދެކޮޅު ހެދި މީހުންނާ ރިވެތި ގޮތުގައި ޖަދަލު ކުރައްވައިގެންނެވެ. އެކަލޭގެފާނުގެ މަދުރަސާއިން ދަސްވެނިވެފައިވަނީ އިސްލާމީ ގިޔުގަނޑުގެ ތެރޭގައި އުޅެން ތަރްބިޔަތު ލިބިފައިވާ ޒުވާނުންނާއި ޞާލިޙު އަންހެނުންނާއި ހެޔޮ ލަފާ އެދުރުންނާއި ހަނގުރާމަ މަތީ ފަހުލަވާނުންނާއި ހަރުދަނާ މުރައްބީންނާއި ދީނީ ޢިލްމުވެރިންނާއި ސިޔާސީ ޒަޢީމުންނެވެ.

ޛިކްރާ ފާހަގަ ކުރަންވީ ކީއްކުރަން

އަޅުގަނޑުމެން މިއަދު މި ވަސްމީރު ޛިކްރާ އައުކުރާ އިރު އަޅުގަނޑުމެންގެ ހިތަށް ގެންނަންވީ މި ލޮބުވެތި ރަސޫލާގެ އިންސާނީވަންތަކަމާއި އަޚްލާޤުގެ މަތިވެރި ކަމެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން އަލުން ރަނގަޅު ކުރުމަށް ޓަކައެވެ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ނަމޫނާ އިންސާނަކަށެވެ. އެކަލޭގެފާނުންގެ އަހްލުންނާއި އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާއެކު މަޢީޝަތުގެ ކަންތައްތަކުގައްޔާއި ޙަޔާތުގެ ބުރަތަކާއި ދަތިތައް ތަޙައްމުލު ކުރެއްވުމުގައި އެއްބާރު ލައްވައިފައިވެއެވެ. އެކަލޭގެފާނުގެ ގާތްތިމާގެ ބޭފުޅުންނާއެކު މުޞީބާތްތަކުގައި ހަމްދަރްދީވެ ވަޑައިގެންފައިވެއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެ ވަޑައިގެންފައިވެއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުއްވާފައި ވެއެވެ. މެހެމާނުންނަށް ކަމޭ ހިއްތަވައިފައި ވެއެވެ. އިޚްވާނުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތްތަވައިފައިވެއެވެ. ކީރިތި ރަސޫލާ ﷺ ހުރިހާ ވަގުތެއްގައި ވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ.

އެކަލޭގެފާނުދެކެ ލޯބިވުން

މި މުނާސަބަތުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލަނގެފާނު ދެކެ ލޯބިވުން އިތުރުކޮށް އެކަލޭގެފާނުގެ ރިސާލަތަށް ތަބާވެ، އެކަލޭގެފާނު ގެންނެވި އުޞޫލުތަކުގައި ހިފެހެއްޓުމެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ އީމާންކަމުގެ ޢަލާމަތްތަކުގެ ތެރެއިން ޢަލާމަތެކެވެ. މާތްﷲ ރުއްސުންލެއްވި އަނަސު ބުނު މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ )[4]– އެމީހެއްގެ މައިންބަފައިންނާއި ދަރިންނާއި އެހެން އެންމެހާ މީސްތަކުން ދެކެ ލޯބިވާ ވަރަށް ވުރެ ތިމަން ކަލޭގެފާނު ދެކެ ލޯބިވާ މިންވަރު އިތުރުވެއްޖައުމަށް ދާނދެން ތިޔަބައިމީހުންގެ ތެރެއިން ހަމަ އެކަކުގެ ވެސް އީމާންކަން ފުރިހަމަ ވެގެން ނުވެތެވެ."

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލޭގެފާނަށް ދެއްވި އެކުވެރިންނަކީ ނުވަތަ ޞަޙާބީންނަކީ އެކަލޭގެފާނު ދެކެ ވަރަށް ލޯބިފުޅުވި ބަޔެކެވެ. އެބޭކަލުން އެކަލޭގެފާނާއެކު ހުރިހާ ވަގުތުތަކެއް ހޭދަކުރެއްވިއެވެ. އެބޭކަލުންގެ ދަރިދަރިކަލުންނާއި އެބޭކަލުންގެ ފުރާނަފުޅުތަކަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިފުޅުވިއެވެ. އުޙުދު ހަނގުރާމާގައި އަބޫ ޠަލްޙަތުލް އަންޞާރީ ކީރިތި ރަސޫލާ ﷺގެ ހަށިކޮޅުގެ އައްޑަނައަކަށް ވެވަޑައިގަތެވެ. މުޝްރިކުން ރަސޫލުﷲގެފާނާ ދިމާއަށް އުކަމުން ދިޔަ ތީރުތައް އަރައިފައިވަނީ އަބޫ ޠަލްޙަތުގެފާނުގެ މޭފުޅަށެވެ. އަބޫ ޠަލްޙަތުގެފާނު ރަސޫލުﷲގެފާނަށް ދެންނެވިއެވެ. އޭ ﷲގެ ނަބިއްޔާއެވެ! ކަލޭގެފާނަށް ޓަކައި އަޅުގަނޑުގެ މަންމައާއި ބައްޕަ ފިދާކޮށްފީމެވެ. އިސްތަށިފުޅު ނޫފުއްލަވާށެވެ! އެބައިމީހުންގެ ތީރެއް އަޅުގަނޑުގެ މެއަށް ނާރައި ކަލޭގެފާނުގެ މޭފުޅަކަށް ނާރާނެތެވެ.[5] "ކީރިތި ރަސޫލާ ﷺގެ ޞަޙާބީން އެކަލޭގެފާނު ދެކެ ލޯބިފުޅުވާ މިންވަރާ ބެހޭގޮތުން ޢަލީގެފާނަށް ސުވާލު ދެންނެވުމުން ވިދާޅުވިއެވެ." އަހުރެމެންގެ މުދަލާއި ދަރިންނާއި ބަފައިންނާއި މައިންނާއި އަދި ކަރު ހިއްކައިގަންފައިވާ އިރު ލިބޭ ފިނި ފެންފޮދަށް ވުރެ އަހުރެމެންގެ ގާތުގައި އެކަލޭގެފާނުގެ ލޮބުވެތިކަން މާ ބޮޑެވެ." [6]

ރަސޫލާދެކެ ލޯބިވާނީ ކިހިނެއް

ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވެވޭނީ އެކަލޭގެފާނުގެ ސުންނަތް ދިރުވައިގެންނެވެ. އެކަލޭގެފާނު ގެންނެވި ހިދާޔަތަށް ތަބާވެގެންނެވެ. އެކަލޭގެފާނުންގެ މަތިވެރި އަޚްލާޤުން ގަހަނާ އަޅައިގެންނެވެ. މާތްﷲ ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "مِنْ أَشَدِّ أُمَّتِي لِي حُبًّا نَاسٌ يَكُونُونَ بَعْدِي يَوَدُّ أَحَدُهُمْ لَوْ رَآنِي بِأَهْلِهِ وَمَالِهِ [7]– ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު  ދެކެ ލޯބިވާ ބަޔަކު ،ތިމަންކަލޭގެފާނު ދެކެ  ލޯބިވާލެއް ބޮޑުކަމުން އެމީހުންގެ އަހްލުންނާއި މުދާތައް ޤުރްބާން ކޮށްގެން ވެސް ތިމަންކަލޭގެފާނު ދުށުމަށް އެދޭނެތެވެ."

[1]– آل عمران : 164.

[2] – سورة الأحزاب/ 46

[3] – سورة الأنبياء/ 107

([4]) البخاري : 15.

[5] – صحيح مسلم، ابن حبان

[6] – الشّفاء  للقاضي عياض

([7]) مسلم : 2832

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *