...

Support Us

ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ހުރި ގޮންޖެހުންތަކާއި އޭގެ ޙައްލު

ކޮންމެހެން ވެސް ޙިމާޔަތްކުރަން ޖެހޭ އަދި އެކަމަށް މަސައްކަތް ކުރުން ލާޒިމުވާ ފަސް ކަމެއް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވެއެވެ. އެއީ ދީނާއި ނަފުސާއި ބުއްދިއާއި ނަސަބާއި މުދާ ޙިމާޔަތްކުރުމެވެ. މިފަސް ކަންތަކަކީ އެއާ ނުލައި އިންސާނާއަށް ހަމަ މަގުގައި ނުއުޅެވޭނެ ކަންތަކެވެ. އޭގެ ތެރެއިން ބުއްދި ހިމާޔަތް ކުރުން ގުޅިފައިވަނީ ތަޢުލީމާއެވެ.

ޢަރަބި ބަހުގައި ބުއްދިއަށް ބޭނުންކުރާ ޢާއްމު ލަފުޒަކީ العقلގެ ލަފުޒެވެ. އެ ލަފުޒު ތަފާތު މާނައިގައި އައިސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް މާނައަކީ ޖާހިލުކަމުގެ (ނޭނގުމުގެ) އިދިކޮޅު މާނައެވެ. ޢަރަބި ބަހުގައި عقل، يعقل، عقلا ގެ ކަލިމަތަކުގެ މާނައަކީ ކުރީގައި އެނގިފައިނުވާ ކަމެއް އެނގުމެވެ. އަދި العقلގެ ލަފުޒުގެ އިދިކޮޅު މާނައެއްގެ ގޮތުގައި ހެޔޮ ނުބައި ވަކިނުވުމުގެ މާނަ ވެސް ހިމެނެއެވެ. ހެޔޮ ނުބައި ވަކިނުވާ މީހުންނަށް އަރަބިން ކިޔައި އުޅެނީ "أحمق" (އަޙުމަޤު) އެވެ. އެއީ އާދައިގެ ބަހުން ނަމަ ތަންދޮރު ނުފިލާ މީހުންނެވެ. (ލިސާނުލްޢަރަބި، ޖ11،ސ458)

އަލްއިމާމު އިބުނު ޢާޝޫރު ވިދާޅުވިއެވެ. އެއީ މީސްތަކުންގެ ސިކުނޑިތައް ފަސާދަތަކުން ކިލަނބުވުމުން ޙިމާޔަތްވުމެވެ. އަލްއިމާމު އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. އެއީ އެއާނުލައި ފަރުނުޖެއްސޭނެ ޢިލްމެކެވެ. އެއިން އެ މީހެއްގެ ސިކުނޑި މޮޔަވުމުގެ ސަބަބުން ގަލަން އުފުލިފައިވާ (މަޢާފު ލިބިފައިވާ) މީހާއާއި ބުއްދި ފުރިހަމަ މީހާއާއި ދެމެދު ފަރަޤު ކޮށްދެއެވެ. އެއީ ފަރުޟުތައް ވާޖިބުވުމާއި ގުޅިފައިވާ ސަބަބެވެ. އިބުނު މަންޡޫރު ވިދާޅުވިއެވެ. އެއީ ހަލާކުގެތެރެއަށް މީހާ ވައްޓައިލުމުން ހިފަހައްޓައިދޭ އެއްޗެކެވެ. (މަޤާޞިދުއްޝަރޫޢާ،ސ.80، ދަރުއުއްތަޢާރުޟު، ޖ1، ސ89، ލިސާނުލްޢަރަބި، ޖ11،ސ458)

ޙާޞިލުވާ އެއްޗަކީ އިސްވެ ދެންނެވުނު މާނައިން ދަލާލަތު ކޮށްދެނީ ބުއްދި ހިމާޔަތްކޮށް ދޭ އެއް ވަސީލަތަކީ ޢިލްމުކަމަށެވެ. އެހެންކަމުން އަމިއްލަ ނަފުސާއި އާއިލާއާއި ދެން އެއަށް ފަހު ތިމާގެ ގައުމު ހިމާޔަތްކޮށްދީ އަތުވެދާނެ ނުރައްކަލުން ސަލަމަތްކުރާނެ ބުއްދިވެރިން އުފައްދައިދޭނެ ތަނަކީ ތައުލީމީ އިދާރާތަކެވެ. ޚާއްޞަކޮށް މަތީ ތަޢުލީމު ދޭ ތަންތަނެވެ. އެހެންކަމުން އެ ތަންތަން ރަނގަޅަށް ހިނގައިގެން ނޫނީ ގައުމުގައި ބުއްދިވެރީން ނުއުފުދޭނެ ކަމީ އެއްވެސް އޮޅުމެއްބޮޅުމެއް، އަދި ޝައްކެއް ވަސްވާހެއް އޮތްކަމެއްނޫނެވެ.

މަތީ ތަޢުލީމަށް ދިމާވާ ބައެއް ގޮންޖެހުންތައް:

ފުރަތަމަ ގޮންޖެހުން: ޕުރައިވެޓް ތަންތަނަށް ޚަރަދު ދަތިވުން

މުޖުތަމައެއްގައި އެއްވެސް ސިނާއަތެއް ކުރިއަރާނީ އެ މުޖުތަމައެއްގައި އަމިއްލަ ފަރުދުންގެ ހިއްސާ އޮތް މިންވަރަކުންނެވެ. އަމިއްލަ ފަރުދުންގެ ހިއްސާ ވަރުގަދަ ނުވެ ރައްޔިތުންނަކަށް ފުރިހަމަ މަންފާއެއް ނުލިބޭނެއެވެ. އަދި ސަރުކާރަކަށް ވެސް ހުރި މޮޅެއް ނޯންނާނެއެވެ. އެހެންކަމުން ޕުރައިވެޓުކޮށް ތަޢުލީމު ދޭ މުއައްސަސާތަކަށް ބޭނުންވާ ޚަރަދުތައް ފަސޭހަކޮށްދިނުމަކީ އެންމެންގެ ވެސް ޒިއްމާއެކެވެ. އެ ގޮތުން ކުރެވިދާނެ ކަމަށް ފެންނަ ބައެއްކަންތައް ދަންނަވައިލާނަމެވެ.

ހ- ތަޢުލީމުދޭ އަމިއްލަ ފަރުދުންގެ މުއައްސަސާތަކަށް ޒަކާތުގެ ފައިސާއިން މާލީ އެހީ ދިނުން

ދީން ހުއްދަކުރާ ތަޢުލީމަށް ޒަކާތުގެ ފައިސާއިން ހޭދަކުރުމުގައި ހުރަހެއް އޮތްކަމަކަށް ނުފެނެއެވެ. ނުވަތަ އެތަނެއްގައި ކިޔަވާ ދަރިވަރުންގެ ނަމުގައި (ފީގެ ގޮތުގައި) ހަމަޖެއްސުމުގައި ހުރަހެއް އޮތް ކަމަކަށް ނުފެނެއެވެ. ސަބަބަކީ ކިޔަވާ ކުދިންނަށް ދާދި ފަހުން މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން ޒަކާތުން އެހީތަކެއް ދެއްވިކަމުގެ މައުލޫމާތު ޝާއިޢު ކޮށްފައިވާތީއެވެ.

ށ- ތަޢުލީމުދޭ އަމިއްލަ ފަރުދުންގެ މުއައްސަސާތަކަށް ތަޢުލީމީ ފަންޑުން މާލީ އެހީ ދިނުން

ދިވެހިރާއްޖޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ދަށުގައި ތަޢުލީމީ ފަންޑެއް އޮވެއެވެ. ތަޢުލީމު ކުރިއެރުވުމަކީ އެ ފަންޑުގެ މަގުސަދަކަށް ވާތީވެ އެ ފަންޑުން ވެސް ކޮންމެވެސް މާލީ އެހީއެއް ޕުރައިވެޓުކޮށް ތަޢުލީމުދޭ މުއައްސަސާތަކަށް ދެވިދާނެއެވެ.

ނ- ތަޢުލީމުދޭ އަމިއްލަ މުއައްސަސާތަކަށް އިސްލާމީ ބޭންކުގައި އޮންނަ ޖޫރިމަނާގެ ފަންޑުން މާލީ އެހީ ދިނުން

ދިވެހިރާއްޖޭގައި އިސްލާމީ ބޭންކެއް ހުރެއެވެ. އަދި ބޭންކު އޮފް މޯލްޑިވުސްގައި ވެސް އިސްލާމީ ބޭންކިންގެ ކުޑަ ދޮރެއް ހުޅުވާފައި ހުރެއެވެ. އިސްލާމީ ބޭންކުތަކުން ނަގާ ޖޫރިމަނާއާއި އެ ބާވަތުގެ އެހެނިހެން ފައިސާތައް ޚާއްޞަ ކުރަނީ ކޮންމެވެސް ރަނގަޅު ކަމަކަށެވެ. އެހެންކަމުން އެ ފައިސާއިން ވެސް މިންވަރެއް ތަޢުލީމުދޭ އަމިއްލަ މުއައްސަސާތަކަށް ދެވިދާނެއެވެ.

ރ- ތަޢުލީމުދޭ އަމިއްލަ މުއައްސަސާތަކަށް މާލީ އެހީ ދިނުމުގެ ދޮރު އާއްމުންނަށް ހުޅުވައިލުން

ހުއްދަ ކަމަކަށް މާލީ އެހީ ދިނުމުގެ ދޮރު ދިވެހިރާއްޖޭގައި ބަންދު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މި ތާނގައި ތަޢުލީމުދޭ އަމިއްލަ މުއައްސަސާތަކަށް މާލީ އެހީ ދިނުމުގެ ދޮރު އާއްމުންނަށް ހުޅުވައިލުމޭ ބުނުމުގެ މުރާދަކީ އެ މަގު ފަސޭހަކޮށްދިނުމެވެ. އެ ގޮތުން ކުރެވިދާނެ ކަންތަކަކީ:

އެކެއް: ފިހާރަތަކުގެ ކައުންޓަރުގައި ޗަންދާ ފޮށި ބެހެއްޓުން: އެ ކަމަށް ބޭނުން ވާނީ ހަމައެކަނި ވިޔަފާރިވެރިޔާގެ ހުއްދައެވެ.

ދޭއް: މިސްކިތްތަކުގައި ޗަންދާ ފޮށި ބެހެއްޓުން: ޚާއްޞަކޮށް ހުކުރު ދުވަހު، ދެ ޢީދު ދެ ނަމާދުގެ ދުވަހު، އަދި ރޯދަ މަސް ފަދަ ދުވަސްތަކުގައެވެ. އެކަމަށް ބޭނުން ވާނީ މިސްކިތާއި ހަވާލުވެފައިވާ މުއައްސަސާއެއްގެ ހުއްދައެވެ.

ބ- ތަޢުލީމުދޭ އަމިއްލަ މުއައްސަސާތަކަށް މާލީ އެހީ ލިބޭ ގޮތަށް ހަރު މުދަލުގެ ވަޤުފެއް  ނުވަތަ ވަޤުފު ފަންޑެއް އުފެއްދުން

ވަޤުފުގެ މުދާ ބޭނުންކޮށްގެން ފައިދާ ދެނިވި ޢިލްމު ފެތުރުމުގެ ދައުރު އަދާކުރެވެއެވެ. އެ ގޮތުން ތަޢުލީމު ދޭ ތަންތަން ބިނާކުރުމާއި އެ ތަންތާނގެ ޚިދުމަތުގައި ތިބޭ މީހުންނަށް މުސާރަ ދިނުން ފަދަ ކަންތައްތައް ކުރުމަށް ފުރުޞަތު ލިބެއެވެ. މީގެ ވަރުގަދަ އެއް ހެއްކެއްގެ ގޮތުގައި އެއް ހާސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ الأزه الشريف ފާހަގަކޮށްލެވެއެވެ. އެތަނަށް الحاكم بأمر الله الفاطمي، ހިޖުރީ ސަނަތުން ހަތަރު ސަތޭކައިގައި ވަޤުފެއް ކުރެއްވިއެވެ. އަދި އެ ތަނަށް الأمير يشبك الدويدار، ހިޖުރީ ސަނަތުން 1218 هـ، ގައި ވަޤުފެއް ކުރެއްވިއެވެ. އަދި އެތަނަށް رواق ابن معمر، އާއި رواق المغاربة ގެނަމުން މަޣުރިބުކަރައިގެ މީހުން ކުޅަ ވަޤުފަކާއި رواق الأتراك ގެނަމުން ތުރުކީން ކުޅަ ވަޤުފަކާއި ކުރުދީންނާއި ޔަމަނުކަރައިގެ މީހުން ކުޅަ ވަޤުފަކާ އަދި محمد علي باشا، ކުރެއްވި ވަޤުފެއް ވެސް ފާހަގަކޮށްލެވެއެވެ. އެއީ ކުޑަކުޑަ ވަޤުފެއް ނޫނެވެ. ހައްތަހާ ވެސް މާސިންގާ ބޮޑެތި ވަޤުފުތަކެވެ. ނަތީޖާއަކަށްވީ الأزهرالشريف ގައި ޢިލްމީ ޚިދުމަތުގައި އުޅުއްވި މީހުންގެ ދިރިއުޅުމުގެ ދަތިތަކަށް އެ ވަޤުފުން ފަސޭހަތަކެއް ލިބިގެން ޢިލްމީ ޚިދުމަތާއީ ސަގާފީ ޚިދުމަތްތައް މުޅި އުއްމަތަށް ފުޅާވެގެންދިއުމެވެ. (އަލްޢަޒުޢަޒީ، އަލްވަޤުފު… ސ. 8)

ހިތާމައިގެ ކޮޅެއްނެތެވެ. މިއަދުގެ ގިނަ މުސްލިމު ގައުމުތައް ވަނީ ވަޤުފުގެ ޙަޟާރަތުގައި ކޮޅުފައިން ޖަހައިފައެވެ. އެކަމަށް އިޝާރާތްކުރައްވާ القرضاوي ވިދާޅުވިއެވެ. "ހަމަކަށަވަރުން ހުޅަނގު މީހުން އިސްލާމީ ޙަޟާރަތުގައި ވަޤުފު އަދާކުރި ދައުރުން ފިލާވަޅު ލިބިގަތެވެ. އަދި އެ ވަސީލަތުން އެ މީހުންގެ ދީނާއި ދުނިޔެ އާރާސްތުކުރުމަށް މަގުފަހިކޮށްގަތެވެ." އަދި ވިދާޅުވިއެވެ. އިސްލާމީ ދުނިޔެ ވަނީ ތަޢުލީމާއި ޞިއްޙަތާއި އަދި އަސާސީ ޚިދުމަތުގެ ރޮނގުން ތަރައްޤީއަށް ނުހަނު ބޭނުންވެފައެވެ. އެއާއެކު ވެސް އިސްލާމީ ދުނިޔޭގައި މަސައްކަތް ނުކުރާ ބައިވަރު ވަޤުފުތައް އެބަހުށްޓެވެ. (ޤަރަޟާވީ، ނިޡާމުލްވަޤުފި، ސ. 27)

ވަޤުފު ނަމޫނާއަކަށް ބަލައިގެން ހުޅަނގުގައި ބޭނުން ކުރަނީ "އެންޑޯމެންޓް" ނުވަތަ "ޓުރަސްޓް" ނުވަތަ "ފައުންޑޭޝަން" ފަދަ ލަފުޒުތަކެވެ. އިސްވެ ދެންނެވުނު ފަދަ ނަންތައް ބޭނުންކޮށްގެން ހުޅަނގުގައި ފުޅާ ދާއިރާއެއްގައި އިޖުތިމާޢީ އަދި އިޤުތިޞާދީ ހަރަކާތްތައް ހިންގައެވެ. ދެހާސް ހައެއްގެ ދުވަސްވަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމެރިކާގައި އެކަނި އެފަދަ މަސައްކަތް ކުރާ ސާދަ ލައްކަ ހަތާވީސް ހާސް ހަތަރު ސަތޭކަ ފަންސަވަންނަ ތަން (ކުލަބު، ޖަމުޢިއްޔާ، ޖަމާޢަތްތައް) އެބަހުށްޓެވެ. އިނގިރޭސިވިލާތުގައި ދެލައްކަ ތަން އެބަހުށްޓެވެ. ކެނެޑާގައި އަށްޑިހަ ހާސް ތަން އެބަހުށްޓެވެ. (އުމަރު، ނިޡާމުލްވަޤުފި، ވަޤުފުގެ ދެވަނަ ކޮންފަރެންސް، އުއްމުލްޤުރާ ޔުނިވަރުސިޓީ، މައްކާ 2006)

ހުޅަނގުގެ ވަރަށް ގިނަ ޔުނިވަރުސިޓީތައް ކުރިއެރުވުމަށް ބޭނުންކުރާ އެއް އުކުޅަކީ ވަޤުފާއި އެއް ވައްތަރުގެ ޕްރޮޖެކުޓްތައް ބޭނުންކުރުމެވެ. އެ ގޮތުން އެމެރިކާގެ ފަންސާސް ޔުނިވަރުސިޓީއަކަށް ކުރެވިފައިވާ ވަޤުފުތައް ފާހަގަކުރެވެއެވެ. ވަޤުފަކީ އިސްލާމީ އުފެއްދުމެކެވެ. ނަމަވެސް އެމެރިކާގެ ހަމައެކަނި ޔުނިވަރުސިޓީތަކަށް ކުރެވިފައިވާ ވަޤުފުގެ އަގު މުޅި އިސްލާމީ ދުނިޔޭގައި ތިބި ހުރިހާ ވަޤުފެއް (މިސްކިތްތަކާއި ސަހަރާތައް ފިޔަވައި) އެއްކުރި ކަމުގައި ވިޔަސް އެއްވަރުނުވާކަން ފާހަގަވެއެވެ.  އެމެރިކާގެ ޔުނިވަރުސިޓީތަކަށް ކުރެވިފައިވާ ވަޤުފުތަކުގެ އަގު 2004 ގައި އުޅުނީ 132 ބިލިއަން ޑޮލަރުގައެވެ. މިސާލަކަށް ހާވާރޑް ޔުނިވަރުސިޓީގެ ވަޤުފުގެ މިނަކީ 22.6 ބިލިޔަން ޑޮލަރެވެ. ވަޤުފުގެ ގޮތުން އެންމެ ދަށުގައި އުޅެނީ 1.049  ބިލިޔަން ޑޮލަރާއެކު ޔުނިވަރުސިޓީ އޮފް މިޝިގަންއެވެ. މި ކާމިޔާބީގެ ސިއްރަކީ ރަނގަޅު ކަންތައްތަކަށް ހޭދަކުރުމުގެ ޝައުޤުވެރިކަން އެ މީހުންގެ  ފިކުރުގައި ހުރުމެވެ. ދެހާސް ހަތަރެއްގެ ތަފާސް ހިސާބު ދައްކާ ގޮތުން މުޖުތަމަޢުގެ 80 ޕަސެންޓް މީހުންނަކީ މުޖުތަމަޢު ބިނާކުރުމަށް ޓަކައި ހުޅުވައިލެވޭ މަޝްރޫޢުތަކަށް ޙިއްޞާ ދޭ މީހުންނެވެ. (އުމަރު، ނިޡާމުލްވަޤުފި، ވަޤުފުގެ ދެވަނަ ކޮންފަރެންސް، އުއްމުލްޤުރާ ޔުނިވަރުސިޓީ، މައްކާ 2006)

ޚުލާޞާއަކީ: ވަޤުފަކީ ބުއްދި ޙިމާޔަތްކުރުމަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ވަޤުފުން ޚަރަދުކޮށްގެން ބުއްދި ޙިމާޔަތްކުރުމަށް ބޭނުންވާ ތަޢުލީމުގެ ޚިދުމަތް ވަރަށް ފަސޭހަ ކުރެވިދާނެއެވެ.

ދެވަނަ ގޮންޖެހުން: މުދައްރިސުންގެ އެކެޑެމިކު ޞަލާޙިއްޔަތު ބަލިކަށިވުން

ދިވެހިރާއްޖޭގައި މުދައްރިސުންގެ ޢިލްމީ ޞަލާޙިއްޔަތު ބަލިކަށިވަނީ ގެންގުޅޭ ސިޔާސަތެއްގެ ދޯހަޅި ކަމުންނެވެ. ދިވެހިން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ގަޔާވާ ގޮތަށް ނުކުރެވޭތީއެވެ. އެ މަޤާމުތަކަށް އެކަށީގެންވާ ދިވެއްސަކު ނުލިބުމުން ދެން ގެންނަން ޖެހޭނީ ކޮންމެވެސް ގައުމަކުން ބޭރު މީހަކެވެ. ދެން އެ ބޭރު މީހާ މުސްކުޅި ވަނީ ވެސް ހަމަ އެ ވަޒީފާގައެވެ. އެ ތަނަށް ދިވެއްސަކު ކޮލިފައިވާ ގޮތެއް ނުވެއެވެ. މިއީ ހިތާމަހުރި ކަމެކެވެ. މިކަމުގައި ޒިއްމާ އުފުލަންޖެހޭ ބަޔަކީ ކޮބައިކަން ހޯދައިބަލައި މީޑިޔާގައި ސުވާލުކުރަން ޖެހެއެވެ. އެ މީހަކު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހެއެވެ. އާދެ! ކޮންމެއަކަސް ބުއްދިވެރި ސިޔާސަތަކަށް ވާންވާނީ ދިވެއްސަކު ނުލިބިގެން ބޭރު މީހަކު ގެންނަ ވަޒީފާއަކަށް ވީހާ ވެސް އަވަހަކަށް ދިވެއްސަކު އަހުލުވެރި ކުރުމަށް މަސައްކަތް ކުރުމެވެ. މިސާލަކަށް ޔުނިވަރުސިޓީގެ ގަވާއިދުގެ ދަށުން ދިވެހި މީހާ އެ މަގާމަކަށް އަހުލުވެރިނުވީ އެ މީހާގެ އަތުގައި ވަކިވައްތަރެއްގެ ފާހެއް ނެތިގެން ކަމުގައި ވެއްޖެނަމަ ސަރުކާރުން ބޮޑު ޚަރަދުކޮށްގެން އެ މީހާ ދުނިޔޭގެ ކުރިއަރާފައިވާ ޔުނިވަރުސިޓީއަކަށް ފޮނުވައިގެން އެކަމެއް ފުރިހަމަ ކުރުވުމެވެ. ސަރުކާރުން ބޮޑު ޚަރަދުކޮށްގެންނޭ ބުނި ބަހުގެ މާނައަކީ އެ ގޮތަށް އަހުލުވެރި ކުރަން ޖެހޭ މީހާގެ އަނބިދަރީން ތިބެއްޖެ ނަމަ އެ ޚަރަދުތައް ވެސް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ނުވަތަ ރީތި، ލުއި، ފަސޭހަ އުސޫލެއްގެ ދަށުން އަނބުރާ ދައްކާ ގޮތަށް ވިޔަސް އުފުލުމެވެ. ކިޔެވުމަށް ފުރުސަތު ދިނުމަކީ އެއީއެވެ. މިއީ ދިވެހިރާއްޖޭގެ އިގުތިސާދަށް ބަލާއިރު ނުކުރެވޭނެ ވަރުގެ ކަމެއްނޫނެވެ.

މި ފުރުސަތުގައި ފާހަގަކޮށްލަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ދިވެހި ބައެއް ޒުވާނުންގެ ހިތްވަރު ގަދަކަމާއި އަދި އެ ކުދީންގެ މައިންބަފައިންގެ ބުރަ މަސައްކަތާ އެކު ވަރަށް ގިނަ ޒުވާނުން ބިދޭސިން އަދާކުރާ ޕުރޮފެޝަނަލް ފަޒީފާތަކަށް ކޮލިފައިވާ ވަރަށް، ދިވެހިރާއްޖޭގެ އެތެރެއިންނާއި، ބޭރުން މަތީ ތަޢުލީމު ހާސިލު އެބަކުރެއެވެ. ނަމަވެސް އެއްކަލަ ބޭރު މީހާގެ މަޤާމު ދުވަހަކުވެސް ހުސްވާތަނެއް ނާދެއެވެ. އެހެންކަމުން ހިތްވަރާއެކު ކިޔެވި ދިވެހި ޒުވާނާ ގިނަ ފަހަރަށް ހުންނަނީ ބޭކާރުވެފައެވެ. ނުވަތަ ކޮންމެވެސް އެހެން ޤައުމަކަށް ހިޖުރަކޮށްފައެވެ. ގިނަ ފަހަރަށް އެފަދަ ޒުވާނުން ތިބެނީ ދިވެހިރާއްޖެއަށް ޚިދުމަތްކުރުމަށް ފާޑަކަށް ނަފުރަތު އުފެދިފައެވެ. އެއީ ކިޔަވަން އުޅުނު ދުވަސްވަރު ދެކޮޅުނުޖެހިގެން ލޫދި ފުކުރި ކިޔަވަންޖެހުމާއި އަދި އެއޮއްވަރަށް ބިކަހާލުގައި ކިޔަވައިގެން އައުމުން އަގު ވަޒަން ނުކުރިކަން އިހުސާސް ކުރެވިގެންކަމަށް ވެދާނެއެވެ.  އެހެންކަމުން ކިޔަވައިގެން އަންނަ ދިވެހި ޒުވާނުންނަށް ބޭރު މީހުންގެ ސަބަބުން ފުރުސަތު ނުލިބޭ މައްސަލައަކީ ވެސް ފާރަލައި ބަލަން ޖެހޭކަމެކެވެ. ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި ބޭރު މީހުންގެ ކޮންޓުރެޓު އޮންނަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އަދި މުއްދަތު ނިމުމުން އެ މަޤާމު ހުސްވެއެވެ. އަދި އަލުން އިޢުލާނުކޮށް އެ މަޤާމަށް އެ ތަނެއްގެ ރައްޔިތަކު ކުރިމަތިލާތޯ ބަލައެވެ. މާލީ ފަސާދާއާއި އިދާރީ ފަސާދަ ކުޑަ ކުރުމަށް ޓަކައި ދިވެހިރާއްޖޭގައި ވެސް ބިދޭސި ޓީޗަރުންގެ ބަދަލުގައި އެ މަގާމަށް އެކަށީގެންވާ ދިވެއްސަކު ހުރިތޯ ބޭރު މީހުންގެ ކޮންޓުރެކުޓު އާކޮށްދޭއިރު ބަލާނެކަމަށް އުއްމީދުކުރެވެއެވެ.

ތިންވަނަ ގޮންޖެހުން: އެކަށީގެންވާ މިންވަރަށް ކިޔަވާ ކުދީން ނުލިބުން

ދިވެހިރާއްޖޭގައި ރަސްމީ ދެ ޔުނިވަރުސިޓީ އެބަހުށްޓެވެ. އެ ދެ ތަން ވެސް ހުންނަނީ މާލޭގައެވެ. އެކަށީގެންވާ މިންވަރަށް ކިޔަވާ ކުދީން ނުލިބޭކަމުގެ ކަންބޮޑުވުމަކީ އަބަދުވެސް އޮންނަ މައްސަލެއެކެވެ. އަދި ޚާއްޞަކޮށް ކޮވިޑުގެ ސަބަބުން ސެކަންޑަރީގެ ތަޢުލީމަށް ދިމާވި ގޮންޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން ވެސް މެއެވެ.  ދާދި ފަހުން ސޯޝަލް މީޑިޔާއިން ފެނިގެން ދިޔައީ، އިސްލާމާއި ޤުރްއާން ކިޔަވާދޭން އިންޑިޔާއިން ޓީޗަރުން ގެންނަން ޖެހުނު ޚަބަރަކީ ވެސް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ނުލިބޭކަމުގެ ޤަރީނާއެއްގެ ގޮތުގައި ބެލެވިދާނެއެވެ. އެ ޚަބަރު ފެންމަތިވި އިރު އެތަނުން އެއް ޔުނިވަރުސިޓީއަކީ ހަމައެކަނި އިސްލާމީ މާއްދާތަކަށް ޚާއްޞަ ތަނެކެވެ. އަނެއް ޔުނިވަރުސިޓިގައި ވެސް އިސްލާމީ މާއްދާ ކިޔަވައިދޭ ފެކަލްޓީއެއް ހުރެއެވެ. އެ ދެ ޔުނިވަރުސިޓީގެ އުމުރުން އެތައް އަހަރެއް ވީއިރު ދިވެހިރާއްޖެއަށް ބޭނުންވާ އިސްލާމް ކިޔަވައިދޭ ޓީޗަރުންނާއި ޤުރްއާން ކިޔަވައިދޭ ޓީޗަރުން ނުއުފެއްދޭ ނަމަ އެއީ މައްސަލައެކެވެ. ދިރާސާއެއް ކުރަންޖެހޭ ކަމެކެވެ. އެ ދެ ތަނަށް ދިވެހި ރައްޔިތުންގެ ފައިސާއިން ކުރާ ޚަރަދާ މެދު ސުވާލު އުފައްދަން ޖެހެއެވެ. ހަގީގަތް ހޯދައި އޭގެ ޙައްލު ބުނެދޭން ޖެހެއެވެ. ނަމަވެސް އެ ކަން ކުރާނީ ކާކު ހެއްޔެވެ؟ ބުނެއުޅެއެވެ. ބުޅަލުގެ ކަރުގައި ރަނގަބީލު އަޅުވާނީ ކޮން މީދަލެއް ހެއްޔެވެ؟

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގެ ޝަރީޢާ ފެކަލްޓީން ދެ މުދައްރިސަކު ދިވެހިރާއްޖޭގެ އިސްލާމިކު ޔުނިވަރުސިޓީއަށް ބަދަލު ވިފަހުން ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި ދާދި ފަހުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގެ ޝަރީޢާ ފެކަލްޓީން މުދައްރިސަކު ކޮންމެވެސް ސަބަބަކާ ހުރެ ބޭރުވެސް ކޮށްލައިފިއެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެ މީހުންގެ ބަދަލުގައި މީހަކު ނުނަގައެވެ. ހިނގަހިނގައި ހުރި ފެކަލްޓީއަކުން މުދައްރިސަކު އުނިވެއްޖެ ނަމަ އެ މީހެއްގެ ބަދަލުގައި މީހަކު ނުނެގުމުން ނުވަތަ އެ މަގާމު ހުސްކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމުން ވެސް ކުދީން މަދުކަމަށް ޤަރީނާ ލިބެއެވެ. އެހެންކަމުން އެކަށީގެންވާ މިންވަރަށް ކިޔަވައި ކުދީން ނުލިބޭ މައްސަލައަކީ ވިސްނަންޖެހޭ މައްސައެކެވެ. ނަމަވެސް މިކަންތައް ވިސްނާނީ ކޮން ބޮލަކުން ހެއްޔެވެ؟ ނުވަތަ ވިސްނަން ބޭނުން ކުރާނީ ކޮން ތިއަރީއެއް ހެއްޔެވެ؟ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގެ ޝަރީޢާ ފެކަލްޓީ ހިނގަހިނގައި ހުއްޓައި އެ ތަނުން ދެ މުދައްރިސަކު ދިވެހިރާއްޖޭގެ އިސްލާމިކު ޔުނިވަރުސިޓީއަށް ބަދަލުކޮށްލީ ކޮން އުސޫލަކުން ކަން ވެސް ނުވިސްނެއެވެ. ހިނގަހިނގައި ހުރި ތަޢުލީމީ މުއައްސަސާއަކުން މުދައްރިސަކު އެހެން މުއައްސަސާއަކަށް ދޫކޮށްލަނީ އެ މީހެއްގެ ބޭނުން އެ މުއައްސަސާއަކަށް ކުޑަވުމުންނެވެ. ނުވަތަ އެ ޚިދުމަތެއް އެ މީހަކު ހުރި މުއްސަސާއަށް ވުރެ ބޮޑަށް އަނެއް މުއައްސަސާއަށް ލިބުން ބޮޑަށް މުހިންމު ވެގެންނެވެ. އެހެންކަމުން އިސްވެދިޔަ ފަދަ މޭރުމުން މުދައްރިސުން ބަދަލުކޮށް އަދި އެ މީހުންގެ ބަދަލުގައި މީހުން ނެގުން ލަސްވުމަކީ އުނގެނޭން ތިބި ދަރިވަރުންގެ އަދަދާމެދު ސުވާލު އުފެދޭކަމެކެވެ.

އެކަށީގެންވާ މިންވަރަށް ކިޔަވާ ކުދީން ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ޔުނިވަރު ސިޓީތަކުން ކެންޕޭންކުރެއެވެ. އަދި ކޮންމެ ޔުނިވަރުސިޓީއެއް ވެސް އެ ތަނެއްގައި ހުރި ރަނގަޅުކަންތައް ހުށަހަޅައެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ލިބުމުގެ މައްސަލަ ޙައްލެއް ނުވެއެވެ.

ކޮންމެއަކަސް މިފަދަ ކަންތައްތަކަކީ ހައްލު ކުރަންޖެހޭ ކަންތައްތަކެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކަށް ފެންނަ މަޝްވަރާއެއް ދެވިދާނެއެވެ. އެ ގޮތުން މިކަމުގައި އަޅުގަނޑު ދެކޭ ޙައްލެއް ދަންނަވައިލާނަމެވެ.

އެކެއް: އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ގައުމީ ޔުނިވަރުސިޓީގައި ހުރި ދީނީ ފެކަލްޓީތައް އިސްލާމީ ޔުނިވަރުސިޓީއަށް ބަދަލުކޮށްލުމެވެ. އެއީ ވަގުތީ ގޮތުން އެންމެ ފުރަތަމަ ފިޔަވަޅެވެ.

ދޭއް: ދިވެހިރާއްޖޭގެ މާލޭގައި ހުރި ދެ ޔުނިވަރުސިޓީ ވެސް ރާއްޖެ ތެރެއިން އެންމެ އާބާދީ ކުޑަ އެންމެ ތަރައްޤީ ކުޑަ ދެ އަތޮޅެއް ފާހަގަކޮށް ކޮންމެ ޔުނިވަރުސިޓީއަކަށް ބޮޑު ރަށެއް ހުސްކޮށް އެ ތަނުގައި ޔުނިވަރުސިޓީއާއި ކިޔަވާ ކުދީންގެ ބޯޑިންގާއި އެހެނިހެން ބައިތައް ބިނާކޮށް ދިވެހިރާއްޖޭގެ އެތެރެއާއި ބޭރުން ކުދިން އައިސް ކިޔަވަން ތިބޭ ކަހަލަ ރަނގަޅު މާހައުލެއް ގާއިމުކުރުމެވެ. އެއިރުން އެ އަތޮޅެއް ވެސް ތަރައްޤީވުމަށް މަގުފަހިވެދާނެކަމަށް ފެނެއެވެ. އަދި މާލެއަށް ދިމާވެފައިވާ އިޖުތިމާޢީ މައްސަލަތަކަށް ލުޔެއް ވެސް ލިބިދާނެކަމަށް ފެނެއެވެ.

ނިންމާލާނީ ދިވެހި ރާއްޖެ އަށާއި ދިވެހި ޒުވާނުންނަށް އަދަށް ވުރެ ފެހި މާދަމައަކަށް އެދެމުންނެވެ. އެހެންކަމުން އަޅުގަނޑުގެ އިލްތިމާސުތައް ތިރީގައި އެވަނީއެވެ.

އެކެއް: ޕުރައިވެޓް ތަންތަނަށް ޚަރަދު ދަތިވުމުގެ ގޮންޖެހުމުގެ ޙައްލެއްގެ ގޮތުގައި ބަޔާންކުރެވުނު ކަންތައްތައް އަމަލީ ސިފަ ގެނައުމަށް ޓަކައި ޕުރައިވެޓުކޮށް ތަޢުލީމު ދޭ ތަންތަނުގެ އިސްވެރީން އެއް މޭޒުދޮށަށް އެއްވެ މަޝްވަރާ އަކަށް ދިއުމަށް އިލްތިމާސް ކުރަމެވެ.

ދޭއް: ޕުރައިވެޓް ތަންތަނުގައި ތިބި ދިވެހި މުދައްރިސުންގެ އެކެޑެމިކު ޞަލާޙިއްޔަތު ވަރުގަދަ ކުރުމަށް ޓަކައި ބޭނުންވާ މާލީ ޚަރަދުތައް ހޯދުމަށް ޕުރައިވެޓު ކޮށް އަޢުލީމު ދޭ ތަންތަނުގެ އިސްވެރީން އެއްމޭޒުދޮށަށް އެއްވެ މަޝްވަރާއަކަށް ދިއުމަށް އިލްތިމާސުކުރަމެވެ.

ތިނެއް: ސަރުކާރު ތަންތަނުގައި ތިބި ދިވެހި މުދައްރިސުންގެ އެކެޑެމިކު ޞަލާޙިއްޔަތު ވަރުގަދަ ކުރުމަށް ޓަކައި އެރޮގަކުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކަށް މިސާލަކަށް މެޑިސިން އާއި ސައިންސާއި ޓެކޮނިލެޖީގެ މުދައްރިސެއްނަމަ އެމެރިކާ، ޔޫ.ކޭ.، ކެނަޑާ ފަދަ ގައުމު ތަކަށް ފޮނުވައިގެން އަދި އެނޫނަސް ދުނިޔޭގެ ނަންހިނގާ ޔުނިވަރުސިޓީ ތަކަށް ފޮނުވައިގެން ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ވިޔަސް ބައިނަލްއަޤުވާމީ މުޖުތަމަޢު ގަބޫލުކުރެވޭ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ދިވެހި ޒުވާނުންނަށް ހޯދައިދިނުމަށް ސަރުކާރަށް އާދޭސްކޮށް އިލްތިމާސުކުރަމެވެ.

ހަތަރެއް: ދިވެއްސަކު ޝަރުޠު ފުރިހަމަ ނުވެގެން ބޭރުން ގެންނަ ކޮންމެ ބިދޭސި މުދައްރިސެއްގެ މަޤާމަށް ދިވެއްސަކު ތައްޔާރުކުމަށް މަޝްރޫޢެއް ގާއުމުކުރުމަށް ފަހު މަސައްކަތް ފަށައިގަތުމަށް އިލްތިމާސު ކުރަމެވެ.

ފަހެއް: އެކަށީގެންވާ މިންވަރަށް ކިޔަވާ ކުދީން ނުލިބުމުގެ މައްސަލަ ޙައްލު ކުރުމަށް ޓަކައި ދިވެހިރާއްޖޭގެ މާލޭގައި ހުރި ސަރުކާރުގެ ދެ ޔުނިވަރުސިޓީ ވެސް ރާއްޖެތެރެއަށް ބަދަލުކޮށް ދިވެހިރާއްޖޭގެ އެތެރެއާއި ބޭރުން ކުދިން އައިސް ކިޔަވަން ތިބޭ ކަހަލަ ރަނގަޅު މާހައުލެއް ގާއިމުކުރުމަށް އިލްތިމާސުކުރަމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.