...

Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 12

ބާރަ ވަނަ ސިފަ: އޯގާތެރިކަން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްސިފައަކީ އޯގާތެރިކަމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުށްޓެވެ.

އޯގާތެރިކަމަކީ ކޮބާހެއްޔެވެ؟

އެއީ ކަންކަމުގައި މަޑުމައިތިރިކަން އިޚްތިޔާރުކުރުވެ. އަދި ގަދަފަދަ ކަމާއި ހަރުކަށިކަމާއި ރުޅިވެރިކަމާއި ނަފުރަތުން ދުރުހެލިވެހުރުމެވެ.

މާތް الله سبحانه وتعالى އަމުރުކުރެއްވާފައި ވަނީ އެންމެހާ ކަންތައްތަކުގައި މަޑުމައިތިރިކަން އިޚްތިޔާރު ކުރުމަށެވެ. الله سبحانه وتعالى، وحيކުރެއްވިއެވެ. خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ މާނައީ:- ކަލޭގެފާނު عفوކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! (އަލްއަޢުރާފު 199)

މާތް الله وحي ކުރެއްވިއެވެ. وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ (މާނައީ:- ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوةތެރި ކަމެއްވާ މީހާ، ގާތް رحمةތެރިޔަކު ފަދައިން ވެދާނެތެވެ. (سورة فصلت: 34.)

މާތް ނައްބިޔާގެ އޯގާތެރިކަމުގެ ނަމޫނާ

ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުންގެ ތެރެއިން އެންމެ އޯގާތެރިކަން ބޮޑު އަދި އެންމެ މަޑުމައިތިރި ސާހިބާއެވެ. މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު ރިވާކުރައްވަތެވެ. އެއްފަހަރަކު ތިމަންނަ ކީރިތި ރަސޫލާ ﷺ އަރިހުގައި ހިނގަމުން ދިޔައީމެވެ. އެކަލޭގެފާނު ހުންނެވީ ބޯކޮށް އަތްދުތް ލާފައި އޮތް ނަޖުރާންކަރައިގެ ރިދާކޮޅެއް ތުރުކުރައްވައިގެންނެވެ. މަގުމަތީން ރަށްފުށުގެ މީހަކު އަރާހަމަވިއެވެ. އަދި އެމީހާ އެކަލޭގެފާނުންގެ ރިދާކޮޅުގައި ހިފާ ލަކިޖެހިލެއް ބާރުކަމުން އޭގެ ނިޝާން އެކަލޭގެފާނުގެ ކަނދުރާފުޅުން ތިމަންނަ ދުށީމެވެ. ދެން އެމީހާ ހަރުކަށި އިބާރާތްތަކުން ބުންޏެވެ. އެއީ މުޙައްމަދެވެ! ތިބާގެ އަތުގައިވާ ﷲގެ މުދަލުން ތިމަންނައަށް ދިނުމަށް އަމުރުކުރާށެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ހިނިފުޅުވެޑުވިއެވެ. އަދި އެމީހާއަށް އެހީދެއްވުމަށް އަމުރުކުރެއްވިއެވެ. (ބުޚާރީ 3149)

ކީރިތި ރަސޫލާ ﷺ ގެ ދުވަސްވަރު ރަށްފުށު މީހަކު އިސްލާމްވިއެވެ. އަދި مسجد النبوى އަށް ނަމާދުކުރުމަށް ދިޔައެވެ. އަދި މިސްކިތަށް ވަދެ މިސްކިތުގެ އެއް ފަރާތަކަށް ޖެހިހުރެ ކުޑަކަމުދާން ފަށައިގަތެވެ. އެތަން ފެނުމުން اصحابބޭކަލުން އޭނާއާ ދިމާލަށް ދާންފެށިއެވެ. އަދި އެކަން މަނާކުރުމަށްޓަކައި އޭނާއަށް ހުރަސްއެޅުއްވުމަށް ގަސްތުކުރެއްވިއެވެ. އެ ހިނދު ކީރިތި ރަސޫލާ ﷺ އެބޭކަލުނަށް އޭނާއާ ކުރިމަތި ނުލުމަށާއި އަދި އޭނާ ދޫކޮށްލުމަށް އެންގެވިއެވެ. އަދި އޭނާ ކުޑަކަމު ގޮސް ނިމެންދެން އިންތިޒާރު ކުރައްވައިގެން ހުންނެވިއެވެ. އަދި އޭނާއަށް އޯގާތެރިކަމާއެކު އޮޅުންފިލުއްވާ ދެއްވަމުން حديث ކުރެއްވިއެވެ. ހަމަ ކަށަވަރުން މިފަދަ މިސްކިތަކީ اللهގެ ގެކޮޅެވެ. އަދި އެތަންތަނަކީ الله އަށް އަޅުކަންކުރުމަށް ޚާއްސަ ކުރެވިފައިވާ ތަންތަނެވެ. އެފަދަ ތަނަކަށް ކުޑަކަމުން ދިއުމަށް ނުވަތަ ބޮޑުކަމުން ދިއުމަށް ހުއްދަވެގެން ނުވެއެވެ. ދެން އޭނާ ކުޑަކަމުން ދިޔަތަނަށް ފެންބާލިދީއެއް އޮއްސާލުމަށް އެންގެވިއެވެ. އަދި اصحاب ބޭކަލުންނަށް حديث ކުރެއްވިއެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވިފައި ވަނީ ލުއިފަސޭހަ ގޮތް އިޚްތިޔާރު ކުރެއްވުމަށެވެ. އަދި ތިމަންކަލޭގެފާނު އުނދަގޫ ގޮތް މެދުވެރި ކުރުމަކަށް ނުފޮނުއްވައެވެ. އެވާހަކަ އަޑުއިވިފައި އެމީހާވީ އުފަލުން ބުންޏެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! ތިމަންނާއަށާއި މުހައްމަދުގެފާނާ ދެމީހުންނަށް އެކަނި ރަޙުމުކުރައްވާނދޭވެ! އަދި ތިމަންނަމެން ދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް ރަޙުމު ނުކުރައްވާނދޭވެ! އެހިނދު އެކަލޭގެފާނު އެމީހާއަށް حديث ކުރެއްވިއެވެ. ތިބާ ހަނި ތިޔަކުރީ ތަނަވަސްވެގެންވާ އެއްޗެކެވެ. (ބުޚާރީ 6128- 6025، މުސްލިމް 284)

ކީރިތި ރަސޫލާ ﷺ ގެ މަޑުމައިތިރި ކަމާމެދު މާތް الله ރުއްސުންލެއްވި عائشة ގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވެއެވެ. وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: «مَا خُيِّر رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ بَيْنَ أَمْرينِ إِلَّا أَخَذَ أَيْسَرَهُمَا مَا لَم يَكُنْ إِثماً، فَإِنْ كَانَ إِثْماً كَانَ أَبْعَدَ النَّاسِ مِنْهُ، وَمَا انْتَقَمَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِنَفْسِهِ إِلَّا أَنْ تُنتَهَكَ حُرْمَةُ اللَّهِ، فَيَنْتَقِمُ لِلَّهِ بِهَا» މާތް اللَّه ރުއްސުންލެއްވި عائشة ގެ ފާނުންގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ އަށް ދެކަމެއްގެ މައްޗަށް އިޚްތިޔާރު ދެވޭ ކޮންމެ ކަމެއްގައި އަމަލު ކުރެއްވެވީ ފާފައެއްނުވާނަމަ އެކަމުގައި އޮތް އެންމެ ލުއިފަސޭހަ ގޮތަށެވެ. ފަހެ ފާފައެއްވާ ކަމެއް ނަމަ އެކަލޭގެފާނު އެފަދަ ކަންތަކާ މެދު އެންމެ ބޮޑަށް ދުރުހެލިވެގެންވެއެވެ. އަދި ކީރިތި ރަސޫލާ ﷺ ދުވަހަކުވެސް އެކަލޭގެފާނުގެ އަމިއްލަ ނަފްސަށްޓަކައި މީހެއްގެ ކިބައިން ބަދަލު ނުހިއްޕަވައެވެ. ނަމަވެސް اللَّه ހަރާމް ކުރައްވައިފައިވާ ކަމެއްގެ މައްޗަށް މީހަކު އަރައިފިނަމަ اللَّه އަށްޓަކައި އެމީހެއްގެ ކިބައިން ބަދަލު ހިއްޕަވައެވެ. (ބުޚާރީ 3560، މުސްލިމު 2327)

ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ اصحابންނަށް ހަދީސް ކުރެއްވިއެވެ. وَعَنْ أَنَسٍ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «يَسِّرُوا وَلَا تُعَسِّرُوا، وَبَشِّرُوا وَلَا تُنَفِّرُوا» މާތް اللَّه ރުއްސުންލެއްވި أَنسގެފާނު، ކީރިތި ރަސޫލާ ﷺ ގެކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. ތިޔަބައިމީހުން ލުއިފަސޭހަކުރާށެވެ. އަދި ތިޔަބައިމީހުން ދަތި އުނދަގޫ ނުކުރާށެވެ. އަދި ތިޔަބައިމީހުން އުފާވެރި ޚަބަރު ދޭށެވެ. އަދި ތިޔަބައިމީހުން ނަފްރަތުވާފަދަ ޚަބަރުތައް ނުދޭށެވެ. (ބުޚާރީ69، މުސްލިމު 1732)

މަޑުމައިތިރި ކަމަކީ މާތް ސިފައެކެވެ. އެސިފަހުރި ކޮންމެ ކަމެށް ދާނީ ރީތިވެގެންނެވެ. އަދި ޒީނަތްތެރިވެގެންނެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ الرِّفقُ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ» އަދި އެކަމަނާ (އެބަހީ މާތްاللَّه ރުއްސުންލެއްވި عائشةގެފާނު) ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ހަމަކަށަވަރުން އޯގާތެރިކަމުގެ ސިފަ ހުރެއްޖެ ކޮންމެ ކަމެއްދާނީ ޔަޤީނުން ރީތިވެގެންނެވެ. އަދި އެސިފަ ނެތިއްޖެ ކޮންމެ ކަމެއް އޮންނާނީ ހަޑިހުތުރުވެފައެވެ. (މުސްލިމު 2594)

އޯގާތެރިކަމުގެ ސިފަތައްބެހިގެންވާ ބައިތައް

1- މީސްތަކުންނަށް އޯގާތެރިވުން

مسلمއަކު ނަމަ އެހެން މީހުންނާއި މެދު ކުރާކަންތަކުގައި އޯގާތެރިވާނެއެވެ. މީސްތަކުންނާ މެދު އުނދަގޫގޮތް އިޚްތިޔާރު ނުކުރާނެއެވެ. އަދި ހަރުކަށިގޮތް ހިޚްތިޔާރު ނުކުރާނެއެވެ. މާތް الله ގެ وحى ބަސްފުޅުގައި ވެއެވެ.) وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ (.މާނައީ:- ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. (އާލުޢިމްރާނު159)

وَعَنْ أَبِي هُريْرَةَ رَضيَ اللَّهُ عنهُ أَنَّ رَجُلاً قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَوْصِنِي، قَالَ: «لَا تَغضَبْ»، فَردَّدَ مِراراً، قَالَ: «لَا تَغضَبْ»، މާތް الله ރުއްސުންލެއްވި أَبو هُريْرَة ގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން މީހަކު ސަލާމާއި ސަލަވާތް ލެއްވި ނަބީކަލޭގެފާނަށް ދެންނެވިއެވެ. (އޭ الله ގެ ރަސޫލާއެވެ) ތިމަންނައަށް وصية އެއް ކޮށްދެއްވާށެވެ. حديث ކުރެއްވިއެވެ. ތިބާ ރުޅި އިސް ނުކުރާށެވެ. ރާވީ ވިދާޅުވިއެވެ. މި މީހާ ތަކުރާރުކޮށް ތިމަންނައަށް وصية އެއް ކޮށްދެއްވާށޭ ބުނެބުނެ ހުއްޓެވެ. އެއިން ކޮންމެ ފަހަރެއްގައިވެސް އެކަލޭގެފާނު حديثފުޅު ކުރައްވައެވެ. ތިބާ ރުޅި އިސްނުކުރާށެވެ. (ބުޚާރީ 6116)

مسلمއަކުނަމަ އަނެއް مسلم އަކަށް ނެތި ނުބައި ނުގޮވާނެއެވެ. އެފަދަ عملތަކަކީ ކީރިތި ރަސޫލާ ﷺ މަނާކުރަށްވާފައިވާ ކަންތަކެވެ. حديث ކުރެއްވިއެވެ. وَعَنِ ابْنِ مَسْعُودٍ رَضِي اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «سِبَابُ المُسْلِمِ فُسُوقٌ، وقِتَالُهُ كُفْرٌ» މާތް الله ރުއްސުންލެއްވި ابنِ مَسعود ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. މުސްލިމުންނަށް އާގުރާނާ ގޮވުމަކީ منافقންގެ عمل އެކެވެ. އަދި އެމީހުން ގަތުލުކުރުމަކީ ކުފުރުގެ عمل އެކެވެ. (ބުޚާރީ 48، މުސްލިމު 116)

2- خادمންނަށް އޯގާތެރިވުން.

ކީރިތި ރަސޫލާ ﷺ އަކީ خادمންނަށް އޯގާތެރިވުމުގައިވާ އެންމެ ނަމޫނާވެރި ސާހިބާއެވެ. އަދި އެކަލޭގެފާނު އަމުރުކުރެއްވީ އެމީހަކު ކާއެއްޗަކުން خادمންނަށް ކާންދިނުމަށާއި އެމީހަކު ލާއެއްޗަކުން خادم ންނަށް އޮނުފޭރާން ދިނުމަށެވެ. އަދި އެމީހުންނަށް ކުޅަދާނަވެގެން ނުވާ ކަންތަށް އެމީހުން ލައްވާނުކުރުމަށެވެ. އަދި އެމީހުންނަށް ގޯނާވާގޮތަށް ނުތެޅުމަށާއި އަނިޔާނުކުރުމަށެވެ. ކީރިތި ރަސޫލާ ﷺ ކުރެއްވިއެވެ. «مَنْ لَطَمَ مَمْلُوكَهُ أَوْ ضَرَبَهُ فَكَفَّارَتُهُ أَنْ يُعْتِقَهُ»[1]، (يجعله حرًّا)، މާނައީ:- ތިމާއަށް މިލްކުވެގެންވާ އަޅެއްގެ ކަންކަށިމަތީ ތަފާލެއް ޖަހައިފިނަމަ ނުވަތަ އެހެން ތަނެއްގައި ޖަހައިފިނަމަ ފަހެ އޭގެ ކައްފާރާއަކީ އެމީހަކު މިނިވަންކުރުމެވެ. (މުސްލިމު 1658)

3- ޖަނަވާރުތަކަށް އޯގާތެރިވުން.

حيوان ތަކާއި ދޫނިފަދަ ފުރާނަ ހުރި ތަކެއްޗަށް އަނިޔާކުރުމާއި އަދަބުދިނުމަކީ اسلام دين މަނާކުރައްވާފައިވާ ކަމެކެވެ. މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި عبْدِ اللَّهِ بْنِ عُمرގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެ صحَابي އަށް قريشގެ ބައެއް ޒުވާނުން ކައިރިން ލައިފައި ދެވުނެވެ. އެހިނދު އެމީހުން ތިބީ ދޫންޏެއް ބައިންދައިގެން އެއަށް އަމާޒުކޮށް ތީރު އުކައުކަ އެވެ. އަދި ދޫނީގެ ވެރިޔާ ހުރީ އެއާ އަމާޒުނުވާ ކޮންމެ ތީރަކީ އޭނާއަށް ލިބޭނެ އެއްޗެއް ކަމަށް شرط ކޮށްގެންނެވެ. ފަހެ އެމީހުންނަށް عبْدِ اللَّهِ بْنِ عُمر ފެނުމުން އެމީހުން ވަކިވެ (ރައްކާ) ވެގެންފިއެވެ. ފަހެ عبْدِ اللَّهِ بْنِ عُمر ވިދާޅުވިއެވެ. މިއީ ކާކު ކުރިކަމެއް ހެއްޔެވެ؟ އެކަންކުރި މީހަކަށް މާތްالله لعنة ވާށިއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ ފުރާނަ ހުރި ތަކެއްޗަށް އަމާޒުކޮށް ތަކެތި އުކާ މީހާއަށް لعنة ލެއްވިއެވެ.

حيوانންނަށް އޯގާތެރިވުމުގައި ވާ އެއްކަމަކީ އެތަކެތި ކަތިލާހިނދު ވަޅިތޫނުކުރުމެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. وَعَنْ أَبِي يَعْلَى شَدَّادِ بَنِ أَوْسٍ رَضِيَ اللَّهُ عَنْهُ عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ، وَليُحِدَّ أَحَدُكُم شَفْرَتَهُ، وَليُرِحْ ذَبِيحَتَهُ» މާތް اللَّه ރުއްސުންލެއްވި أبو يعلَى شدَّاد بن أَوسٍ، ކީރިތި ރަސޫލާ ﷺ ގެ ކިބައިން ރިވާކުރެއްވި حديث އެއްގައި ވެއެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. ހަމަކަށަވަރުން اللَّه سبحانه وتعالى ވޮޑިގެންވަނީ ކޮންމެ އެއްޗަކަށް ވެސް އިހުސާންތެރިވުމަށް ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ކުރައްވައިފައެވެ. ވީމާ ތިޔަބައިމީހުން ގަތުލުކުރަނީނަމަ ފަހެ (ރަނގަޅަށް) އިހުސާންތެރިކަމާއެކު ގަތުލު ކުރާށެވެ. އަދި ތިޔަބައިމީހުން ކަތިލަނީނަމަ ފަހެ (ރަނގަޅަށް) އިހުސާންތެރިކަމާއެކު ކަތިލާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު އެއްޗެއް ކަތިލަނީނަމަ އެމީހާގެ ވަޅި ތޫނުކުރާ ހުށިކަމެވެ. އަދި އެމީހާ ކަތިލާ އެއްޗަކަށް އަރާމު ލިބޭގޮތަށް ކަތިލާހުށިކަމެވެ. (މުސްލިމު 1955)

އޯގަތެރިކަމުގެ މާތްކަން

ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ فِي الْأَمْرِ كُلِّهِ» މާތްاللَّه ރުއްސުންލެއްވި عائشة ގެ ފާނުންގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ހަމަކަށަވަރުން اللَّه سبحانه وتعلى އަކީ އޯގާވެރިވަންތަ އިލާހެވެ. އެއިލާހު އެންމެހައި ކަންތައްތަކުގައި އޯގާވެރިވުމަށް ލޯބިވެތިވެ ވޮޑިގަންނަވައެވެ. (ބުޚާރީ 6927)

وَعَنْهَا أَنَّ النَّبِيَ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفقَ، وَيُعْطِي عَلَى الرِّفْقِ مَا لَا يُعْطِي عَلَى الْعُنْفِ، وَمَا لَا يُعْطِي عَلَى مَا سِوَاهُ» އަދި އެކަމަނާގެ (އެބަހީ މާތް الله ރުއްސުންލެއްވި عائشة ގެފާނު) ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ހަމަކަށަވަރުން اللَّه سبحانه وتعلى އަށް އޯގާވެރިވުމުގެ ސިފަ ލިބިވޮޑިގެންވެއެވެ. އަދި އެއިލާހު އޯގާތެރިވުމުގެ ސިފައަށް ލޯބިވެތިވެވޮޑިގެންވެއެވެ. އަދި އެއިލާހު އޯގާތެރި ވުމުގެ މައްޗަށް އަހެންކަމެއްގެ މައްޗަށް ނުދެއްވާހާ ބޮޑަށް (ދުނިޔެމަތީން ރަނގަޅުގޮތާއި އަދި އާޚިރަތުން ހެޔޮދަރުމަ) މިންވަރު ކުރައްވައެވެ. (މުސްލިމު 2593)

وَعَنْهَا أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ» އަދި އެކަމަނާ (އެބަހީ މާތްاللَّه ރުއްސުންލެއްވި عائشة ގެ ފާނު) ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ހަމަކަށަވަރުން އޯގާތެރިކަމުގެ ސިފަ ހުރެއްޖެ ކޮންމެ ކަމެއްދާނީ ޔަޤީނުން ރީތިވެގެންނެވެ. އަދި އެސިފަ ނެތިއްޖެ ކޮންމެ ކަމެއް އޮންނާނީ ހަޑިހުތުރުވެފައެވެ. (މުސްލިމު 2594)

[1] رواه مسلم، كتاب الإيمان، باب صحبة المماليك، وكفارة من لطم عبده، (1658).