...

Support Us

ކޮލަމް: ހަވާސް

ޓިކެޓެއް ނެތް، ޖާޒީއެއް ނެތް، ސަޕޯޓަރުން ރަތަށް- ދިވެހިން ބޭނުންވަނީ "އިންޑިއާ އައުޓް"

ކޮވިޑް ރޯގާގެ އެންމެ ނުރައްކާވި ދުވަސްވަރު މާލެތެރެ ލޮކްޑައުންކުރުމުން ބަސް އަހައިގެން އެންމެން ގޭގައި ތިއްބަސް، ގައުމީ ފުޓުބޯޅަ ޓީމަށް ސަޕޯޓްކުރަން ޖާޒީ ލައިގެން ދަނޑަށް ނުވަދެވުނީމާ މަޑުން ތިބެން ގިނަ ދިވެހިންނަށް އުނދަގޫވާނެއެވެ. ފުޓުބޯޅަ ކަންތަކުގައި ލޭކެކޭވަރަށް އެހެން އެއްވެސް ކަމެއްގައި ދިވެހިން ލޭކެކިގެން ނޫޅޭނެއެވެ. އަމްދުން ގަލޮޅު ދަނޑުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގައި ދިވެހި ގައުމީ ޓީމު މިހާރު ދައްކާ މޮޅު ކުޅުން ހަމަލޮލުން ބަލައިލަން ހަމަ ކޮންމެ މީހަކު ވެސް ބޭނުންވެއެވެ.

ކުރިން 12 ހާސް މީހުން ވެސް އެއްފަހަރާ ކުޅިބެލި ގަލޮޅު ދަނޑުގެ ސިޑިބަރިތައް ރެނދުލައިފައި ހުރުމުގެ ސަބަބުން ދަނޑަށް މިހާރު ވަދެވެނީ ގިނަވެގެން ފަސް ހާސް މީހުންނަށެވެ. ފުޓުބޯޅަށް ލޯބިކުރާ މީހުންގެ އަދަދު ގިނަވިއިރު، ދަނޑަށް ވަދެވޭ އަދަދު މި ވަނީ ބޮޑުތަކުން ކުޑަވެފައެވެ. އާންމުންނަށް ވިއްކަނީ ތިން ހާސް ޓިކެޓެވެ. އެއީ މީހަކަށް ދެ ޓިކެޓުގެ މަގުންނެވެ. މިއަދު ހެނދުނު 10 ޖެހިއިރު ޓިކެޓް ވިއްކަން ފެށުމުގެ 18 ގަޑިއިރު ކުރިން މީހުންތައް ސޯޝަލް ސެންޓަރުގައި ކިޔޫގައިޖެހި، އެތާ ނިދައި، ކައިބޮއެ ހެއްޖެވެ.

ރޭދުވާ ހަތަރުދަމު ކިޔޫގައި ނުޖެހި، އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ނިޒާމެއް ހަމަޖެއްސެވުމަށް ކުރިމަގުގައި މަސައްކަތް ކުރައްވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވިއެވެ.

ސަރަހައްދީ ފަސް ގައުމެއްގެ މެދުގައި 13 ވަނަ ސާފް ޗެމްޕިއަންޝިޕް މި މަހު 1 ގައި ފެށި ނަމަވެސް، ޓިކެޓް ނުލިބިގެން އޭރަކު މާ ބޮޑު ފޯރިއެއް ނެތެވެ. ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި ނަމަވެސް، ބަންގްލަދޭޝްއާ ވާދަކުރާ މެޗަށް ދަނޑަށް ދާން ގިނަ ބަޔަކު ބޭނުންވިއެވެ. ޓިކެޓް ނުލިބުމުގެ މައްސަލަތައް ނުކުންނަން ފެށީ އެ ހިސާބުންނެވެ. އަނެއްކާ އާދަޔާ ޚިލާފު މޮޅަށް ކުޅެ، 2-0ން ބަންގާޅު ބަލިކޮށްލި ރޭ މެންދަމުން އަލިވެގެންދިިޔައިރުވެސް ޒުވާނުންގެ ސައިކަލްބުރުތަކުގެ އަޑު ނުކެނޑެއެވެ. އުފާ ފާޅުކުރުމަށް މުޅި މާލެތެރޭގައި ދުއްވަނީއެވެ. ބަންގާޅަށްފަހު ލަންކާ ވެސް ބަލިކޮށް، ރާއްޖެ މިހާރު އޮތީ އިންޑިއާ ބަލިކުރަން ކެތްމަދުވެފައެވެ.

މުބާރާތުގައި ވާދަކުރާ ފަސް ޓީމު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރަންޖެހޭ ގޮތަށް ކުޅުނު ނަމަވެސް، ފަހު ދެ މެޗަށްދިޔައިރު މިހާރު އެ އޮތީ ފާޑަކަށް ސެމީ ފައިނަލަކަށްވެފައެވެ. ބަލިވާ ބަޔަކު ކަޓާނެއެވެ. އެއްވަރުވެގެން ވެސް ފުރުސަތު އޮތީ، ޓޭބަލްގެ އެންމެ ކުރީގައި އޮތް ނޭޕާލާއި ރާއްޖެއަށް އެކަންޏެވެ. މި ދެ ޓީމަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

އަންނަ ބުދަ ދުވަހު ހަވީރު ކުޅޭ މެޗުގައި ނޭޕާލް ވާދަކުރަން ޖެހެނީ ހަތަރު ޕޮއިންޓް ލިބިފައިވާ ބަންގާޅު ޓީމާއެވެ. ފައިނަލަށް ދާން ބޭނުން ނަމަ ނޭޕާލް ބަލިކުރުން ނޫން ގޮތެއް ބަންގާޅަކަށް ނެތެވެ.

އެރޭގެ މެޗުގައި ރާއްޖެ އިންޑިއާއާ ވާދަކުރާއިރު އިންޑިއާ އަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އެހެންވެ ރާއްޖެ- އިންޑިއާ މެޗު އެއްވަރުވެއްޖެ ނަމަ، އިންޑިއާ ކަޓައި، ރާއްޖެ ފައިނަލަށް ދާނެއެވެ. އެހެންކަމުން، އެއްވަރުވުމުގެ ފުރުސަތަށް ނުބަލައި، ރާއްޖެއަށް ޖެހިފައި ވަނީ ބުދަ ދުވަހުގެރޭ އިންޑިއާ ބަލިކޮށް، "އިންޑިއާ އައުޓް"ކޮށްލާށެވެ.

ދަނޑަށް ގޮސްގެން މެޗު ބަލަން ބޭނުން މީހުން ކޮންމެ ގޮތަކުންވެސް ޓިކެޓް ހޯދައެވެ. ކިޔޫގައި ޖެހިގެން ޓިކެޓެއް ނުލިބެއްޖެއްޔާ 100ރ. އަށް ވިއްކާ ޓިކެޓް 2،000ރ. އަށް ގަނެގެންވެސް ދަނޑަށް ވަދެފައި އެބަހުއްޓެވެ. މެޗު ބަލައި ހިތުންނެވެ. ގައުމީ ފޯރިއާއި ޖޯޝުގައެވެ.

ޓިކެޓް ގަންނަން ސޯޝަލް ސެންޓަރު ކައިރިޔަށް މީހުން އެއްވެފައި -ފޮޓޯ: ސޯޝަލް މީޑިއާ

އަނެއް ބަޔަކު ދަނޑަށް ވަންނަ ޓިކެޓް ހޯދަނީ އެހެން ބޭނުމެއްގައި ކަމަށްވެސް ވެދާނެއެވެ. ދަނޑަށް ވަދެ ވަރަށް ގިނަ ބަޔަކު ސެލްފީ ނަގައި އިންސްޓަ އަށާއި އެފް.ބީ އަށް ލާތީ، ޖާޒީއެއް ލައިގެން، ލިޕްސްޓިކް ހާކައިގެން ސެލްފީ ނަގަންވެގެން ދަނޑަށް ވަންނަން ބޭނުންވާ ކިތަންމެ ގްރޫޕެއް ވެސް އެބައުޅެއެވެ. އެ ކުދިންނަށް އެއް ޓިކެޓަކުން ވެސް ނުފުދެއެވެ. މަދުވެގެން ތިން ހަތަރު ޓިކެޓް ބޭނުންވެއެވެ. ގްރޫޕު ސެލްފީއެއް ކަމަށް ވާތީއެވެ. އެންމެ ޓިކެޓެއް ނުލިބެގެން އުޅޭއިރު، އެހާ ވަރަށް އެ ކުދިންނަށް ޓިކެޓް ލިބޭނީ ކިހިނެއްބާއޭ ހިތަށް އަރައެވެ.

ޓިކެޓްގެ މައްސަލައެކޭ އެއްވަރު އަނެއް މައްސަލައަކީ ޓީމު ޖާޒީ ގަންނަން ނުލިބޭ މައްސަލައެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ ގައުމީ ޓީމުގެ ޖާޒީ ލައިގެން ގައުމީ ޓީމަށް ސަޕޯޓް ކުރާށެވެ. އެހެން ނަމަވެސް ގައުމީ ޓީމުގެ ޖާޒީ ތައްޔާރުކުރާން ހަވާލުކުރި ކުންފުންޏަކަށް ޑިމާންޑާ އެއްވަރަކަށް ޖާޒީ ސަޕްލައިކޮށްދެވޭނެ ގޮތެއް ނުވިއެވެ. އެ މީހުން ބުނަނީ ލިބުނު ވަގުތުކޮޅު ކުޑަވުމުން، ގިނަ އަދަދެއްގެ ޖާޒީ އެއްފަހަރާ ތައްޔާރުކުރާނެހާ މޫސުން ނެތީ ކަމަށެވެ.

ކުރިން ބަންގާޅުގައި ބާއްވަން އޮތް 13 ވަނަ ސާފް ޗެމްޕިއަންޝިޕް، ކޮވިޑާ ހެދި ރާއްޖޭގައި ބާއްވަން ހަމަޖެހުނީ ބިޑްކޮށްގެން، މި އަހަރު އޯގަސްޓް 9ގައެވެ. އޮކްޓޫބަރު 1 ގައި މުބާރާތް ފެށުމާ ދެމެދު އޭރު އޮތީ އެންމެ 50 ދުވަހެވެ. އެހެންވެ، ހަގީގަތުގައި އެކަށީގެންވާ އެންމެ ރަނގަޅަށް ތައްޔާރުވުމުގެ ފުރުސަތެއް ރާއްޖެއަކަށް ނުލިބެއެވެ. ގައުމީ ޓީމަކަށް ވެސް ނުލިބެއެވެ.

"މަގޭ މަހަލްދީބު" ބޮނޑިބަތާއި ގައުމީ ދިދައާއެކު ދިވެހި ކުދިންތަކެއް ގައުމީ ޓީމުގެ މެޗު ބަލަން ލަންކާގައި ޓީވީ ކައިރީގައި

ގައުމީ ޓީމުގެ ޖާޒީ މި މުބާރާތަށްޓަކައި ބަދަލުކޮށްލަން އެފް.އޭ.އެމުން ނިންމީ ހަމަ ކުއްލިއަކަށެވެ. ގައުމީ ޓީމު ކުރިން ބޭނުންކުރި ކަހަލަ "ކެލްމޭ" ޖާޒީތައް ގިނަ ސަޕޯޓަރުންގެ އަތުގައި ހުއްޓައި، ކުއްލިއަކަށް މުޅިން ތަފާތު ފަރުމާއަކަށް ޖާޒީ ބަދަލުކޮށްލުމުން ހުރިހައި އެންމެން ވެސް ބޭނުންވީ އެ ޖާޒީ ހޯދާށެވެ. ދަނޑަށް ނުވަދޭ މީހުން ވެސް ގައުމީ ޓީމުގެ ޖާޒީ ބޭނުންވެއެވެ. މާލޭގެ އިތުރުން ރަށްރަށުގަ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންވެސް މެޗު ބަލަން ބޭނުންވަނީ ގައުމީ ޓީމުގެ ޖާޒީ ލައިގެންނެވެ. މި ދައްކަނީ ގައުމީ ޓީމުގެ ފަހަތުގައި ތިބި ދެތިން ލައްކައެއްހާ ދިވެހީންގެ ވާހަކައެވެ. ޖާޒީ ބޭނުންވަނީ ދަނޑަށް ވަންނަ ދެތިން ހާސް މީހުންނަށް އެކަންޏެއް ނޫނެވެ.

މެލޭޝިއާގައި ތިބި އާއިލާއަކުން ގައުމީ ޓީމުގެ މެޗު ބަލަމުންދާއިރު ސުފުރާމަތީގައި ތަފާތު ރަހަތައް

ގައުމީ ޓީމުގެ ކިޓް ޕާޓްނަރުކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން އެފް.އޭ.އެމުން އިއުލާންކުރުމެއް ނެތި، އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް ޖާޒީ ފޯރުކޮށްދެވޭނެތޯ ނުބަލައި، ކުއްލިއަކަށް ފެނުނީ ދިިވެހި ކުންފުންޏެއް ކަމަށްވާ އައިލަންޑް އެޕެރަލްސްއާއެކު އެގްރިމަންޓުގައި ސޮއިކުރި ތަނެވެ. ވަގުތު ކުޑަތަންވެފައި އޮއްވައި އަދި މާލޭގައި ގިނަ އަދަދެއްގެ ޖާޒީ އެއްފަހަރާ ފެހެން ނެތްއިރު، އެކަން ކުރެވޭނެ ގިނަ ބަޔަކު ބައިވެރިކޮށް، ގިނަ ފަރާތްތަކަކާ ހަވާލުކުރި ނަމަ، ޖާޒީ ނުލިބިގެން ކޮޅުކޮޅަށްމިއަދު ދުވާކަށް ނުޖެހުނީސްކަން ޔަގީނެވެ. ޖާޒީ އުފައްދާ ބައިވަރު ކުންފުނިތައް މާލޭގައި އެބަހުއްޓެވެ. ވަރަށް ތަޖުރިބާ ހުރި ކުންފުނިތައް ވެސް އެބަހުއްޓެވެ. އަދި ބޭނުން އަދަދަކަށް ލަންކާގައި އުފައްދައިގެން ދެތިން ދުވަސް ތެރޭގައި ޖާޒީ ގެނެވޭނެ ކުންފުނިތައް ވެސް މާލޭގައި އެބަހުއްޓެވެ. ގައުމީ ޓީމުގެ ޖާޒީ ހަދައިގެން އެހެން މީހުން ވިއްކަން ފެށުމުން، އެކަން ނުކުރެވޭނެ ކަމަށް ބުނެ އެފް.އޭ.އެމުން ވަނީ އެ މީހުންނަށް ވެސް ގާނޫނީ އިންޒާރު ދީފައެވެ. އެކަމަކު އެއީ، ސަޕޯޓަރުން ބޭނުންވާ ވަރަށް ޖާޒީ ލިބުމަށް މަގުފަހިވި ކަމަކަށް ނުވިއެވެ. އެކަމުންވެސް ސަޕޯޓަރުން އައީ ރުޅިއެވެ.

ޖާޒީ ނުލިބުނަސް ޓިކެޓް ލިބިއްޖެއްޔާ ދަނޑަށް ވަންނާނެއެވެ. އަދި ޓިކެޓް ނުލިބިއްޖެ ނަމަ ސްޓެލްކޯ މާޓީވީ ކައިރިއަށް ގޮސްގެން ނަމަވެސް ދިވެހިން މެޗު ބަލާނެއެވެ. ފޯރި ނަގާނެއެވެ. ދަނޑުން ވެސް އަދި ދަނޑުން ބޭރުން ވެސް ގައުމީ ޓީމަށް އޮތީ ދިވެހިންގެ ތަރުހީބެވެ. ހުރިހައި ދިވެހިން މިއަދު ތިބީ ގައުމީ ޓީމާއެކުގައެވެ. ގަލޮޅު ދަނޑުގައެވެ. މާލޭގެ ގޭގޭގައެވެ. ރަށްރަށުގައެވެ. އަދި ރާއްޖޭއިން ބޭރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

3 Responses

  1. ޙުރިހާ ގޮތަކުންވެސް ހަމަ އިންޑިޔާ އަޢުޓް ، އަޢުޓް ވާން ލާޒިމް.
    ޢޭރުން ދިވެހީން ފަޢިނަލްގަ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *