Support Us

ޕާކިސްތާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ މޭސްތިރިޔާ ޢަބްދުލް ޤަދީރު ޚާން އަވަހާރަވެއްޖެ

ޕާކިސްތާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ މޭސްތިރިޔާ ޕްރޮފެސަރ ޢަބްދުލްޤަދީރު ޚާން ޢުމުރުފުޅުން 85 އަހަރުގައި އިއްޔެ އަވަހާރަވެއްޖެއެވެ. ޕާކިސްތާނުގެ ޢާއްމު ރައްޔިތުން ދެކޭގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޢާލިމު ޢަބްދުލްޤަދީރު ޚާނަކީ މުސްލިމުންނަށް ޓަކައި ވަކި ޤައުމެއް (ޕާކިސްތާނު) އުފެއްދުމުގެ ޚިޔާލާތުގެ ބާނީ ޝާޢިރު މުޙައްމަދު އިޤްބާލާއި ޕާކިސްތާނުގެ މުއައްސިސް މުޙައްމަދު ޢަލީ ޖިނާޙު ފަދަ ޤައުމީ ބަޠަލެކެވެ.

ޚާން އަވަހާރަވި ޚަބަރު އިޢުލާން ކުރެއްވީ ޕާކިސްތާނުގެ ދާޚިލީ ވަޒީރެވެ.

އޭނާއަށް ކޮރޯނާ ޖެހިވަޑައިގަންނަވައިގެން ޢަސްކަރީ ހަސްފަތާލުގައި ފަރުވާ އެރުވުމަށްފަހު ޙަލުކޮޅު ރަނަގަޅުވެގެން ގެއަށް ދޫކޮށްލެވުނެވެ. އެހެނަސް ކުއްލިއަކަށް އާދީއްތަ ވިލޭރޭ ޙާލުކޮޅު ބޮޑުވެގެން ހަސްފަތާލަށް އަލުން ގެންދެވުނީއެވެ. އަވަހާރަވީ އިސްލާމްއާބާދުގެ ހަސްފަތާލެއްގައެވެ.

ޢަބްދުލް ޤާދީރު ޚާނަކީ ކާކު

ޢަބްދުލްޤަދީރު ޚާނަކީ ނިޔުކްލިއަރ ފިޒިކްސްގެ ޢާލިމެކެވެ. އޭނާއަކީ ޕާކިސްތާނުގެ ނިޔުކްލިއަރ  ބޮމުގެ ބާނީއެވެ. އަވަށްޓެރި އިންޑިއާއާ ވާދަކުރެވޭވަރުގެ ހަތިޔާރެއް ޕާކިސްތާނަށް ހޯއްދަވައި ދެއްވި އެންމެ ވަރުގަދަ ފަހުލަވާނަކީ ޢަބްދުލް ޤަދީރު ޚާނެވެ. ހުޅަނގުގެ ޤައުމުތަކުން މި ކަމަށް އެތައް އަހަރުތަކެއް ހޭދަކޮށްފައިވާއިރު ޢަބްދުލްޤަދީރު ޚާން ޕާކިސްތާނަށް މާ ކުރު މުއްދަތެއްގެތެރޭގައި ނިޔުކްލިއަރ ބޮމެއް އުފައްދަވާ ދެއްވިއެވެ.

ޚާން އުފަންވެ ވަޑައިގަތީ އިންޑިއާގެ ބޯޕާލުގައި 1936ވަނަ އަހަރުއެވެ. އޭނާ ސާނަވީ ތަޢުލީމު ޙާޞިލު ކުރެއްވީ ބޯޕާލުގެ މަދްރަސަތުލް ޙާމިދިއްޔާއިންނެވެ. އޭނާގެ މަންމާފުޅު ޒުލައިޚާ ބޭގަމަކީ އުރްދޫ ބަހާއި ފާރިސީ ބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ ވަރަށް ދީންވެރި ބޭކަނބަލެކެވެ. އެހެންކަމުން ޢަބްދުލް ޤަދީރު ޚާން ބޮޑުފުޅުވެފައި ވަނީވަރަށް ދީންވެރި ޢާއިލާއެއްގެ ތެރޭގައެވެ.

ޕާކިސްތާނު ވުޖޫދަށް އައުމާ ވިދިގެން 1952ގައި ޢަބްދުލް ޤަދީރު ޚާނުގެ ޢާއިލާ ކަރާޗީއަށް ހިޖްރަ ކުރެއްވިއެވެ. އެހެނަސް ބައްޕާފުޅު ހިޖްރަ ނުކުރައްވާ ބޯޕާލުގައި މަޑު ކުރެއްވިއެވެ. ބައްޕާފުޅު 1957 ގައި ދުނިޔެ ދޫކުރެއްވިއެވެ.

ޢަބްދުލްޤަދީރު ޚާން ކަރާޗީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައެންސަށް ވަދެވަޑައިގަތީ 1960ވަނަ އަހަރުއެވެ. އެއަށްފަހު ފަސްދޮޅަހުގެ އަހަރުތަކުގެތެރޭގައި ޖަރްމަނާއި ހޮލެންޑާއި ބެލްޖިއަމްފަދަ ހުޅަނގު ޔޫރަޕްގެ ބައެއް ޤައުމުތަކަށް ވަޑައިގެން އޭނާގެ ތަޢުލީމު ފުރިހަމަ ކުރެއްވިއެވެ.

ބަރލިން ޔުނިވަރސިޓީގައި ފަންނިއްޔާތުގެ މައިދާނުގައި ތަމްރީނު ހޯއްދަވަން ދެ އަހަރު ހޭދަކުރެއްވުމަށްފަހު 1967 ގައި ހޮލެންޑަށް ވަޑައިގެން ޑެލްފްޓް ޓެކްނޮލޮޖީ ޔުނިވަރސިޓީއަށް ވަޑައިގެން މާސްޓަރސް ޑިގްރީ ޙާޞިލު ކުރެއްވިއެވެ. އެއަށްފަހު ބެލްޖިއަމްގެ ލޮވީން ޔުނިވަރސިޓީއަށް ވަޑައިގެން 1972ގައި  ޕީއެޗްޑީ ޙާޞިލު ކުރެއްވިއެވެ.

ޕީއެޗްޑީ ޙާޞިލު ކުރެއްވުމަށްފަހު މަޢުދަނާ ބެހޭ ތަޖްރިބާކާރެއްގެގޮތުގައި ހޮލެންޑްގެ (FDO) ކުންފުނީގައި މަސައްކަތް ކުރެއްވިއެވެ. އެ ދުވަސްވަރު މި ކުންފުންޏަކީ ޔޫރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް ކުރާ ޔުރެންކޯ ޖަމްޢިއްޔާއާ ވަރަށް ގުޅުން ބޮޑު ކުންފުންޏެކެވެ.

ޢަބްދުލް ޤަދީރު ޚާނަށް ތަފާތު މުއައްސަސާތަކުންނާއި ޢިލްމީ މަރަކަޒުތަކުން 13 ރަން މެޑެލި ލިބިވަޑައިގެންފައި ވެއެވެ. ޚާނުގެ ޤައުމީ ޚިދްމަތްތަކުގެ އަގު ވަޒަންކޮށް ޕާކިސްތާނު ސަރުކާރުން އޭނާއަށް 1989 ވަނަ އަހަރު "ހިލާލުލް އިމްތިޔާޒު" މެޑެލި އެރުވިއެވެ. އެއަށްފަހު 1996ގައި އޭނާއަށް (އެކްސަލަންސް) ޝަރަފުގެ މެޑެލި ޕާކިސްތާނު ސަރުކާރުން އެރުވިއެވެ.

ޕާކިސްތާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ ފެށުން

އިންޑިއާއިން ނިޔުކްލިއަރ ބޮމެއް 1974ވަނަ އަހަރު ތަޖްރިބާކުރުމާ ވިދިގެން ބާރުގެ ތިލަފަތުގެ ތަވާޒުނު ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ޕާކިސްތާނާ ކުރިމަތިވިއެވެ. އެކަމާމެދު ޕާކިސްތާނު  ކަންބޮޑުވިއެވެ. އެކަމާ ވިދިގެން ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ޛުލްފިޤާރު ޢަލީ ބުއްޓޫ 1975ގައި ޑރ. ޚާން ޕާކިސްތާނަށް ގެންނަވައި ޕާކިސްތާނުގެ ނިޔުކްލިއަރ ޕްރޮގްރާމު ޙަވާލު ކުރެއްވިއެވެ.އޭނާ ޕާކިސްތާނަށް އެނބުރި ވަޑައިގަތީ ޤައުމަށް ޓަކައި ޤުރްބާންވެ ވަޑައިގަތުމުގެ ޢަޒްމުގެ މަތީގައި ހުރިހާ ތަނަވަސްކަމަކާއި ވަޒީފާތަކެއް ދޫކޮށްލައްވައިފައެވެ.

މި ބުރަ މަސައްކަތާ ޙަވާލުވެ ވަޑައިގެން ޚާން 1976ގައި ޕާކިސްތާނުގެ ނިޔުކްލިއަރ ޕްރޮފްރާމު ތަރައްޤީކުރެއްވުމުގެ މަސައްކަތް ގަދަ ހިތްވަރާއެކު ފެށްޓެވިއެވެ. އޭނާ މި ކަމުގައި ގެންގުޅުއްވި ސިއްރު ދެމެހެއްޓުމުގެ ސިޔާސަތުގެ ސަބަބުން ޕާކިސްތާނުގެ ނިޔުކްލިއަރ ބޮމުގެ މަޝްރޫޢު ކާމިޔާބުވެގެން ދިޔައެވެ. އޭނާއަށް އެހާ އަވަހަށް މި މަސައްކަތް ކުރެއްވުނީ އޭނާގެ ތަޖްރިބާއާއި ޢަޒްމުގެ ވަރުގަދަކަމުގެ އިތުރަށް އޭނާގެ އަތްޕުޅުގައި ޔޫރޭނިއަމް މުއްސަނދި ކުރުމާބެހޭ ސެންޓްރިފިއުގްސް އާލާތްތަކުގެ ދެ ބްލޫޕްރިންޓެއް އޮތުމުންނެވެ. ކަމާބެހޭ ހުޅަނގުގެ މަރްކަޒުތަކުގެ ބޭބޭފުޅުންނާ ޚާނާ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ނިޔުކްލިއަރ ބޮމެއް އުފެއްދުމަށް ބޭނުންވާ މާއްދާތައް އޭނާއަށް ވަރަށް ފަސޭހައިން ހޯއްދެވުނެވެ.

ވޮޝިންގްޓަން ޕޯސްޓް ބުނާގޮތުގައި ޕާކިސްތާނުގެ ފުރަތަމަ ނިޔުކްލިއަރ ބޮން ތަޖްރިބާ ކުރެވުނީ ބިމު އަޑީގައި 1986ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18 އާ 21 އާ ދެމެދުގައެވެ.

ޞުލްޙައާ ބެހޭ ދިރާސާތައް ކުރާ ސްޓޮކްހޮލްމުގެ ބައިނަލްއަޤްވާމީ މަރްކަޒުން 2018ގައި ބުނިގޮތުގައި ޕާކިސްތާނު އަތުގައި މިއަދު 140އާ 150 އާ ދެމެދުގެ ޢަދަދަކަށް ނިޔުކްލިއަރ ބޯ އެބަ ހުށްޓެވެ. އަވަށްޓެރި އިންޑިއާ އަތުގައި ހުރީ 130 އާ 140 އާ ދެމެދު ޢަދަދަކަށެވެ. މި ބޯތައް އެރުވުމަށް ބޭނުންވާ ބޮލިސްޓިކް މިސައިލާއި  ޖައްވީ ބޮން ވެސް ޕާކިސްތާނު އަތުގައި އެބަ ހުށްޓެވެ.

ޢިމްރާން ޚާނުގެ ތަޢުޒިޔާ

ޢަބްދުލް ޤަދީރު ޚާން އަވަހާރަވުމުން ބޮޑުވަޒީރު ޢިމްރާން ޚާން އޭނާއަށް ތާރީފު ކުރައްވާ ވިދާޅުވިއެވެ. "ޑރ. ޚާން އަވަހާރަވުމަކީ ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެކެވެ." ޢިމްރާން ޚާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ. "އަހުރެމެން ނިޔުކްލިއަރ ދައުލަތަކަށް ވުމުގައި އޭނާގެ ޙިއްޞާ ވަރަށް ބޮޑެވެ. މި ކަމުގެ ސަބަބުން ނިޔުކްލިއަރ ބާރު އޮތް ޢަދާވަތްތެރި ބޮޑު އަވަށްޓެރިއެއްގެ ކިބައިން އަހުރެމެންނަށް އަމާންކަން ލިބުނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *