Support Us

ލޯންޗަކަށް ރާޅު އަރައިގެން ކަނޑަށް ވެއްޓި އަންހެނަކު މަރުވެ، ދަރިފުޅު ގެއްލިގެން ހޯދަނީ

މާލެއިން ފުރައިގެން ވާވު އަތޮޅަށް ދަތުރުކުރި ފެރީ ލޯންޗަކަށް ރާޅެއް އަރައި، ވިއްސައިގެން ގޮސް ކަނޑަށް ވެއްޓި އޭގެން ދަތުރުކުރި 12 މީހުންގެ ތެރެއިން 33 އަހަރުގެ ދިވެހި އަންހެނަކު މަރުވެ، އޭނާގެ ދަރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފުން ބުނި ގޮތުގައި އޮޅުވެލި ރިސޯޓު ކައިރިން ލޯންޗަށް އެރި ރާޅާއެކު ކަނޑަށް ވެއްޓުނީ އަންހެން މީހާ އާއި އޭނާގެ ދެ ކުދިންނެވެ. އޭގެ ތެރެއިން އަންހެން މީހާ އާއި އެއް ކުއްޖަކު ފެނުނު އިރު އަންހެން މީހާ ވަނީ މަރުވެފައެވެ. އަދި ފެނުނު ކުއްޖާގެ ހާލުވެސް ސީރިއަސްއެވެ. އެ ދެމައިން ވަނީ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

އެ ލޯންޗަކީ ވާވު އަތޮޅު ފެރީ ލޯންޗު ކަމަށްވާ "ޑްރީމް ސްޕީޑް-2″އެވެ. ލޯންޗު ދަތުރުކުރީ މާލެއިން ވ. ފުލިދުއަށެވެ. މަރުވި އަންހެން މީހާއާއި އޭނާގެ ކުދިންނަކީ ފުލިދޫ ބަޔެކެވެ.

ހާދިސާ ހިނގި ސަރަހައްދު -ކުރެހުން: އެމް.އެން.ޑީ.އެފް

އެ ލޯންޗުގައި ފިލްމީ ތަރި ރިޝްމީ އާއި ރަވީ ފާރޫގު ވެސް ދަތުރުކުރިއެވެ. އެ މީހުން ވަނީ ގުރައިދުއަށް ގެންގޮސްފައެވެ.

ރަވީގެ ފޯނު ވަނީ ކަނޑަށް ވެއްޓި ގެއްލިފައެވެ. ރިޝްމީއާ "އަދިވެސް" އިން ވާހަކަ ދެއްކުނު ނަމަވެސް އެ ހާދިސާގެ ވާހަކަ މީޑިއާއަށް ކިޔައިދޭން ރިޝްމީ ބޭނުމެއްނުވިއެވެ.

ފުލުހުންނާއި އެމް.އެން.ޑީއެފުން ބުނީ ގެއްލުނު ހަތަރު އަހަރުގެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދު ހަވީރު މި ހާދިސާ ހިނގައިފައި ވަނީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވަޔާއި ކަނޑުތައް ގަދަވުމުން ދަތުރުވެރިން ސަމާލުވުމަށް އިންޒާރުތައް ނެރެފައި ވަނިކޮށެވެ.

ސްކޫލްތައް ހަފުތާއަކަށް ބަންދުވުމުން ގިނަ ބަޔަކު ވަނީ ރަށްރަށަށް ދާން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *