Support Us

ކުރު ވާހަކަ: ބޮޑު މަސް ގަތުމުން، ވަގުތީ ގޮތުން ނަމަވެސް ދޮށީގެ ބޭނުން ނެތިދެއެވެ.

ނޫސް ކިޔައިލުމަށް ފަހު، މަނިކުބެއަށް ކަންތައްތައް އޮޅޭ ގޮތް ވެއްޖެއެވެ. އެތައް ބައެއް އެޖަރީމާއެއްގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ޖަރީމާއެއްގެ މުގުލުގައި ހުރި ކަމަށް ބެލެވޭ ބޮޑު މުޖުރިމަކީ މާ ބޮޑު މުޖުރިމެއް ނޫން ކަމަށް ވަނީ ކިހެނެއްކަން، މަނިކުބެއަކަށް ވިސްނޭ ގޮތެއް ނުވިއެވެ. ހުރިހާ ފައިސާއެއް ނެގި ކަމަށް ވެސް ވަނީ އޭނައެވެ. ހުރިހާ ފައިސާއެއް ބެހިކަމަށް ވެސް ވަނީ އޭނައެވެ. އެކަމަށް އިންކާރުކުރިއިރު އޭނާ ކުށްވެރިވާ ކަމަށް ބެލެވުނެވެ. ނަމަވެސް އެކަމަށް އިއުތިރާފުވުމުން، އޭނާގެ ކުށަކީ މާ ބޮޑު ކުށެއް ކަމަކަށް ނުވެއެވެ. ހަމަ ވިސްނާވިސްނާ ވެސް، މަނިކުބޭގެ އުނި ސިކުނޑިއަކަށް މިކަން ފަހުމެއް ނުވިއެވެ. މަނިކުބެ ދެކޭ ގޮތުގައި މިފަދަ އޮޅުންބޮޅުން ބޮޑެތި ގާނޫނީ މައްސަލަތައް މަނިކުބޭމެން ފަދަ ނުކިޔަވާ ތިބޭ، އަދި ހަމަ ގައިމުވެސް، ގާނޫނީ ގޮތުން 'ފަސްކުޅަނދު މަދު’، 'އުންސުރު ހަމަނުވާ' ސިކުނޑި އުނި މީހުންނަށް ނޭނގުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. އެހެންވެ، މަނިކުބޭ ނިންމީ ރަށުގެ ބޮޑު ފަަލްސަފާވެރި ހިކުމަތްތެރި ހަކީމު ސަގަންގޫރު މަނިކުފާނު އަރިހަށް ގޮސް މިކަން ސާފުކޮށްލުމަށެވެ.

ސަގަންގޫރު މަނިކުފާނު އަރިހަށް ގޮސް، މަނިކުބޭ މައްސަލަ ހުށަހެޅިއެވެ. އަދި، އެކަން މަނިކުބޭމެން ފަދަ، ސިކުނޑި އުނި މީހުންނަށް ވިސްނޭ ފަދަ ގޮތެއްގައި އޮޅުންފިލުވައި ދެއްވުމަށް ސަގަންގޫރު ހަކީމު އަރިހުގައި އެދި ދެންނެވިއެވެ. ހަކީމު ސަގަންގޫރު މަނިކުފާނު ވިދާޅުވީ އެކަން ސާފުކޮށްދެވިދާނެކަމެވެ. އިބްތިދާއީ މަދަރުސާ ކުދިންނަށް އެއްޗެހި އޮޅުންފިލުވާދޭ ގޮތަށް، ކުޑަ ވާހަކައަކުން އެކަން އޮޅުންފިލާފާނޭކަމެވެ. ދެން، ސަގަންގޫރު ހަކީމު ޖުހާގެ ވާހަކައެއް ވިދާޅުވެ ދެއްވިއެވެ.

އެއްދުވަހަކު، ޖުހާއަށް އިވުނީ ފަނޑިޔާރުގޭގެ ހުސްވެފައިވާ އިސް ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރަކު އިސްކުރައްވަން ވެގެން، ރަސްގެފާނު މީހަކު ހޯއްދަވަން މަސައްކަތް ކުރައްވާ އަޑެވެ. އަދި މިކަމަށް އިސްކުރައްވާނީ ކަމަށް އެކަށީގެންވާ ގާބިލު މީހެއްކަމާއި އަދި ވަރަށް ވެސް ހިތްތިރި މީހެއްކަން ވެސް ރަސްގެފާނު ވިދާޅުވިއެވެ. ރަސްގެފާނުގެ ރާއްޖޭގައި ކަމަށް ގާބިލު މީހުން ވަރަށް ވެސް ގިނައެވެ. ރަސްގެފާނާއި ނުވަތަ ރަސްގެފާނުގެ އަރިސް ބޭކަލަކާއި ނުވަތަ ރަސްގެފާނުގެ އަރިސް ބޭކަލެއްގެ އަރިސް ބޭކަލަކަށް ވުމުން، ކަންކަމުގެ ހުނަރާއި ކުޅަދާނަކަމާއި އެކަށޭނަކަން، ރަސްގެފާނުގެ ރާއްޖޭގެ މީހުންނަށް ލިބޭތީއެވެ. މީގެ އިތުރުން، އިންތިޚާބީ މަގާމަކާ ކުރިމަތިލައި، އެ މަގާމަށް އިންތިޚާބު ނުވުމުން، އެމީހަކީ ރަސްގެފާނާ ގުޅޭ މީހެއް ނަމަ، ރަސްގެފާނުގެ އަރިސް ވަޒީރުކަމުގެ ވަޒީފާ ލިބުމުގެ ހުނަރުވެރިކަމާއި ގާބިލުކަން ވެސް ލިބެއެވެ. ނަމަވެސް، މިފަދަ ގާބިލު މީހުން ހޯދަން ފަސޭހަ ވިޔަސް، ރަސްގެފާނުގެ ރާއްޖޭގައި ހިތްތިރި މީހުން ވަރަށް ވެސް މަދެވެ. އެހެންވެ، މިފަދަ މީހަކު ހޯދުންވީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ. ކޮންމެއަކަސް މިފަދަ މީހަކު ހޯދުމުގެ ބުރަ މަސްއޫލިއްޔަތު ހަވާލުކޮށްފައި ރަށުތެރެއަށް ކަމުވޮށިވެގެންވާ ބަޔަކު ރަސްގެފާނު ފޮނުއްވިއެވެ.

ކޮންމެވެސް ގޮތަކުން މިކަން ޖުހާއަށް އެނގިއްޖެއެވެ. ދެން، ބާވެ، ހަސްވެފައި އޮތް ގަމީހަކާއި މުންޑެން އަނދެގެން، ކޮނޑުމައްޗަށް މަސް ދޮށްޓެއް ލައިގެން، މައި މަގުގެ އެއް ފަރާތެއްގައި ޖުހާ އިށީނދެލައިގެން އިނެވެ. އެހެން އިންދައި، ފަނޑިޔާރުކަމަށް އިސްކުރާނޭ މީހަކު ހޯދުމުގެ މަސައްކަތުގައި ނިކުމެ އުޅުއްވި ބޭކަލުންގެ ލޯފުޅުގައި ޖުހާ އަޅައިގަތެވެ. ދެން، ޖުހާ ގާތަށް އެބޭކަލުން ވަޑައިގެން، ޖުހާއަކީ ކާކުތޯ، ޖުހާއާ ސުއާލުކުރައްވައި އޮޅުންފިލުއްވިއެވެ. އެބޭކަލުންނަށް ޖުހާ ދެންނެވިއެވެ. ތިމަންނާއަކީ ގާނޫނު ކިޔަވައިގެން ހުރި މީހެކެވެ. ނަމަވެސް، ތިމަންނާއަކީ ވަރަށް އާދައިގެ ނިކަމެތި ދަރިފަސްކޮޅަކުން އައިސް ހުރި މީހެއް ވެސް މެއެވެ. ތިމަންގެ ބައްޕައާއި ކާފައިންނާއި މާފައިންނާއި ބާފާނުއިންނާއި މާފާނުއިންނާއި، މިއެންމެންނަކީ ވެސް ހަމަ މަސްވެރިންނެވެ. ސާފު ސީދާކޮށް، ދަންނަވާ ނަމަ، ތިމަންނާއަކީ ހަތަރު ފުށް މަސްވެރި، އާދައިގެ ނިކަމެތި މީހެކެވެ. ގާނޫނީ ގޮތުން ކިޔަވައި، މިހާރު ތިމަން މޮޅުވެފައި ހުރިކަމުގައި ވިޔަސް، ތިމަންނާގެ އަސްލަކީ ކޮބައިކަން ތިމަން އަބަދުވެސް ހަނދާން ކުރަން ބޭނުންވެއެވެ. އެހެންވެ، ތިމަން، ދާ ކޮންމެ ތާކަށް ވެސް، އަބަދުވެސް، ތިމަން ދަނީ ބައްޕަމެންގެ މަސް ދޮށްޓެއް ހިފައިގެންނެވެ. އަދި، ބައެއް ފަހަރު، މަގުމަތީ އެންމެންނަށް ފެންނަހެން، މިހެން، މަސްދޮށި ހިފައިގެން، އިންނަމެވެ. ތިމަންގެ އަސްލު އޮޅި، ބޮޑާވެ، ކިބުރުވެރިވެ، ބޮޑުވެނުގަތުން އެދިގެންނެވެ.

ކޮންމެ އަކަސް، ޖުހާގެ ވާހަކަތައް އައްސަވައި، ފަނޑިޔާރުކަމުގެ މަގާމަށް އިސްކުރަން މީހަކު ހޯދައްވަން ނިކުމެ އުޅުއްވި ބޭކަލުން ވަރަށް ވެސް އުފާކުރެއްވިއެވެ. އަދި، ރަސްގެފާނުގެ ދަރުބާރަށް އެނބުރި ވަޑައިގެން، ރަސްގެފާނު އަރިހުގައި ޖުހާގެ ވާހަކަ ދެންނެވިއެވެ. ދެން، ރަސްގެފާނު ވެސް އުފާފުޅުކުރައްވައި، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ޖުހާ އިސްކުރެއްވިއެވެ.

ދުވަސްކޮޅެއް ފަހުން، ފަނޑިޔާރަކު ހޯއްދަވަން ނުކުމެ އުޅުއްވި ކަމުވޮށިގެންވީ ބޭކަލުންގެ ތެރެއިން ބޭކަލަކު ފަނޑިޔާރުގެއަށް ޒިޔާރަތްކުރެއްވިއެވެ. އަދި އިއްޒަތްތެރި ޖުހާ ފަނޑިޔާރުމަނިކުފާނާ ބައްދަލުކުރެއްވިއެވެ. ފަނޑިޔާރުމަނިކުފާނު ޖުހާ އަތްޕުޅުގައި އަބަދުވެސް އޮންނަކަމަށް ވިދާޅުވި މަސް ދޮށި ފެންނަން ނެތުމުން، މަސް ދޮށި ކޮބައިތޯ އެ ބޭކަލަކު ފަނޑިޔާރުމަނިކުފާނު ޖުހާ އަރިހު ދެންނެވިއެވެ. ޖަވާބުގައި ފަނޑިޔާރުމަނިކުފާނު ޖުހާ ވިދާޅުވިއެވެ. "ބުޅީގައި މަސްގަނެ، ބޭނުންވި މަސް މިހާރު ބޭނިއްޖެއެވެ. އެހެންވެ، ދޮށީގެ އިތުރު ބޭނުމެއް މިވަގުތަކު ނެތެވެ."

މިވާހަކަ ވިދާޅުވެ ދެއްވުމަށް ފަހު، ހަކީމު ސަގަންގޫރު މަނިކުބޭއަށް އިތުރަށް އޮޅުންފިލުއްވައި ދެއްވިއެވެ. ގާނޫނަކީ، ބައެއް ހާލަތްތަކުގައި، މޮޑޭ ފުއްގަނޑެއް ކަހަލަ އެއްޗެކެވެ. އެއިން ތައްޔާރުކުރެވޭނީ ކޮން ކަހަލަ ހެދިކާއެއްކަން، މަނިކުބޭމެން ކަހަލަ، ގާނޫނުގެ އިލްމާ ބީރައްޓެހި ސިކުނޑިތަކަކަށް ނުވިސްނޭއެވެ. އެކަން ވިސްނިވަޑައިގަންނަވާނީ ގާނޫނީ ފުއްގަނޑު މޮޑޭ ގާނޫނީ މާހިރުންނަށެވެ. އަދި، އަނެއް ބައި ހާލަތެއްގައި، ގާނޫނަކީ ބަކަރި ހުއިހައްޕާ މީހާގެ އަތުގައި އޮންނަ ލަޓިބުރިއެއް ކަހަލަ އެއްޗެއް ވެސް މެއެވެ. އޭނާ ބޭނުންވެއްޖެ ހިނދެއްގައި އޭނާ ބޭނުން ބަކައްޓެއްގައި އެއިން ތަޅާނެއެވެ. އަދި، އޭނާ ވެއްޓެންދާ ނަމަ، އަސާއެއްގެ ގޮތުގައި އެ ބޭނުންކޮށް، އޭގެ އެހީ ހޯދައި، އޭގައި ލެނގިލައިގެން، އަނގަވަތަށް ބިމަށް ނުވެއްޓި، ކޮޅަށް ހުރެވޭތޯ ބަލާނެއެވެ.

އަދި ވެސް އެއް ކަމެއްގެ ވާހަކަ އެބަ އޮތެވެ. ހަކީމު ސަގަންގޫރު މަނިކުވާނު ވިދާޅުވިއެވެ. ހުރިހާ ހާލަތެއްގައި ގާނޫނުތަކުގެ ބޭނުމަކީ އަދުލު އިިންސާފު ގާއިމުކުރުމެއް ނޫނެވެ. މަނިކުބޭމެން އަބަދު ވެސް މިކަން ހަނދާން ކުރަންވާނެއެވެ. ތަނެއްގައި ވައްކަމާއި ފަސާދަ އާންމުވެ، ހުއްޖަތް ދެއްކުން ބިނާވަނީ ދަޖަލުސީގެ ހަމައަށް ކަމަށް ވާއިރު، އެބަހީ، ދައްޖާލުން ގެންގުޅޭ ދޮގުހެދުމާއި އޮޅުވާލުމުގެ ހަމައަށް ކަމަށް ވާއިރު، ގާނޫނުގެ ބޭނުން އޮންނަނީ ޖުހާގެ ދޮށްޓާއި ބަކަރި ހުއިހައްޕާ މީހާގެ ލަޓިބުރިީގެ ބޭނުން އޮންނަ ގޮތަށެވެ. ބައެއް ފަހަރު، އެ ބޭނުންކުރާނީ، ބާރު އޮންނަ ބައެއް ބޭނުންވާ މަހެއް ބާނާށެވެ. އަނެއް ބައެއް ފަހަރު އެފަދަ ބާރު އޮންނަ ބައެއްގެ ސަލާމަތްކަން ހޯދާށެވެ. އެހެންވެ، ތިބުނާ މައްސަލަވެސް މި ހަމައިގެން މަތިން ވިސްނާލުމުން، ގާނޫނީ ގޮތުން އުންސުރު ހަމަވެ، ހަމަ، ނަހަމަ އަށްވާ ގޮތާއި، އަދި އުންސުރު ހަމަނުވެ، ނަހަމަ، ހަމައަށްވާ ގޮތް ވެސް، މަނިކުބޭމެން ފަދަ ސިކުނޑި އުނި މީހުންނަށް ވެސް ސާފުވެދާނެއެވެ. މުގުލުގައި ހުރި މުޖުރިމު ދޮށްޓެއް ގޮތަށް ބޭނުން ކުރެވި، ބޭނުންވާ މަސް ބޭނުނީ ކަމަށް ވެސް ވެދާނެއެވެ. އަދި، އޭނާގެ ކުށް މާ ބޮޑު ކުށަކަށް ނުވުން، ހުއިހައްޕާ ކަލޭގެ ގެންގުޅޭ ލަޓިބުރި ފަދައިން، ބަޔަކު މީހުން ބިމުގައި ކޮޅަށް ހުންނަން އެހީތެރިވާ ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް، މަނިކުބޭ ހަނދާންކުރަން ޖެހޭނީ، މިއީ ގާނޫނީ ފުށްގަނޑެއް ކަމެވެ. އެ މޮޑުމުގެ ބާރާއި މޮޑުމުގެ ކުޅަދާނަކަން މަނިކުބެޔަށް ލިބިގެންނުވެއެވެ. އެހެންވެ، ބުއްދިވެރި ގޮތަކީ، މައްސަލަ ވިސްނުނަސް ނުވަތަ ނުވިސްނުނަސް، އެއީ ތިމަންނައާ ނުބެހޭ ކަމެކޭ ބުނެ އެކަމާ މާ ބޮޑަށް ފިކުރުނުކުރުމެވެ.

ސަގަންގޫރު ހަކީމު މަނިކުފާނުގެ ހިކުމަތުގެ ކޯރުން ފޮދުވަރެއް ދިރުވާލައި، ހިތްހަމަޖައްސާލައިގެން މަނިކުބޭ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.