...

Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 13

ތޭރަވަނަ ސިފަ: އިންސާފުން ކަންތައް ކުރުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްސިފައަކީ އިންސާފުން ކަންތައް ކުރުމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުށްޓެވެ.

އިންސާފުން ކަންތައް ކުރުމަކީ ކޮބާ ހެއްޔެވެ؟

އިންސާފުން ކަންކުރުމަކީ މީހާއަށް ލިބުން ލާޒިމު ކުރާ ހައްގުތައް ބަރާބަރަށް ދިނުމާއި އަދި މީހާގެ މައްޗަށް މަނާކުރުން ލާޒިމުކުރާ ކަންތައް މަނާކުރުމެވެ.

ކީރިތި قران ގައި ވަރަށް ގިނަ آية ތަކުގައި عدل ވެރިވުމަށް އަންގަވާފައި ވެއެވެ. މާތް الله وحى ކުރެއްވިއެވެ. إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ މާނައީ:- ހަމަކަށަވަރުން، عدلވެރިވުމަށާއި، إحسانތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. (سورة النحل: 90.)

މާތް الله وحى ކުރެއްވިއެވެ. وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ މާނައީ:- އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكمކުރާނަމަ، عدلއަށް حكمކުރުމަށްވެސް، أمرކުރައްވަތެވެ. (سورة النساء: 58.)

އިންސާފުވެރިކަމުގެ ވައްތަރުތައް

* ދެ خصم ންގެ މެދުގައި އިންސާފުން ކަންތައް ކުރުން

ދެ خصم ންގެ މެދުގައި އިންސާފުން ކަންތައް ކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ ދެއްކެވީ މިއުންމަތުގެ މާތް ސާހިބާ ކީރިތި ރަސޫލާ ﷺ އެވެ. އެކަލޭގެ ފާނަށް ފަހު އެނަމޫނާ ދެއްކެވީ އެކަލޭގެ ފާނުންގެ މާތް އަޞްޙާބުންނެވެ.

އެއްފަހަރަކު مصرގެ ރަށްވެއްސަކު عمر بن الخطاب (رضي الله عنه) އަރިހަށް ދިޔައެވެ. އަދި مصرގެ ވެރިކަމަށް عمرގެ ފާނު އިސްކުރައްވާފައި ހުންނެވި މާތް اللَّه ރުއްސުންލެއްވި عمرو بن العاصގެ ދަރިކަލަކާއިމެދު ޝަކުވާ އުފުލިއެވެ. އެގޮތުން ދެންނެވިއެވެ. އޭ أمير المؤمنين އެވެ. ތިމަންނަ مصرގެ ވެރިޔާ މާތް اللَّه ރުއްސުންލެއްވި عمرو بن العاص ގެ ދަރިކަލުން عبد اللهގެ ފާނާއި އެކު ރޭހެއް ދުއްވީމެވެ. އަދި ތިމަންނަ މޮޅު ވިއެވެ. އެކަމުގެ މައްޗަށް އެބޭފުޅާ ތިމަންނަދެކެ ކޯފާ އިސްކުރެއްވިއެވެ. އަދި ތިމަންގެ ގައިގައި ޗާބޫކަކުން ތެޅިއެވެ. އަދި ތިމަންނަ އާއި ދިމާލަށް ވިދާޅުވަމުން ގެންދެވިއެވެ. ތިމަންނައަކީ މިއީ މާތް މީހެއްގެ ދަރިއެކެވެ. އެމީހާގެ ޝަކުވާގެ މައްޗަށް ބިނާކުރައްވައިގެން މާތް اللَّه ރުއްސުންލެއްވި عمر ގެފާނު، މާތް اللَّه ރުއްސުންލެއްވި عمرو بن العاص އަށް ސިޓީއެއް ފޮނުއްވިއެވެ. އޭގައި ލިޔުއްވެވިއެވެ. ކަލޭގެފާނަށް ތިމަންނަގެ މިސިޓީ ލިބުމުން ތިމަންނަގެ ގާތަށް ހާޟިރުވާށެވެ. އަދި ކަލޭގެފާނުގެ ދަރިފުޅު عبد الله ވެސް ގެންނަވާށެވެ. އެހެންކަމުން އެދެބޭކަލުން عمرގެފާނު އަރިހަށް ހާޟިރު ވިއެވެ. އެހިނދު عمرގެފާނު ދުއްރާ ނެންގެވިއެވެ. އަދި مصرގެ އެމީހާގެ އަތަށް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިބާގެގައި ޖެހިވަރަށް عبد الله ގެ ގައިގައި ޖަހާށެވެ. އަދި އެ مصر މީހާ عمرو بن العاص ދަރިކަލުންގެ ގައިގައި ތަޅަން ފެށިއެވެ. އަދި ތަޅަމުންގޮސް މަތިނޭވާލެވުމުން ހުއްޓާލިއެވެ. عمر ގެފާނު ވިދާޅުވިއެވެ. އިތުރަށް ތަޅާށެވެ. އެ مصر މީހާ ބުންޏެވެ. ނޫނެކެވެ. އޭ أمير المؤمنين އެވެ. ތިމަންނަގެ ގައިގައި ޖެހިވަރަށް ތިމަންނަ އޭނަގެ ގައިގައި ޖަހައިފީމެވެ. ދެން އިތުރަކަށް ޖަހާކަށް ބޭނުމެއްނޫނެވެ. (އިބުނު ޢަބުދުލްޙަކަމު، ފުތޫޙު މިޞްރު، ސ. 290)

عمرގެފާނުގެ ދުވަސްވަރު عربންގެ ސަރުދާރަކު (އޭނާގެ އާއްމު ނަމަކީ: المنذر بن الحارث އެވެ. އަދި ފުރިހަމަ ނަމަކީ: جبلة بن الأيهم بن جبلة بن الحارث بن أبي شمر އެވެ.) އިސްލާމުވިއެވެ. އަދި އޭނާ حج އަށް ދިޔައެވެ. އަދި ގެފުޅުގައި طواف ކުރަމުން ދަނިކޮށް އޭނާގެ ރިދާގެ ކަނަށް طواف ކުރަން ހުރި އެހެން މީހަކަށް ފައިން އެރުނެވެ. އެހެންކަމުން އޭނާއަށް ލޮޅުން އަރައިގެން ދިޔައެވެ. އެކަމުގެ ރުޅީގައި އެމީހާގެ ކަންކަށިމަތީގައި ވަރަށް ބާރަށް އެތިފަހަރެއްޖެހިއެވެ. އެކަމުގެ މައްޗަށް އެމީހާ عمر ގެފާނުގެ އަރިހަށް ގޮސް ޝަކުވާ އުފުލިއެވެ. އެހިނދު عمر ގެފާނު އެޖެހި މީހާ حاضر ކުރުމަށްއެންގެވިއެވެ. ދެން އެދެމީހުން حاضر ވުމުން عمر ގެފާނު އަނެއް މީހާއަށް އެންގެވިއެވެ. ތިބާ ކަންކަށިމަތީ ޖެހިވަރަށް އޭނާގެ ކަންކަށިމަތީ ޖަހާށެވެ. އެކަމާއި ހިތްހަމަނުޖެހި ހައިރާން ވެގެން ޖެހިމީހާ ސުވާލުކުރިއެވެ. ތިމަންނައާއި އެމީހާއާ ދެމީހުން ހަމަހަމަ ވެގެންވޭ ހެއްޔެވެ؟ عمر ގެފާނު ޖަވާބު ދެއްވިއެވެ. އާނއެކެވެ. اسلام دين ތިޔަ ދެ މީހުންގެ މެދުގައި ހަމަހަމަ ކުރެއްވިއެވެ. (އިބުނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ޖ8)

  • މިނެކިރުމުގައި އިންސާފުން ކަންތައް ކުރުން.

مسلم ން ގެ ސިފައަކީ މިނެކިރުމުގައި އިންސާފުން ހަމަހަމަޔަށް ކަންތައް ކުރުމެވެ. މިނެކިރުމުގައި މަކަރު ހަދާ މީހުންނަށް عذاب ގެ وعيد ތައް ކީރިތި قرانގައި އައިސްފައިވެއެވެ. މާތް الله وحى ކުރެއްވިއެވެ.

وَيْلٌ لِّلْمُطَفِّفِينَ الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ لِيَوْمٍ عَظِيمٍ. މާނައީ:- މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، އެއުރެންނަށްޓަކައި މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެން މީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟ (سورة المطففين: 05.)

މާތް الله وحى ކުރެއްވިއެވެ. وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ. މާނައީ:- عدل إنصافގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ! (سورة الرحمن: 09.)

  • އަނބީންގެ މެދުގައި އިންސާފުންކަން ކުރުން.

مسلمން ގެ ސިފައަކީ އަނބީންނާމެދު އިންސާފުން ކަންތައްކުރުމެވެ. އަދި އެކަނބަލުންނައް އެކަނބަލުންގެحق ތައް ބަރާބަރަށް ދިނުމެވެ. އެމީހެއްގެ ދަށުގައި އެއް އަންބަތް ވުރެ ގިނަ އަނބިން ތިބެއްޖެނަމަ އަމީހުންނަށް خرد ކުރުމުގައިޔާއި ރޭތަށް ކަނޑައެޅުމުގައި ހަމަ ހަމަ ކުރަންވާނެއެވެ. ނަމަވެސް އެއިން އެކަކުދެކެ ބޮޑަށް ލޯބިވުން އެކަމުގައި ނުހިމެނެއެވެ. އަދި އެގޮތަށް އެކަކުދެކެ ބޮޑަށް ލޯބިވާ ލޯބިވުމަކީ އަނބީންގެ މެދުގައި އިންސާފު ނުކުރި ކަމުގައި ނުބެލެވޭނެއެވެ.

  • ދަރީންގެ މެދުގައި އިންސާފުން ކަންތައް ކުރުން.

مسلمންގެ ސިފައަކީ ދަރިންނާމެދު އިންސާފުން ކަންތައް ކުރުމެވެ. އެގޮތުން  ދަރިއަކަށް خرد ކޮށް هديةތައް ދީފައި އަނެއް ދަރި މަހުރޫމު ކޮށްނުލުމެވެ. އެފަދަ عمل ތަކަކީ ދަރިންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދިދާނެ ކަންތަކެވެ. އެހެންކަމުން އެއްދަރިއައްވުރެ އަނެއްދަރިއަކަށް އެފަދަ ކަންކަމުގައި އިސްކަން ދިނުމަކީ ރީތި އާދަކާދައިން ބޭރުވެގެންވާ ކަންތަކެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ.عَنِ النُّعْمَانِ بْنِ بَشِيرٍ رضِيَ اللَّه عنْهُمَا أَنَّ أَبَاهُ أَتَى بِهِ رَسولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: إِنِّي نَحَلْتُ ابْنِي هَذَا غُلَاماً كَانَ لي، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَكُلَّ وَلَدِكَ نَحلْتَهُ مِثْلَ هَذَا؟» فَقَالَ: لَا، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وسَلَّمَ: «فأَرْجِعْهُ» މާނައީ: މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި النُّعْمَانِ بْنِ بَشِيرގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެ صحابي ގެބައްޕަ އެ صحابي ގޮވާގެން ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގަތެވެ. ފަހެ ދެންނެވިއެވެ. ހަމަކަށަވަރުން ތިމަންގެ މިވެނި އަޅަކު ތިމަންނަގެ މިދަރިފުޅަށް ދީފީމެވެ. ފަހެ ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ތިބާގެ ކޮންމެ ދަރިއަކަށް އެފަދަ އަޅެއް ދިނިންހެއްޔެވެ؟ ފަހެ އޭނާ ދެންނެވިއެވެ. ނޫނެކެވެ. ދެން ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ފަހެ އެއަޅުމީހާ އަނބުރާ ނަގާށެވެ. (އެދިންދިނުން އަނބުރާ ނަގާށެވެ.) وفي رِوَايَةٍ: فَقَالَ رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم: «أَفَعَلْتَ هَذا بِوَلَدِكَ كُلِّهِمْ؟» قَالَ: لا، قَالَ: «اتَّقُوا اللَّه وَاعْدِلُوا في أَوْلادِكُمْ»، فَرَجَعَ أَبي، فَردَّ تلْكَ الصَّدَقَةَ މާނައީ: އަދި އެހެން ރިވާޔަތެއްގައިވެއެވެ. ފަހެ ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ތިބާގެ ހުރިހާ ދަރިންނާއިމެދު ތިބާ އެގޮތަށް އަމަލުކުރިހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. حديثކުރެއްވިއެވެ. الله އަށް ބިރުވެތިވާށެވެ. އަދި ތިބާގެ ދަރިންނާއިމެދު އިންސާފު ކުރާށެވެ. (ރާވީ ވިދާޅުވަތެވެ.) ފަހެ ތިމަންނަގެ ބައްޕަ އެނބުރި އައެވެ. އަދި އެ ހިބަ އަނބުރާ ނެންގެވިއެވެ. وَفِي رِوَايَةٍ: فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يَا بَشِيرُ أَلَكَ وَلَدٌ سِوَى هَذَا؟»، قَالَ: نَعَمْ، قَالَ: «أَكُلَّهُمْ وَهَبْتَ لَهُ مِثْلَ هَذَا؟»، قَالَ: لَا، قَالَ: «فَلَا تُشْهِدْنِي إِذاً، فَإِنِّي لَا أَشْهَدُ عَلَى جَوْرٍ» މާނައީ: އަދި އެހެން ރިވާޔަތެއްގައިވެއެވެ. ފަހެ ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. އޭ بَشِيرُ އެވެ! މިދަރި ފިޔަވައި ތިބާއަށް އެހެން ދަރިން ވޭހެއްޔެވެ؟ ފަހެ ދެންނެވިއެވެ. އާދޭހެވެ. حديث ކުރެއްވިއެވެ. އެއިން ކޮންމެ ކުއްޖަކަށް އެފަދަ އެއްޗެއް ހިބަ ކޮށްދިން ހެއްޔެވެ؟ ދެންނެވިއެވެ. ނޫނެކެވެ. حديث ކުރެއްވިއެވެ. އެހެންވެއްޖެއްޔާ މިކަމުގެ މައްޗަށް ތިމަންރަސޫލާ ހެކިކުރާނެކަމެއްނެތެވެ. އެހެނީ ހަމަކަށަވަރުން ތިމަންރަސޫލާ އަނިޔާވެރިކަމުގެ މައްޗަށް ހެކިވެރި ނުވަމުއެވެ. وَفي رِوَايَةٍ: «لا تُشْهِدْني عَلى جَوْرٍ» މާނައީ: އެހެން ރިވާޔަތެއްގައިވެއެވެ. ތިޔަބައިމީހުން އަނިޔާވެރިކަމުގެ މައްޗަށް ތިމަންރަސޫލާ ހެކިވެރި ނުކުރާށެވެ. وفي روايةٍ: «أَشْهِدْ عَلَى هَذَا غَيْرِي»، ثُمَّ قَالَ: «أَيَسُرُّكَ أَنْ يَكُونُوا إِلَيْكَ فِي الْبِرِّ سَوَاءً؟»، قَالَ: بَلَى، قَالَ: «فَلَا إِذاً» މާނައީ: އަދި އެހެން ރިވާޔަތެއްގައިވެއެވެ. ތިބާ އެކަމުގެ މައްޗަށް ތިމަންރަސޫލާ ފިޔަވައި އެހެން މީހަކު ހެކިވެރިކުރުވާށެވެ. ދެން حديث ކުރެއްވިއެވެ. ތިބާގެ ހުރިހާ ކުދިން ތިބާއަށް ހެޔޮކޮށް ހިތުމުގައި ހަމަހަމަ ކަން ގެންގުޅުމަށް ތިބާ ނުރުހޭ ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ. حديث ކުރެއްވިއެވެ. އެހެންވެއްޖެއްޔާ އެކަން އެގޮތަށް ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ (ބުޚާރީ 2650، 2586، މުސްލިމު 1623)

  • عام ން ގެ މެދުގައި އިންސާފުންކަންތައް ކުރުން.

مسلم ން ނަށް އަމުރުކުރެއްވިފައި ވަނީ މީސްތަކުންގެ މެދުގައި އިންސާފުން ކަންތައް ކުރުމަށެވެ. މާތް الله وحى ކުރެއްވިއެވެ. وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ މާނައީ:- އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوىވެރިކަމާ ގާތްކަން ބޮޑެވެ. (سورة المائدة: 08.)

مكة فتح ކުރެވުނު ދުވަސްވަރު އަންހެނަކު ވައްކަން ކުރިއެވެ. އަދި ކީރިތި ރަސޫލާ ﷺ އެއަންހެނާގެ މައްޗަށް ވައްކަމުގެ حد قائم ކުރުމަށް ނިންމެވިއެވެ. އެކަމުގެ މައްޗަށް އެއަންހެނާގެ އާއިލާގެ މީހުން މާތް الله ރުއްސުން ލެއްވި أسامة بن زيد ގެ ގާތަށް ދިޔައެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި އެއަންހެނާއާއި މެދުشفاعة ތެރިވުމަށް އެދި ހުށަހެޅުއްވިއެވެ. އެއީ އެއަންހެނާގެ އަތްނުކަޑާ އެހެން ގޮތެއްވޭތޯ ބެލުމަށެވެ. އިސްވެ ދެންނެވެނު أسامة بن زيد އަކީ ކީރިތި ރަސޫލާ ﷺ ދަރިކަލެއްގެ ލޯބި ދެއްވާފައިވާ ބޭކަލެކެވެ. ފަހެ އެ صحابى، އެއަންހެނާއާމެދު شفاعة އަށްއެދި ދެންނެވިއެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ކޯފާ ވެވަޑައިގަތްލެއް ބޮޑުކަމުން މޫނުފުޅުގެ ކުލަފުޅު ބަދަލުވެގެންދިޔައެވެ. އަދި ވިދާޅުވިއެވެ. ތިބާ الله ގެ حد ތަކުގެ ތެރެއިން حد އެއް معاف ކޮށްދިނުމަށްއެދި شفاعة ތެރިވަނީ ހެއްޔެވެ؟ ދެން ކީރިތި ރަސޫލާ ﷺ ތެދުވެވަޑައިގަތެވެ. އަދި މީސްތަކުންނާއި مخاطبކުރެއްވިއެވެ. އަދި حديثކުރެއްވިއެވެ. وَعَنْ عَاِئشَةَ رَضِيَ اللَّهُ عَنْهَا أَنَّ قُرَيْشًا أَهَمَّهُمْ شَأْنُ الْـمَرْأَةِ الْـمَخْزُومِيَّةِ الَّتِي سَرَقَتْ فَقَالُوا: مَنْ يُكلِّمُ فِيهَا رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ فَقَالُوا: مَنْ يَـجْتَرِيءُ عَلَيْهِ إِلَّا أُسَامَةُ بْنُ زَيْدٍ حِبُّ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ فَكَلَّمَهُ أُسَامَةُ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ تَعَالَى؟» ثُمَّ قَامَ فَاخْتَطَبَ ثُمَّ قَالَ: «إِنَّمَا أَهْلَكَ مَنْ قَبْلكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَركُوهُ، وَإِذَا سَرَقَ فِيهِمُ الضَّعِيفُ أَقامُوا عَلَيْهِ الْحَدَّ، وَايْمُ اللَّهِ، لَوْ أَنَّ فَاطِمَةَ بَنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدهَا»، އަދި މާތް اللَّه ރުއްސުންލެއްވި عائشة ގެ ފާނު ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން قريش ވަންހައިގެ މީހުން مَخزُومِية ޤަބީލާގެ އަންހެނެއްގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވުމުން އެކަމާއި ވަރަށް ކަންބޮޑުވިއެވެ. ފަހެ އެމީހުން (މަޝްވަރާގައި) ބުންޏެވެ. އެކަމާއިމެދު ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ވާހަކަ ދައްކާނީ ކާކު ހެއްޔެވެ؟ ފަހެ އެމީހުން ބުންޏެވެ. ތިޔަކަން ކީރިތި ރަސޫލާ ﷺލޯބިވެތިވެ ވަޑައިގަންނަވާ، ދަރިކަލެއްފަދަ أُسامةُ بنُ زيد ފިޔަވައި ކުރެވޭނެ ދެވަނަ އެހެން މީހެއް ނުވެއެވެ. އެއަށްފަހު أُسامةُ ގެފާނު (އެމީހުންގެ އެދުމުގެ މަތިން އެވާހަކަ އެކަލޭފާނުގެ އަރިހުގައި ދެންނެވިއެވެ. ފަހެ ކީރިތި ރަސޫލާ ﷺ (أُسامةُ ގެފާނުގެ އެވާހަކައަށް އިންކާރު ކުރައްވާ) ވިދާޅުވިއެވެ. ތިބާ الله ކަނޑައަޅުއްވާފައިވާ حدّ ގެ ތެރެއިން حد އެއް قائم ނުކޮށް ދޫކޮށްލުމަށް شفأعة ތެރިވަނީ ހެއްޔެވެ؟ އެއަށްފަހު ތެދުވެވަޑައިގެންނެވިއެވެ. ފަހެ މީސްތަކުންނާއި مخاطب ކުރައްވައި ވާހަކަދައްކަވަން ފެށްޓެވިއެވެ. ދެން حديث ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ އުޅުނު މީހުން ހަލާކުވެދިޔައީ އެމީހުންގެ ތެރެއިން މޮޅުމީހަކު ވައްކަން ކޮށްފިނަމަ އެބައިމީހުން އެމީހާ ދޫކޮށްލުމުންނެވެ. އަދި އެބައިމީހުންގެ ތެރެއިން ދެރަމީހަކު ވައްކަން ކޮށްފިނަމަ އެބައިމީހުން އެމީހެއްގެ މައްޗަށް حد قائم ކުރެއެވެ. މާތްالله ގަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން محمد ގެ ފާނުގެ ދަރިކަނބަލުން فاطمَةގެފާނު ވައްކަން ކުރިކަމުގައިވިޔަސް ހަމަކަށަވަރުން ތިމަންރަސޫލާ އެކަމަނާގެ އަތްވެސް ކަނޑުއްވާ ހުށީމެވެ. (ބުޚާރީ 3475، މުސްލިމު1688)

އިންސާފުން ކަންތައް ކުރުމުގެ ފައިދާ.

1- الله ގެ حضرة ގައި ދަރަޖަ މަތިވެރިވުން

އިންސާފުން ކަންތަށް ކުރުމަކީ الله ގެ حضرة ގައި ދަރަޖަ މަތިވެރިވެވޭ ކަމެކެވެ. މާތް الله  وحى ކުރެއްވިއެވެ. وَأَقْسِطُوا ۖ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ. މާނައީ:- އަދި ތިޔަބައިމީހުން عدلވެރިވާށެވެ! ހަމަކަށަވަރުން، عدلވެރީންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.( سورة الحجرات: 09.)

2- ދުނިޔެމަތީ އަމާންކަން ލިބުން

އިންސާފުންކަންތައް ކުރުމަކީ ދުނިޔެމަތީ އަމާންކަން ލިބެވޭ ކަމެކެވެ. ބުނެވެއެވެ. އެއްފަހަރަކު ރަސްކަލެއްގެ ފަރާތުން عمر ގެ ފާނާއި ބައްދަލު ކުރުމަށް وفد އެއް އައެވެ. އޭނާ، عمر ގެފާނު ކޮބައިތޯ ބަލަމުން ގެންދެވި އިރު ފެނުނީ ގަހެއްގެ ދަށުގައި ނިދި ކުރައްވާފައި އޮއްވައެވެ. އަދި އެ منظر ދެކެފައި އަޖާއިބު ވެގެން ބުންޔެވެ. حَكَمْتَ فَعَدَلْتَ فَأَمِنْتَ فَنِمْتَ يَا عُمَرُ މާނައީ:- އޭ عمر ގެފާނެވެ. ކަލޭގެފާނު ވެރިކަންކުރެއްވިއެވެ. ފަހެ ކަލޭގެފާނު އިންސާފުން ކަންތައް ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ކަލޭގެ ފާނަށް އަމާކަން ލިބިއްޖެއެވެ. އެހެންކަމުން ކަލޭގެފާނު ތިޔަ އޮންނެވީ އަމާންކަމާއިއެކު ނިދިކުރައްވާފައެވެ. (الواقدي، فتوح الشام 1/54)

3-ވެރިކަން ގަދަފަދަ ވުން

އިންސާފުން ކަންތައް ކުރުމަކީ ވެރިކަން ގަދަފަދަވާކަމެކެވެ. عمر بن عبد العزيز އިސްކުރައްވާފައި ހުންނެވި ވެރިއަކު އެއްފަހަރަކު ލިޔުއްވިއެވެ. އަދި ދެންނެވިއެވެ. އެ سرحدގެ ވެރިކަން ކުރާ ރަށުގައި ވަށާގެން ފާރެއްލުމަށް ބޭނުންވާ ފައިސާ ދެއްވާށެވެ. އެހިނދު ވިދާޅުވިއެވެ. ކީއްކުރާ ފާރެއް ހެއްޔެވެ؟ އިންސާފުން ފާރުރާނާށެވެ. އަދި އެރަށުގެ މަގުތަކުން އަނިޔާ މަނާކޮށް އަމާން ކުރާށެވެ.

އަނިޔާވެރިކަން

އިންސާފުގެ އިދިކޮޅަކީ އަނިޔާ ވެރިކަމެވެ. އެއީ الله އިންޒާރު ދެއްވާފައިވާކަމެކެވެ. މާތް الله وحى ކުރެއްވިއެވެ. وَلَا تَحْسَبَنَّ اللَّهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ މާނައީ: މާތްالله وحى ކުރެއްވިއެވެ. (سورة إبراهيم: 42.) މާތްالله وحى ކުރެއްވިއެވެ. فَوَيْلٌ لِّلَّذِينَ ظَلَمُوا مِنْ عَذَابِ يَوْمٍ أَلِيمٍ (. މާނައީ:- ފަހެ، އަނިޔާވެރިވީ މީހުންނަށް ވޭންދެނިވި عذابގެދުވަހު ހަލާކާއި ގެއްލުން ހުށްޓެވެ. (سورة الزخرف: 65.) މާތް الله وحى ކުރެއްވިއެވެ.) أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ (މާނައީ:- ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّهގެ لعنةހުށްޓެވެ. (سورة هود: 18.)

އަނިޔާވެރިކަމަކީ ކީރިތި ރަސޫލާ ﷺ އެކަމަށް އިންޒާރު ދެއްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. وَعَنْ جَابِرٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «اتَّقُوا الظُّلْمَ، فَإِنَّ الظُّلْمَ ظُلمَاتٌ يوْمَ القِيامَةِ، واتَّقُوا الشُّحَّ، فَإِنَّ الشُّحَّ أَهْلَكَ منْ كانَ قَبْلَكُمْ، حَمَلَهُم عَلَى أَنْ سَفَكُوا دِمَاءَهُمْ وَاسْتَحَلُّوا مَحَارِمَهُمْ» މާތް  الله  ރުއްސުންލެއްވި  جابر ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން  رسول اللهُ  صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވެވިއެވެ.  ތިޔަބައިމީހުން މީސްތަކުންނަށް އަނިޔާވެރިވުމުން ދުރުހެލިވެ އުޅޭށެވެ. މިހެނީ އަނިޔާވެރިކަން ގިޔާމަތް ދުވަހުން  އަންނާހުށީ ބޮޑު ކަޅު އަނދިރި ގަނޑު ތަކެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ދަހިވެތިކަމުން ދުރުހެލި ވެ ތިބޭށެވެ. މިހެނީ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީ ތިބިމީހުން ހަލާކުވާން މެދުވެރިވި ސަބަބަކީ އެބައިމީހުންގެ ދަހިވެތިކަމެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ލޭއޮހޮރުވާން މެދުވެރިވި ސަބަބަކީ (ވެސް) އެއީއެވެ. އަދި އެބައިމީހުން  ހަރާމު ތަކެތި ހަލާލު ކޮށްގަތުމަށް މެދުވެރިވި ސަބަބަކީ ވެސް އެއީއެވެ. (މުސްލިމު 2578)

ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. عَنْ أَبِي هُرَيْرَةَ رَضيَ اللهُ عَنْهُ قَالَ: قالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «ثَلاثُ دَعَوَاتٍ مُسْتجَابَاتٌ لَا شَكَّ فِيهِنَّ: دَعْوَةُ المَظْلُومِ، وَدَعْوَةُ المُسَافِرِ، وَدَعْوَةُ الوَالِدِ عَلَى وَلدِهِ». މާތްاللَّه ރުއްސުންލެއްވި أبو هُرَيْرَة ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ތިންބައެއްގެ دعاء مُسْتجَاب ވެގެންވެއެވެ. އެކަމުގައި އެއްވެސް ޝައްކެއްނެތެވެ. އެއީ އަނިޔާލިބިގެންވާ މީހާގެ دعاء އާއި ދަތުރުވެރިޔާގެ دعاء އާއި މައިންބަފައިން ދަރީންގެ މައްޗަށް ކުރާ دعاء އެވެ. (އަބޫ ދާއޫދު1536، ތިރުމިޒީ 1905، ޙަސަނުގެ ދަރަޖަ އަލްބާނީ ދެއްވި، އަލްޖާމިޢުއްޞަޣީރު 3031)

އަނިޔާވެރިކަމުގެ ވައްތަރުތައް.

1-ހައްދަވައި ގެންގުޅުއްވާ اله އަށް އަނިޔާވެރިވުން (އުރެދުން) .

ﷲއީ އެއްކައުވަންތަ ގަދަކީރިތިވަންތަ އިލާހެވެ. އެހެންކަމުން އެއްވެސް މީހަކަށް الله سبحانه وتعالى އަކަށް ގެއްލުމެއްނުދެވޭނެއެވެ. އޭގެ މާނައަކީ އެއީ އޭނާހެއްދެވި ފަރާތަށް احسان ނުވުމެވެ. އަދި އެފަރާތަށް އުރެދުމެވެ. އަދި އެފަރާތަށް شريك ކުރުމެވެ. وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ އަދި لقمانގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّهއަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريكކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.( سورة لقمان: 13.)

2-އިންސާނާ އެހެން އިންސާނުންނަށް އަނިޔާވެރިވުން.

އެއީ މީސްތަކުންގެ نفس އަށާއި މުދަލަށާއި އަބުރަށް އަރައި ގަތުމެވެ. އެގޮތުން مسلمންނަށް ނެތިނުބައި ގޮވުމަކީ އަނިޔާއެކެވެ. އެމީހުންގެ މުދާ ނުހައްގުން އަތުލުމަކީ އަނިޔާއެކެވެ. އެމީހުންނަށް عدوانى އެށް ދިނުމަކީ އަނިޔާއެކެވެ.

ކީރިތި ރަސޫލާ ﷺ حديث ކުރެއްވެވިއެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް حسدވެރި ނުވާށެވެ. އަދި ތިޔަބައިމީހުން އެމުދާ ގަތުމުގެ މަޤްސަދަކާ ނުލައި މުދަލުގެ އަގު މައްޗަށް އެރުވުމަށްޓަކައި އޭގެ އަގު ކިޔަމުން ނުދާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެތިނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުން އެކަކުގެ ވިޔަފާރީގެ މައްޗަށް އަނެކަކުގެ ވިޔަފާރި އިސްނުކުރާށެވެ. އޭ الله ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللهގެ އަޅުން ކަމުގައިވާހާލު އަޚުންތަކެއް ކަމުގައިވާށެވެ. މުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާ ނުކުރާނެއެވެ. އަދި އޭނާ އޭނާގެ އަޚާއަށް އެހީތެރިކަން ބޭނުން ވާ ވަގުތު އެހީނުވެ ނުހުންނާނެއެވެ. އަދި އޭނާ އޭނާގެ އަޚާ އަށް ނިކަމެތިކަމުގެ  ލޮލުން ނުދެކޭނެއެވެ. تقوى ވެރިކަން ވަނީ މިތާގައޭ ވިދާޅުވެ އެކަލޭގެފާނު ގެ އަމިއްލަ މޭފުޅަށް ތިންފަހަރު އިޝާރާތް ކުރެއްވިއެވެ. ތިމާގެ އަނެއް މުސްލިމް އަޚާއަށް ނިކަމެތި ކަމުގެ ލޮލުން ބެލުނު މީހާ ނުބައި މީހަކަށް ވުމަށް ފުދެއެވެ. އެއްމުސްލިމު އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ ލެޔާއި އޭނާގެ  މުދަލާއި އޭނާގެ އަބުރު ވަނީ  حرام ވެގެން ނެވެ. (މުސްލިމު 2564)

3-އިންސާނާ އޭނާގެ نفس އަށް އަނިޔާވެރިވުން.

އެއީ ފާފަ ތަކަށް އަރައިގަތުމެވެ. އަދި ދީނާއި ދުރަށް ދިޔުމެވެ. އަދި شيطان އާގެ މަގުން ހިންގުމެވެ.