Support Us

އެއްވެސް މީހެއްގެ މަޞްލަޙަތަށް ޓަކައި ޤައުމު ރަހީނެއް ނުކުރެވޭނެ

ތަފާތު ޖަމާޢަތްތަކުގެ މެދުގައި ހަތިޔާރުން މުޚާޠަބު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ލުބްނާނުގެ ރައީސް މިޝޭލް ޢައުނު ވިދާޅުވެއްޖެއެވެ. ބައިރޫތުގައި ބޭއްވި މުޒާހަރާގެ ތެރެއަށް ބަޔަކު ބަޑިޖެހުމުގެ ސަބަބުން ހަ މީހަކު މަރުވެ 33 މީހަކު ޒަޚަމުވުމާ ގުޅިގެން މިޝޭލް ވިދާޅުވީ "އެއްވެސް މީހެއްގެ މަޞްލަޙަތަށް ޓަކައި ޤައުމު ރަހީނެއް ނުކުރެވޭނެ" ކަމަށެވެ.

ލުބްނާނުގެ ބޮޑުވަޒީރު ނަޖީބު މީޤާތީ ވަނީ މި ކަން ކުށްވެރި ކުރައްވައި، މަރުވި މީހުންނަށް ތަޢުޒިޔާ ކިޔުމުގެ ގޮތުން ލުބްނާނުގައި އެއްދުވަހުގެ  ޢާއްމު ހިތާމަފާޅުކުރުން ވަނީ އިޢުލާނު ކުރައްވައިފައެވެ.

ލުބްނާނު ސިފައިން ރޭ ހާމަކުރިގޮތުގައި މި މަސްއަލައިގައި ނުވަ މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރޭގައި ސޫރިޔާ މީހަކު ހިމެނޭ ކަމަށް ސިފައިން ބުންޏެވެ. ސިފައިންގެ ބަޔާނުގައި ހައްޔަރު ކުރި މީހުންގެ ނަންތައް ހާމައެއް ނުކުރެއެވެ. ސިފައިން ބުނިގޮތުގައި ކުރިމަތިލުންތައް އަލުން ފެށުނަ ނުދިނުމަށް ޓަކައި ސިފައިންގެ ފައުޖުތައް މިހާރު ވަނީ ކުރިމަތިލުންތައް ހިނގި ސަރަޙައްދުގައި ފެތުރިގަންފައެވެ.

ލުބްނާނުގެ ބޮޑުވަޒީރުގެ އޮފީހުން އިޢުލާންކޮށްފައިވާ ގޮތުގައި މިއަދު ޤައުމުގައި ހިތާމަ ފާޅުކުރުމަށް ޓަކައި ހުރިހާ އޮފީސްތަކަކާއި މުއައްސަސާތަކަކާއި މަދަރުސާތަކަކާއި ޔުނިވަރސިޓީތަކެއް ބަންދުވާނެއެވެ.

އިއްޔެ ހަވީރު ޝީޢީންނާއި ކްރިސްޓިއަނުންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި ލުއި މެޝީންބަޑިއާއި އާރު.ޕީ.ޖީ ބޭނުންކޮށްފައިވެއެވެ. ކުރިމަތިލުންތައް ހިނގާފައި ވަނީ ޝީޢީން ގިނަ އައްޝައްޔާޙު ސަރަޙައްދާއި ކްރިސްޓިއަނުން ގިނަ ޢައިނުއް ރުއްމާނާ ސަރަޙައްދާ ދެމެދުގައި އައްޠުޔޫނާ ސަރަޙައްދުގައެވެ. މި ކުރިމަތިލުންތައް ފަސް ގަޑިއެއްހާއިރަށް ދެމިގެން ދިޔައެވެ.

މި ކުރިމަތިލުންތައް ފެށުނީ ޙިޒްބުﷲ ޖަމާޢަތާއި އަމަލު ޖަމާޢަތުގެ މީހުން ބޭއްވި ޞުލްޙަވެރި މުޒާހަރާއެއްގެ ތެރެއަށް ބަޔަކު ފިލައި ތިބެ ބަޑީގެ ޙަމަލާތަކެއް އޮއްސައިލުމުންނެވެ. ޝީޢީން ބުނާގޮތުގައި މިއީ ޖަޢުޖަޢުގެ "އަލްޤުއްވާތު" ޕާޓީގެ މީހުން ދިން ޙަމަލާއެކެވެ. އެއީ ކްރިސްޓިއަން ޕާޓީއެކެވެ.

ލުބްނާނުގެ ދާޚީލީ ވަޒީރު ބައްސާމު މައުލަވީ ހާމަކުރެއްވިގޮތުގައި މި ހާދިސާގައި ހަ މީހަކު މަރުވެ 33 މީހަކު ޒަޚަމުވިއެވެ. ލުބްނާނުގެ ސަލާމަތާ ބެހޭ މަރްކަޒީ މަޖިލީހުގެ ބައްދަލުވުމަށްފަހު މައުލަވީ ހާމަކުރެއްވި ގޮތުގައި ހަލަބޮލިވުން ފެށުނީ ފިލައި ތިބި ބަޔަކު ބަޑިޖަހަން ފެށުމުންނެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ވަރަށް ނުރައްކާތެރި ޙާދިސާއެކެވެ. އޭނާ ލުބްނާނުގެ މީޑިއާތަކަށް މަސްއަލައިގެ ޙަޤީޤަތް ހާމަކުރުމަށް ގޮވައިލެއްވިއެވެ. އޭނާ  ވިދާޅުވިއެވެ. "ޙާލަތު އަތުން ބީވެގެން ދިޔަދީގެން ނުވާނެއެވެ."

މައުލަވީ ވިދާޅުވިއެވެ. "މުޒާހަރާ ބޭއްވި ފަރާތްތަކުން އެއީ ސުލްޙަވެރި މުޒާހަރާއެއްކަން ވަނީ ފުލުހުންނަށް ކަށަވަރުކޮށްދީފައެވެ. މި މުޒާހަރާ ހަލަބޮލިވީ އެމީހުންގެ ތެރެއަށް ބަޔަކު ބަޑިޖެހުމުންނެވެ." އޭނާ ވިދާޅުވިގޮތުގައި އައްޝައްޔާޙު އަވަށާއި ޢައިނުއްރުއްމާނާ އަވަށުގައި އަމަންއަމާންކަން ޤާއިމު ކުރުމަށް ސަރުކާރުން ސިފައިންގެ ކިބައިން އެދޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ތަޙްޤީޤުތަކުން "ބަޑިން ޖަހަން ފެށީ ކާކު ކަން ހާމަވެގެން ދާނެ"އެވެ.

އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ސަރުކާރު އައީ މިންޖުކުރުމަށާއި މަސައްކަތް ކުރުމަށެވެ. ޤައުމުގެ ކަންތައްތައް ޚަރާބު ކުރާކަށްނޫނެވެ."

ޙިޒްބުﷲއާއި އަމަލު ޖަމާޢަތުން ގުޅިގެން ނެރުނު ބަޔާން ބުނާގޮތުގައި ސަމީރު ޖަޢުޖަޢުގެ "އަލްޤުއްވާތު" ޕާޓީގެ ބަޔަކު ސުލްޙަވެރި މުޒާހަރާއެއް ބާއްވަމުން ދަނިކޮށް މި މުޒާހަރާތެރެއަށް ބަނޑި ޖަހައި އެތައް ބަޔަކު މަރައިލީއެވެ. އަދި އެތައް ބަޔަކު ޒަޚަމުކޮށްލީއެވެ. ޙިޒްބުﷲއާއި އަމަލު ބުނާގޮތުގައި މިއީ "ޤައުމު ފިތުނައެއްގެތެރެއަށް ވައްޓައިލުމަށް ކުރި މަސައްކަތެކެވެ." މި ބަޔާނުގައި ޙިޒްބުﷲއާއި އަމަލުން އެ ދެ ޕާޓީގެ ވާގިވެރީންނަށް ހަމަހިމޭން ވުމަށް ގޮވައިލިއެވެ. އަދި މި މަސއަލަ އަވަހަށް ތަޙްޤީޤު ކުރުމަށް ސަރުކާރަށް ގޮވައިލިއެވެ.

ބައިރޫތުގައި އިއްޔެ ހިނގި ގަނޑުބަޑުތައް ކުށްވެރިކުރައްވާ އަލްޤުއްވާތު ޕާޓީގެ ރައީސް ސަމީރު ޖަޢުޖަޢު ވިދާޅުވިގޮތުގައި "އިއްޔެގެ ހާދިސާތަކުގެ އެންމެ ބޮޑު ސަބަބަކީ ލުބްނާނުގެ ރައްޔިތުންގެ އަމާންކަން ނަގާލައި ބިރުވެރި ހަތިޔާރުތައް މުޅި ޤައުމުގައި ފެތުރިގެން ދިޔުމެވެ. އަމާންކަން ގެއްލި މުޅި ޤައުމު ނާމާންވުމެވެ." ޖަޢުޖަޢުގެ ބަޔާނުގައި ލުބްނާނުގެ ރައީސަށާއި ބޮޑުވަޒީރަށާއި ދިފާޢީ ވަޒީރަށާއި ދާޚީލީ ވަޒީރަށް މި މަސްއަލަ ރަނގަޅަށް ތަޙްޤީޤު ކުރެއްވުމަށް ގޮވާލައްވައިފާ ވެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަނގަޅަށް ތަޙްޤީޤުކޮށް މި ކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބުދޭން އެބަ ޖެހެއެވެ.

މި މަސްއަލައާ ބެހޭގޮތުން ލުބްނާނުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައި ސަޢުދުލް ޙަރީރީ ވިދާޅުވާގޮތުގައި "އިއްޔެ ބައިރޫތުގައި ހިނގި ކަންތައްތައް އެއްވެސް ގޮތަކަށް ބަލައެއް ނުގަނެވޭނެއެވެ." އޭނާ ނެރުއްވި ބަޔާނުގައި ހަނގުރާމަވެރީން މަގުމައްޗަށް ނުކުމެ އުޅުން ހުއްޓުވުމަށް ސިފައިންނަށް ގޮވައިލެއްވިއެވެ.

ޙިޒްބުﷲއާއި އަމަލު ޖަމާޢަތުން މުޒާހަރާތައް ބޭއްވީ ބައިރޫތު ބަދަރުގެ ގުދަނެއްގައި ބާރުގަދަ އެއްޗެހިތަކެއް ގޮވި ހާދިސާ ތަޙްޤޤީޤު ކުރުމަށް އިސްކުރެވުނު ޕްރޮސިކިޔުޓަރު ޠާރިޤުލް ބީޠާރު ވަކި ނުކުރެވޭނެ ކަމަށް ލުބްނާނުގެ އިސްތިއުނާފީ ކޯޓުން ބުނުމުންނެވެ. ބީޠާރު ވަކި ކުރަން ކޯޓަށް ހުށައެޅުއްވީ ބަރްލަމާނުގައި ހިމެނިވަޑައިގަންނަވާ އަމަލު ޖަމާޢަތުގެ ދެ މެންބަރެކެވެ. އެ ދެ ބޭފުޅުން ވިދާޅުވިގޮތުގައި ޤާޟީ ވަނީ ލުބްނާނުގެ ދުސްތޫރާ ޚިލާފުވެ ވަޑައިގެންފައެވެ. އަދި އޭނާ ވަނީ ބަރްލަމާނުގެ ބާރުތަކާއި ރައީސުންނާއި ވަޒީރުންގެ ޤަޟިއްޔާތައް ބަލައި އެންމެ މަތީ މަޖިލީހުގެ އިޚްތިޞާޞުތައް ފަހަނަޅައި ވަޑައިގެންފައެވެ. ޙިޒްބުﷲގެ ޒަޢީމު ހަސަން ނަޞްރުﷲ ވިދާޅުވާގޮތުގައި ބީޠާރުގެ މަސައްކަތް ވަނީ "ޢަދާލަތާ ގުޅުމެއްނެތް ސިޔާސީ މަޤްޞަދަކަށް ބަދަލުވެފައެވެ."

އޮގަސްޓް 4، 2020ގައި ބައިރޫތު ބަނދަރުގެ ގުދަނެއްގައި ހުރި ގޮވާ އެއްޗެހިތަކެއް ގޮވުމުގެ ސަބަބުން 217 މީހަކު މަރުވެ ހަތް ހާސް މީހަކު ވަނީ ޒަޚަމުވެފައެވެ.

ލުބްނާނުގެ ބޮޑުވަޒީރު  ނަޖީބު މީޤާތީ ވިދާޅުވާގޮތުގައި ސަރުކާރަކީ ތަންފީޒީ ބާރެކެވެ. އެހެންކަމުން ޤަޟާއީ ކަންތައްތަކާ ބެހުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވެއެވެ. އޭނާ ކަށަވަރުކޮށް ދެއްވިގޮތގައި އޭނާގެ މި މަސްއަލަ ބަލައި ނިމެންދެން ސަރުކާރު ދެމި އޮންނާނެއެވެ. ޤާޟީ ޠާރިޤުލް ބީޠާރު ވަކިކުރަން އިސްތިއުނާފީ ކޯޓަށް ހުށައެޅިހުށައެޅުން އެ ކޯޓުން ވަނީ ބަލައިނުގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *