ސިސްޓަމްތަކުގެ ޓެސްޓްތަކެއް ހަދާތީ މާދަމާ ހެނދުނު 7 އާއި 8 އާ ދެމެދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެތީ ސްޓެލްކޯ އިން އާންމުންގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.
ސްޓެލްކޯ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މާދަމާ ހަދާ މި ޓެސްޓްތަކަކީ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓްތަކެއް ކަމަށާއި އެހެންވެ ޓެސްޓްތައް ހަދަމުންދާ ވަގުތު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އާއި 8:00 އާއި ދެމެދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް. މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުރިމަތިވެދާނެ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން. 2/2
— STELCO (@STELCOMALDIVES) October 15, 2021
"މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުރިމަތިވެދާނެ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން މިހާރު ކަރަންޓު ދެނީ ހުޅުމާލޭ އިންޖީނުގެއާއި މާލޭ އިންޖީނުތައް ގުޅާލައިގެން، މާލެ، ހުޅުމާލެ އަދި ހުޅުލެއަށް އެއް ވިއުގައަކުންނެވެ.