...

Support Us

ކުރު ވާހަކަ: ބިހަކާއި މުގުރައިފައި ހުރި ކޮފީއޮށްކޮޅަކާއި އަލުއްވެއްގެ ވާހަކަ

ދަރިއަކު ބައްޕަ ކައިރިއަށް އައިސް ޝަކުވާކުރިއެވެ. "އަޅުގަނޑުގެ ހަޔާތް މުޅިން ބަރުބާދު ވެއްޖެއެވެ." އޭނާ ބައްޕަ ގާތު ބުންޏެވެ. "އަޅުގަނޑު ކުރާ ހުރިހާ ކަމެއްގައި ވެސް ކުރިމަތިލާން ޖެހެނީ ނާކާމިޔާބާއެވެ. މިހާރު ދިރިހުންނަން ވެސް ފޫހިވެއްޖެއެވެ." ދަރިފުޅުގެ ޝަކުވާގެ ވާހަކަތައް ބަންޑުން ޖަހައިލިއެވެ.

ބައްޕައަކީ ކައްކާއަކަން ވުމުން، ބައްޕަގެ ހަޔާތުގެ ތަޖުރިބާ ގުޅިފައި އޮތީ ބަދިގެއާއެވެ. އެހެންވެ، ދަރިފުޅަށް ހަޔާތުން ފިލާވަޅެއް ދަސްކޮށްދިނުމުގެ ގޮތުން، ދަރިފުޅު ގޮވައިގެން ބަދިގެއަށް ވަނެވެ. އަދި، ތިން ތެއްޔަށް ފެންއަޅައި އުނދުންމައްޗަށް އުއްޖެވެ. ދެން ފުރަތަމަ ތެއްޔަށް ކުކުޅު ބިހެއް ލިއެވެ. ދެން ދެވަނަ ތެއްޔަށް އަލުއްވެއް ލިޔެވެ. އަދި ތިން ވަނަ ތެއްޔަށް މުގުރާފައި ހުރި ކޮފީ އޮށްކޮޅެއް އެޅިއެވެ.

އެއްވެސް އެއްޗެއް ނުބުނެ، ދަރިފުޅު ގާތު ކުޑައިރުކޮޅަކަށް މަޑު ޖައްސާލައިގެން އިންނަން ބައްޕަ އެދުނެވެ. ދެން، ފަނަރަވަރަކަށް މިނިޓު ފަހުން ބައްޕަ ގޮސް ތިން އުނދުންވެސް ނިއްވައިލިއެވެ. އެއަށް ފަހު، ދެ ތަށްޓާއި ޖޯޑެއް ހިފައިގެން ގޮސް، އެއް ތަށްޓަށް އަލުވި ލިޔެއެވެ. އަދި އަނެއް ތަށްޓަށް ބިސް ލިޔެވެ. ދެން މިހާރު ރީއްޗަށް ގިރިފައި ހުރި ކޮފީ، ޖޯޑަށް އެޅިއެވެ. އަދި ތަބަކަކަށް ލައިގެން މި ތަކެތި ދަރިފުޅު ކައިރިއަށް ގެންދިޔައެވެ.

ދެން ދަރިފުޅާ މުޚާތަބުކޮށް ބައްޕަ ބުންޏެވެ. މި ތިން އެއްޗާ މެދު ނިކަން ފިކުރުކޮށްލަބަލާށެވެ. މި ބިހާއި އަލުއްވާއި އަދި މުގުރާފައި ހުރި ކޮފީ އޮށް ކޮޅާމެދު އެއީ ތިން މީހުން ކަމުގައި ބަލާށެވެ. މިއިން ކޮންމެ މީހަކާ ވެސް ހަޔާތުގެ އިމްތިހާނަކާ ކުރިމަތިވީއެވެ. ފަނަރަ މިނިޓު ވަންދެން ހަޔާތުގެ އަލިފާނުގައި ޖެހުނު ކަމުގައި ދެކޭށެވެ. ދެން، މިއިން ކޮންމެ އެއްޗަކަށް ވެފައި އޮތް ގޮތް ނިކަން ދެކިބަލާށެވެ. އެންމެ ވަރުގަދަކޮށް އޮތްހެން ހީވި ހަރު އަލުވި، އެ އޮތީ މިހާރު މުޅިން މަޑުވެފައެވެ. މީހަކަށް ފައިން އަރައި ޗިސްކޮށްލެވޭ ފަދަ ހާލަތެއްގައެވެ. ދެން، ކުކުޅު ބިހަށް ބަލާލަބަލާށެވެ! ހަޔާތުގެ އަލިފާނުގައި ޖެހުމުގެ ކުރިން ވަރަށް ނާޒުކު ސިފައެއްގައި އޮތް އެއްޗެކެވެ. ވެއްޓިއްޖެ ނަމަ، ތަޅައިގެން ދިޔައީހެވެ. ނަމަވެސް، ހަޔާތުގެ އަލިފާނުގައި ހިނދުކޮޅަކު އޮތުމަށް ފަހު، މިހާރު އެއޮތީ ހަރުވެފައެވެ. ކުރީގައި ވަރަށް ނާޒުކުކޮށް އޮތް އެތި މިހާރު އެއޮތީ ހަރުވެ، ހަޔާތުގެ އަލިފާން ތަހައްމުލުކޮށްފައެވެ. ދެން ނިކަން މުގުރާފައި ހުރި ކޮފީ އޮށްކޮޅަށް ބަލާލަ ބަލާށެވެ. އެއާ ކުރިމަތިވި ހަޔާތުގެ އަލިފާނުގެ އެހީގައި އޭގެ ހާލަތު ކުރިއަށް ވުރެ ރަނގަޅު ހާލަތަކަށް މިހާރު އެއޮތީ ބަދަލުވެފައެވެ. އޭގެ ވަސް ޖެހުމުން، އޭގައި ތުންފަތް ބީހިލުވާނޭ އެދުން މީހުންގެ ކިބައިގައި ޖައްސުވައެވެ."

އަދިވެސް ބައްޕަ ދަރިފުޅު ގާތު ބުންޏެވެ. ހަޔާތުގައި އެކިއެކި އިމްތިހާނުތަކާ އެންމެ ވެސް ކުރިމަތިލާން ޖެހެއެވެ. ނަމަވެސް، އެފަދަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހުމުން، އެކި މީހުން ކަންތައް ކުރަނީ އެކި ގޮތްގޮތަށެވެ. އެއްބަޔަކު އަލުވި ފަދައިންނެވެ. އެ އިމްތިހާނުގެ ސަބަބުން ބަލިކަށިވެ، ހަޔާތުގެ މަގުގައި ފިޔަވަޅު އަޅަމުން ކުރިއަށް ދެވޭ ގޮތް ނުވެ ޗިސްވެ ދެއެވެ. އަނެއް ބަޔަކު ކަންތައް ކުރަނީ ބިސް ފަދައިންނެވެ. ހަޔާތުގެ އިމްތިހާނު ބަރުދާސްތުކޮށް ހަރުވެ ދެއެވެ. އަދި، މަދު ބަޔަކު، ހަޔާތުގެ އިމްތިހާނު އޭނާއަށް ފައިދާ ހުރި އެއްޗެއްގެ ގޮތުގައި ދެކެ، އޭނާގެ ހާލަތު އިހުގެ ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުކޮށްލައެވެ. އެހެންވީމާ ދަރިފުޅު އަތްމަތީގައި ތިން ޚިޔާރު އެބައޮތެވެ. ދަރިފުޅު ބޭނުމިއްޔާ އަލުއްވަކަށްވެ، ހަޔާތުގެ އިމްތިހާނުގައި ޖެހި ޗިސްޗިސްވެދާންވީއެވެ. ނޫންނަމަ ބިހަކަށްވެ، ހަޔާތުގެ އިމްތިހާނު ބަރުދާސްތުކުރުމުގައި ހުރެ ހަރު ހިލައަކަށްވާންވީއެވެ. ނޫން ނަމަ މުގުރާފައި ހުރި ކޮފީ އޮށްތަށް ފަދައިން، ހަޔާތުގެ އިމްތިހާނާ ހީނލާފައި ކުރިމަތިލައި، އެ އިމްތިހާނުގެ އެހީގައި ދަރިފުޅުގެ ހާލަތު ރަނގަޅު ހާލަތަކަށް ބަދަލުކޮށްލަންވީއެވެ. އަބަދުވެސް ހަނދާންކުރަން ޖެހެނީ މާޒީއަކީ ބަދަލު ނުކުރެވޭނޭ ކަމެވެ. ނަމަވެސް، ދަރިފުޅުގެ މުސްތަގުބަލު އޮންނާނޭ ގޮތް ކަނޑައަޅާލުމުގެ އެކަށޭނަކަން ދަރިފުޅަށް ލިބިގެންވެއެވެ. ހަޔާތުގައި ދިމާވާ ދަތިތަކަކީ، އިމްތިހާނުތަކަކީ، ދަރިފުޅުގެ މުސްތަގުބަލު ކަނޑައަޅާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެންވީމާ އެކަންކަމާ ހިނިތުންވުމާއެކު ކުރިމަތިލައި، އެކަންކަމުގެ އެހީގައި މުސްތަގުބަލު ކުރަހާލަން މަސައްކަތްކުރާށެވެ."

(ތަރުޖަމާއެއް)