...

Support Us

އަލްމަސްޖިދުލް އަޤްޞާގައި ޔަހޫދީންނަށް "އަޅުކަން"ކުރުމުގެ ހުއްދަ އިސްރާއީލުން ދިނުމުން އެކަން ކުށްވެރިކޮށްފި

ޔަހޫދީން އަލްމަސްޖިދުލް އަޤްޞާގައި ކުރާ "އަޅުކަން" ޖަރީމާއެއް ކަމަށް ނުބެލެވޭނެ ކަމަށް އިސްރާއީލުގެ ޤާޟީއަކު ވިދާޅުވެއްޖެއެވެ. ޤުދްސުގައި ހުންނަ އިސްރާއީލުގެ ޞުލްޙައާ ބެހޭ މެޖިސްޓްރޭޓް ކޯޓުގެ ޤާޟީ މި ގޮތަށް ވިދާޅުވެ ޔަހޫދީންނަށް އަޤްޞާ މިސްކިތުގެ ޙުރްމަތް ކެނޑުމުގެ ހުއްދަ ދެއްވުމުން އުރްދުންނާއި ފަލަސްޠީނު ސަރުކާރުން މި ކަން މިއަދު ވަނީ ކުށްވެރިކޮށްފައެވެ. މިއީ މިއަދު ޤުދްސާއި އަލްމަސްޖިދުލް އަޤްޞާ އޮތް ޙާލަތު ޙަޤީޤަތަކަށް ހެދުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތެއް ކަމަށް މި ދެ ޤައުމުން ބުންޏެވެ.

އިސްރާއީލުގެ 7ވަނަ ޓީވީ ޗެނެލް ބުނިގޮތުގައި ޤުދްސުގެ މެޖިސްޓްރޭޓް ކޯޓުގެ ޤާޟީ ޔަހްލޫމު އިއްވެވި ނިޔާއިން އެނގޭގޮތުގައި ޔަހޫދީން އަލްމަސްޖިދުލް އަޤްޞާގައި ކުރާ "ހަމަހިމޭން" އަޅުކަމަކީ އިޖްރާމީ ޢަމަލެއް ކަމުގައެއް ނުބެލެވޭނެއެވެ. ޔަހޫދީ ރާހިބެއް ކަމުގައިވާ އަރްޔޭ ލިބޯ މި ޙަރަންފުޅަށް ވަދެ ހަމަހިމޭން އަޅުކަން ކޮށްގެން ފުލުހުން އޭނާ ބަންދުކޮށްފައިވާތީ ޤާޟީ ފުލުހުންނަށް މި ރާހިބު ދޫކޮށްލުމަށް އަމުރު ކުރެއްވިއެވެ.

ފަހަކަށް އައިސް ޔަހޫދީ ވަޒަންވެރީން ވަނީ އަލްމަސްޖިދުލް އަޤްޞާއަށް ވަދެ ޔަހޫދީ "ހަމަހިމޭން ނަމާދު" ކުރުމަށް އާދަކޮށްފައެވެ.

އިސްރާއީލުގެ މި ޗެނެލް ހާމަކުރިގޮތުގައި މިއީ ޔަހޫދީން އަޤްޞާ މިސްކިތަށް އަރައި އަޅުކަން ކުރަމުންދާ ދިޔުމަށް އިސްރާއީލުގެ ކޯޓަކުން ތާއީދު ކުރި ފުރަތަމަ ފަހަރެވެ. މި ކޯޓުގެ ޤާޟީގެ ޤަރާރުގައި އައިސްފައި ވެއެވެ. "ޙާޚާމު ލިބޯ ކޮންމެ ދުވަހަކު ޙަރަމަށް ދާދިޔުމުން އެއީ އޭނާއަށް ވަރަށް މުހިއްމު ކަމެއްކަން އެނގެއެވެ." އިސްރާއީލުގެ ކޯޓުގެ މި ޤަރާރަށް އިސްރާއީލުގެ ކަނާތުފިޔައިގެ ޤާނޫނީ ވަކީލުން މަރްޙަބާ ކިޔެއެވެ.

އިސްރާއީލުގެ ކަނާތުފިޔައިގެ ޔަހޫދީ ވަކީލުން ބުނާގޮތުގައި މުސްލިމުންނަށް އަޤްޞާ މިސްކިތަށް ބޭނުން އިރަކު ގޮސް ނަމާދުކޮށް ދަރުސްދީ މުޒާހަރާތައް ބޭއްވޭއިރު ޔަހޫދީންނަށް ހަމަހިމޭން ކަމުގައި ތިބިގެން އަޅުކަން ކުރުމުގެ މިނިވަންކަން ނެތުމަކީ ބުއްދި ޤަބޫލު ކުރާނެ ކަމެއް ނޫނެވެ.

އެމީހުން ބުންޏެވެ. ފުލުހުން މުސްލިމުންނަށް އެ ކަންކަން މަނާނުކޮށް ޔަހޫދީންނަށް އެމީހުންގެ ދީނީ އަޅުކަންތައް ކުރުން މަނާކުރުމުން ޔަހޫދީންނަކީ ބިރަށްޓެހި ބޭރު ބައެއްކަމުގެ އިޙްސާސް ކުރަން ވަނީ ޖެހިފައެވެ.

ފަލަސްޠީނުން ކުށްވެރިކުރޭ

ފަލަސްޠީނުން އިސްރާއީލުގެ ކޯޓުގެ މި ޤަރާރު ކުށްވެރިކޮށް ބުނިގޮތުގައި މިއީ ކަން އޮތްގޮތް އެއީ ޙަޤީޤަތް ކަމަށް ދެއްކުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތެކެވެ. ފަލަސްޠީނުގެ ބޮޑުވަޒީރު ނެރުއްވި ނޫސް ބަޔާނުގައި އެމެރިކާއިން ވެފައިވާ ޢަހްދުތަކަށް ވަފާތެރިވުމަށް ގޮވާލައްވާފައި ވެއެވެ. އޭނާ ވިދާޅުވިގޮތުގައި ފަލަސްޠީނުން ދަނީ މި މަސްއަލައިގައި އުރްދުނާއެކު ވިލަރެސް ކުރަމުންނެވެ. އިސްރާއީލުގެ މި އިޖްރާއާތަކީ މުސްލިމުންގެ އެންމެ ފުރަތަމަ ޤިބްލައިގެ ޙުރްމަތަށް އަރައިގަތުންކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ. މިކަމާ ދެކޮޅަށް އިސްލާމީ އުންމަތް ތެދުވުމަށްވެސް ފަލަސްޠީނުގެ ބޮޑުވަޒީރު ގޮވާލައްވާފައި ވެއެވެ.

ފަލަސްޠީނުގެ ޚާރިޖިއްޔާއިން މިކަމާ ބެހޭގޮތުން ނެރުނު ބަޔާން ބުނާގޮތުގައި މިއީ އަލްމަސްޖިދުލްއަޤްޞާއަށް ދެވުނު ޞަރީޙަ ޢުދްވާނެކެވެ. އަދި މިއީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމެއް ކަމަށް ވެސް ފަލަސްޠީނުގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ. މިއީ އެ ޙަރަންފުޅު ބައިކުރުމަށް ގޮވައިލާ ކަމެއް ކަމަށާއި މިއީ މެދުއިރުމަތީގައި ދީނީ ހަނގުރާމައެއް ފެށުމަށް ގޮވައިލުން ކަމަށް ވެސް މި ބަޔާނުގައި އައިސްފައި ވެއެވެ.

އަނެއްކޮޅުން ބަލާއިރު ޤުދްސުގެ ގަވަރނަރު ޢަދްނާން ޣައިޘު މިއަދު ދެއްވި ބަޔާނެއްގައި ބަރަކާތްތެރި އަލްމަސްޖިދުލްއަޤްޞާގެ ތާރީޚި އަދި ޤާނޫނީ ޙާލަތަށް އިޙްތިރާމު ކުރުމަށް އިސްރާއީލަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި 144 ދޯނަމުގެ އޭރިއާއެއް (އެއްހާސް އަކަ މީޓަރު) ލިބިފައިވާ މި ބިމަކީ މުސްލިމުންނަށް ޚާލިޞް ބިމެކެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ މުސްލިމުންގެ ޢަޤީދާގެ ބައެކެވެ. މި ކަމުގައި އެހެން ބަޔަކާ ޙިއްސާއެއް ނުކުރެވޭނެއެވެ.

ޙަމާސުން އިންޒާރެއް

މި މަސައްލައާ ބެހޭގޮތުން ޙަމާސުން ބުނިގޮތުގައި އިސްރާއީލުގެ ނުބައި މި ޤަރާރުގެ އަމާޒަކީ އަލްމަސްޖިދުލްއަޤްޞާ ބައިބައިކުރުމަށް ޓަކައި އެޅި ފިޔަވަޅެކެވެ. މިއީ ހުރިހާ ޤާނޫނުތަކަކާއި އިންސާނީ ޢުރްފުތަކުގެ ޙުރްމަތަށް އަރައިގަތުމެކެވެ. ޙަމާސްގެ ތަރްޖަމާނު ޙާޒިމު ޤާސިމު ވިދާޅުވިގޮތުގައި އިސްރާއީލުގެ މި ޤަރާރަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ޢުދްވާނީ ޙަމަލާތައް ދިނުމުގައި އިސްރާއީލުގެ ޖުޑީޝަރީ ބައިވެރިވެފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. މިއީ ޙަޤީޤަތްތަކާއި ވާޤިޢާތައް އޮޅުވައިލުމުގައި އިސްރާއީލުގެ ކޯޓުތައް އިސްރާއީލުގެ ސަރުކާރާއެކު މަސައްކަތް ކުރާކަމުގެ ހެއްކެކެވެ.

ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތުން ނެރުނު ބަޔާން ބުނާގޮތުގައި މި ޤަރާރުގެ ހުރިހާ ނަތީޖާތަކެއް އިސްރާއީލުން ތަޙައްމުލު ކުރަން ޖެހޭނެއެވެ.  އަޤްޞާއާ ކުޅުމަށް ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ހުރިހާ ބާރަކާއެކު ތެދުވާނެއެވެ. މި ބާޠިލު ޤަރާރަކީ ޖިހާދު ބުނިގޮތުގައި އަޤްޞާގެ ޤުދްސިއްޔަތަށާއި މުސްލިމުންގެ ޙައްޤުތަކަށް ދެވޭ ޢުދްވާނެކެވެ.

އުރްދުނުން ޤަރާރު ކުށްވެރިކުރޭ

އުރްދުން އިސްރާއީލުގެ ކޯޓުގެ މި ޤާރާރު ކުށްވެރިކޮށް އުރްދުންގެ ޚާރިޖިއްޔާއިން ބަޔާނެއް ނެރުނެވެ. މި ބަޔާން ބުންޏެވެ. "އިސްރާއީލުގެ ޤަރާރަކީ ބާޠިލު ޤަރާރެކެވެ. އެއަށް ޤާނޫނީ ސިފައެއް ލިބިގެން ނުވެއެވެ. އިސްރާއީލުން 1967ގައި ހިފާފައިވާ ބިންތަކުގެ މައްޗަށް އިސްރާއީލުގެ ޖުޑީޝަރީ ބާރެއް ނުހިނގާނެއެވެ. ޤުދްސަކީ ހިފާފައިވާ ބިމެކެވެ." އުރްދުންގެ ޚާރިޖިއްޔާގެ ތަރްޖަމާނު ހައިޘަމު އަބުލްފޫލް ވިދާޅުވިގޮތުގައި ސަލާމަތީ މަޖިލީހުގެ ހުރިހާ ޤަރާރުތަކެއް ވެސް ގޮވާލައިފާ ވަނީ ޤުދްސު ސަހަރުގެ ޙާލަތަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *