...

Support Us

ކެޔޮނިރު ކޮލަމް: ހައިރާނެއް ނުވަމެވެ!

ރައީސް ސޯލިހުގެ ސަރުކާރުން ކޮންމެ ފަދަ ކަމެއް ކުރިއަސް ދިވެހީން ދެން ހައިރާނެއް ނުވާނެއެވެ. ހިންމަފުށީގެ މަޖުލިސް މެމްބަރަކަށް ރައީސް ސޯލިހުގެ ޅިޔަނަކު ހުންނެވިނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ކިތަންމެ ކައިރިޔަސް ހިންމަފުށީގައި އިންޓަނޭޝަނަލް އެއާޕޯޓެއްވެސް އަޅާފާނެއެވެ. ހައިރާންވާނެކަމެއް ނެތެވެ. ރައީސްގެ ޅިޔަނަކު ޕޮލިސް ކޮމިޝަނަރަކަށް ލައްވާފައި ދެންތިބި ހުރިހާ ޕޮލިސް އޮފިސަރުން މަޤާމުން ވަކިކުރައްވަފާނެއެވެ. ހައިރާންވާނެ ކަމެއް ނެތެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ހިޔާނާތުގެ ފައިސާ، ކަޅު ދަބަހެއްގައި ރައީސް ސޯލިހު އުފުއްލެވި ކަމަށް ކުރީގެ ވަޒީރު އަލީ ވަހީދު ވިދާޅުވުމުން، ފަހުން ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އިތުރު ޖަވާބެއް ރައީސް ސޯލިހުގެ ނުދެއްވިއެވެ. އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތުގެ ފައިސާގެ ތުހުމަތު ކުރެވޭ ޔޫތު މިނިސްޓަރަކީ ރައީސް ސޯލިހުގެ އަރިސް ބޭފުޅެކެވެ. އެހެންވެ މުސާރަ ލިބޭ ގޮތަށް މަގާމުން ސަސްޕެންޑްކޮށްފައި ހުއްޓަސް، ގައުމީ ޓީމުގެ މެޗު ބައްލަވަން ދެ ބޭފުޅުން އެކުގައި ރޮސްޓްރަމްގައި ތިއްބަވަން އޯކޭއެވެ. ހައިރާން ނުވައްޗެވެ.

ހިޔާނާތުގެ މޭސްތިރި އަދީބު ހުންނެވީ މެޝިނަކުން ނޫނީ ނޭވާ ނުލެވޭ ކަމަށް ބުނުމުން ޖަލުން ދޫކޮށްލައި، ގޭގެ ފިނި ކޮޓަރީގައެވެ. ނަމަކަށް ގޭބަންދުގައެވެ. މި ސަރުކާރުގެ ދައުރު ނިމޭއިރުވެސް އެމައްސަލައެއް ނުބެލޭނެއެވެ. ހައިރާން ނުވައްޗެވެ.

މި ސަރުކާރުން ކުރާ ހުރިހާ ކަމެއް އޮންނަނީ ބޮޑު ސިއްރުގެ ގޮތުގައެވެ. އުތުރު ތިލަފަޅު އިންޑިއާ އަށް ވިއްކާލައިފިއެވެ. އެގްރީމެންޓަކީ ޤައުމީ ސަލާމަތުގެ ސިއްރެކެވެ. ރާއްޖޭގެ ކަނޑުތަކުގެ ޗާޓް ކުރެހުމުގެ މަސައްކަތް އިންޑިއާއަށް ދީފިއެވެ. އެވެސް ޤައުމީ ސަލާމަތުގެ ސިއްރެކެވެ. ހަނިމާދޫ އާއި އައްޑޫ ސިޓީވެސް އިންޑިއާ އަށް ދީފިއެވެ. އެވެސް ޤައުމީ ސަލާމަތުގެ ސިއްރެކެވެ. ސިއްރުކުރާ އެގްރީމެންޓުތައް ފަޅާއެރުމުންވެސް ވާކަމެއް ނެތެވެ. ހިކްމަތްތެރި ކަމަކީ ލަދުހަޔާތް ކުޑަވުން ކަމުގައިވެ ނިމިއްޖެއެވެ! ހައިރާން ނުވައްޗެވެ.

އެކި ބްރޭންޑުގެ ކޮވިޑް ވެކްސިން ގަތުމަށް އެތައް މިލިއަނެއް ހަރަދުކޮށް، އަދިއަދަށް ވެސް އެހުރިހާ ވެކްސިނެއް ރާއްޖެއަށް ނުލިބި އޮތްއިރުވެސް އެވެކްސިންތައް ގަތުމަށް ހެދި އެގްރީމެންޓުތައް ވަނީ ސަރުކާރުން ސިއްރުކޮށްފައެވެ. މީޑިއާއިން އެ އެގްރިމެންޓު ލީކުކޮށްލިއިރު ފެންނަން އޮތް ހަޤީގަތަކީ އެވެކްސިންތައް ގަނެފައިވަނީ ވަރަށް ބޮޑު އަގުގައި ކަމެވެ. މާކެޓް އަގަށް ވުރެވެސް ބޮޑު އަގުގައެވެ. ވެންޓިލޭޓަރު ތަކަށް ވީގޮތަށެވެ. ހައިރާން ނުވައްޗެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އ.ދގެ އާއްމު މަޖުލީހުގެ މިދައުރުގެ ރައީސްކަން އިންޑިއާއިން ގަނެދީފިއެވެ! އެކަމުގެ އަގެއްގެ ގޮތުން ޝާހިދު އެމެރިކާގެ ނިއުޔޯކްގެ ނަސާރާ ފައްޅިއެއްގެ އަޅުކަމުގައި ބައިވެރިވެއްޖެއެވެ. ދިވެހީންނަށް ފޮޓޯ ފެނިއްޖެއެވެ. ރައީސް ސޯލިހްގެ "ކޯލިޝަން" ސަރުކާރުގައި ތިބި ދީނާއި ޤައުމަށްޓަކައި ފިދާވި ބޮތޮލުންނަށް މިކަން މާބޮޑު ކަމަކަށް ނުވިއެވެ. ހައިރާންވާނެ ކަމެއް ނެތެވެ.

އެހެން ވާހަކައެކެވެ. ދިވެހި ރާއްޖޭގެ ހާރިޖީ ވަޒީރު ދިވެހި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ސޯލިހު ދައުވަތު ދެއްވައިފި އެވެ. ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ. ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. އަޖައިބުވީ ކަމަކީ އ.ދގެ އާއްމު މަޖުލީހުގެ ރައީސް މާލޭގައި ހުންނަވަނީ ފޮރިން މިނިސްޓަރުގެ ގޭގައި ކަމުންނެވެ. އެ ގޭ ކައިރީގައި ބަޑި ހިފައިގެން ސިފައިން އެބަތިއްބެވެ. ހައިރާން ނުވައްޗެވެ.

ދިފާއީ ވަޒީރު މާރިޔާ އަކީ ދިވެހި ޤައުމު ވިއްކުމުގެ މާކެޓިން ޑިރެކްޓަރެވެ. ޝާހިދަކީ ދިވެހި ޤައުމު ވިއްކުމުގެ މެނޭޖިން ޑިރެކްޓަރެވެ. ރައީސް ސޯލިހަކީ ދިވެހި ޤައުމު ވިއްކުމުގެ ޗެއާމަނެވެ. ފިނޭންސް މިނިސްޓަރ އަމީރަކީ ދިވެހި ޤައުމު ވިއްކުމުގެ ހަޒާންދާރެވެ. އިކޮނޮމިކް މިނިސްޓަރަކީ ދިވެހި ޤައުމު ވިއްކުމުގެ އިގްތިސޯދީ ލަފާދޭ ކޮންސަލްޓެންޓެވެ. މިހުރިހާ މީހުންނަކީ ދިވެހީން މޮޔަހައްދާފަ، ދިވެހި ޤައުމު ޒިންދާބާދު ކިޔާފަ، އަމިއްލަ ޖީބު ފުރަން މަސައްކަތް ކުރާ އިންޑިއާގެ ޑަބަލް އެޖެންޓުންނެވެ. ހައިރާން ނުވައްޗެވެ.

ކެބިނެޓުގެ ހުރިހާ ވަޒީރުންގެ ތެރެއިން އެންމެ ބޯބޮޑީ ޕްލޭނިން މިނިސްޓަރ އަސްލަމެވެ. ހުރިހާ ކަމެއްގެ އަޑީގައި ހުރެމެ މީޑިއާގެ މާބޮޑު ސަމާލުކަމަކަށް ނައިސް ހުންނާތީ އެވެ. އެންމެން ދައްކަނީ ފައްޔާޒާއި އަމީރާއި ޝާހިދާއި މާރިޔާގެ ވާހަކައެވެ. އަސްލަމަކީ ހުރި މީހެއް ކަމެއްވެސް ގިނަ ފަހަރަށް ނޭނގެއެވެ. ހުރިހާ ބިޔަ މަޝްރޫއެއް އިންޑިއާއަށް ހިބައިން ދީފައި ޕްލޭނިން މިނިސްޓަރ ހިކުމަތު އަމަލީގެ ބޭނުން ހިފައިގެން ފިލާފައެވެ. ހައިރާނެއް ނުވަމެވެ.

މިޤައުމުގައި ޕްރޮސެކިއުޓަރ ޖެނެރަލަކާއި އެޓާނީ ޖެނެރަލެއް ވެސް ހުރެއެވެ. ވަކާލާތު ކުރަނީ ދިވެހީންގެ ހައްޤުގައި ކަމެއް އިންޑިއާގެ ހައްޤުގައި ކަމެއް، ނުވަތަ، ހަމައެކަނި ސަރުކާރުގެ ހައްޤުގައި ކަމެއް ނޭނގެއެވެ.

އިސްލާމިކް މިނިސްޓަރަކީ ހޯމް މިނިސްޓަރ ޝެއިޙުލް އިސްލާމުލް އިމްރާންގެ ދީނީ ޕާޓީގެ މެމްބަރެކެވެ. މިޤައުމު ލާދީނިއްޔަތަށް ވިކި، ދީނީ މީހުން ހަރުކަށި ކަމުގެ ބެޖު ޖަހައި ގިއްގަޅުވާލައި، ސްކޫލްތަކުން ދީން ބޭރުކުރާއިރު ޝެއްހުލް އިސްލާމް އާއި ޝެއިހުގެ ޕާޓީ އޮތީ ހައިބަނޭޝަންގައި ނިދާފައެވެ.

އެޑިކޭޝަން މިނިސްޓަރަކީ ކުޑަކުދިން ގަޔަށް އެކްސްޕެރިމެންޓަލް ވެކްސީން ޖެހުމަށް މަޖުބޫރުކޮށް، ވެކްސިން ނުުޖަހާ މައިންބަފައިންނަށް ސްކޫލަށް ނުވަދެވޭ ގޮތަށް ހަަދައި، ސްކޫލް އެސެމްބްލީގައި މިއުޒިކާއި ނާޗަރަންގީ ފަތުރަމުންދާ ބޭފުޅެކެވެ. ރައީސް ސޯލިހު މާ ތާއީދު ކުރައްވާ މިނިސްޓަރެކެވެ.

މިޤައުމުގެ ހެލްތު މިނިސްޓަރުކަން ކެރަފާ ނަސީމް ކުރައްވަފާނެއޭ މީގެ ފަސް އަހަރު ކުރީން ބުނުމުން ބައެއް މީހުން ހައިރާން ވެދާނެއެވެ. ނަމަވެސް ހިކުމަތްތެރި ރައީސްގެ ދައުރުގައި އެކަން ބަދަލުކޮށްފިއެވެ. މިހާރު ހައިރާނެއް ނުވާނެއެވެ. ކޮވިޑް ބައްޔަށް އޮތް ފަރުވާ އަކީ ޑްރަގޭ ބުންޏަސް ދިވެހީން ޖެހޭނީ ޤަބޫލް ކުރާށެވެ. ދިވެހީން މިތިބީ ފަހެ ކީއްވެފައިބާވައެވެ! ހައިރާން ނުވާށެވެ.

މިމޮޅު ވެރިކަން މިކުރަނީ ރައީސް ސޯލިހުގެ ހިކްމަތުން އެކަންޏެއް ނޫނެވެ. ވަރަށް "ބިޔަ" ކޯލިޝަނެއްގެ ބެލުމުގެ ދަށުންނެވެ. ކޯލިޝަންގެ އެންމެ މުހިއްމު ދެ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީ އާއި އެމެ.އާރް.އެމް އަށް ރައްޔިތުންގެ ވޯޓަކުން މަޖުލީހުގެ އެންމެ ގޮނޑިއެއް ނުލިބުނަސް ހިކުމަތްތެރި ރައީސްގެ ސަރުކާރުގެ ދެބައިކުޅަ އެއްބައި އޮތީ މި ދެޕާޓީގެ މުށުތެރޭގައެވެ. ޖުމްހޫރީ ޕާޓީއަކީވެސް ދިވެހީންގެ މެދުގައި މާބޮޑު މަޤްބޫލް ކަމެއް ނެތަސް ކޮންމެ ފަހަރަކު ކޯލިޝަނުން ބައެއް އަޅައި އެޕާޓީގެ މަސްލަހަތު ކުރިއަރުވާ ޕާޓީއެކެވެ. ދޭތެރެއަކުން ރަށެއް ނޫނީ ހުޅުމާލެއިން ބިމެއް ދަމައިގަނެއެވެ. ދެން އެންމެ އަވަހަށް ފެންނާނީ ކާނަލް ނާޒިމްގެ އާ ޕާޓީވެސް މި ސަރުކާރުގެ ކޯލިޝަނަށް ލާތަނެވެ. ނާޒިމުގެ އާއިލީ ވިޔަފާރި އާރް.ސީ.އެން.ސީ އަށްވެސް ސަރުކާރުގެ އެތައް ޕްރޮޖެކްޓެއް ދަނީ އޮހެމުންނެވެ. ހުޅުމާލެއިން ފްލެޓް އަޅާ ބިންވެސް ދީފިއެވެ. މިއީ ހަމަ ރައްޔިތުންނަށް ޓަކައި ކުރާ ވެރި ކަމެއް ބާވައެވެ؟ ނުވަތަ ވަކި ބަޔަކު ވެރިކަމުގައި ތިބެން ރާވާ ކުޅިބައެއް ބާވައެވެ؟ ހައިރާނެއް ފަހެ ނުވާނެހެއްޔެވެ؟

އިހަކަށް ދުވަހު ބަޔަކު ރަޖިސްޓްރީ ކުރަން އުޅުނު "ކަރިޝްމާ" ޕާޓީގެ ނަން އިލެކްޝަންސް އިންފާހެއް ނުކޮށްދިނެވެ. އެނަން ފާސް ނުވުމުން ދެން އެޕާޓީއަށް ކިޔަން ހުށަހެޅި ނަމަކީ ދިވެހި "އިޙްލާސްތެރި" ޕާޓީ އެވެ. އެނަން ވެސް ފާހެއް ނުވިއެވެ. އިޙްލާސްތެރިކަމަކީ ސިޔާސީ ޕާޓީއަކުން ފެންނާނެ ސިފައެއް ނޫންކަން އިލެކްޝަންސް ކޮމިޝަނަށް އެނގުނުކަންވެސް ރަނގަޅެވެ.

އިހްލާސްތެރި ވާނީ ވެސް އަދި ހިކްމަތްތެރި ވާނީ ވެސް ރައީސް ސޯލިހު އެކަންޏެވެ. އެބޭފުޅާ މިގެންނަވާ ހުރިހާ ތަރައްޤީ އަކަށް ހަރަދު ކުރައްވަނީ ކަޅުދަބަހުގައި އުފުއްލެވި ފައިސާއިންނޭ ވިދާޅުވިއަސް ދިވެހީންނަށް ޖެހޭނީ އާދެ އާދެއޭ ކިޔަކިޔާ ތިބޭށެވެ. "ބިޔަ" ކޯލިޝަން އާއި އިންޑިއާ އޮތި އެބޭފުޅާގެ ފަހަތުގައި ވިއްޔާއެވެ. ހައިރާނެއްނުވަމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.