Support Us

މަލާއިކަތުން ހިނެވި ސަޙާބީ

އުހުދު ހަނގުރާމައިގެ ދުވަހަކީ މުސްލިމުންނަށް އެތައް ގިނަގުނަ ގެއްލުންތައް ކުރިމަތިވި ދުވަހެކެވެ. އެގޮތުން މާތް ނަބިއްޔާގެ އިރުޝާދުފުޅާ ޚިލާފުވެ މުސްލިމުން ޣަނީމާ މުދަލައިގެން މަސްއޫލުވެ ވިއްސިވިހާލިވެގެން އުޅެނިކޮށް މުޝްރިކުންގެ ކޮމާންޑަރ ޚާލިދުބުން ވަލީދު ދެއްވި ކުއްލި ހަމަލާއެއްގައި އެތައް އަސްހާބުންނެއް ޝަހީދުވިއެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ކޮނެފައިވާ ކެހިވެރިކަމުގެ ވަޅުގަނޑަކަށް ކީރިތި ރަސޫލާ ﷺ ވެއްޓިވަޑައިގެން ދެ ކަކޫފުޅު ޒަޚަމްވެވަޑައިގަތެވެ. އެވަޅުގަނޑުން އަލީގެފާނާއި ތަލްހަތުގެފާނުގެ ވާގިވެރިކަމާ އެކު އެކަލޭގެފާނު އަރާވަޑައިގެންތަނާ އަތަބަތު ބުން އަބީ ވައްޤާސް އެއްލި ހިލަޔަކުން ޖެހިވަޑައިގެން އެކަލޭގެފާނުގެ މެދު ދަތްޕުޅެއްވެސް ޒަޚަމްވިއެވެ. އަދި ކާފަރަކު ދިން އިތުރު ހަމަލާޔަކުން އެކަލޭގެފާނުގެ މާތް މޫނުފުޅުވެސް ޒަޚަމްވިއެވެ. އެވަގުތު އެކަލޭގެފާނުގެ މާތް ހަށިކޮޅަށް ރައްކާތެރިވުމަށް މަދު އަދަދެއްގެ އަސްހާބުބޭކަކުންކޮޅެއް ހިތްވަރާ އެކު ފަހުނޭވަޔާ ޖެހެންދެން ހަނގުރާމަކުރުމުގައި ދެމިތިއްބެވިއެވެ. އެކަލޭގެފާނުވެސް ހިލަ އުއްކަވައި ދުޝަމަނުންނަށް ހަމަލާ ދެއްވިއެވެ. އެގޮތުން އުބައްޔު ބުން ޚަލަފް އެކަލޭގެފާނަށް ދެއްވި ހަމަލައަކުން ރެކިވަޑައިގެން އެކަލޭގެފާނަށް ސަލާމަތްވެވޭނޭ އިތުރު މަގެއް ފެނިވަޑައިނުގަތުމުން އުބައްޔު ބުން ޚަލަފަށް ހަމަލާ ދެއްވައި އޭނާ ގަތުލުކޮށްލެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުން މިނޫން މީހަކު މިހަނގުރާމައިގައިވެސަ އަދި މިނޫން ހަނގުރާމައެއްގައިވެސް ގަތުލުކުރައްވާފައެއްނުވެއެވެ.

މި ހަނގުރާމައިގައި ދުޝަމަނުންގެ ހަމަލާތަކުން އެކަލޭގެފާނުގެ ހަށިކޮޅު ރައްކާތެރި ކުރެއްވުމަށްޓަކައި އުޅުއްވި އަސްހާބު ބޭކަލުންނަށް ބޮޑެތި އަނިޔާތައް ލިބި އެބޭކަލުންގެ ހަށިކޮޅަށް ވަރަށް ގިނަގުނަ ޒަޚަމްތައް ލިބުނެވެ. އެހެނީ އެބޭކަލުންގެ އަމިއްލަ ހަށިކޮޅު ހެއްދެވީ އިތުރު އެކަލޭގެފާނާ ދިމާލަށް މުޝްރިކުން އުކާ ދުނިތަކުގެ އައްޑަނައަކަށެވެ. އެގޮތުން ތަލްހަތުގެފާނުގެ ގައިކޮޅިގައި 70 ޒަޚަމް ހުއްޓެވެ. އެކަލޭގެފާނުގެ އެއް އަތްޕުޅުގެ ހުރިހާ އިނގިލިފުޅުތައް ބުރިވެ އަތްޕުޅު ވާވިއެވެ. އަދި ކައުބު ބުން މާލިކްގެ ހަށިކޮޅުގައި 17 ޒަޚަމް، އަބްދުއްރަހުމާން ބުން އަޢުފްގެ ހަށިކޮޅުގައި 20 ޒަޚަމް ހުއްޓެވެ. އަދި އިތުރު އެކަލޭގެފާނުގެ މާތް ހަށިކޮޅަށް ކާފަރުންގެ ކިބައިން އަންނަ ދުނިތަކުން ރައްކާތެރި ކުރެއްވުމަށްޓަކައި އަބޫ ދުޖާނަތުގެފާނު އެކަލޭގެފާނުގެ ހަށިކޮޅުމައްޗަށް ގުދުވެވަޑައިގެން އޮންނެވުމުގެ ސަބަބުން އެތައް ދުންޏެއް ދުޖާނަތުގެފާނުގެ ބުރަކަށިފުޅަށް އަރާފައިވެއެވެ. އަދި ކީރިތި ރަސޫލާ ﷺ ހަށިކޮޅަށް ހަމަލާއެއް އެރިޔަ ނުދޭން ހައްދަވައިގެން ޒިޔާދަތު ބުނުލް ހާރިސްގެފާނުގެ ހަށިކޮޅަށް އެތައް ހަމަލާއެއް އަމާޒުވެ ދެން ގަދަވެ ވަޑައިނުގަންނަވާނޭ ފަދަ ހާލަތަކަށް ދިޔުމުން ކީރިތި ރަސޫލާ ﷺގެ ފައިތިލަފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮވެ ހިނިފުޅުވަޑުވާފައި ފުރާނަފުޅު ދޫކޮށްލެއްވިއެވެ. މީގެ އިތުރުންވެސް އަސްހާބު ބޭކަލުން ކުރެ 70 އެތައް ބޭކަލުންނެއް ޝަހީދުވިއެވެ. މީގެ ތެރޭގައި މުހާޖިރިއްޔާ ބޭކަލުން ހައެކެވެ. ދެން ހައްތާވެސް އަންސާރިއްޔަ ބޭކަލުންނެވެ. މި މުހާޖިރިއްޔަ ބޭކަލުންގެ ތެރޭގައި މުސްހަބު ބިން އުމައިރުގެފާނާއި ހަމްޒަތުގެފާނު ހިމެނިވަޑައިގަންނަވައެވެ. އަންސާރިއްޔަ ބޭކަލުންގެ ތެރޭގައި އައުސްވަންހައިގެ އަބޫ އާމިރުގެ ދަރިކަލުން ޙަންޡަލާ ރަޟިޔަﷲ ޢަންހު ހިމެނިވަޑައިގަންނަވައެވެ. މިއީ އަންސާރިއްޔަ ބޭކަލުންކުރެ މާތް ބޭކަލެކެވެ.

ޙަންޡަލާ ރަޟިޔަﷲ ކައިވެނިކުރެއްވީ އުޙުދު ހަނގުރާމައިގެ ކުރީ ދުވަހުއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ މުނާފިޤުންގެ ވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޢަބްދުﷲ ބުނު އުބައްޔު ބުނު ސަލޫލުގެ ދަރިކަނބަލުން ޖަމީލާއެވެ. އެދުވަހުގެ ފަތިސްނަމާދަށްފަހު ޙަންޡަލާ ރަޟިޔަﷲ ޢަންހު އަނބިމީހާ ގާތަށް ގެއަށްވަޑައިގަތެވެ. ހަނގުރާމައަށް ފުރުމުގެ ކުރިން ލަޝްކަރު ތައްޔާރުކުރުމުގެ މަސައްކަތަށް ނައިސް އަލަތު އަނބިމީހާޔާއެކު ވަޤުތު ހޭދަކުރެއްވުމަށް ޙަންޡަލާ ރަޟިޔަﷲ ޢަންހަށް ކީރިތި ރަސޫލާ ﷺ ވަނީ އިޛުނަ ދެއްވާފައެވެ. އެވަގުތުކޮޅުގައި ޙަންޡަލާ ރަޟިޔަﷲ ޢަންހު އަނބިމީހާޔާއެކު އެއްދާންކުރެއްވިއެވެ. އަދި ހަނގުރާމައިގެ ގޮވުމުގެ އަޑަށް އަވަސްވެވަޑައިގެން ނުކުމެވަޑައިގަންނަވަނިކޮށް އަނބިކަމަނާ ދެންނެވިއެވެ. މާތް ސާހިބާއެވެ. ތިޔަ ނުކުމެވަޑައިގަންނަވަނީ ދުޝްމަނުންގެ ކުރިމައްޗަށެވެ. އެއްގޮތަކުން ވެއްޖެ ނަމަ ދެން ދެމީހުން ބައްދަލުވާނީ ސުވަރުގޭގައެވެ. އެހެން ކަމުން ކަލޭގެފާނު އަޅުގަނޑުގެ ގާތުގައި މިރޭ ރޭކުރެއްވި ކަމަށް ބަޔަކުމީހުން ހެކިކުރައްވާފައި ވަޑައިގަންނަވާށެވެ. އެހެން ނޫނީ މިހެން އިނދެ ކުއްޖަކު ވިހައިފި ނަމަ ބަޔަކު މީހުން އަޅުގަނޑާ މެދުގައި ޝައްކެއްވެސް ކޮށްފާނެތެވެ. ދެން މިކަލޭގެފާނު މިކަމާމެދުގައި ހަތަރު މީހުން ހެކިކުރައްވައި ހަނގުރާމައަށް ވަޑައިގެންފިއެވެ.

ކޮންމެއަކަސް އުޙުދުގެ މައިދާނުގައި ދެ ލަޝްކަރު ބައްދަލުވެއްޖެއެވެ. ޙަންޡަލާ ރަޟިޔަﷲ ޢަންހު ހިމެނެނީ ފައިމަގުގައި ހަނގުރާމަކުރާ ހަނގުރާމަވެރިންގެ ތެރޭގައެވެ. ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރައްވަނިކޮށް ދުޝްމަނުންގެ މީހެއް އެއްލި ލޮންސިއެއް ޙަންޡަލާ ރަޟިޔަﷲ ޢަންހުގެ ގަޔަށް ހެރުނެވެ. ހަށިކޮޅަށް ހެރުނު މިހަމަލާއާއެކުވެސް އެކަލޭގެފާނު މި މަތިވެރި ދީނުގެ ދިފާއުގައި ހަނގުރާމަކުރުން މަތީ ދެމިހުންނެވިއެވެ. އެ ޙާލުކޮޅުގައި ހުންނަވައި ހަނގުރާމަ ކުރައްވަނިކޮށް ދުޝްމަނުންގެ ހަމަލާތަކުގައި އެކަލޭގެފާނު ޝަހީދުވިއެވެ.

އެކަލޭގެފާނު ޝަހީދު ހަމަ ވީތަނާ ކީރިތި ރަސޫލާ ﷺ ހަދީސްކުރެއްވިއެވެ. އުޑާއި ބިމާ ދޭތެރޭގައި މަލާއިކަތު ބޭކަލުން ސުވަރުގޭގެ ފެން ބޭނުން ކުރައްވައިގެން ޙަންޡަލާ ރަޟިޔަﷲ ޢަންހު ނާ‎ނޭފުޅު ފިއްލަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންފީމެވެ. ދެން ހަނގުރާމަ ނިމުނުފަހުން އެމައިދާނުގައި ޝަހީދުވެފައިވާ ބޭކަލުން ވަޅުލުމަށް ކީރިތި ރަސޫލާ ﷺ އަމުރުކުރެއްވީމާ މިކަމާ އުޅުނު ބޭކަލުން ޙަންޡަލާ ރަޟިޔަﷲގެ ހަށިކޮޅު ކައިރިޔަށް ވަޑައިގަތް އިރު އެކަލޭގެފާނު މުޅިން ތެމިފޯވެވަޑައިގެން ވަނިކޮށް ދެކެވަޑައިގަތެވެ. މި ޚަބަރުތައް އެކަލޭގެފާނުގެ އަނބިކަމަނާއަށް އިވިވަޑައިގަތުމުން ވިދާޅުވިއެވެ. މާތް ރަސްކަލާނގެ ގަންދެއްވައި ބުނަމެވެ. އެކަލޭގެފާނު ހަނގުރާމައަށް ނުކުމެވަޑައިގަތީ ޖުނުބުވެރި ހާލުކޮޅުގައެވެ.

އިސްލާމްދީނުގެ ދިފާޢުގައި ޝަހީދުވެދިޔަ މި މަތިވެރި ޞަޙާބީއަށް އެ ހިސާބުން "ޣަސީލުލް މަލާއިކާ" (މަލާއިކަތުން ހިނެވި ޞަޙާބީ)ގެ ލަޤަބުދެވުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *