...

Support Us

ތަސްވީރަކާ ބެހޭ ގޮތުން ޖުހާ ކިޔައިދިން ވާހަކައެއް: ގަބުރުގެ ޝަރީއަތުގެ ވާހަކަ

މިއަދު ޖުހާއަށް ޒިޔާރަތްކޮށްލުމުން، ވަރަށް އާދަޔާ ޚިލާފު ވާހަކައެއް ކިޔައިދިނެވެ. ގަބުރެއްގެ މައްޗަށް ޝަރީއަތް ހިންގުނު ވާހަކައެވެ. ތަސްވީރެއް ދައްކައި، އެ ތަސްވީރު ކިޔައިދޭ ވާހަކަ ޖުހާ އޮޅުން ފިލުވައިދިނެވެ. ޖުހާ، އޭނަގެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ.

"ތަސްވީރުން އެފެންނަނީ ޕޯޕް ފޯމޯސަސްގެ ގަބުރު ރަމްޒުކޮށްދޭ ކުރެހުމެކެވެ. ފޯޕު ފޯމޯސަސްއަކީ 6 އޮކްޓޯބަރު 891 ފެށިގެން 4 އެޕްރީލް 896 ޕޯޕުކަން ކުރެއްވި ކެތަލިކުންގެ ލީޑަރެކެވެ. އޭނާ އަވަހާރުވުމަށް ފަހު، އޭނާގެ ވާދަވެރި ދުޝްމަނު ބައެއް މީހުން އޭނާގެ މައްޗަށް ޝަރީއަތް ކުރަން ނިންމިއެވެ. މިކަމުގެ އިސްވެ ހުންނެވީ ޕޯޕު ފޯމޯސަސްގެ ފަހުން ދެވަނައަށް ޕޯޕުކަމަށް އިސްވެވަޑައިގެންނެވި ޕޯޕު ސްޓީވަން ހަވަނައެވެ."

ވާހަކަ އިތުރަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ޖުހާ ކިޔައިދިނެވެ. "ކޮންމެ އަކަސް، ފޯޕު ފޯމޯސަސްގެ މައްޗަށް ޝަރީއަތް ހިންގަން ކަނޑައެޅުމުން، ޕޯޕު ސްޓީވަންގެ އަމުރުފުޅަށް، ޕޯޕު ފޯމޯސަސްގެ ގަބުރު އޭގެ ޒިޔާރަތުން ނަގައި ފޯޕު ސްޓީވަންގެ ކޯޓަށް ހާޒިރުކުރެވުނެވެ. ޕޯޕު ފޯމޯސަސްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކަށް، އޭނާގެ ގަބުރު ޖަވާބުދާރީ ކުރުމަށެވެ. މިއީ ކޯޓެއްގައި ޖަވާބުދާރީ ކުރުމަށްޓަކައި ކޯޓަކަށް، އާދެ، ޝަރީއަތުގެ މަޖުލީހަކަށް ގަބުރެއް ހާޒިރު ކުރެވުނު ފުރަތަމަ ފަހަރު ކަމުގައި ބެލެވިދާނެއެވެ." ލާނެއް ރާގަކަށް ހީނލާފައި ޖުހާ ބުންޏެވެ. މީގެ އިތުރުން އަދިވެސް ޖުހާ ބުންޏެވެ. "ޕޯޕު ފޯމޯސަސްގެ ގަބަރުގެ ޝަރީއަތަކީ އެފަދަ މަންޒަރެއް ފެންނާނެ ފަހު ފަހަރު ކަމުގައި ވެސް، ބައެއް 'އުނި' ސިކުނޑިތައް ގަބޫލުކޮށްފާނެއެވެ. ނަމަވެސް، އުނި ސިކުނޑިތަކަށް ދުރު ނުވިސްނޭ ކަމާއި، މިފަދަ ކަންކަން ތަކުރާރުވުމަކީ ގާތްކަމެއް ކަން ވެސް ފަހުން ބުނެދޭނަމެވެ."

މިހެން ބުނެފައި ޕޯޕު ފޯމޯސަސްގެ ޝަރީއަތުގެ ވާހަކަ ޖުހާ ކުރިއަށް ގެންދިޔައެވެ. "ދެން އެންމެ ރަނގަޅެވެ. މިވަގުތު ތަސްވީރަށް ނަޒަރު ހިންގާލާށެވެ. ޕޯޕު ފޯމަސަސްގެ ގަބުރު އެއިނީ ގޮނޑީގައި ބޭންދިފައެވެ. ގަބުރަށް ވާހަކަ ނުދެއްކޭނެތީ އޭނާގެ ފަރާތުން ވާހަކަދައްކާނެ މީހަކު އެހިރީ އައްޔަނު ކުރެވިފައެވެ. ޕޯޕު ފޯމޯސަސްއަށް ކުރެވުނު ތުހުމަތަކީ އިތުރުފުޅު ހައްދަވައި އޮޅުވާލައްވަވައިގެން ޕޯޕުކަމުގެ މަގާމަށް އިސްވެވަޑައިގަތުމެވެ. މި ޝަރީއަތް ނިމުނީ ފޯމޯސަސްގެ ގަބުރު ކުށްވެރިވެގެންނެވެ. އަދަބެއް ގޮތުން، ޕޯޕު ފޯމޯސަސްގެ ޕޯޕުކަމުގެ ދައުރަކީ ބާތިލު ދައުރެއް ކަމުގައި ކަނޑައެޅުނެވެ."

ދެން އަހަރެން ޖުހާކުރެން އެހީމެވެ. "ތިޔަ ގަބުރެއްގެ ޝަރީއަތުގެ ވާހަކަ މިހާރު ދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ތިޔަ ކަހަލަ ކަންތައް ހިނގަނީ ސިޔާސީ ހަމަނުޖެހުން ބޮޑުވެ، ވެރިކަމަށް އައުމުގެ މަގުސަދަކަށް ބަދަލު ހިފުމާއި ވާދަވެރިންގެ ދުވަސް ދުއްވާލުމުގެ ނޭއްގާނީ ރޫހު އޮންނަ ފަދަ ތަންތަނުގައި ނޫން ހެއްޔެވެ؟ އަހަރުމެން ރާއްޖެ ކަހަލަ ގިނަ ޕާޓީ ޑިމޮކުރަސީގެ ފުރިހަމަ ނިޒާމެއް އޮންނަ ތަންތަނުގައި ތި ކަހަލަ ކަންކަމެއް ހިނގުމުގެ އެއްވެސް ފުރުސަތެއް ނެތެއް ނޫން ހެއްޔެވެ؟"

ދެން ޖުހާ ބުންޏެވެ. "ކަލޭމެން ތި އުޅެނީ ކޮން ރާއްޖެއެއްގައި ހެއްޔެވެ؟ މިހާރު ރާއްޖޭގައި ވެސް އެއުޅެނީ ޕޯޕު ފޯމޯސަސްގެ ގަބުރުގެ މައްޗަށް ހިންގި ކަހަލަ ޝަރީއަތް ކުރަން ނޫން ހެއްޔެވެ؟ މަރުހޫމު އަމީން ދީދީގެ ވެރިކަން ވެއްޓުމާއި އޭނާ އަވަހާރަކޮށްލުމުގެ ޝަރީއަތް ކުރަން ނޫން ހެއްޔެވެ؟ މީގެ އިތުރުން 2012 ފެބްރުއަރީގެ ބަޣާވަތުގެ ޝަރީއަތް ވެސް ހިންގަން ޖެހޭ ނޫން ހެއްޔެވެ؟ އަދި އެކަން ކުރަން އުޅޭ ކަހަލަ ޚަބަރުތައް ވެސް އެބަ ފެތުރެއެވެ!"

ދެން ޖުހާ ގާތު އަހަރެން ބުނީމެވެ. "ދެން އޭގެ އޮތް މައްސަލައަކީ ކޮބާ ހެއްޔެވެ؟ މަރުހޫމު އަމީން ދީދީ ވެސް ހަމަ އަވަހާރަކޮށްލެވުނީ ނޫން ހެއްޔެވެ؟ އެކަން ކުރި ބަޔަކަށް އަދަބެއް ނުދެވޭ ނޫން ހެއްޔެވެ؟ އެ މީސްމީހުންނަށް އަދަބު ދެވެން ޖެހޭނެ ނޫން ހެއްޔެވެ؟ ހަމަ އެހެންމެ 2012ގައި ބަޣާވަތް ކުރި މީހުންނަށް ވެސް އަދަބު ދެވެން ޖެހޭނެ ނޫން ހެއްޔެވެ؟"

ޖަވާބުގައި ޖުހާ ބުންޏެވެ. "ތިޔަ ދައްކަނީ ހަމަ ހުސް ރަނގަޅު ވާހަކައެވެ. ނަމަވެސް، ފުރަތަމަ މައްސަލައިގައި ދަތިތަކެއް ކުރިމަތިވާނެއެވެ! ރައީސް އަމީން ދީދީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުންގެ ތެރެއިން އެއްވެސް މީހަކު ދުނިޔެއަކު މިއަދު ހުންނާނެހެން ހިޔެއް ނުވެއެވެ. އެމީހުންނަކީ ކޮން ބައެއްކަން ކަނޑައަޅައިލުމަށް ފަހު، އެމީހުންގެ ގަބުރުތައް ހޯދުންވެސް ފަހަރެއްގައި ދަތިވެދާނެއެވެ. އެމީހުން ވަޅުލެވުނީ މާލޭގައި ކަމަށް ވަންޏާ، އެމީހުން ވަޅުލެވިފައިވާނީ ސަހަރާތަކާއި މިސްކިއްތަކުގައެވެ. މިސްކިތްތަކުން ގަބުރުތައްވަނީ ކޮނެގެން ނަގައި ސަހަރާތަކުގައި ވަޅުލާފައޭ ކިޔާ އަޑު އަހަމެވެ. ދެން އަނެއް މައްސަލައަކީ ސަހަރާތަކުވެ ވަޅުލާ ސަރަހައްދުތައް ވެސް ވަނީ ބަރިބަރިއަށް ފަސްއަޅައި އުސްކުރެވިފައެވެ. އެހެންވެ، މަރުހޫމް އަމީން ދީދީ އަވަހާރަކޮށްލި މީހުންގެ ގަބުރުތައް ވަޅުލެވިފައިވަނީ ކޮން ބަރިއެއްގައިކަން ވެސް ހޯދަން ޖެހެއެވެ."

ދެން އަހަރެން ބުނީމެވެ. "ދެން އެ ގަބުރުތަކުގެ ފަރާތުން ވާހަކަދައްކާ މީހުން، އެމީހުންގެ ވާހަކައި ދިފާއުގައި އަމީންދީދީ ކުށްވެރިކުރަން އެއްޗެއް ބުނެފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟"

ދެން ޖުހާ ބުންޏެވެ. "ކުށްވެރިކުރަން ބުނާނީ ކީކޭ ހެއްޔެވެ؟"

އަހަރެން ބުނީމެވެ. "އިހަށް ދުވަހު އަޑު އެހި ޕުރޮގުރާމެއްގައި ވާހަކަ ދެއްކި ރާ އަތޮޅު ބޭކަލުކު ވިދާޅުވި ގޮތުގައި އެ ބޭކަލެއްގެ ރަށުގެ މީހުންގެ އެތައް ސަތޭކަ މީހުންނެއް ބަނޑަށް ޖެހިގެން ބޮޑު ތަދުގައި މަރުވިއެވެ. މިކަންކަން ހިނގީ މަރުހޫމު އަމީން ދީދީގެ ވެރިކަމުގައި ނޫން ހެއްޔެވެ؟ އެއްކަލަ ގަބުރުތަކުގެ ފަރާތުން ވާހަކަދައްކާ މީހުން، އެ ތަދުގައި އެހާ ގިނަ ބަޔަކު މަރުވާން ދިމާވީ ސީދާ އަމީން ދީދީގެ ސިޔާސަތުންނޭ ބުނެފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟"

ދެން އެކަން ކުރާނެ ގޮތް ޖުހާ ބުނެދިނެވެ. "ވިހަމަނާފުށިން އަމީން ދީދީގެ ގަބުރު ކޮނެގެން ނަގައިގެން ގެނެސް ޖަވާބުދާރީ ކުރުވާނީއެވެ. އެމަނިކުފާނުގެ ފަރާތުން ވާހަކަދައްކާނެ މޮޅެތި ވަކީލުން ތިބޭނެއެވެ. އެމީހުން ލައްވާ އެ މަނިކުފާނުގެ ސިޔާސަތު ދިފާއުކުރާނީއެވެ!"

ދެން އަހަރެން ވެސް އިބިލީސް ހެދިފައި ބުނީމެވެ. "ޖުހާއެވެ! ދެން އެންމެ ރަނގަޅެވެ! އަމީން ދީދީ ޒަޚަމްވެވަޑައިގެން އޮންނެވި އިރު، އޭނާގެ ހާލުކޮޅު ބައްލަވަން ހަވާލުވެވަޑައިގެން އިސްކޮށް ހުންނެވީ މަރުހޫމް ރައީސް ނާސިރު ނޫން ހެއްޔެވެ؟ އެ ދުވަސްވަރު ރާއްޖެއިން ލިބެން ހުރި ރަނގަޅު ފަރުވާ ދެއްވުމުގައި މަރުހޫމު ނާސިރުގެ އިހުމާލު އޮތްކަން ބައެއް މުއައްރިޚުން ބުނެއެވެ. އެހެންވީމާ މިކަން ވެސް ބަލަން ޖެހޭނެ ނޫން ހެއްޔެވެ؟"

ޖުހާ ބުންޏެވެ. "ތިއީ މާ ބޮޑު ކަމެއް ނޫނެވެ. ހުކުރު މިސްކިތް ކޮނެ މަރްހޫމު ނާސިރުގެ ގަބުރު ނަގައި ޝަރީއަތަށް ހާޒިރުކުރާނީއެވެ."

ދެން އަހަރެން ބުނީމެވެ. "މިކަންކަން ކުށްވެރިކުރައްވައި މަރުހޫމު ޖަމީލު ދީދީ ޅެން ހައްދަވައިފައި އޮވެއެވެ. މަރުހޫމު ނާސިރު ކުށްވެރިކުރަން ހެއްކެއްގެ ގޮތުގައި މަރުހޫމު ޖަމީލު ދީދީ ހާޒިރު ކުރަން މީހަކު އެދެފި ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟"

ތިޔައީ ވެސް މާ ބޮޑު ކަމެއް ނޫނެވެ. "ގަލޮޅު ސަހަރާ ކޮނެ، ޖަމީލުދީދީއާއި ސީދީގެ ގަބުރުފުޅު ވެސް ޝަރީއަތަށް ހާޒިރުކުރާނީއެވެ!"

އަހަރެން ބުނީމެވެ. "ޕޯޕު ފޯމޯސަސްގެ ގަބުރުގެ ޝަރީއަތުން އިލްހާމު ލިބިގެން ތިހުރިހާ ޝަރީއަތެއް ކުރަން ފެށުމުން ވަރަށް ގިނަ އާދައިގެ މީހުން ވެސް އެމީހުންގެ މައްސަލަތައް ބަލަން އެދޭނެ ނޫން ހެއްޔެވެ؟ މަރްހޫމު ނާސިރުގެ ދައުރުގައި އެއްވެސް ކުށެއް ނެތި، ހީއެއްގެ މައްޗަށް ބަންދުކުރެވި އަނިޔާ ލިބުނު އެތައް ބަޔަކު އަހަރެން ދަންނަމެވެ. އެމީހުންގެ ޝަރީއަތް ކުރަން އެމީހުންގެ ފަރާތުގެ މީހުން އެދިއްޖެ ނަމަ ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ މީގެ އިތުރުން، 2012ގެ ކުރީގައްޔާއި އަދީ އޭގެ ފަހުންވެސް، ގާނޫނުތަކާ ޚިލާފަށް ކަންކަން ނިންމާފައި އެބަ ހުރި ނޫން ހެއްޔެވެ؟ އަދި، ނޮވެމްބަރު ތިނެއްގެ ލުތުފީ ތަމަޅަ ހަނގުރާމަވެރިންނަށް ދައުވަތު ދީގެން ރާއްޖެ ގެނައި ގޮތަށް، ބޭރުގެ ޓީވީ ތަކުގައި ބައެއް ބޮޑެތި އިއްޒަތްތެރިން، ރާއްޖެ ހިފުމަށް އިންޑިޔާއަށް ދައުވަތު ދިނެއް ނޫން ހެއްޔެވެ؟ އެކަން ބެލުމަށް ބަޔަކު ހުށަހަޅައިފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟"

ދެން ޖުހާ ބުންޏެވެ. "މިވަގުތު ތިއީ މާ ބޮޑެތި ކަންތައް ތަކެއް ނޫނެވެ. އާދައިގެ މީހުންނަށް ލިބޭ އަނިޔާއަކީ ނިޔާއެކެވެ. އަނިޔާއެއް ނޫނެވެ. އެހެންވެ، އާދައިގެ މީހުންގެ އެފަދަ މައްސަލަތައް ކޯޓުތަކުން ބަލައިނުގަންނަ ގޮތް ހެދޭނެއެވެ. ދެން ތިބުނާ އިއްޒަތްތެރިން އިއްޒަތްތެރިންގެ ގޮތުގައި ތިބިހާ ހިނދަކު ތިމައްސަލައެއް ނުޖެހޭނެއެވެ. އެހެންވެ، މުހިއްމުވާނީ އިއްޒަތްތެރިން އިއްޒަތްތެރިންގެ ގޮނޑިތަކުގައި އުމުރަށް ތިބެވޭ ގޮތަށް ކަންތައް ރޭވުމެވެ. އޭރުން، އެފަދަ ދައުވާ ކުރެވޭނޭ މަގެއް ނޯންނާނެއެވެ!"

ދެން އަހަރެން ބުނީމެވެ. "ތިޔަ ދައްކަނީ ހަމަ ބުއްދިވެރި ހަމަ ޖެހޭ ވާހަކައެވެ. ތިޔަފަދަ ގަބުރުތަކުގެ ޝަރީއަތްކުރުމަށް ގައުމުގެ ޚަޒާނާ ހުސްކުރަން ޖެހޭނެއެވެ. އެފަދަ މާނަ ހުރިކަންކަމުގައި އަހަރުމެންގެ ވަގުތުތައް ހޭދަކުރަން ޖެހޭނެއެވެ. އަހަރުމެންނަށް އަދުލު އިންސާފު ގާއިމުކުރެވި ހަގީގީ ކުރިއެރުން ލިބޭނީ ޕޯޕު ފޯމޯސަސްގެ ގަބުރުގެ ޝަރީއަތުގެ އިލްހާމުން އިލްހަމޫ ލިބި އެފަދަ ޝަރީއަތްތަކާއި އަދި، ވެރިކަމުން ވާދަވެރިންނާއި ސިޔާސީ ދުޝްމަނުންގެ ގޮތުގައި ފާހަގަ ޖަހާލެވޭ މީހުންގެ ޝަރީއަތްތައް ކުރެވި، އެފަދަ އެންމެން ކުށްވެރިވެސް ކުރެވިގެންނެވެ!"

ދެން ޖުހާ ބުންޏެވެ. "މިހާރު ކަލޭ ތިދަނީ ކަލޭގެ އުނި ސިކުނޑި އިސްލާހުކުރަމުންނެވެ. ހަމަ ފެނި، ހަމަ ގަބޫލުކުރަމުންނެވެ!"

ދެން ވާހަކަ ނިންމާލާފައި ޖުހާއާ ސަލާންކޮށްފައި އެނބުރި ގެއަށް އައީމެވެ.