...

Support Us

ބޮޑުތަކުރުފާނުގެ ގަނޑުވަރު ނުވަތަ އުތީމު ގަނޑުވަރު

ބޮޑުތަކުރުފާނު ކުރެއްވި "ވަޒީރުކަން"

މިއީ، ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ރާއްޖޭގައި ކުރެއްވި "ވަޒީރު"ކަމުގެ ވާހަކައެވެ. ބައެއް މީހުން ބުނާ އަޑު އިވެއެވެ. ޣާޒީ ރަދުން ރާއްޖޭގައި ރަސްކަމެއް ނުކުރައްވައެވެ. ކުރެއްވީ ވަޒީރުކަމެކެވެ.

ތެދެކެވެ. އުތީމު މަހާރަދުން ވަޒީރުކަން ކުރެއްވި ކަމަށް ބެލިދާނެއެވެ. އެކަމަކު އެ ރަދުން ޚަޠީބުކަމާއި ރަސްކަން ވެސް ނުކުރައްވާ ކަމަކަށް ނުވާނެއެވެ.

އުތީމު ޚަތީބު މުޙައްމަދު ތަކުރުފާނާއި އެ މަނިކުފާނުގެ ބައިވެރިން ޕޯޗުގީޒުން ބަލިކުރައްވައި ދިވެހިރާއްޖެ މިނިވަން ކުރެއްވީ ހިޖުރައިން 01 ރަބީޢުލްއައްވަލް 981 ގައެވެ. އެއީ މީލާދީން 2 ޖުލައި 1573 އެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށްފަހު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ އުތީމު މަހާރަދުން ކަމަށް ދިވެހިތާރީޚުގައި ލިޔެފައިވެއެވެ. އަދި ކީރިތި މަހާރަދުންގެ ރަސްކަން ފެށުނު ތާރީޚެއްގެ ގޮތުގައި ބަލަނީ އެ ދުވަހެވެ. ނަމަވެސް ދިވެހީންގެ ތެރޭގައި ކިޔެމުން އަންނަ ބޮޑުތަކުރުފާނުގެ ވާހަކައާއިި މިފަދަ ކަންކަން ތާރީޚުގައި ހިނގާފައިވާ ގޮތަށާއި އާދަކާދައަށް ބަލާއިރު އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަލާނެ ފުރުސަތު ބޮޑެވެ. ވާހަކައިގައި ކިޔަނީ ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަންކޮށް ދެއްވުމަށްފަހު ރާއްޖޭގެ ރަސްކަމުގެ ކަންތައްތައް ބަލަހައްޓަވައި ދައުލަތް ހިންގަވައި ދެއްވުމުގައި ހުންނެވި ކަމަށެވެ. އެހެން ހުންނެވުމަށްފަހު ރަސްކަމަށް އިސްވެވަޑައި ގެންނެވީ އަލްއައްލާމާ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އަލްމަޙްލީ (ވާދޫ ދަންނަކަލޭފާނު) ރާއްޖެ ވަޑައިގެން ބޮޑުތަކުރުފާނަށް ބައިއަތު ހިއްޕެވުމުން ކަމަށެވެ.

އެހެން ކަމަށް ވާނަމަ ރަސްކަމަށް އިސްވެވަޑައި ނުގެން އެ ހުންނެވި ދުވަސްވަރު ދައުލަތުގެ ވާޒީރެއްގެ ގޮތުގައި ނުވަތަ ރަންނަބަނޑޭރި ކަމުގެ މަޤާމުގައި ނުވަތަ އިސް ނޫނީ ބޮޑު ވަޒީރުގެ ގޮތުގައި ވެސް ހުންނަވާފާނެއެވެ. އަދި ދައުލަތުން ފޮނުއްވާ ފަތްކޮޅުތަކާއި ލިޔުންތަކުގައި އެ މަނިކުފާނުގެ މަގާމެއްގެ ގޮތުގައި ވަޒީރުކަން ޖައްސަވާފައި އޮވެދާނެއެވެ. އަދި ބޭރުގެ ލިޔުންތެރިންގެ ލިޔުންތަކާއި ބޭރުގެ ރަސްމީ ލިޔުންތަކުގައި ވެސް އެ މޭރުމުން ލިޔެފައި ހުރެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެއީ އެކަން ހިނގާފައި އޮވެދާނެ ގޮތެކެވެ. ނަމަވެސް އުތީމު މަހާރަދުންނަކީ ރާއްޖޭގެ ރަސްކަން ނުކުރައްވާ ބޭފުޅެއް ކަމަކަށް ނުވާނެއެވެ.

ބޮޑުތަކުރުފާނުގެ ޒިޔާރަތް

އަޅުގަނޑު ހިތުން މައްސަލައަކީ އުތީމު މަހާރަދުން ރާއްޖެ މިނިވަންކޮށް ދެއްވުމަށްފަހު ރަސްކަމަށް އިސްވެވަޑައިނުގެން ދައުލަތް ހިންގެވީ ކިހާ ދުވަހަކުކަން ތާރީޚުން ނޭނގުމެވެ. އެ ދުވަސްތަކަށްފަހު ރަސްކަމަށް އިސްވެވަޑައިގެން ސީދާ ތާރީޚު އެނގޭނެ ގޮތެއް ވެސް ނެތްކަމެވެ. ދައުލަތް ހިންގަވަން ފެއްޓެވި ތާރީޚުން ފެށިގެން އުތީމު މަހާރަދުންގެ ރަސްކަމުގެ މުއްދަތު ބަލަނީ އެހެންވެއެވެ. އެކަމުގައި އެ ނޫން ގޮތެއް ވެސް ހަގީގަތުގައި ނެތީއެވެ. ވާދޫ ދަންނަކަލޭފާނު ރާއްޖެ ވަޑައިގެންނެވި ތާރީޚެއް އަދި ޣާޒީ ރަދުންނަށް ބައިއަތު ހިއްޕެވި ތާރީޚެއް ވެސް އެނގެން ނެތީއެވެ. އެނގެނީ ހިޖުރައިން 981 ރަބީޢުލް އައްވަލް 1 ވަނަ ދުވަހު، މީލާދީން 1573 ޖުލައި 2 ވަނަ ދުވަހު އަނިޔާވެރި ޕޯޗްގީޒުންގެ އިސްޢުމާރީ އަޅުވެތިކަމުން ޣާޒީ ރަދުން މި ޤައުމު މިނިވަންކޮށް ދެއްވިކަމެވެ. އެ ދުވަހުން ފެށިގެން ޤައުމުގެ ހުންގާނުގައި ހުންނެވީ ޣާޒީ ރަދުންކަމެވެ. އެ ރަދުން އަވަހާރަވީ ހިޖުރައިން 993 ވަނަ އަހަރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހުކަމެވެ. އެއީ މީލާދީން 1585 ވަނަ އަހަރު އޮގަސްޓް 18 ވަނަ ދުވަސްކަމެވެ. އެ ރަދުންނަށްވުރެ ތިން އަހަރު ކުރިން ވާދޫ ދަންނަކަލޭފާނު އަވަހާރަވީކަމެވެ. އެހެންވީމާ ތާރީޚު ލިޔުންތެރިން އެ ދުވަސްތައް ގުނާފައިވަނީ ރަސްކަމުގެ މުއްދަތުގެ ތެރޭގައެވެ. އެއީ 11 އަހަރާއި ހަ މަސް ދުވަހެވެ.

ޣާޒީ މަހާރަދުން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިކަމަށް ދިވެހި ތާރީޚު ހެކިދޭއިރު، އެކަމަށް ދަލީލުކުރާ އެތައް ހެއްކެއް އެބަހުއްޓެވެ. ރަދުންގެ އަނބިއަނބި ކަނބަލުންނަށް "ރަނި"ކަމުގެ ދަރަޖަ ދެވިފައިވުމާއި އުތީމު މަހާރަދުންނަށްފަހު ދަރިކަލުން އިބްރާހީމް ކަލާފާނަށް ދިވެހި ރަސްކަން ވާރުތަވެވަޑައިގަތުން ހިމެނެއެވެ. އަދި ރަސްކަމުގެ ކޮލީ ނަންފުޅެއް އޮތުމާއި އެ ރަދުންގެ ރަސްކަމުގައި ދައުލަތެއް ބިނާކުރައްވައި ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި ޤައުމުގައި އޭރު އޮތް ހަމަޖެހުމާއި ސުލުހަވެރިކަމާއި ދިވެހިރައްޔިތުންގެ ހިތްތަކުގައި އެ ރަދުންނަށް ޓަކައި ބިންވަޅުނެގިފައިވާ މަތިވެރި ލޯބި މި ކަމުގެ ދަލީލަކަށް ފުދެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *