Support Us

ނަމާލް ރާޖަޕަކްސަ އާއި ރައީސް ސޯލިހާއި ނައިބު ރައީސްއާއި އެހެނިހެން ބޭފުޅުން އިއްޔެގެ މެޗު ބައްލަވަނީ -ފޮޓޯ: ރައީސް އޮފީސް

ނަމާލްގެ ދެވަނަ ޓްވީޓެއްވެސް ދިވެހި ބަހުން: "ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފައި އަޖާއިބުވި"

ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އިއްޔެ ހަވީރު ކުޅުނު މެޗުގެ "ކުޅިބަލަންދިޔަ މީހުން ގިނަކަމުންނާއި ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފައި އަޖާއިބުވި" ކަމަށް ވިދާޅުވެ، ލަންކާގެ ނުފޫޒު ގަދަ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ދިވެހި ބަހުން ދެވަނަ ޓްވީޓެއް ކުރައްވައިފިއެވެ.

ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ލަންކާ ޕާލަމަންޓުގެ ވެސް މެމްބަރު ނަމާލް މާލޭގައި ހުންނަވައި އިއްޔެ ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވީ "ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ކުޅޭ ފުޓުބޯޅަ މެޗް ބަލައިލަން ރާއްޖެ އާދެވުނުކަމީ އުފަލެއް" ކަމަށާއި "ދެ ޓީމަށްވެސް ކާމިޔާބީ އެދެން" ކަމަށެވެ. އަދި "ކުޅުންތެރިން ދައްކާ ކުޅިވަރުގެ ރޫހަކީ ދެ ގައުމު ދެމެދު އޮންނަ ވަރުގަދަ ރަހުމަތްތެރިކަމުގެ ގުޅުމުގެ އަލިގަދަ ރަމްޒަކަށްވާނެ" ކަމުގައި ވެސް، ރާއްޖެއާ ވާދަކޮށް 1-0 އިން ބަލިވެ މުބާރާތުން ލަންކާ ކެޓި މެޗު ފެށުމުގެ 45 މިނިޓް ކުރިން ނަމާލް ކުރެއްވި ޓްވީޓުގައިވެއެވެ.

ކެންޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު އެނބުރި ލަންކާއަށް ވަޑައިގެންނެވި މަގުމަތީގައި، އިއްޔެގެ މެޗު ބައްލަވައިލައްވަން ރާއްޖޭގައި މަޑުކޮށްލެއްވި 13 ވަރަކަށް ގަޑިއިރަށްފަހު ފުރާވަޑައިގަތުމުގެ ކުރިން ރޭ ކުރެއްވި ދެ ވަނަ ޓްވީޓުގައި ނަމާލް ވިދާޅުވީ "ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު މިއަދު ކުޅެވުނީ ސާފް ޗެމްޕިއަންޝިޕްގެ މޮޅު މެޗެއް" ކަމަށާއި "ކުޅިބަލަންދިޔަ މީހުން ގިނަކަމުންނާއި ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފައި އަޖާއިބުވި" ކަމަށެވެ. އަދި "ކުޅިބަލަންދިޔަ ސްރީލަންކާގެ ސަޕޯޓަރުންނަށް ޚާއްޞަ ޝުކުރެއް" ރައްދުކުރައްވަމުން ވިދާޅުވީ "ފެނުނީ ފޯރިގަދަ މާހައުލެއް" ކަމަށެވެ.

މިއީ ރާއްޖޭގައި ކުޅުނު ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗެއް ބައްލަވައިލައްވަން ލަންކާގެ ސްޕޯޓްސް މިނިސްޓަރަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ނަމާލްގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ރައީސް އޮފީހުގައި އިއްޔެ ހެނދުނު ބައްދަލުކުރައްވައި ލަންކާގެ ގައުމީ ޓީމުގެ ޖާޒީއެއް ރައީސް ސޯލިހަށް ވެދުން ކުރެއްވިއެވެ. އަދި ލަންކާ ގައުމީ ޓީމުގެ ޖާޒީގައި މެޗު ބައްލަވަން ގަލޮޅު ދަނޑަށް ނަމާލް ވަޑައިގަތުމުން ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީއެއް ރައީސް ސޯލިހު ވަނީ ނަމާލަށް ވެދުން ކުރައްވައިފައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަމާލަށް ވެދުން ކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގައި އަންނަ މަހު ބާއްވާ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރުމަށް ސީނިއާ ގައުމީ ޓީމަށް ދިން ދައުވަތު އެފް.އޭ.އެމުން މިހާރު ވަނީ ގަބޫލްކޮށްފައެވެ. ނޮވެމްބަރު 4-17 އަށް ކޮލަމްބޯގައި ކުޅުމަށް ހަމަޖެހިފައިވާ ބޮޑު ވަޒީރު "މަހިންދާ ރާޖަޕަކްސާ ކަޕް"ގައި ރާއްޖެ އާއި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝްގެ ސީނިއަރ ޓީމު ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދިވެސް" އަށް ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވުމަށް ކޮލަމްބޯއިން ދިން ދައުވަތު ގަބޫލްކޮށް، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމު، ކޯޗު އަލީ ސުޒެއިނާއެކު ފޮނުވާގޮތަށް ނިންމައިފައިވާ ކަމަށެވެ.

ފަސް ގައުމުގެ މެދުގައި ގަލޮޅު ދަނޑުގައި މިހާރު ކުރިއަށްދާ 13 ވަނަ ސާފް ޗެމްޕިއަންޝިޕް މި މަހު 16 ގައި ނިމުމާއެކު، ލަންކާ މުބާރާތަށް ޓީމު ތައްޔާރުވާން ފަށާނެ ކަމަށް އެފް.އޭ.އެމުން ބުނެއެވެ.

އިއްޔެގެ މެޗުގައި ލަންކާ އާއި ރާއްޖެ ވާދަކުރަނީ -ފޮޓޯ: އެފް.އޭ.އެމް

ކޮލަމްބޯގެ ރެއިޑް އެވެނިއުގައި އޮންނަ ރޭސްކޯސް ދަނޑުގައި ކުޅޭ މި މުބާރާތަކީ ލަންކާގެ ފުޓުބޯޅައިގެ ފޯރި ގަދަކޮށްލުމަށްޓަކައި ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ހުރިހައި ޓީމެއްގެ ހަރަދުތައް ބަލަހައްޓަނީ ލަންކާ ފުޓްބޯލް ފެޑަރޭޝަނުންނެވެ.

ލަންކާގެ ގައުމީ ކުޅިވަރަކީ ކްރިކެޓެވެ. އެހެން ނަމަވެސް ލަންކާއަކީ ސަރަހައްދީ ފުޓުބޯޅައިގެ މީގެ ކުރިން ގަދަ ބާރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް