މާލެއިން ފުރައިގެން ވާވު އަތޮޅަށް އިއްޔެ ދަތުރުކުރި ފެރީ ލޯންޗަކަށް އެރި ރާޅަކާއެކު އޭގެން ދަތުރުކުރި 33 އަހަރުގެ އަންހެނަކު މަރުވެ، އޭނާގެ ދަރިއަކު ގެއްލުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ލޯންޗުގައި ދަތުރުކުރި 12 މީހުންގެ ތެރެއިން "ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ މަރުގެ ޚަބަރު އަޅުގަނޑު އެހީ ނުހަނު ފުން ހިތާމައާ އެކުގައި" ކަމަށާއި "ނާހިދާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ގެއްލުނު ކުޑަ ދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން" ކަމަށެވެ.
މިއަދު ހަވީރު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ މަރުގެ ޚަބަރު އަޅުގަނޑު އެހީ ނުހަނު ފުން ހިތާމައާ އެކުގަ. ނާހިދާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ގެއްލުނު ކުޑަ ދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
— Ibrahim Mohamed Solih (@ibusolih) October 16, 2021
ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. "ގެއްލުނު ލޯބިލޯބި ކުޑަކުއްޖާ ހެޔޮޙާލުގައި ހުއްޓާ ފެނުމުގެ އުފާ ޤައުމަށް މިންވަރު ކުރައްވާށި!"
މިއަދު ހިނގި ހިތާމަވެރި ކަނޑުގެ ޙާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ފުރާނައަށް މާތް ﷲ ހެޔޮރަޙްމަތް ލައްވާށި! އަދި ގެއްލުނު ލޯބި ލޯބި ކުޑަކުއްޖާ ހެޔޮޙާލުގައި ހުއްޓާ ފެނުމުގެ އުފާ ޤައުމަށް މިންވަރު ކުރައްވާށި! އާމީން!
— Maumoon Abdul Gayoom (@maumoonagayoom) October 16, 2021
އެމް.އެން.ޑީ.އެފުން ބުނި ގޮތުގައި އޮޅުވެލި ރިސޯޓު ކައިރިން ލޯންޗަށް އެރި ރާޅާއެކު ކަނޑަށް ވެއްޓުނީ ނާހިދާ އާއި އޭނާގެ ދެ ކުދިންނެވެ. އޭގެ ތެރެއިން ނާހިދާ އާއި އެއް ކުއްޖަކު ފެނުނު އިރު ނާހިދާ ވަނީ މަރުވެފައެވެ. އެ ދެމައިން ވަނީ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
އެ ލޯންޗަކީ ވާވު އަތޮޅު ފެރީ ލޯންޗު ކަމަށްވާ "ޑްރީމް ސްޕީޑް-2″އެވެ. ލޯންޗު ދަތުރުކުރީ މާލެއިން ވ. ފުލިދުއަށެވެ.
އެ ލޯންޗުގައި ފިލްމީ ތަރި ރިޝްމީ އާއި ރަވީ ފާރޫގު ވެސް ދަތުރުކުރިއެވެ. އެ މީހުން ވަނީ ގުރައިދުއަށް ގެންގޮސްފައެވެ.
ރަވީގެ ފޯނު ވަނީ ކަނޑަށް ވެއްޓި ގެއްލިފައެވެ. ރިޝްމީއާ "އަދިވެސް" އިން ވާހަކަ ދެއްކުނު ނަމަވެސް އެ ހާދިސާގެ ވާހަކަ މީޑިއާއަށް ކިޔައިދޭން ރިޝްމީ ބޭނުމެއްނުވިއެވެ.
ފުލުހުންނާއި އެމް.އެން.ޑީއެފުން ބުނީ ގެއްލުނު ހަތަރު އަހަރުގެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިއްޔެ ހަވީރު މި ހާދިސާ ހިނގައިފައި ވަނީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވަޔާއި ކަނޑުތައް ގަދަވުމުން ދަތުރުވެރިން ސަމާލުވުމަށް އިންޒާރުތައް ނެރެފައި ވަނިކޮށެވެ.
ސްކޫލްތައް ހަފުތާއަކަށް ބަންދުވުމުން ގިނަ ބަޔަކު ވަނީ ރަށްރަށަށް ދާން ފަށައިފައެވެ.