Support Us

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ދޭންފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ، އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފިއެވެ.

އެޗްޑީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯދި އެންމެ ފުރަތަމަ ކަސްޓަމަރާ އެ ބޭފުޅުން ވަނީ ބައްދަލުކުރައްވައި ހަދިޔާ ބަދަލުކުރައްވައިފައެވެ.

މީގެ އިތުރުން ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތަށް އެދުމަށް ދިރާގުގެ ޓީމުން ހިޔާ ފްލެޓް ސަރަހައްދުގައި މިއަދުން ފެށިގެން 16 އޮކްޓޯބަރުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 3:30 އިން 6:30 އަށް ހަރަކާތްތެރިވަމުން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ދިރާގު ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާބަދުވަމުން އަންނަ ރައްޔިތުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެއް ކަމަށާއި އެޗްޑީސީ އާއެކު ސޮއިކުރި އެއްބަސްވުމާއެކު އެންމެ އިސްކަމެއް ދޭނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަކީވެސް މާލޭގެ އެހެން ސަރަޙައްދުތަކެކޭ އެއްގޮތަށް އެއް ފެންވަރެއްގައި، އަގުގެ ތަފާތެއް ނެތި ދެވޭނޭ ޚިދުމަތްތަކެއްކަން ޔަޤީންކުރުން ކަމަށެވެ.

އެޗްޑީސީގެ އެމްޑީ ސުހައިލް ޢަހުމަދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޏަކަށް ދިރާގު ވެގެން ދިޔުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި ދެ ކުންފުނީގެވެސް އަމާޒަކީ މުޖުތަމައުގައިވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމުގައި ވުމުން، މިއީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ "ސްމާޓް ސިޓީ" އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެޗް.ޑީ.ސީން ބުނީ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސަރވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ދިރާގުން މަސައްކަތްކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތަކެއް، އެޗްޑީސީއާ ގުޅިގެން ފޯރުކޮށްދިނުމަށް ކަމަށް ވެސް ދިރާގުން ބުނެއެވެ.