...

Support Us

ސޫރީ ޑިމޮކުރަސީގެ ނިޒާމު

އިންތިޚާބުތައް ބޭއްވުމާއި ވޯޓުލުމަކީ ޑިމޮކުރަސީގެ ސޫރީ ކަންކަމުގެ، ބޭރުފުށުގެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެއީ ޑިމޮކުރަސީގެ ޖައުހަރެއް ނޫނެވެ. ޑިމޮކުރަސީއިން ގަސްދުކުރެވޭ އަމާޒުފަތްގަނޑެއް ނޫނެވެ. ނަމަވެސް، އެ އަމާޒުފަތްގަނޑާ ހަމައަށް – ޒިންމާދާރު، ނަޒާހަތްތެރި، ފަރުދީ ހައްގުތަކާއި ޖަމާއީ މަސްލަހަތު ރައްކާތެރި ކުރާ ހެޔޮ ވެރިކަމުގެ ނިޒާމުގެ އަމާޒުފަތްގަނޑާ ހަމައަށް – ވާސިލުވުމަށް އޮންނަ ވަސީލަތެކެވެ، މަގެކެވެ.

އިންތިޚާބުތަކާއި ވޯޓުލުމުގެ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވެ، ދެންމެ މިނަންގަތް ފަދަ ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކުރެވި، ޑިމޮކުރަސީއެއްގެ ފައިދާ ލިބެނީ، ޑިމޮކުރަސީއަކީ ތަނުގައި އިންދި، ތަނުގެ ފެނަށް ދިރި، ތަނުގައި އުފެދި، ހެދި، ބޮޑުވަމުންދާ ޑިިމޮކުރަސީއެއްގައެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟

ޑިމޮކުރަސީއަކީ ތަނުގައި އިންދައިގެން ހެއްދޭ އެއްޗަކަށް ވުން ބިނާވަނީ ތަނުގެ އާންމު ހޭލުންތެރިކަމުގެ މައްޗަށެވެ. ތަނުގެ މީހުންނަށް އަގުލާނިއްޔަތުގެ ސިފަ، ކަންކަމާ މެދު، އަމިއްލަ ބުއްދި ބޭނުންކޮށްގެން ވިސްނުމުގެ ސިފަ، ލިބި، ތަނުގެ މީހުންނަކީ ސިޔާސީ ގޮތުން ތަސައްރުފު ފުދިފައިވާ ބަޔަކަށް ވުމުންނެވެ. މިފަދައިން ތަސައްރުފު ލިބެނީ، ތަނުގައި ގައުމީ ހޭލުންތެރިކަމެއް އޮވެ، ގައުމުގެ މީހުންގެ ކިބައިގައި ގައުމީ އެދުންތަކެއް ވެސް އޮވެގެންނެވެ. ރަނގަޅު ސިޔާސީ ނިޒާމެއްގެ ބޭނުމަކީ ތަނުގެ މުއްސަނދިކަން އަދުލުވެރި ގޮތެއްގައި އެންމެންގެ މައްޗަށް ބެހި، ތަނުގެ އާންމުންގެ އަސާސީ ބޭނުންތައް – ކެއުން ބުއިން، އުނުއަންނައުނު، ބޯހިޔާވެހިކަން، ތައުލީމާއި ސިއްހީ ޚިދުމަތް – މިކަންކަން އެންމެނަށް ވެސް، އެ ސިޔާސީ ނިޒާމުގެ ދަށުން ލިބިފައި އޮތުމެވެ.

މި ފަދަ ހޭލުންތެރި ކަމެއް ނެތް ތަނެއްގައި، ޑިމޮކުރަސީގެ ނިޒާމެއް ގާއިމު ކުރެވިއްޖެ ނަމަ، އެއަށް ޑިމޮކުރަސީއޭ ކިޔެއް ކަމަކު، ޑިމޮކުރަސީގެ މާނަ ސޫރީ ކަންތައްތަކަކާ ހަމައިން ނިމެއެވެ. އާދެ، އިންތިޚާބު ބޭއްވުމާއި ވޯޓުލުން ފަދަ ޑިމޮކުރަސީގެ ބޭރުފުށުގެ ދެތިން ކަމަކުން އެކަން ނިމެއެވެ. ދެން، އެކަން ވެގެންދަނީ، މިފަދަ ސޫރީ ކަންކަން ބޭނުން ކޮށްގެން ވެރިކަމަށް އަންނަ ބަޔަކު ހިތު ހުރި ގޮތަކަށް ކަންތައް ކުރަން އޮންނަ ނިޒާމަކަށެވެ. މީގެ މާނައަކީ ފަހަރެއްގައި ވެސް ޑިމޮކުރަސީގެ އުސޫލު ގޯސްވުމެއް ނޫނެވެ. މުސްލިމުންގެ އަޚުލާގު ގޯސްވެ، އެމީހުން ހިތު ހުރި ގޮތަކަށް އުޅުމަކީ އިސްލާމް ދިން ގޯސް ވުމޭ ނުބުނެވޭނޭ ފަދައިންނެވެ.

ޑިމޮކުރަސީއަކީ އިންތިޚާބު ބޭއްވުމާއި ވޯޓުލުން ފަދަ ސޫރީ ކަންތައްތަކާ ހަމައިން ނިމުމުން، ދެންމެ މި ނަންގަތް ހެން، ވެރިކަމަށް އަންނަ ބަޔަކު ހިތު ހުރި ގޮތަކަށް ކަންތައް ކުރެވޭ ގޮތް މެދުވެރި ވެއެވެ. ގާނޫނޫަތަކަކީ ބޭކާރު އެއްޗަކަށް ވެއެވެ. ވެރިކަން ކުރާ ބައެއްގެ މަސްލަހަތަށްޓަކައި ބޭނުން ގާނޫނެއް އުވާލައި ބޭނުން ގާނޫނެއް އުފެއްދެއެވެ. ރައްޔިތުންގެ މަޖުލިހަކީ ބޭކާރު ތަނަކަށް ހަދާލެވެއެވެ. ރައްޔިތުންގެ މަޖުލީހުގައި ބަހުސްކުރަން ޖެހޭ މައްސަލަތައް، ބޭނުން ނަމަ، ފޮރުވައި، ސިއްރިއްޔާތުގައި ނިންމާލެވެއެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުން އެއް މިސާލަކަށް ފުދެއެވެ. ތަނުގެ އިސް މަގާމުތަކާ ހަވާލުވެފައި ތިބޭ މީހުން، އެމީހުންގެ މަސްލަހަތު ނިޔާކުރާ ނަމަ، އެ މަގާމުތަކަކީ ކުޅޭކުޅޭ މަގާމުތަކެއް ކަމަށް ބަލައެވެ. ބޭނުން ނަމަ، ރާއްޖޭން ބޭރުގައި ވެސް އުޅެންވީއެވެ. އެކަމަކީ ގާނޫނީ މައްސަލައަކަށް ނުވެއެވެ. ނަމަވެސް، އެމީހުންގެ މައްޗަށް ބަރާބަރަށް މުސާރަ ހިނގައި، އެ މީހުންނަށް މުސާރަ ދެވޭނެއެވެ. އާދެ، އިންޕޯޓު ކުރެވޭ ގާނޫނީ ނިޒާމުގެ ހަމައެވެ! މިފަދަ ވެރިން ބޭނުން ނަމަ، އެމީހުންގެ ބޭރުގެ ރަށްޓެހިންނަށް ސަރުކާރުގެއާއި ސަރުކާރުގެ މުއައްސަސާތަކުގެ އިިސް ވަޒީފާތައް ބަހާލެވެއެވެ. އެންމެ ހެއްވާ ކަމަކީ، ތަނުގެ ރައްޔިތުންނަށް ކަންކަން ސިއްރުކުރުމަކީ ގައުމީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާ އިރު، އެފަދަ ސިއްރުތައް ބޭރު ބީރައްޓެހިންނާ ހިއްސާ ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. މީގެ އެންމެ ފަހުގެ މިސާލަކީ ރާއްޖޭގެ އަމަން އަމާންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަން ލަފާދޭން ބޭރު މީހަކު އައްޔަނު ކުރުމެވެ. މީގެ ކުރީގައި މި ނޫންވެސް ހައްސާސީ ގައުމީ އިދާރާތަކަށް ބޭރު މީހުން އައްޔަަނު ކުރެވިފައި ވެއެވެ. ތަނުގެ އާންމު ރައްޔިތުންނަށް ބޯހިޔާވެހިކަން ހަމަޖެއްސުމަށް ފައިސާ ނެތިގެން އުޅޭ އިރު، މިއިން ކޮންމެ މީހަކަށް، އެމީހުން ބޭނުން ވަރަކަށް މުސާރަ ދެވެއެވެ. މިއިން މީހަކު ވަޒީފާއިން ވަކިކުރަން ޖެހިއްޖެ ނަމަ، ޝައްކެއް ނެތް ގޮތުގައި މިލޔަނުން ޑޮލަރު ވެސް ދޭން ޖެހޭނެއެވެ.

މީގެ އިތުރުން، ކުރިން ނަންގަތް ފަދަ، އިމްޕޯޓު ކުރެވޭ ޑިމޮކުރަސީގެ ނިޒާމުގެ ދަށުން،މުޅި ދައުލަތް ވެގެންދަނީ ވެރިކަމުގެ ސަފުގައި ތިބޭ ހައެއްކަ މީހުންގެ އަމިއްލަ މިލްކިއްޔާތެއް ފަދަ، ކަންމަތީ ކަޑައަކަށެވެ. ބޭނުން ހިނދެއްގައި ވަތްގަނޑުން، އޭގައި ހުރި ފައިސާއެއް ނަގައި، ބޭނުން ކަމެއް ކުރަންވީއެވެ. ދަރުތު ކުރަންވީއެވެ. ރައްޓެހިންނާއި ގާތް ތިމާގެ މީހުންނަށް، އެ ކަޑައިން ވަޒީފާދީ، ފައިސާ ބަހަން ވީއެވެ.

ދެން ހެއްޔެވެ؟ ކޮންމެ ބަޔަކުވެސް އެބައެއްގެ ސިޔާސީ ލީޑަރުންނަށް ސަޖިދަޖަހައި އަޅުކަންކުރަންވީއެވެ. ތިމާ މީހުންގެ ލީޑަރަށް ނަބީބޭކަލުންނަށް ވެސް ނުދޭ ދަރަޖަދީ، އެމީހުންގެ ހުރިހާ ބަހަކީ ވެސް ވަހީފަދަ ބަސްކަމަށް ދެކި، އެ ބަސް އެމީހުންގެ ދުލުން ނުކުތީތީވެ، ގަބޫލުކުރަންވީއެވެ. ތިމާމެންގެ ލީޑަރު، ރޯމާ ދުވާލު ވައްކަން ކުރިޔަސް، އެއީ ވައްކަމަކަށް ނުވެއެވެ. އެއީ އޭނާގެ އިއްޒަތާ ގަދަރާ ގުޅިގެން ކުރަން ޖެހޭ ކަންކަމެވެ! މިއިން ކަމެއް ފާހަގަކޮށްފި ނަމަ ހެއްޔެވެ؟ އެކަމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކޭ ބުނެ ނުހަދައެވެ. ނަމަވެސް، ރައްދު ޖަވާބަކަށްވަނީ، އެކަން އެގޮަތަށް ކުރުމަކީ މައްސަލައެއް ނޫންކަމެވެ. އެއީ މީގެ ކުރިންވެސް ކަންކުރެވުނީ އެފަދަ ގޮތަކަށް ކަމަށްވާތީއެވެ! އާދެ، ކުރިން ވައްކަން ކޮށް، ވައްކަމުގެ ސަގާފަތެއް އިުފެދިފައި އޮތުމުން، މީހާރު ވެސް އެކަން ކުރުން އެންމެ ރަނގަޅުވީއެވެ. މފަދަ މީހުންގެ ނަޒަރުގައި ކުރިން ވައްކަންކުރީ 'ފިހާރަ ފަޅާލައިގެންނެވެ!' މިހާރު ވައްކަން ކުރަނީ ގާނޫނީ އިމުގެ ތެރޭގައެވެ. ދަތުރުކުރާމާއި ބޭރުގައި ތިބުމުގެ ހުރހިާ ޚަރަދެއް ދިނުމާއި ތަނުގެ ރައްޓެހިންނާއި އަދި ބޭރުގެ ރައްޓެހިންނަށް ވެސް ވަޒީފާ ދީގެންނާއި ބަދަލުތައް ދީގެންނެވެ!

އާދެ، މިފެންނަނީ އިމްޕޯޓުކުރެވޭ ޑިމޮކުރަސީގެ ސިފަތަކެވެ. ވިދާ ބަބުޅާ އޭގެ ކުލަތަކެވެ. މި ވިދާ ބެބުޅުމުގެ ގަދަ ދަޅައިގައި އާންމުން ޖެހި، ތަނުގެ ޖަމާއަތް ދެބައިވެ، އެއް ބަޔަކު އަނެއް ބަޔަކާ ދިމާކޮށް އަރާރުންވުމުގައި ތިބެއެވެ. ވެރިކަމުގެ ސަފުގައި ތިބޭ ދެތިން މީހަކު ތަނުގެ ފައިދާ ނަގަމުން ދެއެވެ. އާދެ، ބުޅާތައް ދެބަސްވެ އަރާރުންވަމުންދާއިރު، މަކުނު ގާޒީ ބޯކިބާ ކަމުން ގެންދެއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.