...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: އިބިލީހަށް ބުނި ނަދުރު!

އަޅުގަނޑަކީ ވެސް ދިވެއްސަކީމެވެ. ފުޅުބޯޅަ އަށް ވެސް ސަޕޯޓް ކުރަމެވެ. ދިވެހި ޤައުމީ ފުޓުބޯޅަ ޓީމް މިރޭގެ މެޗުން މޮޅުވުމަށް ވެސް އެދެމެވެ. މޮޅުވެއްޖެ ނަމަ ޓީމުގެ ބައެއް ކުޅުންތެރިން ގަލޮޅު ދަނޑުގެ ވިނަގަނޑުމަތީ މިރޭ ޝުކުރުގެ ސަޖިދައެއް ކުރާނެކަން ޔަޤީނެވެ. އަދި ބައެއް ކުޅުންތެރިން މެޗަށްފަހު ޝުކުރުގެ ދެރަކްއަތް ނަމާދެއް ވެސް ކޮށްފާނެއެވެ. މެޗުން މޮޅުވުމުގެ އުފަލުގައި ބައެއް ދިވެހީން 1000 ފަހަރު ތަސްބީހަވެސް ކިޔާފާނެއެވެ. އަނެއް ބަޔަކު މިސްކީނުންނަށް ކާންވެސް ދީފާނެއެވެ. މިހިރީ ހައްތަހާ ވެސް އުފާވެރި ކަމެއް ވުމުން ﷲ އަށް ހަމްދު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ މުޅިން އެހެން ކަހަލަ "ނަދުރެ"ކެވެ!

މިރޭގެ މެޗުން މޮޅުވެގެން ދިވެހި ޤައުމީ ފުޓުބޯޅަ ޓީމް ފައިނަލަށް ހިނގައްޖެ ނަމަ، ފައިނަލް މެޗާ ޖެހެންދެން ކޮންމެ ރެއަކު ކާނިވާ ސަރަހައްދުގައި މިއުޒިކް ޝޯ ބާއްވާނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ. މިކަމާ ހަމަ ގައިމުވެސް އުފާ ކުރާނެ އެކަކީ އިބިލީހެވެ. މިއުޒިކާއި ނެށުމާއި ނާޗަރަންގީ އަކީ އިންސާނުން މަގުފުރެއްދުމަށް ޝައިތާނާ ބޭނުންކުރާ އެންމެ ވަރުގަދަ އެއް ވަސީލަތެވެ. މެޗުން މޮޅުވެއްޖެ ނަމަ ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ބާއްވަވާނެ ކަމަށް މިނިސްޓަރ ވިދާޅުވީ ކާކަށް ހިއްވަރު ދޭއްވަން ބާވައެވެ؟ ކުޅުންތެރީންނަށް ތޯއެވެ؟ ނުވަތަ ސަޕޯޓަރުންނަށް ތޯއެވެ؟ ނުވަތަ އިބިލީހަށް ތޯއެވެ؟ މިއީ ހަމަ ރަނގަޅަށް ވެސް އިބިލީހަށް ބުނި ނަދުރަކާ ވަރަށް ވެސް ވައްތަރެވެ!

މި މިއުޒިކް ޝޯތައް ބާއްވާނީ މާލޭ ސިޓީ ކައުންސިލާ ވެސް ގުޅިގެން ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި މޭޔަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށާއި ސިޓީ ކައުންސިލުން އިސްނަގައިގެން އިންތިޒާމް ކުރިކަމަކީ ދަނޑަށް ނުވަދެވޭ މީހުންނަށް އެއްތަނެއްގައި ތިބެ ފޯރީގައި މެޗު ބަލައިލުމުގެ އިންތިޒާމް ހަމަޖައްސައިދިނުން ކަމުގައެވެ. މިއީ މޭޔަރު ވިދާޅުވި ވަރަށް ރަނގަޅު ވާހަކައެކެވެ. ކުރިއަށް އޮތް ތާނގައި ވެސް ޤައުމީ އުފާ ފާޅުކުރުންތަކުގަ އާއި، އީދު ފަދަ މުނާސަބަތުތަކުގައި ވެސް، މިއުޒިކް ޝޯތައް ނުބޭއްވުމުގައި މާލޭ ސިޓީ ކައުންސިލުން މިފަދަ ސްޓޭންޑެއް ނަގާނެ ކަމަށް އުއްމީދު ކުރަމެވެ.

މިއުޒިކް ޝޯއަކީ މިނިސްޓަރ މަހްލޫފް މާ ބާއްވަވާ ހިއްޕުޅުވާ އެއްޗެކެވެ. ޝޯތަކުގައި އެހާ ރީތި އަޑަކުން ލަވަ ވިދާޅުވެވޭތީ ކަމަށް ވެސް ވެދާނެއެވެ. މީގެ ކުރިންވެސް މާލޭގައި ބާއްވަން އުޅުން މަގުމަތީ ބާޒާރެއްގެ ތެރެއިން ވެސް މިއުޒިކް ޝޯތަކެއް ބާއްވަވަން މަހްލޫފް އިއުލާން ކުރެއްވުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިއެވެ. މިފަހަރު މަހްލޫފް "އިބިލީހަށް ބުނި ނަދުރާ" ގުޅިގެން ވެސް ދިވެހީންގެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ދިވެހި ޤައުމީ ޓީމަށް އެންމެން ވެސް ތާއީދު ކުރަން ޖެހޭނެއެވެ. އެއީ ހަމަ ރަނގަޅު ކަމެކެވެ. އެސް.ޓީ.އޯ ފަދަ ޤައުމީ ކުންފުނި ތަކުންވެސް ޤައުމީ ފޯރީގައި މުޅި މާލެ ރަތްކޮށްލައިފިއެވެ. މައްސަލައެއް ނެތެވެ. ނަމަވެސް ޤައުމީ އެހެން ބައެއް ކަންކަމުގައި ވެސް އެސް.ޓީ.އޯ ފަދަ ކުންފުނިތަކުން ޤައުމު ރަތް ކޮށްލާނެ ނަމައޭ ހިތަށް އަރައެވެ. ޤައުމުން ޑްރަގްގެ ވަބާ ފޮހެލައި ގޭންގް ހަނގުރާމައިން ޒުވާނުން ސަލާމަތް ކުރަން ޤައުމީ އެންމެން މިފަދައިން އެއްގަލަކަށް ނާރަނީ ކީއްވެގެން ބާވައެވެ؟ ޤައުމީ ޓީމަށް ރައީސް ޔާމީން ހިއްވަރު ދެއްވުމުން މިނިސްޓަރ މަހްލޫފް އެކަމަށް މަރްހަބާ ވިދާޅުވި ވިދާޅުވުމަކީ ސިޔާސީ ހަތުރުންނަށް ވެސް ޤައުމީ ކަންކަމުގައި އެއްގަލަކަށް އެރިދާނެ ކަމުގެ ހެއްކެކެވެ. މިޤައުމުން ޑްރަގްގެ ވަބާ އެކީ އެކައްޗަކަށް ފޮހެލަން ސިޔާސީ ހުރިހާ ފަރާތްތައް އެއްގަލަކަށް އަރައި، ޤައުމީ ޖޯޝުގައި ޑްރަގްގެ "ވިގަނި" މި ޤައުމުން ފަހައި ބާލަންވީއެވެ. މިޤައުމުގެ ކުރިމަގަށް އެޅިފައިވާ އެންމެ ބޮޑު ހިޔަންޏަކީ އެއީ އެވެ. އެއިރުން ޤައުމީ ފުޓުބޯޅަ ކީއްކުރަންތޯ، ހުރިހާ ކުޅިވަރެއްގެ ޤައުމީ ޓީމުތަކަށް ވެސް ރަން މެޑަލް ލިބޭނެއެވެ. އަދި މުޅި ޤައުމަށް އާރޯ ކަން އައިސް، އިގްތިސޯދު ކުރިއަރައި، ދިވެހީންނަށް އުފާވެރިކަމާއި ކުރިއެރުން ލިބިގެން ދާނެއެވެ.

ކުޅިވަރަކީ މީހުން އެއްގަލަކަށް އަރުވާ އެއްޗެކެވެ. ހަތުރުން މިތުރުންނަށް ހަދާ އެއްޗެކެވެ. މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ ތައްޓާއި ރަން މެޑަލް ލިބިއްޖެ ނަމަ އެންމެން ގުޅިގެން ކުރަން "ނަދުރު" ބުނަންވީ ކަމަކީ ކޮންމެ ރެއަކު މިއުޒިކާއި ނާޗަރަންގީ ބޭއްވުމެއް ނޫނެވެ. ޤައުމުން ޑްރަގްގެ "ވިގަނި" ފަހައި ބޭލުމަށް އަތުކުރި އޮޅާލައި "ނަދުރު" ބުނަންވީއެވެ. މިއީ ހަމަ މިނިސްޓަރ މަހްލޫފާ ވަރަށް ގުޅޭ ނަދުރަކަށް ވާނެއެވެ. މަހްލޫފަކީ ޒުވާނުންގެ މިނިސްޓަރ ވެސް ވިއްޔާއެވެ! މިނިސްޓަރެވެ. މި ނަދުރުގެ ވާހަކަ އަވަހަށް ޓްވީޓް ކޮށްލައްވާށެވެ. އަޅުގަނޑު ހަމަ ގައިމުވެސް ރީޓްވީޓް ކޮށްލާނަމެވެ. އެކަމަކު އެފަދަ ޓްވީޓަކާ އެކު އިބިލީސް ރުޅި އައިސްގެން މަހްލޫފް އަންފޮލޯ ކުރިއަސް އެތަކެއް ދިވެހީން މަހްލޫފް ފޮލޯ ކުރާނެކަން ޔަޤީނެވެ.