Support Us

ސާފު ޗެމްޕިއަންޝިޕްގައި ގައުމީ ޓީމު ނޭޕާލާއެކު ކުޅުނު މެޗު ފެށުމުގެ ކުރިން ގައުމީ ސަލާމް ކުޅެމުންދިޔައިރު.... -ފޮޓޯ: ރައީސް އޮފީސް

ގައުމީ ސަލާމާއި ގައުމީ ދިދައަށް ކުރަނީ ކޮން އިޙުތިރާމެއް؟

ދިވެހި ގައުމީ ސަލާމާއި ގައުމީ ދިދައަށް އިޙުތިރާމް ކުރުމަށް އެކި ދުވަސް ވަރު އެކި ފެންވަރުގައި ތަފާތު މަސައްކަތް ވަނީ ކުރެވިފައެވެ. އެކި ރައީސުންގެ ޒަޢާމަތުގައި ކުރެވުނު އެކި ކަންކަން ލިޔެކިއުމުން ފެންނާން އެބަހުއްޓެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދިވެހި ރާއްޖޭގެ ގައުމީ ސަލާމުގެ ރާގު ހެއްދެވި ބޭފުޅަކީ ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ އަމަރަދޭވް އެވެ. ފުރަތަމަ އެރާގު ކުޅެވިގެން ދިޔައީ ސިފައިންގެ ބޭންޑްގައެވެ. އެއީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދޭއް، 1972 ވަނަ އަހަރު މާރިޗު މަހު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ. އެތައް ދުވަހަކަށް އެރާގުގެ އެރޭންޖްމަންޓަށް ބަދަލެއް ނައިސް ކުޅެވެމުން ދިޔައެވެ.

އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅު ސިފައިންގެ ބޭންޑް މާސްޓަރަކަށް ހުރި ޖަޕާނުގެ ރައްޔިތެއް ކަމުގައި ވާ ޔޫޕިތާ އިކަމާ، ގައުމީ ސަލާމުގެ މިއުޒިކްގެ އެރޭންޖްމަންޓަށް ބަދަލު ގެނައެވެ. އެމަސައްކަތް އޭނާ ކުރީ ޖަޕާނަށް ގޮސް ހުރެގެންނެވެ. އެރޭންޖްމަންޓް ބަދަލުކޮށް ރެކޯޑިންއެއް ހެދިއެވެ. އަދި ސިފައިންގެ ބޭންޑަށް އެކަން ދަސްކޮށްދީ މިއަދާ ހަމަ އަށް ވެސް ކުޅެމުން އަންނަނީ ހަމަ އެގޮތުގައެވެ.

ސަރުކާރުން ބާއްވާ ރަސްމީ ބޮޑެތި ޖަލްސާތަކުގައި ސިފައިންގެ ބޭންޑްގައި ގައުމީ ސަލާން ކުޅޭ ގޮތަށް ހަމަޖެހިގެން ދިޔައީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރުއެވެ. އެގޮތުން އެކަމާ ގުޅޭ ދެންނެވުމެއް 2001 ވަނަ އަހަރު ރައީސް އޮފީހުން ނެރުއްވިއެވެ. އަދި ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާތަކުގައި ގައުމީ ސަލާމުގެ ރާގުގެ އިތުރުން ޖަލްސާގެ ހާޒިރީން ގައުމީ ސަލާމް އަޑުހަރުކޮށް ކިޔުމުގެ އާދަ ފެށިގެން ދިޔައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2018 ޖުލައި 25 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އެ އަހަރުގެ އަށްވަނަ ނަންބަރު ދެންނެވުމުގައި ވާ ގޮތުން އެމް.އެން.ޑީއެފްގެ ބޭންޑްގައި ގައުމީ ސަލާމް ކުޅުމާއި އަދި ކިޔުމުގެ އުސޫލުތައް ވަނީ ބަޔާން ކޮށްފައެވެ. ރާގު ޖަލްސާގެ ހާޒިރީންނަށް އިއްވާއިރު ކަން ކުރާންވީ ގޮތް ވެސް ވަނީ ބަޔާން ކޮށްފައެވެ.

އެ އުސޫލުގެ އަށްވަނަ ނަންބަރުގައި ވަނީ ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އިންތިޒާމު ކުރާ އެއްވެސް ޖަލްސާއެއް ނުވަތަ ހަފްލާއެއްގައި  ގައުމީ ސަލާމް ކުޅޭނަމަ ނުވަތަ ގައުމީ ސަލާމް އިއްވޭނަމަ އެތަނަކަށް ހާޒިރުވެ ތިބޭ އެންމެން ތިރީގައިވާ ގޮތަށް އަމަލުކުރުމެވެ. އަދި ގައުމީ ސަލާމް ކުޅެމުންދާ ޖަލްސާއަށް  ނުވަތަ ހަފްލާއަށް ނުވަތަ ގައުމީ ސަލާމް ކިޔަމުންދާ ޖަލްސާއަށް ނުވަތަ ހަފްލާއަށް މީހުން ވަދެ ނުކުމެ ނުހެދުމެވެ.

ހ. ކޮޅަށް ތެދުވެ ހުއްޓި ހުރުން. މިގޮތަށް ހުންނަ އިރު އެމީހެއްގެ ކަނާތްތިލަ ހުޅުވާފައި މޭމަތީގައި ވާތްފަރާތުގައި ބަންޑުން ބޭއްވުން

ށ. ގައުމީ ސަލާމް ކިޔަން ހަމަޖެހިފައިވާނަމަ، ގައުމީ ސަލާމް ކިޔުން

ނ. ޔުނީފޯމް އެޅި މުއައްސަސާތަކުގެ މުވައްޒަފުން ކުރިނީސް (ސެލިއުޓް) ކުރުން

އެ ދެންނެވުން ނެރުމާ ގުޅިގެން، ކުރިން އަމަލު ކުރަމުން ދިޔަ 2001 ވަނަ އަހަރު އޯގަސްޓް 12 ވަނަ ދުވަހު ދެންނެވުން ބާތިލް ކުރެއްވިއެވެ.

ރާއްޖޭގެ ސްކޫލް ތަކުގައި ތެރެއިން ހެންވޭރު އިސްކޫލުގައި ކުރީގެ ވަޒީރު ހަމްދޫން ހަމީދުގެ ޕްރިންސިޕަލަކަށް ހުންނެވިއިރު 1990 ގެ އަހަރުތަކުގައި ސްކޫލްގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ސަލާމާ އިސްކޫލު ލަވަ ރާގާ އެކު ކުދިން ލައްވާ ކިއުއްވާ އަދި ކިޔަމުންދާ ވަގުތު ކަނާއަތް މޭގައި ބޭއްވުމުގެ އާދަ ހަރުލެއްވިއެވެ.

ރާއްޖޭގައި ގިނަ ބަޔަކު ލޯބި ކުރާ ކުޅިވަރު ފުޓްބޯޅަ ޒަމާނާ އެއްގޮތަށް ބަދަލު ކުރުމުގައި ގިނަ ބައެއްގެ ބުރަ މަސައްކަތް ހިމެނެއެވެ. ކޯޗުންނާއި ތަމްރީންދޭ އެކި މީހުންގެ ފަރާތުން މިހާރު އާދެވިފައިވާ ހިސާބަށް ދިވެހި ފުޓްބޯޅަ ގެނައުމުގައި ގައުމީ ސަލާމާ ގައުމީ ދިދަ ނުހަނު ބޮޑު ދައުރެއް ވަނީ އަދާކޮށްފައެވެ.

ދެހާހުގެ އަހަރުތައް ފެށުނު އިރު ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެނައުމަށް އެފް.އޭ.އެމުން ގެނައި ޓެކްނިކަލް ޑައިރެކްޓަރ، ރުމޭނިޔާގެ ޑރ. ވިކްޓަރ ސްޓެންކުލެސްކޫގެ އެހީގައި ފުޓްބޯޅައިގެ އަޚުލާގާ ކުޅުންތެރިގެ އުޅުމާއި ކާނާގެ ރަނގަޅު ޕްލޭނެއް އެކުލާވާ އެއަށް އަމަލުކުރާން ފެށުނެވެ. އިންފޮމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހިމް މަނިކު، އެފް.އޭ.އެމްގެ ރައީސަކަށް ހުންނެވިއިރުއެވެ. ފުރަތަމަ ފަހަރަށް ގައުމީ ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސް ފެށުމުގެ ކުރިންނާއި ނިމިގެން ގައުމީ ސަލާން ރާގާ އެކު ކުޅުންތެރިން ލައްވާ ކިއުއްވަން ފެއްޓިއެވެ. އެދުވަސްވަރު ބައެއް މީހުންނަށާއި ކުޅުންތެރިންނަށް އެކަން "ހެއްވާ" ކަމަކަށް ވެގެން ވާހަކަ ދައްކާ ހެދިއެވެ. އަދި ޓީމްގެ ބައެއް ކުޅުންތެރިން ގައުމީ ސަލާމް ނުކިޔާ ފޫކަހާ ހެދިއެވެ. ނަމަވެސް ވިކްޓަރ ވަނީ އެކަން އޭނާ ކުރާ މަގުސަދު ކުޅުންތެރިންނަށް ވިސްނައިދީފައެވެ. ގައުމަށްޓަކައި ހިތުގެ އަޑިން ލޯބި އުފެދޭނީ ގައުމީ ރޫޙު ހިތުގައި އޮވެގެންކަން އަބަދު އައީ ބުނެދެމުންނެވެ. އަދި ގައުމީ ސަލާމް ކިޔަމުންދާ ވަގުތު ކަނާއަތް މޭގެ ވާތްފަރާތުގައި ބޭއްވުމަށާއި އަޑު ހަރުކޮށް ކިޔުމަށް ބުނެދެމުން ދިޔައެވެ. އޭނާ އިސްވެ އެކަން ކުރަމުންނެވެ.

ދިވެހި ގައުމީ ފުޓްބޯޅަ ޓީމް ސާފު ޗެމްޕިއަން ޝިޕްގައި ނޭޕާލާއެކު މިދިޔަ ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފުޓްބޯޅަ މެޗު ބައްލަވާލައްވަން ދަނޑަށް ވަޑައިގެން އިއްޒަތްތެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަތެވެ. އަދި ހަމަ އެފަދައިން ކުރީގެ ރައީސުންގެ ތެރެއިން ފުޓްބޯޅައަށް ލޯބި އެންމެ ކުރައްވާ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެ ވަޑައިގަތެވެ. ގައުމީ ޓީމު އެރޭ ލައިގެން ތިބީ ވަރަށް ވެސް ގައުމީވަންތަ ޖާޒީއެކެވެ. ފެއްސާއި ރަތާއި ހުދުގެ ދިވެހި ދިދައިގެ ޖާޒީއެކެވެ. އެ ޖާޒީ ފެނިފައިވެސް އުފެދުނު ގައުމީ ޝުއޫރަކުން އުފަލުން ކަރުނަ އައެވެ. އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ހާސްފަށުން ޝުކުރިއްޔާއެވެ.

ރޮސްޓްރަމްގައި ރައީސުންނާއި ވަޒީރުންނާއި އިއްޒަތްތެރިން ތިއްބެވިއެވެ. ގައުމީ ޓީމުގެ ރަތް ޖާޒީގައެވެ. ދިވެހި ގައުމީ ސަލާމްގެ ރާގު ގަލޮޅު ދަނޑުގައި އިވެން ފަށަފިއެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އަޑު ހަރުކޮށް ގައުމީ ސަލާމް ކިޔަމުން ދިޔައީ ކުރިން ދެންނެވި ގޮތަށް ކަނާއަތް މޭގެ ވާތްފަރާތުގައި ބާއްވާލައިގެން ތިބެއެވެ. ރޮސްޓްރަމްގައި ތިއްބެވި ބޭފުޅުންގެ މަންޒަރެއް ޓީވީން އެވަގުތު ދައްކައިލިއެވެ. ރައީސް އާއި ނާއިބު ރައީސް އަދި ރައީސް މައުމޫންގެ ފަރާތްޕުޅުން ފެނުނީ ދިވެހި ރައްޔިތުން ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ. އެބޭފުޅުން ގައުމީ ސަލާމް އަޑު އައްސަވަން ތިއްބެވި ފަދައެވެ. ކަނާއަތްޕުޅު މޭގައި ޖައްސަވައިލެއްވުމެއް ނެތެވެ. ނަމަވެސް ފާހަގަވެގެން ދިޔައީ ސަސްޕެންޑްކޮށްފައި ހުރި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި މަހުލޫފުގެ ކުޑަ ދަރިކަނބަލުންނާއި އެފް.އޭ.އެމްގެ ރައީސް ބައްސާމާއި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު، ބުނެވި ދިޔަގޮތަށް މޭގައި އަތްޕުޅު ބާއްވާލައްވައިގެން ތިއްބެވި ތަނެވެ. އަދިވެސް ބައެއް އިއްޒަތްތެރިން އެގޮތަށް ތިއްބެވިއެވެ. ކުޅިބަލަން ވަދެ ތިބި ގިނަ މީހުންވެސް ތިބީ އެހެންނެވެ. މި މަންޒަރު ޓީވީން ފެނުނު އެތައް ހާސް ރައްޔިތުންނެއްގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދުނެވެ. ފޭސްބުކާ އެކި އޮޅިތަކުގައި ބަހުސް ކުރެވެން ފެށިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަށް ރައީސް އާއި ނައިބު ރައީސް ބޯނުލެންބެވި ކަމެވެ. ނަމޫނާ ދައްކަވަން ތިއްބެވި ވެރިންގެ ފަރާތުން ފެނުނު ހިތާމަވެރި މަންޒަރުންނެވެ. ގައުމީ ރޫހާއި ގައުމީ ލޯބި ފެނިގެން ނުދިޔަކަމެވެ.

ދިވެހި ގައުމީ ދިދައާ ބެހޭ ގޮތުން އަމަލުކުރާންވީ ގޮތް އަންގައިދޭ އެންމެ ދުވަސްވީ އެއް ލިއުމަކީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބިގެން ވަޒީރުލް އައުޒަމްގެ އޮފީހުން ނެރުނު 65/10 ނަންބަރު އިއުލާނެވެ. އެއީ "ދިވެހި ދިދަ އިސްލާހާއި އެކު" މި ސުރުހީގެ ދަށުން ޝާއިއު ކުރި އިއުލާނެކެވެ. އެ އިއުލާން ގައި ދިދައިގެ މިންތައް ވަރަށް ތަފްސީލުކޮށް ބުނެދީފައި އެވެ. އަދި ފޮތީގެ ބާވަތް ވެސް ވެއެވެ. ކަލަ ކޯޑް ވެސް ބުނެދީފައި ވެއެވެ. އަދި ދިދައިގެ ކުލަތަކުން ރަމްޒު ކޮށްދޭ ދޭހަ ވެސް ބުނެދީފައި ވެއެވެ.

ދިވެހި ދިދައާ ބެހޭ ގަވާއިދެއް ހަދާ ފުރަތަމަ ތަންފީޒު ކުރެވެން ފެށީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާޗް 19، 1989 ގައެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން، އެ ދުވަހު ސިފައިންގެ މައިމަރުކަޒުގައި ވެސް ދިވެހި ގައުމީ ދިދަ ނެގިފައެއް ނެތެވެ. ސަބަބަކީ އެ ދުވަސްވަރު ދިވެހި ގައުމީ ދިދަ ނަގަނީ ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ކަމަށް ވާތީ އެވެ.

އަލަށް އެކުލަވާލެވުނު ގަވާއިދުގައިވާ ގޮތުގެ މަތީން ޖުލައި 1، 1989 އިން ފެށިގެން ރައީސް އޮފީހާއި އެމްއެންޑީއެފްގެ ހެޑްކުއާޓަރު ހިމެނޭ ގޮތުން ފަސް ތަނެއްގައި 24 ގަޑިއިރު ދިވެހި ގައުމީ ދިދަ ނަގާފައި ހުންނަ ގޮތަށް ހަމަޖެއްސި އެވެ. ސަރުކާރުގެ އެހެން އިދާރާތަކުގައި ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ދިދަ ނަގާ ތިރި ކުރާ ގޮތަށެވެ.

ފަހުން އެ ގަވާއިދަށް ބަދަލު ގެނެސް އިސްލާހުކުރި އެވެ. އެގޮތުން ކޮންމެ ރަށެއްގެ ރަށު އޮފީހާ އަތޮޅު އޮފީހުގައި 24 ގަޑިއިރު ދިދަ ނަގާފައި ހުންނަ ގޮތަށް ހަމަޖެއްސި އެވެ. އަދި އޭގެ ފަހުން ސިޓީ ކައުންސިލްގެ އިދާރާތަކާއި އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި، ރަށު ކައުންސިލްތަކުގެ އިދާރާތައް އެ ލިސްޓުގައި ހިމެނި އެވެ. އަދި މީގެ އިތުރުން ވެސް ސަރުކާރުން ކަނޑައަޅާ ތަންތަނުގައި 24 ގަޑިއިރު ދިދަ ނެގިދާނެކަން ބަޔާން ކޮށްފައި ވެއެވެ.

ދިވެހި ގައުމީ ދިދައާ ބެހޭ އުސޫލެއް ހަދައި އެއަށް އަމަލު ކުރަމުން ދަނިކޮށް ސިޔާސީ ޕާޓީތައް އުފެދި އެ ޕާޓީތަކުގެ ހަރަކާތްތަކުގައި އަދި އެކި ކަންކަމުގައި ދިވެހި ދިދައަށް ވުރެ އުހަށް އަދި ބޮޑުކޮށް ޕާޓީގެ ދިދަ އުފުލާން ފެށުމުގެ އޮއިވަރެއް ފެށުނެވެ. މިކަން ވަރަށް ފުޅާވެގެން ގޮސް ރަށްރަށުގެ ރުއްތަކާއި ބޮޑެތި ގަސްގަހަށް ވެސް ޕާޓީ ދިދަ ނަގަން ފެށިއެވެ. ދިވެހި ދިދައަށް ވުރެ ޕާޓީ ދިދައިގެ ގަދަރާއި އިއްޒަތް ބައެއް މީހުންގެ ހިތުގައި ބޮޑުވެ ބިންވަޅު ނެގެން ފެށިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެކުލަވާލައި އަމަލު ކުރަމުން ދިޔަ ގަވާއިދަށް، ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ދިދައާ ބެހޭ ގޮތުން ހެދިފައި އޮތް ގަވާއިދަށް ބަދަލު ގެންނެވީ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. ކުރިން އަމަލު ކުރަމުން ދިޔަ ގަވާއިދަށް ބަދަލު ގެނައީ މާޗް 8، 2017 ގައެވެ. އެފަހަރު ގަވާއިދު އުސޫލަކަށް ބަދަލު ކުރެވުނެވެ. އިސްލާހު ކުރި އުސޫލުގެ އަށް ވަނަ ނަންބަރުގެ (ހ) ގައި ބުނަނީ މިހެންނެވެ:

"ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ގައުމީ ދިދައަށް ވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެން ނުވާނެ އެވެ."

މިކަން މިގޮތަށް އިއުލާނު ކުރެވިގެން ދިޔަކަމީ ދިވެހި ގައުމީ ދިދައިގެ ގަދަރާއި ހައިބަތަށް ލިބުނު ބޮޑު ކުރި އެރުމެކެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ފޯރީގައި ކެމްޕޭން ދުވަސްވަރު ޕާޓީތަކުގެ ދިދަ، ދިވެހި ގައުމީ ދިދައަށް ވުރެ އުސްކޮށް ނެގުމުން ފުލުހުން އެކަން ހުއްޓުވައި އަދި ދިދަތައް ބާލާފައި ވެއެވެ. މިކަން މިގޮތަށް އަތޮޅުތަކުގެ ރަށްތަކުގައާއި މާލޭގައި ވެސް ހިނގާފައި ވެއެވެ. މިކަމާ ގުޅިގެން ބައެއް ފަހަރު ހަމަނުޖެހުން ވެސް ހިނގާފައި ވެއެވެ.

މި އުސޫލަށް ނިމުމެއް އައީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގަ އެވެ. ފެބުރުއަރީ 17، 2019 އިގަ އެވެ. ހޯމް މިނިސްޓަރު ޝެއިޚު އިމްރާންގެ ވަޒީރުކަމުގައި އެ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނަކުންނެވެ. އެ ދުވަހު އެ އެސޫލު އުވާލާ ބާތިލު ކުރީއެވެ. އެއަށް ފަހު މިއަދާ އަހަމަށް އާ އުސޫލެއް ހަދައިފައެއް ނުވެއެވެ.

ދިވެހި ގައުމުގެ ޝަރަފުކަމުގައިވާ ދިވެހި ގައުމުގެ ދިދަ ކޮންމެ މީހަކު ބޭނުން ގޮތަކަށް ބޭނުން ކޮށްގެން ނުވާނެ އެވެ. ދިދައަށް އިހުތިރާމް ކުޑަނުވާ ގޮތަށް ކަންކަން ތަރުތީބުވާން ޖެހޭނެ އެވެ. ކުރިން އޮތް އުސޫލުގައިވާ ގޮތުން ސަރުކާރުގެ އިމާރާތް ތަކުގައި ދިވެހި ގައުމީ ދިދަ ނެގުމީ މަޖުބޫރު ކަމެކެވެ. ކޮންމެ ރަށެއްގައި ވެސް ހުންނަ ސަރުކާރުގެ އިމާރަތްތަކުގައި ދިވެހި ގައުމީ ދިދަ ނަގާފައި ހުންނާން ޖެހެއެވެ. ދިވެހި ގައުމީ ދިދައަށް އިރު އޮއްސުނު ޒަމާނެއް މާޒީގައި ދިޔަހެން ދެން ވެސް އެހެން ވުމުގެ ފުރުސަތު މިހާރު އެބައޮތެވެ. އަދި މިހާރު ސަރުކާރުގެ އިމާރާތެއްގައި ދިދަ ނުނެގުމަކުން ކުރެވޭނެ ކަމެއް ވެސް ނެތެވެ.

ގައުމީ ރޫހު އާލާ ކުރަމޭ ބުނެ ބަސްތަކެއް އިއްވިއަސް އެރޫހު ރައްޔިތުންގެ ހިތުގައި އާލާއެއް ނުވާނެ އެވެ. ދިވެހި ރައްޔިތުންނަށް ފޮނުވާލާ މެސެޖަކުން އަދި ދެއްވާ ތަގުރީރަކުން ގައުމީ ދުވަސް ފާހަގަކުރެވުނީ ކަމަކަށް ވެސް ނުވާނެ އެވެ.

ގައުމީ ދިދައާ ބެހޭ އުސޫލު އުވާލީ ވެސް ހަމަ ތިބެލާފައި ހެއްޔެވެ؟ ނޫނެކެވެ. ގައުމީ ސަލާމަށް ކުރާ ގަދަރު ކުޑަކުރަނީ ނޭނގި ތިބެހެއްޔެވެ؟ މިކަން މިކުރަނީ ވަރަށް ރޭވުން ތެރިކަމާއި ހިކުމަތްތެރިކަމާ އެކުގައެވެ. ކުރީ ސަރުކާރުން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ހަވަނަ ދުވަހު ފާހަގަ ކުރަމުން ގެންދިޔަ "ގައުމިއްޔަތު ދިރުވާ އާލާކުރާ ދުވަސް" ފާހަގަކުރުން ހުއްޓާލާ އެ ދުވަހުގައި ވެސް މިހާރު ވަނީ ސިއްކަ ޖަހާފައެވެ. މިކަން ކުރާ މީހުންގެ ހިތުގައި ގައުމީ ލޯބި އޮތީ ކިހާވަރަކަށްކަން ގައުމީ ލޯބި ހުރި ވިސްނާ ފިކުރުކުރާ ދިވެހި ރައްޔިތުންނަށް މިއަދު ވަޒަން ކުރެވޭނެއެވެ.

އެމީހުންގެ ހިތުގައި ގައުމީ ލޯބީގެ ކަންފުޅެއް ވެސް ނެތެވެ. ޕާޓީތަކުގެ ދިދަ، ދިވެހި ގައުމީ ދިދައަށް ވުރެ އުހަށް ނުނެގިގެން އެކަމުގެ އަދަބު ދިވެހި ދިދައަށް ދިންހެން މިހާރު މިވަނީ ގައުމީ ސަލާމަށް ވެސް ހަދަން ފަށައިފައެވެ. ހުރުމަތްވެސް ކަނޑާލަން ފަށައިފައެވެ. ގައުމީ ދިދައާއި ގައުމީ ސަލާން އެ "ވެރިންނަށް" ދިނީ ކޮން އަދަބެއް ހެއްޔެވެ؟ މިއަދު މިގައުމު ދިރި އޮތުމުން ގައުމުގެ ހައިބަތު ހުރި މަގާމު ތަކުގައި އެމީހުން އެތިބީ ރައްޔިތުން ލައްވާ ކުރިނީސް ކޮށްލަކޮށްލައެވެ. ހިތާ ދެކޮޅަށް ކުރުނީސް ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެމީހުންނަށް ޝަރަފާއި އިއްޒަތާއި ޖާހާއި މާލާއި ދީބު، ދީގެން މި ގައުމުގެ އަގާއި ގަދަރު ހިފައްޓައިދިނުމަށެވެ.

ބޭނުން ގޮތެއް ބޭނުން އިރަކު ދިވެހި ދިދަޔަށާއި ގައުމީ ސަލާމަށް ހަދާކަށް ނޫނެވެ. ދިވެހި ގައުމު ދެކެ ލޯބިވާ ދިވެހި ދަރިން އެކަމުގެ އަގު އަދާކުރާނެ ދުވަސް އަންނާނެއެވެ. އެދުވަހުން އެފަދަ މީހުން ނޯށުން ރޯނެއެވެ. ޖާހާއި މަގާމާއި ގަދަރު މުޅި އުމުރަށް އަތުން ބީވެގެން ދާނެއެވެ. އެކަނިއޮވެ ނުނިދި މުޅި އުމުރަށް ރޯން ވެސް ޖެހިދާނެއެވެ. ގައުމީ ދިދައާއި ގައުމީ ސަލާމަކީ ގަދަރު ދެވޭ ގައުމުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިމު ބަހާއެވެ. މިގޮތަށް ދިދައާއި ގައުމީ ސަލާމަށް ހިތުހުރި ގޮތެއް ހެދުމީ ގައުމަށް ގައްދާރުވުމެވެ.

މިއަދަކީ ގައުމީ ދުވަހެވެ. ސާފް ޗެމްޕިއަންޝިޕުގައި ކުރިއަށްދިއުމަށް ދިވެހި ގައުމީ ޓީމު ކޮންމެހެން މޮޅުވާންޖެހޭ މެޗު މިރޭ ކުޅޭނެއެވެ. ވާދަކުރަންޖެހޭނީ ފައިނަލްގެ ފުރުސަތު ރާއްޖެއަށްވުރެ ބޮޑުކޮށްފައިވާ ބަންގްލަދޭޝްއާއެވެ. މިއީ ދިވެހި ގައުމީ ޓީމަށް ދިވެހިން އެންމެ ބޮޑު ހިތްވަރެއް ދޭންވީ ރެއެވެ. މެޗު ފަށާނީ ގައުމީ ސަލާމުންނެވެ. މާތް ރަސްކަލާނގެ ހަޒުރަތަށް ދުއާކުރަމުން، ގައުމީ ސަލާމުން ހިތްވަރު ނެރެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ތިއޮތީނުންތޯ، ރއިބުރާހީމާ ނރއީސާ ރމައުމޫން ގައމީސަލާމަށް ބޯނުލެނބި އަސްލު އެނގި ހާމަ ވާން، ރޔާމީންގެ ވެރިކަމުގާ މޭގާ އަތް ބާއްވަން ނިންމީތީ ވެ އެކަން ނުކުރަން ރމައުމޫން އަޑީގާ ހުންނަވައިގެން ހިނގި ހަސަދައެއް ތީވެސް، ރޔާމީނަށް ނުހައްގުން ދޭ އަނިޔާތަކުގެ މުގުލުގާ ވެސް ހުންނެވީ ރމައުމޫންކަން އެގޭ އެއްމެނަށް ވެސް، ރޔާމީން އިސްލާމީއުސޫލްތައް ކުރިއަށް ނެރުއްވީތީ އެ އުސޫލްތައް ވެސް އެބައިމީހުން އެ ތިބެނީ މުގުރާލައިގެން ނޫންތޯ، އެކަންކަމުން ރައިއްޔަތުން ކުރިމަތީގާ އަގުވެއްޓެނީ ހަމަ އެމީހުން، ރޔާމީނެއްނޫން.

  2. ގައުމީ ސަލާމާއި ގައުމީ ދިދައަށް އިހުތިރާމު އޮންނާނީ ގައުމުގަ ގައުމެއްގެ ސިފަ އޮވެގެންތާ
    މިގައުމުގަ ގަވައިދާ ޚިލާފަށް މިއޮށް ލައްކައެއްހާ ބަންގާޅިން މިގައުމުން ފޮނުވައެއް ނުލެވުނު ގައުމެއްގަ ގައުމަކާ އަދި ދިދައެއްގެ ވާހކަަ ދެއާކޭނ

  3. މޭގަ އަތްނޭޅިޔަސް ރައީސް އަދި ނައިބުރައީސް ތިއްބެވީ އެޓެންޝަންގަ. މޭގައަތްއެޅީމަތަ ހަމަ އެކަނި އިޙުތިރާމްއަކީ؟ ރައީސް މައުމޫން އައްޕުޅު އެހެން ބެހެއްޓެވިނަމަވެސް ޤައުމީ ސަލާމް ވިދާޅުވި. ދެން ފުކެއްބޮޑުވަރު ބޮޑު އާޓިކަލް އެއްލިޔާއިރު ތިޔަވަރު ބޮޑު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *