...

Support Us

އަފްޣާނިސްތާނާ ބެހޭ ވާހަކަދެއްކުންތައް ރަޝިޔާގެ ބެލުމުގެ ދަށުން ފަށަނީ

އަފްޣާނިސްތާނާ ބެހޭ ވާހަކަދެއްކުންތައް މިމަހުގެ 20ގައި ރަޝިޔާގެ ބެލުމުގެ ދަށުން ފެށުމަށް މޮސްކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އަފްޣާނިސްތާނަށް ރަޝިޔާގެ ރައީސް ޕޫޓިން ޢައްޔަން ކުރައްވާފައިވާ ޚާއްޞަ މަންދޫބު ވިދާޅުވެއްޖެއެވެ.

ރައީސް ޕޫޓިންގެ ޚާޢްޞަ މަންދޫބު ޒާމީރު ކަބްލޯފު މަކަމާ ބެހޭގޮތުން އިތުރު ތަފްޞީލުތަކެއް ނުދެއްވައެވެ.

މި ދިޔަ މާރިޗު މަހު މޮސްކޯއިން ވަނީ އަފްޣާނިސްތާނާ ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާއި ޕާކިސްތާނު ބައިވެރިވިއެވެ. މި ބައްދަލުވުމުން ނެރުނު ބަޔާނުގައި އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ފަރާތްތަކަށް ޞުލްޙަ ޤާއިމު ކުރުމަށް ޓަކައި އަވަސް އެއްބަސްވުމަކަށް ދިޔުމަށާއި ހަރުކަށި ޢަމަލުތައް ހުއްޓައިލުމަށް ގޮވާލައިފާ ވެއެވެ.

މި ބަޔާނުގައި ރަބީޢު މޫސުމާއި ހޫނު މޫސުމުގައި އެއްވެސް ޙަމަލާއެއް ނުދިނުމަށް ޠާލިބާނުންނަށް ގޮވާލައިފައިވެއެވެ. މި ބައްދަލުވުމާ ވިދިގެން އެމެރިކާއާއި ނޭޓޯގެ ބާރުތައް ވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އެކަމާ ވިދިގެން އަފްޣާން ސަރުކާރު ވެއްޓި ޠާލިބާނުން ވަނީ ވެރިކަމަށް އައިސްފައެވެ.

މި ހުސްވި މަހު ރައީސް ޕޫޓިން ވިދާޅުވިގޮތުގައި އެމެރިކާއާއި ނޭޓޯ ބާރުތައް އަފްޣާނިސްތާނުން ތެޅިފޮޅިގަނެގެން ފޭބިފޭބުމަކީ ފިލުންފަދަ ކަމެކެވެ.

ޓާސް ނޫސް އޭޖެންސީ ބުނާގޮތުގައި އަފްޣާނިސްތާނުގައި ޝާމިލު ޞުލްޙައެއް ޤާއިމުކުރުމަށް ޓަކައި ތަނަވަސްވެފައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ދުނިޔޭގެ ބާރުތަކަށް ރައީސް ޕޫޓިން ގޮވައިލެއްވިއެވެ.

ސެޕްޓެންބަރު 17ގައި ތަޖިކިސްތާނުގެ ވެރިރަށް ދޯޝެންބޭގައި ބޭއްވުނު "ޝަންހައި އެއްބާރުލުމުގެ ޖަމްޢިއްޔާ"ގެ ސަމިޓްގައި ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޖަމްޢިއްޔާއާ ކުރިމަތިވެފައިވާ އެންމެ ބޮޑު މަސްއަލައަކީ އެމެރިކާއާއި ނޭޓޯގެ ބާރުތައް އަފްޣާނިސްތާނުން ހޭބޯނުލަވާ ފޭބިފޭބުމުގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ބިޔަ ހިރާސްތައް ވަޒަންކުރުމަށް ބޭނުންވާ އެއްބައެއްވަންތަ އިސްތިރާތީޖީއެއް ބިނާ ކުރުމެވެ."

ރައީސް ޕޫޓިން ވިދާޅުވިގޮތުގައި އަފްޣާނިސްތާނު ދެކެމުންދާ އަވަސް ބަދަލުވުންތަކަކީ ޝަންހައި އެއްބާރުލުމުގެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ސަލާމަތީ މަޞްލަޙަތުތަކަށް ވަރަށް ބޮޑަށް އަސަރުފޯރުވާނެ ބަދަލުވުންތަކެކެވެ. އެއީ މި ޤައުމުތަކާ އަފްޣާނިސްތާނު ސަރަޙައްދީ ގޮތުން އިންވެފައި ވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *