Support Us

ބަންގި: އިލާހީ އަޑުފުޅު- 1

ކޮންމެ ދުވަހަކު ފަސް ފަހަރު އިވެމުންދާ ބަންގީގެ އަޑަކީ މުސްލިމުންނަށް ވަރަށް ޚާޢްޞަ ބަސްތަކެކެވެ. އެއީ އެމީހުންގެ ނަފްސުތައް ޠާހިރުކުރުމަށް ގޮވައިލާ އިލާހީ ބަސްފުޅުތަކެކެވެ. އެއީ މުސްލިމުންގެ ހިތްތައް އެއަށް ފެންބޮވައިގެންފައިވާ ކަލިމަތަކެކެވެ. އެއީ މުސްލިމުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދޭ ބަސްތަކެކެވެ. އެއީ މުސްލިމުންގެ ޢަޤީދާ ވަރުގަދަކޮށްދޭ އީމާންކަން އާރޯކޮށް އެމީހުންގެ ރޫޙަށް ލިބިދޭ ކަނާދެކެވެ.

ބަންގީގެ ކަލިމަތައް އިޢުލާނު ކުރަނީ (لا إله إلا الله – ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ.) އެކަލާނގެއަށްވުރެ މަތިވެރި ފަރާތެއްނުވެއެވެ.  (الله أكبر އެވެ.) އެ ބަސްފުޅުތައް އިޢުލާނު ކުރަނީ ﷲގެ އެއްކައުވަންތަކަމާއި އެކަލާނގެ ރިސާލަތެވެ. އެ ބަސްފުޅުތައް ގޮވައިލަނީ ނަމާދުކުރުމަށާއި ކާމިޔާބު ހޯދުމަށް އަވަސްވެގަތުމަށެވެ.

ކީރިތި ރަސޫލާ ﷺ ޙަދީސްކުރައްވާފައިވާ ގޮތުގައި ބަންގިއަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އުންމަތަށް އިޚްތިޔާރުކޮށްދެއްވި ޚާއްޞަ ބަސްފުޅުތަކެކެވެ. ބަންގިއޭ ބުނުމުން އޭގެ މަޤްޞަދަކީ ނަމާދަށް ގޮވާލެވޭ ނިދާއެވެ. އެއީ ޚާއްޞަ ލަފުޒުތަކެކެވެ. އެއީ އިސްލާމީ ޢަޤީދާއާ ގުޅިފައިވާ ބަސްފުޅުތަކެކެވެ.  ﷲގެ ވަޙްދާނިއްޔަތާއި ގުޅިފައިވާ ބަސްފުޅުތަކެކެވެ. އެކަލާނގެއަށް ބައިވެރިއަކު ނުވާކަން ކަށަވަރުކޮށްދޭ ކަލިމަތަކެކެވެ. ކީރިތި ރަސޫލާ ﷺ ގެ ރަސޫލުކަމަށް އިޢުތިރާފުވާ ހެކިބަސްތަކެކެވެ. ބަންގީގެ މަޤްޞަދަކީ ނަމާދު ވަގުތު ވަދެއްޖެކަން އަންގައިދީ އެކަން އިޢުލާނު ކުރުމެވެ.

ބަންގިއަކީ ނުވަތަ (އަޛާނަކީ) ނަމާދަށް ގޮވައިލާ ގޮވައިލުމެވެ. ބަންގި ގޮވޭނީ ފަރްޟު ނަމާދުގެ ވަގުތު ވަނުމުންނެވެ. ފުރަތަމަކޮޅުގައި މުދިމު (ނުވަތަ މުއައްޛިނު) ބަންގި ގޮވަނީ އުސްތަނަކަށް އަރައި ހުރެއެވެ. އެއީ އޭނާގެ އަޑު ދުރަށް ފެތުރުމަށް ޓަކައެވެ. އެއަށްފަހު މިސްކިތުގެ ފުރާޅުމައްޗަށް ނުވަތަ ޓެރަސް މައްޗަށް އަރައި ބަންގި ގޮވިއެވެ. އެއަށްފަހު ބަންގި ގޮވުމަށް ޓަކައި މުންނާރު އީޖާދު ކުރެވުނެވެ. މިއަދު އެ ކަން ކުރެވެނީ ޒަމާނީ ފަންނިއްޔާތުގެ ދަށުން އީޖާދު ކުރެވިފައިވާ އަޑުގަދަކުރާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ޢަރަބި ބަހުގައި "أذان" ގެ މާނައަކީ އެންގުމެވެ. ނުވަތަ އިޢުލާނު ކުރުމެވެ. ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީ ކުރެއްވިއެވެ. ((وَأَذَانٌ مِّنَ الله وَرَسُولِهِ[1]– މާނައަކީ އަދި މިއީ ބޮޑުވެގެންވާ حج ގެ ދުވަހު، اللَّه އާއި، އެކަލާނގެ رسول އާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ.)) އެހެން ބަސްފުޅެއްގައި ވެއެވެ. ((آذَنتُكُمْ عَلَى سَوَاءٍ[2] – ތިޔަބައިމީހުންނަށް ސާފުކޮށް (حق ގޮތް) އަންގަވައި ދެއްވައިފީމެވެ.))

ފިޤްހު ޢިލްމުވެރީންގެ އިޞްޠިލާޙުގައި ބަންގިއަކީ ނަމާދުގެ ވަގުތު ވަދެއްޖެކަން އެންގުމަށް ޓަކައި ބޭނުންކުރެވޭ ޚާއްޞަ ބަސްތަކެކެވެ.

އެއީ ވަގުތުގެ ނަމާދާއި ފާއިތުވި ނަމާދުގެ ޙައްޤުގައި ސުންނަތެކެވެ. ޖަމާޢަތުގައި ކުރެވޭ ނަމާދެއްނަމަ އެއީ ސުންނަތްކަން ގަދަވެގެންވާ ކިފާޔަތުގެ ސުންނަތެކެވެ. އެކަހެރިކޮށް ކުރާ ނަމާދެއްނަމަ އެއީ ޢައިނިއްޔަ ސުންނަތެކެވެ. މާތްﷲ ވަޙީކުރައްވަނީ ((إِذَا نُودِىَ لِلصَّلاَةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوا إِلَى ذِكْرِاللَّهِ وَذَرُواالبَيْعَ[3]– މާނައީ: ހުކުރު ދުވަހު ހުކުރު ނަމާދަށް ބަންގި ގޮވާލެއްވިއްޖެނަމަ މާތްﷲގެ މަތިން ހަނދުމަ ކުރުމަށް (އެބަހީ ނަމާދުކުރުމަށް) ފަހެ އަވަސްވެ ގަންނާށެވެ. އަދި ގަނެވިއްކާ ހެދުން ހުއްޓާލާށެވެ.)) ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِذَا حَضَرَتِ الصَّلاَةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ وَلْيَؤُمَّكُمْ أَكْبَرُكُم [4]– ނަމާދު ވަގުތު ޖެހިއްޖެނަމަ ތިޔަބައިމީހުންކުރެ މީހަކު ބަންގި ގޮވާހުށިކަމެވެ. އަދި އެންމެ ބޮޑު މީހާ އިމާމުވެ ނަމާދުކުރާހުށި ކަމެވެ.))

ބަންގި ޝަރްޢު ކުރެއްވުނީ ހިޖްރައިން ފުރަތަމަ އަހަރުގައެވެ.

مُؤَذِّن (މުދިމު) އަކީ ކާކު؟

މުއައްޛިނަކީ (މުދިމަކީ) އިސްލާންދީނުގައި ޝަރްޢުވެގެންވާ ގޮތަށް ފަރްޟު ފަސްނަމާދަށާއި ހުކުރު ނަމާދަށް ބަންގި ގޮވާ މީހާއެވެ.

އިސްލާމީ އުންމަތުގައި އެންމެ ފުރަތަމަ މުއައްޛިނަކީ ކީރިތި ރަސޫލާ ﷺގެ ލޮބުވެތި ޞަޙާބީއެއް ކަމުގައިވާ ބިލާލު ބިން ރަބާޙެވެ. ކައު ރަސޫލާ ސުވަރުގެވަޑައިގެންފުމަށް ދާންދެން އަލްމަސްޖިދުއްނަބަވީގައި ބަންގި ދެއްވި މުއައްޛިނަކީ ބިލާލުގެފާނެވެ. އެކަލޭގެފާނަށް މުއައްޛިނުއް ރަސޫލިގެ ލަޤަބު އެރުވުނީ މިހެންވެގެންނެވެ. ކީރިތި ރަސޫލާ ﷺ މި ދުނިޔެ ދޫކުރެއްވުމުން ބިލާލުގެފާނު ބަންގި ދެއްވުން ހުއްޓައިލެއްވިއެވެ. (ނުނިމޭ)

[1]  –  التوبة : 3

[2]  –  الأنبياء : 109

[3]  –   الجمعة:9

[4]  – أخرجه البخاري (٦٢٨)، ومسلم (٦٧٤)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *