...

Support Us

ސިކުނޑީގެ ދުޅަހެޔޮކަމާ ބެހޭ ދުނިޔޭގެ ދުވަހުގެ ވާހަކަ

ދިހައެއް އޮކްޓޯބަރަކީ، އާދެ މިއަދަކީ، ދުނިޔޭގެ ސިކުނޑީގެ ބަލިތަކާ ބެހޭ ދުވަހެވެ. އެންމެ ސާދާ ގޮތަކަށް ބުނާނަމަ މޮޔައިންގެ ދުވަހެވެ. ސިކުނޑީގެ ބަލިތަކޭ ބުނެ އިޝާރަތް ކުރަނީ ހަމަ ބުއްދި ގެއްލުވާލާ ބަލިތަކަށެވެ. ސަލާމަތް ބުއްދި ފިލުވައިލުމަށް މެދުވެރިވާ ބަލިތަކަށެވެ. ރަނގަޅާއި ނުރަނގަޅު ވަކިކޮށްދޭ ބާރު ކަމުގައިވާ ބުއްދި ނެތިދާން މެދުވެރިވާ ކަންތައްތަކަށެވެ. އެބާރު ސަލާމަތުން ހުރުމާއި ނެތުން ގުޅިފައި ވަނީ ސިކުނޑިއާކަމުން، ވާލްޑް މެންޓަލް ހެލްތް ޑޭ ގައި އޮތް 'މެންޓަލް’ގެ ދިވެހި ތަރުޖަމާ އަކަށް ސިކުނޑީގެ އޭ ކިޔައި އެ އިބާރަތް، ސިކުނޑީގެ ދުޅަހެޔޮކަމުގެ ދުނިޔޭގެ ދުވަހޭ ކިޔައި، މިފަދައިން ލިޔުނީއެވެ.

އެކިއެކި ނަންނަމުގެ ދުވަސްތަކާއި މުނާސަބާތްތައް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ އާންމުން، އެ ފާހަގަކުރާ ކަމަކަށް، ހޭލުންތެރިކުރުވުމެވެ. ނުވަތަ އެކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިސާލަކަށް ފެނުގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ފެނުގެ އަގު ވަޒަންކޮށް، ފެން އިސްރާފުނުކުރުމުގެ ހޭލުންތެރިކަން އުފައްދައި އެކަން ދެމެހެއްޓުމެވެ. މުސްކުޅިންގެ ދުވަހެއް ފާހަގަކުރުމަކީ މުސްކުޅިންނަކީ ވެސް މުޖުތަމައުގައި އުޅޭ ބައެއްކަމާއި އަދި، އެމީހުންނަކީ އެއްދުވަހެއްގައި މުޖުތަމައުއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދިން ބައެއްކަމާއިި އެކަމުގެ އަގުވަޒަންކޮށް އެމީހުންނަށް އިހުތިރާމުކޮށް، ކަމޭހިތައި، އަޅާލަން ޖެހޭނޭކަމުގެ ހޭލުންތެރިކަން އުފައްދައި އެކަން އިތުރުކުރުމެވެ. ހަމަ އެހެންމެ، ސިކުނޑީގެ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހުއްޓުމުގެ މަސައްކަތް ކުރުމުގެ ހޭލުންތެރިކަން އުފައްދައި ދެމެހުއްޓުމާއި އަދި އެކިއެކި ސަބަބުތައް މެދުވެރިވެ، ސިކުނޑިގެ ދުޅަހެޔޮކަން ގެއްލި، މޮޔަވުން މެދުވެރިވުމުން، އެފަދަ ސިއްހީ ނުވަތަ ނަފްސާނީ ހާލަތްތައް މެދުވެރިވެފައި ތިބި މީހުންނަށް އަޅާލައި ކަމޭހިތަންޖެހޭނޭ ކަމުގެ ހޭލުންތެރިކަން އުފައްދައި އެކަން ދެމެހެއްޓުމެވެ. މިނަންގަތް ފަހު ސަބަބަށްޓަކައި، ސިކުނޑީގެ ދުޅަހެޔަކުމުގެ ދުނިޔޭގެ ދުވަސް އެއީ ސާދާ ގޮތަކަށް ބުނާ ނަމަ، ދުނިޔޭގެ މޮޔައިންގެ ދުވަހެވެ. ދެންމެ ނަންގަނެވުނު ފަދައިން، މޮޔައިންގެ ދުވަސް ފާހަގަކުރަންޖެހެނީ އެފަދަ މީހުންނަކީ ވެސް މުޖުތަމައުގައި އުޅޭ ބައެއްކަމާއި އަދި، އެފަދަ މީހުން ފާހަގަކޮށް، އެމީހުންނަށް ލިބެންޖެހޭ އެހީތައް ފޯރުކޮށްދޭންޖެހޭނޭކަމާއި، އެމީހުންނާ މެދުވެސް އިހުތިރާމާއި އޯގާތެރިކަމާއެކު ކަންތައް ކުރަން ޖެހުމުގެ ހޭލުންތެރިކަން އުފައްދައި އެކަން އިތުރުކުރުމެވެ.

ކޮންމެއަކަސް، މިއަދު މިފާހަގަކުރަމުންދާ 'މޮޔައިންގެ ދުވަހު’ގެ މުނާސަބަތުގައި ސިކުނޑީގެ ބަލި ތަހައްމުލުކުރަމުންދާ މީހުންގެ ވާހަކައެއް ލިޔެލަން ގަސްދުކުރަމެވެ. އެފަދަ ބަލިތަކުގެ އުނދަގޫތަކާއި ކުރިމަތިވެ، ހަމަ ބުއްދިއާއި ވިިސްނުން ގެއްލިފައިވާ މޮޔައިންގެ ވާހަކައެކެވެ.

މިވާހަކަ ގުޅެނީ ސިކުނޑީގެ ބަލިތަކުގެ މީހުން ބައިތިއްބާ މަރުކަޒަކުގައި އުޅޭ މޮޔައިންގެ ބަޔަކާއެވެ. އެއްދުވަހަކު، އެ މަރުކަޒުގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކު، އޭނާގެ އާދައިގެ މަތިން، މަރުކަޒަށް ވަޑައިގަތެވެ. މަރުކަޒަށް ވެދެވަޑައިގަތް ތަނުން، އޭނާގެ ނަޒަރު ހުއްޓުނީ މަރުކަޒުގެ ތިން މޮޔައަކު ވާހަކައެއްގެ ތެރެއަށް ގެއްލިފައި ތިބި ތަނަށެވެ. އެމީހުންގެ ކައިރިއަށް ޑޮކްޓަރު ވަޑައިގަތެވެ. ޑޮކްޓަރަށް ފާހަގަކުރެއްވުނީ ތިން މޮޔައިންގެ ތެރެއިން ދެމީހަކު ވަރުގަދަ ބަހުސެއް ކުރާތަނެވެ. އެމީހުންގެ ވާހަކަ ކަނުލައި އަޑުއަހަން، މަލާމާތުގެ ރާގާކަށް ހެވިފައި، ހަމަޖެހިލައިގެން، އެމީހުންނާ ދާދި ކައިރީގައި، އެއްވެސް އެއްޗެއް ނުބުނެ، ތިންވަނަ މޮޔަ ހުއްޓެވެ.

އެމީހުންގެ ވާހަކަ އައްސަވާލެއްވުމަށް ޑޮކްޓަރުވެސް ކުޑަކޮށް ޝައުގުވެރިވެ ވަޑައިގަތެވެ. އެހެންވެ، އޮލަ ބަހުސުކުރުމުގައި ތިބި ދެ މޮޔައިންގެ ވާހަކަ އަޑުއިވޭ ވަރަށް އެމީހުންގެ ކައިރިއަށް ޖެހިވަޑައިގަތެވެ. އެދެ މޮޔައިން ކުރެ ކޮންމެ މީހަކުވެސް ދައުވާ ކުރަމުންގެންދިޔައީ އޭނާއަކީ ކަލާނގެ ކަމަށެވެ. މިވާހަކަތައް އަޑުއިވި ވަޑައިގަތުމުން ޑޮކްޓަރު ހިތާމަކުރެއްވިއެވެ. އެ ދެމީހުންގެ ސިކުނޑީގެ ބައްޔަށް އަދިވެެސް ޝިފާއެއް ނުލިބޭތީއެވެ. ދެން ކޮންމެ އަކަސް ތިން ވަނަ މޮޔައިގެ ކައިރިއަށް ޖެހިލައްވާފައި، އޭނާކުރެން ޑޮކްޓަރު އެއްސެވިއެވެ. އެ ތިބަ ދެމީހުން އެކިޔަނީ ކީކޭ ހެއްޔެވެ؟ ޖަވާބުގައި ތިން ވަނަ މޮޔަ، ޑޮކްޓަރަށް، ދެންނެވިއެވެ. އެ ދެމީހުންނަކީ ކިހާ ބޮޑު ދެ މޮޔައިން ހެއްޔެވެ؟ ކޮންމެ މީހަކުވެސް އެ ދައުވާއެކުރަނީ އޭނާއަކީ ކަލާނގެ ކަމަށެވެ. އެއީ ކިހާ މޮޔަ ކިހާ ގޯސް ވާހަކައެއް ހެއްޔެވެ؟

ތިންވަނަ މޮޔައިގެ ޖަވާބު އައްސަވާފައި، ޑޮކްޓަރު ނުހަނު އުފާކުރެއްވިއެވެ. މީނާގެ ބުއްދި އަނބުރާ އޭނާއަށް ލިބި، މޮޔަކަމުގެ ބަލިން އޭނާއަށް ޝިފާ ލިބުނުކަމަށް ހީކުރައްވާފައެވެ. ދެން، އެކަން، އިތުރަށް ޔަގީންކޮށްލެއްވުމުގެ ގޮތުން، ޑޮކްޓަރު އޭނާ ކުރެން އެއްސެވިއެވެ. އެމީހުންނަކީ ކަލާނގެ ކަމަށް ދައުވާކުރުމުގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ޖަވާބުގައި ތިންވަނަ މޮޔަ މީހާ ބުންޏެވެ. ތިމަން، ކަލާނގެ މިތާ އެމީހުން ކައިރީ ހުރި އިރުވެސް، އެމޮޔައިނަކަށް އެކަމެއް ނޭނގުނެވެ. އެމީހުންގެ ސިކުނޑި ސަލާމަތުން ނެތްތާގައި ލޯވެސް ރަނގަޅު ނޫނީ ކަންނޭނގެއެވެ؟ ދެން، މާޔޫސްވެ، އިސްޖައްސަވާލައްވައިގެން ހުންނަވައި، އޭނާގެ އޮފީހާ ދިމާއަށް ޑޮކްޓަރު ވަޑައިގަތެވެ.

މިކަމުން ލިބޭ އިބުރަތަކީ ކޮބާ ހެއްޔެވެ؟ ފާހަގަކޮށްލެވުނު ދެތިން ކަމެއްގެ ވާހަކަ ލިޔެލާނަމެވެ. ވަރަށް ގިނަފަހަރު، އަޅުގަނޑުމެންނަށް ފެންނަނީ އެހެން މީހުންގެ މޮޔަކަމެވެ. އެހެން މީހުންގެ ބުއްދި ހަމަނުޖެހޭ ކަމެވެ. އެހެން މީހުންގެ ވާހަކަތައް ތާކުން ތާކު ނުޖެހޭ ކަމެވެ. ތިމާގެ ވާހަކަތަކުގެ ހަމަނުޖެހޭ ކަމެއް، ނުވަތަ ތިމާ ތާއީދުކުރާ މީހާގެ ވާހަކަތަކުގެ ހަމަނުޖެހޭ ކަމެއް، އަޅުގަނޑުމެންނަށް އޮންނަނީ ފާހަގަނުކުރެވިފައެވެ. ތިންވަނަ މޮޔައަށް އަނެއް ދެމީހުންނަކީ މޮޔައެއްކަން ފާހަގަކުރެވުނު އިރު، ޚުދް ތިމާގެ ބުއްދީގައި މައްސަލައެއް ހުރިކަމެއް އޭނާއަށް ފާހަގަ ނުކުރެވުނު ފަދައިންނެވެ.

އަނެއްކަމަކީ އަޅުގަނޑުމެންގެ ތެރޭގައި މިތިން މޮޔައިންގެ ވާހަކަތައް ފަދަ ވާހަކަތައް މީސްމީހުން ދައްކާއިރަށް، އެމީހުންގެ ވާހަކަތަކަށް ރިއާޔަތް ނުކުރެވި، އެ މޮޔަ ވާހަކަތައް ނިކުތް އަނގަތަކަށް ބަލައި، އެވާހަކަތައް ރަނގަޅުވާ ގޮތް ވުމެވެ. އެވާހަކަތަކަކ ކިތަންމެ ތާކުން ތާކު ނުޖެހޭ ވާހަކަތަކަކަށް ވިޔަސް ވެހެވެ. އާދެ، މިއަދު، އަޅުގަނޑުމެންގެ ގޮތަކީ ތިމަންގެ މީހާ ދުވާލަށް ރޭގަނޑޭ ބުންޏަސް، އެއީ ހައްގު ތެދުކަމުގައި ދުށުމެވެ.

މިފަދަ ވާހަކަތަކުގެ އެންމެ ފަހުގެ މިސާލަކީ ކަޅުކުލައަކީ ދީނީ ހަރުކަށި މީހުންގެ ކުލައަށްވުން ދޭހަކޮށްދޭ ވާހަކައެވެ. އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ ދިދަ ކަޅުކުލަވުމުން، މީގެ މައްޗަށް ގިޔާސްކޮށް، ކަޅުކުލައިގެ ކޮންމެ އެއްޗަކާ ގުޅުވާލެވޭ މީހަކީ ނުވަތަ ކަމަކީ އައިސިސް ފިކުރުގެ ދީނީ ހަރުކަށި މީހަކަށް ހަދާލުމުގެ ވާހަކައެވެ. މި ފާސިދު ގިޔާސްގެ މައްޗަށް ބިނާކޮށް، 'އިންޑިޔާ އައުޓު' މި ހަރަކާތާއި ގުޅޭ ދިދައެއް ކަޅުކުލައިން ހުރުމުން، އެ ހަރަކާތާއި އެހަރަކާތާ ގުޅޭ މީހުންނަކީ އައިސިސްގެ ދީނީ ހަރުކަށި ފިކުރާ ގުޅުވާލުމުގެ ވާހަކައެވެ. މި ފާސިދު ގިޔާސްގެ މަތިން، މީހަކު ކަޅު ހެދުމެއް ލިޔަސް ނޫނީ މީހަކު ކަޅުބުރުގާއެއް އެޅިޔަސް، ނޫނީ ކަޅު ކަނޑިއްކެއް އަނަސް އެމީހަކު ދީނީ ހަރުކަށި ފިކުރުގެ މީހަކަށް ހަދާލެވިދާނެއެވެ. މިހަމައިން ބަލާނަމަ މަޝްހޫރު ޓެނިސް ކުޅުންތެރިއެއް ކަމަށްވާ ޔޫނާނުގެ ޓްސިޓްސިޕާސް ވެސްވާނީ އައިސިސްގެ މީހަކަށެވެ. ބައެއް ފަހަރު، ކަޅުކުލައިގެ ޓީޝާޓެއް ލައިގެން އޭނާ ޓެނިސް ކުޅޭތީއެވެ. އަދި ނިޔުޒީލަންޑުގެ ގައުމީ ބައެއް ކުޅިވަރު ޓީމުތައް ވެސް ތިބެނީ ކަޅު ޓީޝާޓު ލައިގެންނެވެ. މި ފާސިދު ގިޔާސްގެ މައްޗަށް ބިނާކުރާ ނަމަ، އެޓީމުތައް ވެސް ވާނީ އައިސިސްގެ މެމްބަރުންނަށްތާއެވެ.

މިފަދަ ނުރަނގަޅު ފާސިދު ގިޔާސްތައް ކުރެވޭ ނަމަ، ޝަހާދަތުގެ ދެކަލިމަ ކިޔާ ކޮންމެ މީހަކުވެސް ދީނީ ހަރުކަށި ފިކުރުގެ މީހަކަށް ހަދާލެވިދާނެއެވެ. ކީއްވެ ހެއްޔެވެ؟ އައިސިސް ދިދަ، ކަޅު ކުލައިން ހުރުމުގެ އިތުރުން، އެ ދިދައިގައި ލިޔެވިފައިވަނީ ޝަހާދަތުގެ ދެކަލިމަކަމަށްވާތީއެވެ. އެހެންވީމާ، ކުރިން އިޝާރަތްކުރި ފަދަ ނުރަނގަޅު ބާތިލު ގިޔާސްގެ ހަމައިން މޮޔަ ގޮވާ މީހަކު، ޝަހާދަތުގެ ދެކަލިމަ ކިޔާ މީހުންނަކީ އައިސިސްގެ ދިދައަށް ތަބާވާ، އެފަދަ ދީނީ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ މީހުންކަމަށް ބުނެފާނެއެވެ. ތިމަންނައަކީ ކަލާނގެ ކަމަށް ދައުވާކުރާ މޮޔައިން ފަދަ މޮޔައަކު ބުނާފަދައިންނެވެ. އެހެން ބުނުމާއި ނުބުނުން އޮންނާނީ ކަޅުކުލައިގެ މައްޗަށް ބިނާވެފައެވެ. ޝަހާދަތުގެ ދެކަލިމަ ކިޔާ ކޮންމެ މީހަކު، ކަޅުކުލައިގެ ހެދުމެއްލައިފިނަމަ، ނުވަތަ ކަޅުކުލައިގެ ބުރުގާއެއް އަޅައިފިނަމަ، ނުވަތަ ކަޅުކުލައިގެ ކަނޑިއްކެއް އަތްނަމަ، ނުވަތަ ކަޅުކުލައިގެ ޓައިއެއް އެޅިނަމަ، އެ އޮތީ އައިސިސް ފިކުރުގެ މީހަކަށް ވެފައެވެ.

މޮޔައިން މޮޔަ ގޮވުމަކީ މައްސަލައެއް ނޫނެވެ. ތިން މޮޔައިންވެސް އެމީހުންގެ މޮޔަ ވާހަކަދައްކަން ދޫކޮށްލައްވާފައި ޑޮކްޓަރު ވެސް ދުރަށް ވަޑައިގަތީއެއް ނޫން ހެއްޔެވެ؟ އެމީހުންގެ ވާހަކަތަަކަށް ރައްދުދީ އެވާހަކަތައް އިޝްތިހާރުކުރައްވާކަށް ނޫޅުއްވައެއް ނޫން ހެއްޔެވެ؟ ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި މިކަން އޮތީ ދިމާ އިދިކޮޅަށެވެ. މީހުން މޮޔަ ވާހަކަ ދެއްކުމުން ވެސް، އެއީ 'ބޮޑު' މީހަކު ދެއްކި ވާހަކައަކަށްވާ ނަމަ، އެވާހަކައާ މެދު، އެއްވެސް ތަންގީދީ ނަޒަރަކުން ބަލައިލުމެއް ނެތި، އެވާހަކައަކީ ހައްގު ތެދުކަން ދޭހަވާ ގޮތެއްގައި، ނޫސްތަކުގައި، ފަލަ ސުރުޚީތައް އަޅާލައި މިފަދަ ތާކުންތާކު ނުޖެެހޭ ވާހަކަތައް އާންމުންގެ ކުރިމައްޗަށް ހުށަހަޅާލުމެވެ. ނަތީޖާއަކީ މޮޔައިންގެ ވާހަކަ ބުއްދި ހަމަނުޖެހޭ ވާހަކައަކަަށް ނުވުމެވެ. މޮޔައިންގެ ވާހަކަ އެންމެނަށް ގަބޫލުކުރެވި، އެންމެންވެސް މޮޔަވެ، މޮޔަ ގަބޫލުކުރުމެވެ. އާދެ، ސިޔާސީ މޮޔަ ބަލީގައި ޖެހި، އެންމެންގެ ސަލާމަތް ބުއްދި ފިލާ ދިޔުމެވެ. ތަންކޮޅެއް ކުރިން ލިޔުނު ލިޔުމެއްގައި ބުނި ފަދައިން، އުދުހިފައި ދިޔަ ދޫންޏަކީ ބަކައްޓެކޭ ތިމާގެ ލީޑަރު ބުނެފިނަމަ، ސިޔާސީ މޮޔަ ބަލި ޖެހިފައި ހުރި މީހަކު ނަމަ، އޭނާ ގަބޫލުކުިރާނީ އެއީ ހަމަ ބަކައްޓެއް ކަމެވެ.

އާދެ! މޮޔައިންގެ ދުވަސް ފާހަގަކުރާއިރު، ސިޔާސީ ކުލަތަކުގައި ޖެހި، އަޅުގަނޑުމެންގެ ސިކުނޑީގެ ދުޅަހެޔޮކަން ގެއްލި ހިނގައިދާނޭކަން ފާހަގަކުރަން ޖެހެއެވެ. ސިޔާސީ ކުލައިގެ ހުމުގައި ޖެހި، އަޅުގަނޑުމެންގެ ސަލާމަތް ބުއްދިފިލައި ހިނގައިދާނޭކަން، ހަނދާންކުރަން ޖެހެއެވެ. ސިޔާސީ ކުލައިގެ ބަލިޖެހިގެން ނުވަތަ އެނޫން ވެސް އެހެން ބައްޔެއް ޖެހިގެން އަޅުގަނޑުމެންގެ ބުއްދި ފިލައި ގޮއްސި ނަމަ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި އަޅުގަނޑުމެންގެ ފައިސާއާއި މުދާ ވެސް ގެއްލި ހިނގައިދާނެއެވެ. އަދި، އަޅުގަނޑުމެންނަކީ ސިޔާސީ ކުލައިގެ ބަލިޖެހި، މޮޔަވެ، ބުއްދިފިލައި ގޮއްސައި ތިބި ބަޔަކަަށް ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ގައުމުވެސް އަތުން ބީވެގެންދާ އިރު އަޅުގަނޑުމެން ތިބޭނީ އެކަކު އަނެކަކު މޮޔަކުރުމުގައެވެ. އެއްކަލަ ތިން މޮޔައިން، އެމީހުންނަކީ ކަލާނގެ ކަމަށް ދައުވާކުރަން ތިބި ފަދައިންނެވެ. ދުނިޔޭގެ މޮޔައިންގެ ދުވަސް ނުވަތަ ސިކުނޑީގެ ދުޅަ ހެޔޮކަމުގެ ދުވަސް ފާހަގަކުރާއިރު، ސިޔާސީ ކުލައިގެ ބަލިން، އަޅުގަނޑުމެންގެ ސިކުނޑިތައް ސަލާމަތްކޮށް، ހަމަ ބުއްދި ރައްކާކުރެވޭތޯ ބެލުން ވަރަށް ވެސް މުހިިއްމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.