...

Support Us

ކޮލަމް: ރަންދެލި

މައިދައިތައާއި ޅީދަރިފުޅުގެ ސަރުކާރު

ޅީދަރިފުޅު އަލަތު ކައިވެނިމަތީގައި ފިރިމީހާއާއެކު ފިރިމީހާގެ ގެއަށް ދިއުމުން، މައިދައިތަ ޅީދަރިފުޅަށް ވިސްނައިދެމުން ބުންޏެވެ.

"ރަނގަޅަށް ކަނުލައި އަޑުއަހާށެވެ! އަހުރެންނަކީ މި ގޭގެ ބޮޑުވަޒީރެވެ. މި ގޭގައި އެންމެންވެސް ތަބާވާނީ އަހުރެންގެ އަމުރަށެވެ. މިގޭގައި އަހުރެންގެ ބަސްފިޔަވައި އެހެން އެއްވެސް މީހެއްގެ ބަހެއް ނުވިކޭނެއެވެ."

"ކަލޭގެ ބަފާބެއަކީ މި ގޭގެ ރައީސެވެ. އެހެނިހެން ބަރުލަމާނެކޭ އެއްފަދައިން، އެއީ އެއްވެސް އާރެއް ބާރެއް ނެތް ރަމުޒީ މަގާމެކެވެ. ރައީސަކަށް ބޮޑުވަޒީރުގެ މައްޗަށް އެއްވެސް ބާރެއް، ނުފޫޒެއް ނުފޯރުވޭނެއެވެ. އަދި މި ގޭތެރޭގައި ބޮޑުވަޒީރަށް ނޭނގި ރައީސަކަށް އެއްވެސް ކަމެއް ވެސް ނުކުރެވޭނެއެވެ. ރައީސް ކުރާ ހުރިހާ ކަމެއްވެސް ކުރާނީ ބޮޑުވަޒީރު ބޭނުންވާ ގޮތަށް، ބޮޑުވަޒީރު ރުހުމާއެކުގައެވެ. "

"ކަލޭގެ ފިރިމީހާ، ޔަޢުނީ މަގޭ ފިރިހެން ދަރިފުޅަކީ މާލިއްޔަތާއި އިގްތިޞާދާ ބެހޭ ވަޒީރެވެ. މާލީ ވަޒީރުގެ ޒިންމާއަކީ ގެއަށް ބޭނުންވާ ފައިސާ ހޯދައި، އެ ފައިސާ ބޮޑުވަޒީރާއި ހަވާލުކުރުމެވެ. އަބަދުވެސް މާލިއްޔާގެ ތަޅުދަނޑި އޮންނާނީ ބޮޑުވަޒީރު އަތުގައެވެ. ހުރިހާ ޚަރަދެއްވެސް ކުރެވޭނީ ބޮޑުވަޒީރުގެ ރުހުމާއެކު ބޮޑުވަޒީރު ބޭނުންވާ މިންވަރަކަށެވެ."

"ކަލޭގެ ފަހަރި، ޔަޢުނީ މަގޭ އަންހެން ދަރިފުޅަކީ ދާޚިލީ ވަޒީރެވެ. ދާޚިލީ ވަޒީރުގެ ބާރު ހިނގާނީ މިގޭ ބަދިގޭގެ ހަތަރުފާރު ތެރޭގައެވެ. އެއަށްވުރެ ބޭރަކަށް ދާޚިލީ ވަޒީރުގެ ބާރެއް ނުހިނގާނެއެވެ. ބޮޑުވަޒީރަށް ނޭނގި އެއްވެސް ކަމެއް ދާޚިލީ ވަޒީރަކަށް ނުކުރެވޭނެއެވެ. ދާޚިލީ ވަޒީރަށް ގެއިން ބޭރަށްވެސް ދެވޭނީ ބޮޑުވަޒީރުގެ ހުއްދަ ލިބިގެންނެވެ."

"ދެން ހުރީ މި ގޭގެ ގެންގުޅޭ މީހާއެވެ. އެއީ ލޭބަރ މިނިސްޓަރެވެ. ބޮޑުވަޒީރާއި، ދާޚިލީ ވަޒީރުގެ ލަފަޔާ އިރުޝާދުގެ މަތިން ގޭތެރެއާއި ބަދިގޭގެ ހުރިހާ މަސައްކަތެއް ކުރަނީ ލޭބަރ މިނިސްޓަރެވެ."

"ކޮންމެއަކަސް، ރައީސާއި ބޮޑުވަޒީރުގެ މަޝްވަރާއަށްފަހު، ކަލެއަށްވެސް ވަޒީރުކަމުގެ ފަތްކޮޅު ހަވާލުކުރަން މިހާރު ވަނީ ނިންމައިފައެވެ. އެގޮތުން މިވަގުތަށް އެންމެ ރަނގަޅު އަދި ފައިދާ ހުރި ގޮތެއް ކަމަށް ފެނުނީ، ލޭބަރ މިނިސްޓަރު، މަގާމުން ވަކިކުރުމަށްފަހު، އެ މަގާމަށް ކަލޭ އައްޔަން ކުރުމަށެވެ. ވީމާ މިކަމުގައި ކަލެއަށް ފެންނަނީ ކޮންގޮތެއް ހެއްޔެވެ؟" މައިދައިތަ ބުންޏެވެ.

ފުން ނޭވާއެއް ލުމަށްފަހު، ޅީދަރިފުޅު ބުންޏެވެ. "މި ހުދުމުހުތާރު ސަރުކާރުގެ އެއްވެސް ވަޒީރުކަމެއް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ހުންނާނީ އިދިކޮޅު ލީޑަރަކަށެވެ. އަދި ބޮޑުވަޒީރު ބޭނުންހާ ކުޅިއެއް، މި ގޭތެރޭގައި ކުޅޭކަށް ފުރުޞަތެއް ދެން ނުދޭނަމެވެ. މާލިއްޔަތާއި އިގްތިޞާދާ ބެހޭ ވަޒީރުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އަހަރެން އަތްމަތީގައެވެ. ސަރުކާރު ދެން ހިންގާނީ އަހަރެން ވެސް ބޭނުންވާ ގޮތަށެވެ."

ޅީދަރިފުޅުގެ ވާހަކަ އެ ހިސާބަށް ދިޔަތަނާ، ބޮޑުވަޒީރު އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. އެއާއެކު ބޮޑުވަޒީރުގެ ސަރުކާރު ވެއްޓި، އިދިކޮޅު ލީޑަރަށް ވެރިކަން ލިބިއްޖެއެވެ.